މި ލިޔުމުގައި މި ބަލައިލަނީ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގެ ތަޖުރިބާކާރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ފަދީ ލާމާ ލިޔުއްވި "ވައި ކާންޓް ދަ ވެސްޓް ވިން: ފްރޮމް ބްރެޓްން ވުޑްސް ޓު އަ މަލްޓިޕޯލަރ ވާރލްޑް" މި ފޮތުގައި ގެންނަވައިފައިވާ ބައެއް މަޢުލޫމާތާއި ދައްކަވައިފައިވާ ވާހަކަތަކުގެ މައްޗަށް ބިނާ ކޮށް، ބާދު-އިސްތިއުމާރު (post-colonialism) ގެ ޢާލަމީ ނިޒާމު (global order) ޤާއިމު ކުރެވި، ތިންވަނަ ދުނިޔޭގެ ޤައުމުތައް އާ އިސްތިޢުމާރު (neocolonialism) ގެ ކަސްތޮޅުތަކުގައި ޤައިދު ކުރެވުނު ގޮތާއި، އެ ނިޒާމު ފޭލި ވެ، ޤައުމުތަކަށް މިނިވަންކަމާއި ޝަރަފު އަނބުރައި ލިބުމުގެ އުއްމީދު އައު ވަމުންދާ ގޮތުގެ މައްޗަށެވެ. މައްސަލައިގެ މައްޗަށް މި ބަލައިލަނީ މައިގަނޑު ގޮތެއްގައި އިޤްތިޞާދީ މަންޒޫރަކުންނެވެ.
މުސްކުޅި ނިޒާމަށް ނަޒަރެއް
ނަޞާރާ ކަލަންޑަރުން 1500 މ. ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު، ދުނިޔޭގެ ޤައުމުތަކުގެ އާބާދީ އާއި ޤައުމުތަކުގެ ދާޚިލީ އިޤްތިޞާދީ އުފެއްދުންތެރިކަން ނުވަތަ ހަތަވިވަރު (Gross Domestic Product - GDP) ހުރީ މުތަނާސަބު (proportionate) މިންގަނޑެއްގައެވެ. އެއިރު ދުނިޔޭގެ އާބާދީގެ 80 އިންސައްތަ ކަމުގައި ވާ އޭޝިޔާ، އެފްރިކާ، އަދި ދެކުނު އެމެރިކާގެ ޤައުމުތައް، މުޅި ދުނިޔޭގެ ޖުމުލަ ހަތަވިވަރުގެ 80 އިންސައްތަ ޙިއްޞާ ކުރެއެވެ. ދުނިޔޭގެ އާބާދީގެ 20 އިންސައްތަ ނިސްބަތް ވި ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކުން ދުނިޔޭގެ ޖުމުލަ ހަތަވިވަރުގައި ޙިއްޞާ ވި މިންވަރަކީ ވެސް 20 އިންސައްތައެވެ. އެ ދުވަސްވަރު ދުނިޔޭގެ އާބާދީގެ 25 އިންސައްތަ އަކީ ޗައިނާ އާއި އިންޑިއާއެވެ. ދުނިޔޭގެ ޖީޑީޕީގައި މި ދެ ޤައުމުގެ ޙިއްޞާ އަކީ ވެސް އެއިރު 25 އިންސައްތައެވެ.
ދުނިޔޭގެ އާބާދީ އާއި އިޤްތިޞާދީ އުފެއްދުންތެރިކަމުގެ މި ދެންނެވި މީޒާން ގެއްލި، ހުޅަނގުގެ ކޮޅަށް ތިލަފަތް ބަރު ވާން ފެށީ އިސްތިޢުމާރާ (colonialism) އެކުގައެވެ. ޔޫރަޕުގެ ބޮޑެތި ބާރުތަކުން، އެމީހުންގެ އިސްތިޢުމާރުގެ އަޅުވެތިކަމުގެ ދަށަށް ގެންދިޔަ ޤައުމުތަކުގެ ވަސީލަތްތަކާއި މުއްސަނދިކަން ފޭރިގަނެގެން އެމީހުންގެ ޤައުމުތަކަށް އުފުލާން ފެށިފެށުމާ އެކުގައެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައާ ހަމަޔަށް ދިޔަ އިރު، ހުޅަނގުގެ އާބާދީ އަކީ ދުނިޔޭގެ ނިސްބަތުގައި އެންމެ 30 އިންސައްތަ ކަމުގައި ވާއިރު، ދުނިޔޭގެ ޖުމުލަ ހަތަވިވަރުގެ 60 އިންސައްތަ ޙިއްޞާ ކުރަމުން ދިޔައީ ހުޅަނގުގެ ބާރުތަކެވެ. އާދެ، ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކާއި އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑެވެ.
