ފުވައްމުލަކާ މެދު އަޅުގަނޑުގެ ހުވަފެން

ފުވައްމުލަކު ދަޑިމަގުކިޅި: ފުވައްމުލަކުގައި ތާރީޚީ ގޮތުން ހިމާޔަތްކުރާން ޖެހޭ ތަންތަން ގިނަ --- ސަން ފައިލް ފޮޓޯ

ފުވައްމުލަކަކީ ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ރަށަކީ ފުވައްމުލަކެވެ. ފެން ސާފު ދެ ކުޅި އާއި، ނަލަ ކަމަށް މަޝްހޫރު ތުނޑިއަކާއި، ރާއްޖޭގެ ނިސްބަތުން ގަސްބޯ ޖަންގަލިތަކާ އެކު، ދިވެހިރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން އެންމެ ރީތި އެއް ރަށަކީ ފުވައްމުލަކެވެ. މީގެ އިތުރުން ފުވައްމުލަކަކީ ބިންމޮޅު، ފެންހެޔޮ، ދަނޑުވެރިކަމަށް ރަނގަޅު ވިޔަނަ ރަށެކެވެ. މާލެ ފިޔަވައި، ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ރަށަކީ ވެސް ފުވައްމުލަކެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފަސްގަނޑު އެންމެ އުސް އެއް ރަށަކީ ވެސް ފުވައްމުލައް ކަން ފާހަގަ ކުރާން ޖެހެއެވެ.

މި ހުރިހާ ކަމެއްގެ އިތުރަށް، ފުވައްމުލައް އަޅުގަނޑަށް ޚާއްސަ ވާ ސަބަބެއް ވެއެވެ. އެއީ އެ ރަށަކީ އަޅުގަނޑުގެ އުފަންރަށް ކަމަށް ވުމެވެ. އެހެންކަމުން، ފުވައްމުލަކާ މެދު އަޅުގަނޑު ކުރާ ޚާއްސަ އުއްމީދެއް ވެއެވެ. އެއީ އިހުމާލު ކޮށްލެވިފައި ނެތް، ރަނގަޅު ޕްލޭނެއްގެ ދަށުން، ހެޔޮ ގޮތުގައި ތަރައްގީ ކުރެވޭ ރަށަކަށް ފުވައްމުލައް ވުމެވެ.

ފުވައްމުލަކު ބަންޑާރަކުޅިއަށް ދެވެން އޮންނަ މަގުގައި އަޅައިފައި އޮތް ފާލަން: މި ފާލަން ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި --- ސަން ފައިލް ފޮޓޯ

ޕްލޭނެއް ނެތި، ރަށެއް ބިނާ ކުރުމުގެ ހިތި ނަތީޖާ އެންމެ ރަނގަޅަށް ދުށް އެއް ގައުމަށް ދިވެހިރާއްޖެ ވާނެއެވެ. ރާއްޖޭގެ ވެރިރަށް މާލެ އަކީ ރޭވުންތެރިކަމެއް ނެތި، ކުރިމަގަށް ވިސްނުމެއް ނެތި ބިނާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ ތަނެއްގައި ދިރިއުޅުން ބޮޑު ތަކުލީފަކަށް ވެފައި ވާ ތަނެކެވެ. މާލެ ބިނާ ކުރުމުގައި މިއުމާރީ މަންތިގެއް، ނުވަތަ އާރކިޓެކްޗަރަލް ލޮޖިކެއް ނެތެވެ. މާލެ އެންމެ ރަނގަޅަށް ސިފަ ކުރެވޭނީ ގޮނގުރެޓުގެ ޖަންގައްޔެއްގެ ގޮތުގައެވެ. މަގުތަކުގެ ހަނިކަމުން މީހުންނާއި މުދާ އުފުލައި ދަތުރުފަތުރު ކުރުމުގައި އެ މަގުތައް ބޭނުން ކުރުން ވެފައި ވަނީ ވޭނަކަށެވެ. މަގުތަކާ އިންވެގެން ގެތައް ހަދައިފައި ހުންނަ ގޮތުންނާއި ދުވާރުތައް އޮންނަ ގޮތުން، ގިނަ ދުވާރުތަކަކީ ބޭނުމެއް ނުހިފޭ ތަންތަނެވެ.

ބަލާލަން ރީތި، ފައްނުވެރިކަން ދައްކައިދޭ އިމާރާތެއް މާލޭގައި ހުންނަނީ މަދުންނެވެ. ވިޔަފާރި މޯލުތަކެއް ނެތި، މުޅި މާލޭގެ އެތަންމިތަނަށް އެކި ވައްތަރުވައްތަރުގެ ފިހާރަތައް އުކައިފައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން، މާލޭގައި ވިޔަފާރި ކުރާން އުޅުމަކީ އެހައި ދަތި އުނދަގޫ ކަމެކެވެ. ވޮލެޓެއް ގަންނާން ވެސް ހެންވޭރު ކޮޅާއި މާފަންނު ކޮޅާ ދެމެދުގައި ސައިކަލުގައި ދެކޮޅުދެކޮޅަށް އެތައް ބުރެއް ޖަހާން ޖެހިދެއެވެ.

ރާއްޖޭގައި ހުރި ތާރީޚީ ގޮތުން އެންމެ މުހިއްމު، އަމިއްލަ ލޯ ފަދައިން ރައްކައުތެރިކޮށް ބަލަހައްޓާން ޖެހޭ ތާރީޚީ ތަރިކައެއް ކަމަށް ވާ ދިވެހިރާއްޖޭގެ ޝާހީ ގަނޑުވަރު ތަޅައި ސުންނާފަތި ކޮށްފައި، އެ ބިމުގެ "ހުސްތަން ފުރައިލާން" ޖެހި ގަސްތަކެއް ފިޔަވައި، މާލޭގައި ފެހިކަމެއް ނެތެވެ. އިންސާނީ މުޖުތަމައެއްގެ ރޫހާނީ، އަޚްލާގީ އަދި އިލްމީ ތަރައްގީއަށް ބޭނުން ވާ އެއްވެސް މާއްދީ އުންސުރެއް، މާލެއަކު ނެތެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ރަށް ބިނާ ކުރެވިފައި ވަނީ، އެތަނެއްގައި އިޖުތިމާއީ ހަޔާތެއް ބިނާ ކުރެވޭ ފަދަ ތަނެއްގެ ގޮތުގައެއް ވެސް ނޫނެވެ.

ފުވައްމުލަކު ތުނޑީގެ ވެލި: ފުވައްމުލަކު ތުނޑިއަކީ އެހެން ރަށްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ތުނޑިއެއް ---- ސަން ފައިލް ފޮޓޯ

މި ކަހަލަ އެތައް ކަމަކާ މެދު ވިސްނައިލުމުން، ދަތުރުވެރިއެއްގެ ޚިޔާލުގައި މާލެއަކީ ދުނިޔޭގެ ދެވަނަޔަށް އެންމެ "ކަމުނުދާ މަންޒިލަށް" ވީ ކީއްވެގެން ކަން އެނގެއެވެ.

ކޮންމެވެސް ދުވަހަކުން، މާލެ ހިތްގައިމު އަދި ރީތި ޝަހަރަކަށް ހެދުމަކީ މުހިއްމު ކަމެކެވެ. ދިގު މުއްދަތުގެ ޕްލޭނެއް ހަދައިގެން، ރާއްޖޭގެ އިދާރީ ވެރިރަށެއްގެ ގޮތުގައި މާލެ އަލުން ބިނާ ކުރުމުގެ މަސައްކަތް ކުރާން ޖެހެއެވެ. ނަމަވެސް، މި ވަގުތު އަޅުގަނޑުމެން ވިސްނާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، މާލޭގެ ހިތި ތަޖުރިބާ ދިވެހިރާއްޖޭގެ އެހެން ރަށްރަށުގައި ތަކުރާރު ވިޔަ ނުދިނުމެވެ. ޕްލޭނެއް ނެތި ރަށްރަށް ބިނާ ކުރުމުގެ ދޯދިޔާ ސިޔާސަތު ބަދަލު ކުރުމެވެ.

ފުވައްމުލަކުގެ ދަރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑު އެދެނީ ހުޅުމާލެ ޕްލޭން ކުރެއްވި ގޮތަށް، ފުވައްމުލައް ވެސް ސަރުކާރުން ޕްލޭން ކޮށްދެއްވުމެވެ. ރަށުގެ ތައުލީމީ ހަރު މީހުންގެ ލަފަޔާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އިރުޝާދާ އެކު، ފުރިހަމަ ޝަހަރެއްގެ ގޮތުގައި ފުވައްމުލައް ޕްލޭން ކުރެއްވުމެވެ.