އައު ޙާލަތެއް
އިނގިރޭސި އިސްތިޢުމާރާއި ހުޅަނގުގެ ސާމުރާޖީ (imperial) ނުފޫޒުތަކުގެ ދަށުން ޗައިނާ މިނިވަން ކުރެވި، 1949 ވަނަ އަހަރު ޒަމާނީ ޗައިނާ ވުޖޫދަށް ގެނެވުނު ހިސާބުން، ދުނިޔޭގެ ހަވަވިވަރާއި އިޤްތިޞާދީ އުފެއްދުންތެރިކަމާއި މުއްސަނދިކަމުގައި ހުޅަނގުގެ ޙިއްޞާ މަޑުމަޑުން ދަށް ވާން ފެށިއެވެ. ހުޅަނގު އޮތީ މި ޙަޤީޤަތުގެ މައްޗަށް ލޯ މަރައިލައިގެނެއް ނޫނެވެ. ބަދަލު ވާން ފެށި ޙަޤީޤަތްތަކާ މެދު ހުޅަނގުގެ ޤައުމުތައް ތިބީ ފިސާރި ހެއިލައެވެ. 1973 ވަނަ އަހަރު، އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަނާ ގުޅުނު އިރު، އިނގިރޭސި ބޮޑުވަޒީރު އެޑްވަރޑް ހީޛް ވިދާޅުވެފައި އޮންނަނީ އެ ނިންމުން ނިންމެވުމުގެ މައިގަނޑު ސަބަބަކީ އިނގިރޭސީންގެ ކުރީގެ ކޮލޮނީތަކާ ދެމެދުގައި އޮތް "ޚާއްޞަ ގުޅުމަށް ބަރޯސާ ވެގެން ތިބެވޭން ނެތުން" ކަމުގައެވެ. އިނގިރޭސީންގެ ޤައުމީ އިޤްތިޞާދީ ފާގަތިކަމާއި ތަނަވަސްކަމަށް ޓަކައި ކުރީގެ ކޮލޮނީތަކުން ނެގެމުން އައި ފައިދާތައް، ކުރީން ނެގެމުން އައި މިންވަރަށް އަދި އެ ގޮތަށް ނެގުމުގެ ދޮރު ބަންދު ވެފައި ވާތީ ކަމުގައެވެ. 2008 ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ރައީސް ޖެކް ޝިރާކް ވިދާޅުވެފައި އޮންނަނީ "އެފްރިކާއިން ލިބޭ އިޤްތިޞާދީ ފައިދާ ނުލިބޭ ނަމަ، ފަރަންސޭސި ވިލާތް ތިންވަނަ ދުނިޔޭގެ ޤައުމެއްގެ ދަރަޖައަށް ވެއްޓިދާނެ" ކަމުގައެވެ. މި ބަސްފުޅު ތެދުކަން މިއަދު ވެސް ފަރަންސޭސީން ޤަބޫލު ކުރާކަން، ނައިޖަރުގައި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށް ބެލިޔަސް އެނގޭނެއެވެ.
ބްރެޓްން ވުޑްސް މާލީ ނިޒާމު
1944 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމަ ނިމެމުން އައި ދުވަސްވަރު، މަޝްހޫރު ބްރެޓްން ވުޑްސް ކޮންފަރެންސް ބޭއްވި، އެ ކޮންފަރެންސުގެ ނިންމުންތަކުގެ ތެރެއިން މިހާރު ދުނިޔޭގައި މި އޮތް މާލީ އަދި ފައިސާގެ ނިޒާމު ޤާއިމު ކުރެވުނެވެ. މި ނިޒާމުގެ ނަމަކަށް "ބްރެޓްން ވުޑްސް މާލީ އޮނިގަނޑު" (Bretton Woods Financial Framework) މިހެން ކިޔައެވެ! ފާއިތު ވެދިޔަ އަށްޑިހަ ވަރަކަށް އަހަރު ދުނިޔޭގެ އިޤްތިޞާދު އޮތީ އަދި ހިނގަމުން އަންނަނީ މި ނިޒާމުގެ ކޮންޓްރޯލުގެ ދަށުންނެވެ. މި ނިޒާމުން ކަނޑައަޅާ މަގުތަކުން، ކަނޑައަޅާ ދުވެއްޔެއްގައި، ކަނޑައަޅާ މިސްރާބުތަކަކަށެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދުގެ ބާރުވެރިކަން އޮތީ ބްރެޓްން ވުޑްސް މާލީ ނިޒާމުގެ މިލްކުވެރީންގެ – ޔަޢުނީ، ހުޅަނގުގެ ބާރުގަދަ ޤައުމުތަކާއި އެ ޤައުމުތަކުގެ ރައުސްމާލީ ނަޚްބާ (capitalist elite) – އަތްމަތީގައެވެ.
ފާއިތު ވެދިޔަ އަށްޑިހަ އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ، ދުނިޔޭގެ ޤައުމުތައް އަޅުވެތިކަމުގައި ބައިތިއްބައި، އެ ޤައުމުތަކުގެ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި އިސްތިޣުލާލު (exploit) ކޮށް، އެ ވަސީލަތްތަކުން ފައިދާ ނަގައި މުއްސަނދި ވެ، އެ ޤައުމުތަކުގެ މައްޗަށް ޝާމިލު ގޮތެއްގައި ނުފޫޒާއި ބާރު ހިންގުމަށް ޓަކައި ޢަސްކަރީ ބާރާއި ސިފައިންނަށް ވުރެ، ބްރެޓްން ވުޑްސް މާލީ ނިޒާމު މާ ބޮޑަށް ވެސް މޫސަރު (effective) ކަމެވެ. އޭގެ ނަތީޖާ މާ ރަނގަޅު ކަމެވެ.