މި ގޮތުގެ މަތީން ފުވައްމުލައް ޕްލޭން ކުރެވިގެން ދާ އިރު، މާއްދީ ތަރައްގީގެ ހުރިހާ ދާއިރާތަކަކަށް ވެސް ވިސްނުން ހިންގާން ޖެހެއެވެ. ނަމަވެސް ހަމައެކަނި މާއްދީ ތަރައްގީއަށް ފޯކަސް ކުރުމަކީ ގޯހެކެވެ.

ފުވައްމުލަކު ކެޑޭރި މިސްކިތް: މި މިސްކިތް މިހާރު ވަނީ ހިމާޔަތްކޮށްފައި --- ސަން ފައިލް ފޮޓޯ

މާތްވެގެން ވާ އިސްލާމް ދީން އަޅުގަނޑުމެންނަށް އުނގަންނައިދެއްވާ ގޮތުގައި، ފަހު ޒަމާނުގައި ދައްޖާލު އަރާނެއެވެ. ދައްޖާލަކީ އެއް ލޯ ކަނު އެއްޗެއް ކަމަށް، ނަބަވީ ޙަދީޘްފުޅުން އެނގެއެވެ. ދައްޖާލީ ފިތުނަ މުޅި ދުނިޔެއަށް ފެތުރޭނެ ކަމަށާއި، އެ ފިތުނައިން މުސްލިމުން ކުރެ ވެސް މަދު ބަޔަކު ނޫނީ ސަލާމަތް ނުވާނެ ކަމަށް ވެސް ޙަދީޘް ފޮތްތަކުގައި ވާރިދު ވެފައި ވެއެވެ. ބައެއް އިލްމުވެރީންގެ ތަފްސީރުގައި، ދައްޖާލުގެ އެއް މުނިފާހަކީ މާއްދިއްޔަތެވެ. ރޫޙާނިއްޔަތު މުޅީން އެއްފަރާތް ކޮށްލައި، މާއްދިއްޔަތަށް ގޮސް ހުސް ވެފައި ވާ ސިޔާސިޖުތިމާއީ ނިޒާމެވެ. މި ނިޒާމު އިންސާނާގެ ރޫހާނީ ފަޅިއަކަށް ނުބަލާނެއެވެ. އޭގެ ފޯކަސް ހުއްޓިފައި ވާނީ ހަމައެކަނި އިންސާނާގެ މާއްދީ ބަޔަށެވެ. އެ ނިޒާމަކީ "ރޫހާނީ ލޯ ކަނު" ދައްޖާލީ ނިޒާމެކެވެ. ޙަދީޘުގައި ވާ ފަދައިން، މި ބިރުވެރި އަދި ނުރައްކައުތެރި ނިޒާމު މި ވަނީ މުޅި އިސްލާމީ ދުނިޔެއަށް ވެސް ފެތުރިފައެވެ.

އަޅުގަނޑު ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ، ފުވައްމުލައް ތަރައްގީ ކުރެވިގެން ދާ އިރު، މި ދަންނަވާ ދައްޖާލީ ނިޒާމުގެ ދަންތުރައިގައި ފުވައްމުލައް ނުޖެހުމެވެ. މާއްދީ ގޮތުން ރަށް ތަރައްގީ ވެގެން ދާ އިރު، ރަށުގެ ރައްޔިތުންގެ ރޫހާނީ ތަރައްގީ ވެސް އިހުމާލު ކޮށްލެވިފައި ނެތުމެވެ. ރޫހާނީ ގޮތުންނާއި، އަޚްލާގީ ގޮތުންނާއި އިލްމީ ގޮތުން ތަރައްގީ ވާ މުޖުތަމައަކަށް ފުވައްމުލައް ވުމެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް ކަހުފުގައި ބަޔާން ކުރައްވައިފައި ވާ "ދެ ބަގީޗާގެ ވެރިޔާ" އާއި އޭނާގެ "ފަގީރު އެކުވެރިޔާ" ގެ ވާހަކައިން އިބުރަތް ލިބިގަންނަ މުޖުތަމައަކަށް ފުވައްމުލައް ވުމެވެ. ރައްބިއެއް ރަސޫލެއް ނުދަންނަ، ދުނިޔެއެއް އާޚިރަތެއް ނުބަލާ، ޚުލްގު ނުބައި، ޖާހިލު ބިލިއަނަރަކަށް ވުމަށް ވުރެ، ރޫހާނީ ގޮތުންނާއި އަޚްލާގީ ގޮތުންނާއި އިލްމީ ގޮތުން ފުރިފައި ހުރި ފަގީރަކަށް ވުން މާ ހެޔޮކަން ބޮޑެވެ.

ފުވައްމުލަކު ގެން މިސްކިތް --- ސަން ފައިލްފޮޓޯ

މި ދެންނެވި ގޮތުގެ މަތީން ފުވައްމުލައް ތަރައްގީ ކުރުމުގެ ޕްލޭނެއްގައި، ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ދެ ކަމެއް އެބައޮތެވެ. އެއީ ރަށުގެ ގުދުރަތީ ރީތިކަމާއި ތިމާވެށި ހިމާޔަތް ކުރުމާއި، ރަށުގައި ހުރި ތާރީޚީ ތަންތަން ރައްކައުތެރިކޮށް، އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުންނަށް ހިތްފަސޭހަ މަންޒިލްތަކެއްގެ ގޮތުގައި އަދި އެމީހުންނަށް މައުލޫމާތު ދިނުން ފަދަ މުހިއްމު ޚިދުމަތްތައް ލިބިދެވޭނެ ގޮތުގައި އެ ތަންތަން ރައްކައުތެރިކޮށް ބެލެހެއްޓުމެވެ.

ފުވައްމުލަކަކީ ވަރަށް ރީތި، ނަލަ ތިމާވެއްޓެއް އޮތް ރަށެކެވެ. ފުވައްމުލަކުގެ ދެ ކުޅި އާއި، ތުނޑީގެ އިތުރުން، ޗަސްބިމާއި، ހައި އޮޅާއި، ދަނބުވަލަކީ ބަލައި ފޫހި ނުވާނޭ ފަދަ ރީތި ތަންތަނެވެ. ނަމަވެސް މި ތަންތަނުގެ ރީތިކަން ބާއްވައިފައި، މީގެ ފަންސާސް އަހަރު ފަހުން މީގެ ތެރެއިން ތަނެއް ފެންނާން އޮންނާނެތޯ މިއީ ވެސް ކުރެވޭ ސުވާލެކެވެ.

މިސާލެއްގެ ގޮތުން، ފުވައްމުލަކުގައި އޮންނަ ފެން ސާފު ދެ ކުޅި ރައްކައުތެރިކޮށް ބެލެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން މިއަދާ ހަމަޔަށް އެއްވެސް ކަމެއް ކުރި ވާހަކައެއް އަޅުގަނޑު ނާހަމެވެ. އެންމެ ސަތޭކަ ރުފިޔާ ވެސް، އެއިން ތަނެއްގެ ހިމާޔަތުގައި ސަރުކާރުން ޚަރަދު ކުރި ކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. އެފަދަ ކުޅިތަކުގެ ތަބީއަތާއި، އެތަންތަން ހަލާކު ވާ ގޮތްގޮތާއި، އެތަންތަން ހިމާޔަތް ކުރެވޭނެ ގޮތްގޮތަކީ މިއަދުގެ ދުނިޔޭގައި، ތިމާވެށީގެ ސައެންސާއި ޖިއޮލޮޖީގެ ދިރާސާތަކުގެ އަލީގައި ހޯދިފައި ހުރި ކަންކަމެވެ. ސަރުކާރުން ކުރާން ޖެހޭހައި ވެސް ކަމަކީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު، އެ ކުޅިތައް ރައްކައުތެރިކޮށް ބެލެހެއްޓުމުގެ މަޝްރޫއެއް އެކުލަވައިލައި ތަންފީޒު ކުރުމެވެ. މި ކަމަށް މިލިއަން މިލިއަން ޑޮލަރުން ޚަރަދު ކުރާކަށް ވެސް ނުޖެހޭނެއެވެ. ހަގީގަތުގައި މިއީ ހަމަ ދާދި ކުޑަ ޚަރަދަކުން ކުރެވިދާނެ ކަންކަމެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފައިލް ފޮޓޯ

ދެން އޮތީ ފުވައްމުލަކުގެ ތާރީޚީ އާސާރުތައް ރައްކައުތެރި ކުރުމުގެ ވާހަކައެވެ.

އަޅުގަނޑުގެ ޅައުމުރުގައި، ރަށުގައި އުޅުނު ދުވަސްވަރު، އެންމެ ދާ ހިތް ވާ ދެ ތަނަކީ ފުވައްމުލަކު ހަވިއްތަ އާއި، ފުވައްމުލަކު ހުކުރު މިސްކިތެވެ. މީގެ ތެރެއިން ހަވިއްތަ އަކީ ދިވެހިރާއްޖޭގައި ބުދު ދީން އޮތް ދުވަސްވަރާ ގުޅޭ ތާރީޚީ ތަނެކެވެ. ހުކުރު މިސްކިތަކީ ވަރަށް މުހިއްމު އިސްލާމީ ތަރިކައެކެވެ. ހުކުރު މިސްކިތުގައި ހުރި މަހާނަތަކާއި، އެ މަހާނަތަކުގައި ހުރި މަހާނަގާތަކަކީ ވެސް ތާރީޚީ ގޮތުން ނުހަނު މުހިއްމު ތަރިކަތަކެކެވެ. ނަމަވެސް މިއިން އެއްވެސް ތަނެއް ރަނގަޅަކަށް ބެލެހެއްޓެމުންނެއް ނުދެއެވެ. ހަވިއްތަ ވީރާނާ ވެ، ކުޑަކުޑަ ފަސްފުންޏަކަށް ވެގެން ދިޔައީ އަޅުގަނޑުމެން އެންމެން ބަލަހައްޓައިގެން ތިއްބައެވެ. ހުކުރު މިސްކިތުގައި ހުރި މަހާނަގާތައް ވެސް ރަނގަޅަށް ނުބެލެހެއްޓި ހުރެ، އެ ގާތަކުގައި ކަނޑައިނަގައިފައި ހުރި ލިޔުންތައް ވީރާނާ ވެ ނުކިޔޭ ވަރު ވެގެން ދާ އިރު ވެސް، އެކަމާ މެދުގައި ފިޔަވަޅެއް އަޅާ މީހަކު، ބަޔަކު، އިދާރާއެއް ނެތެވެ.

ހަވިއްތަ އާއި ހުކުރު މިސްކިތުގެ އިތުރުން ވެސް، ރައްކައުތެރި ކުރާން ޖެހޭ މުހިއްމު ތާރީޚީ ތަންތަން ފުވައްމުލަކުގައި އެބަހުއްޓެވެ. އާއްމުކޮށް ފެންނަ ލިސްޓުތަކުގައި ބަޔާން ކޮށްފައި ހުންނަ ތަންތަނަކީ ގެއްމިސްކިތާއި، ވަށޮވެވާއި، ރިބާތު ފަދަ ތަންތަނެވެ.

ނަމަވެސް މި ލިސްޓަށް އިތުރު ކުރާން ޖެހޭ ތަންތަން ވެސް ވެއެވެ. އޭގެ ތެރޭގައި، 1980 ގެ އަހަރުތަކުގެ ތެރޭގައި ފުވައްމުލަކުގައި ފެން ބޮޑު ވުމާ ގުޅިގެން، ރައީސް މައުމޫނުގެ ސަރުކާރުން ބިނާ ކުރެއްވި ކާނުތަކާއި، ބަނދަރު ހެދުމުގެ ކުރީން ރަށުގެ ރައްޔިތުން ކަނޑުމަގުން ރަށަށް އަރައިފަރައި ވުމަށް ބޭނުން ކުރި ފަންނުތައް ހިމެނެއެވެ.

ހަމައެހެންމެ، ދެކުނު ބަޣާވާތުގެ ދުވަސްވަރު، ދިވެހި ސަރުކާރުގެ ސިފައިން ފުވައްމުލަކަށް އަރާން މަސައްކަތް ކުރި ސަރަހައްދާއި، އެ މަސައްކަތުގެ ތެރޭގައި، ބަޑީގެ ހަމަލާގައި މީހަކު މަރު ވެ އިތުރު ދެ މީހުން ޒަޚަމް ވި ހާދިސާ ހިނގި ތަނަކީ ވެސް ތާރީޚީ ގޮތުން ފާހަގަ ކުރެވިފައި ހުންނާން ޖެހޭ ތަނެކެވެ. އެ ތަނުގައި ގައުމީ އެއްބައިވަންތަކަން ދައްކުވައިދޭ ބިނާއެއް ހަދައި، އެ ދުވަހުގެ ހާދިސާގެ ވާހަކަ ކިޔައިދޭ ލިޔުމެއް ބަހައްޓައި ހެދުމުން، ތާރީޚު ރައްކައުތެރި ކުރެވުނީއެވެ. އަމާނާތްތެރިކަމާ އެކު، އަންނާން އޮތް ޖީލުތަކަށް ތާރީޚު ކިޔައިދެވުނީއެވެ. ހަމައެހެންމެ، މި ފަދަ ތާރީޚީ ތަންތަނުގެ ސަބަބުން، ރަށަށް ޒިޔާރަތް ކުރާ މީހުންގެ ޝައުގުވެރިކަން ވެސް ހޯދޭނެއެވެ.

ފުވައްމުލަކު ވަށޮވެޔޮ --- ސަން ފައިލް ފޮޓޯ

ތާރީޚީ ހަނދާންތަކަކީ ހަމައެކަނި 1900 ވަނަ އަހަރުގެ ކުރީން ހަދައިފައި ހުންނަ މިސްކިތްތަކާއި، ބުދު ދީނުގެ ޒަމާނުގެ ދާގަބާތައް ކަމަށް ވިސްނައިގެން ނުވާނެއެވެ. އިއްޔެ އާއި މިއަދުގެ މުހިއްމު ހާދިސާތަކަކީ ވެސް ތާރީޚެވެ. އެގޮތުން ބަލާ އިރު، 1990 އިގެ ކުރީކޮޅު، ފުވައްމުލަކުގެ ފުޓުބޯޅަ ޓީމެއް ދެކުނު ޒޯނުގެ ޗެންޕިއަންކަން ހޯދައި، މާލެ އައިސް އަތޮޅުތަކުގެ މުބާރާތުގެ ރަނަރަޕްކަން ހޯދައި، ފުރަތަމަ ޑިވިޜަނުގެ ރެލިގޭޝަން ކުޅުން އެއީ ގައުމީ ކުޅިވަރުގެ މައިދާނުގައި ފުވައްމުލައް ހޯދި ވަރަށް ތާރީޚީ ކާމިޔާބެކެވެ. އެއީ ރަށުގެ ތާރީޚުގައި އޮންނާން ޖެހޭ ވާހަކައެކެވެ. ނަމަވެސް ޒިޔާރަތް ކުރާ މީހަކު ފުވައްމުލަކުގެ އެއްކޮޅުން އަރައިގެން އަނެއްކޮޅުން ފައިބައިގެން ދާ އިރު ވެސް، އެ ކާމިޔާބީގެ ޒިކުރާ އާ ކުރާ އެއްވެސް ހަނދާނެއް އެއްވެސް ތާކުން އޭނާއަކަށް ނުފެންނާނެއެވެ. މިފަދަ ތާރީޚީ ކާމިޔާބުތަކުގެ ޒިކުރާ ވެސް ކޮންމެވެސް ގޮތެއްގައި ދެމެހެއްޓި، ފެންނާން ހުރުން މުހިއްމެވެ.

ކުރީންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން އެންމެން ދެކޭ ހުވަފެނަކީ، މިފަދަ ހުރިހާ ކަމަކަށް ވެސް ސަމާލުކަން ދެވިގެން، ޝާމިލު ތަރައްގީއެއް ފުވައްމުލަކަށް ގެނެވޭ ދުވަހެއް އައުމެވެ. ރަނގަޅު ޕްލޭނެއްގެ ދަށުން، ފުވައްމުލައް ތަރައްގީ ކުރެވޭ މަންޒަރު ދުށުމެވެ. މިފަދަ ތަރައްގީއެއް ރާއްޖޭގެ އެއްވެސް ރަށަކަށް ގެނެވޭނީ، ސިޔާސީންގެ ނިޔަތް ތެދުވެރި ވެގެންނެވެ. ސިޔާސީ ހަރަކާތަކީ ވެރިކަމާ ތޮޅުން ކަމުގެ ނުބައި ވިސްނުމުން ރާއްޖެ ސަލާމަތް ވެގެންނެވެ. އިދިކޮޅު ސިޔާސީންގެ މެދުކެނޑުމެއް ނެތް އުނދަގުލާއި ޖެއްސުމާއި ފުރައްސާރައިގެ ރާޅުތަކުން "ވަރެއް" ލިބިގެން، ހަމަޖެހިގެން ނޭވާ ލައްވައި، ހަމަޖެހިގެން ގައުމީ ތަރައްގީއަށް ފޯކަސް ކުރައްވާނެ ފުރުސަތު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގެންނެވެ. މިއީ އަވަސް ކުރިމަގެއްގައި ވެދާނެ ކަމެއް ކަމަށް ނުބެލެވުނަސް، ފުވައްމުލަކުގެ ތަރައްގީއާ މެދު ރަށުގެ ރައްޔިތުން ކުރާ އުއްމީދުގެ ހުޅުކޮޅު ދުވަހަކުވެސް ނިއްވައިލާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.

comment ކޮމެންޓް