އިސްތިޢުމާރަށް ފަހު އާ އިސްތިޢުމާރު
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ އިސްތިޢުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި ޤައުމުތައް އިސްތިޢުމާރުގެ ޢަސްކަރީ އަދި މާއްދީ ކަސްތޮޅުތަކުން މިނިވަން ވުމުގެ އޮއިވަރެއް މުޅި ދުނިޔޭގައި ހިނގައިގަތެވެ. މި އޮއިވަރުގެ ތެރޭގައި، ގިނަ ޤައުމުތަކަށް މިނިވަންކަން ދެވުނީ ހަނގުރާމައާ ނުލައި، ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން ކުރެވުނު ބުރަ މަސައްކަތްތަކުގެ ތެރެއިންނެވެ. ހަނގުރާމަ ކޮށްގެން މިނިވަންކަން ހޯދީ އަލްޖީރިޔާ، ކިޔުބާ، އުތުރު ކޮރެޔާ، އަދި ވިއެޓްނާމް ފަދަ ބައެއް ޤައުމުތަކެވެ. ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން މިނިވަންކަން ދެވުނު ޤައުމުތަކުގައި، ފެނިގެން ދިޔައީ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުގެ ދަށުން، އިސްތިޢުމާރީ ބާރުތައް އެދޭ ފަދަ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމުތަކެއް ޤާއިމު ކުރެވުނު މަންޒަރެވެ. ބޭނުމަކީ، މާއްދީ އަދި ޢަސްކަރީ އިސްތިޢުމާރު ނިމުމަކަށް އައި ކަމުގައި ވިޔަސް، އަދި ޤާނޫނީ ގޮތުން މިނިވަންކަމާއި ސިޔާދަތުގެ ލޭބަލް ޖަހައިދެވުނަސް، ޙަޤީޤީ މިނިވަންކަމެއް އެ ޤައުމުތަކަށް ލިބުނަނުދިނުމެވެ. އެ ޤައުމުތަކުގެ ސިޔާސީ ނިޒާމާއި ޙުކޫމަތުގެ ކަންކަމާއި އިޤްތިޞާދީ ނިޒާމުގެ އެންމެހައި ކަންކަން، ޢަމަލީ ގޮތުން ހުޅަނގުގެ ބާރުތަކުގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމެވެ. އާދެ، މާއްދީ އަދި ޢަސްކަރީ އިސްތިޢުމާރުގެ ކަސްތޮޅުތައް ނަގައި އެއްލައިލުމަށް ފަހު، އޭގެ ބަދަލުގައި އާ އިސްތިޢުމާރު (neocolonialism) ގެ ކަސްތޮޅުތަކުން އެ ޤައުމުތައް އިހުނަށް ވުރެ ވެސް ވަރުގަދަޔަށް ބަނދެ ޤައިދު ކުރުމެވެ.
އެހެންކަމުން، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިނިވަންކަން ދެވުނު އޭޝިޔާ، އެފްރިކާ، އަދި ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކަށް ޙަޤީޤަތުގައި ލިބުނީ "ސޫޑޯ-މިނިވަންކަމެއް" (pseudo-independence) ކަމުގައި ބުނާން ޖެހެއެވެ. އަމިއްލަ ދިދައެއް ހޫރަހޫރައި ތިބެވުނަސް، އަމިއްލަ ޤައުމީ ސަލާމެއް ނިކަން ބާރަށް ކިޔަކިޔައި ތިއްބަސް، އަމިއްލަ ދައުލަތުގެ ނިޝާނެއް ކުރަހަކުރަހައި ތިއްބަސް، މި ޤައުމުތައް ތިބީ ހުޅަނގުގެ އަތުގައި އެ ވަލެއްގެ މުގޫ އޮތް ވަލެއްގެ އަނެއްކޮޅުގައި ވާ މަޅިއެއްގައި ކަރާއި ހަތަރެސްފަޔަށް ދާންދެން މެހި ތާށި ވެފައެވެ. އެ ޤައުމުތަކުގައި ވެރިކަން ކުރާން ތިބީ ހުޅަނގުން ބެއިތިއްބި "ލީޑަރުން" ނެވެ. އެ ޤައުމުތަކުގެ ސިޔާސީ އަދި ޙުކޫމަތުގެ ނިޒާމުތަކާއި އުޞޫލުތައް ބައްޓަން ކުރެވުނީ ހުޅަނގުގެ ފިކުރާއި އިރުޝާދާ އެއްގޮތަށެވެ. އެ ޤައުމުތަކުގެ މާލިއްޔަތާއި އިޤްތިޞާދުގެ ހުރިހައި ކަމެއް އޮތީ "ބްރެޓްން ވުޑްސް މާލީ ނިޒާމު" ގެ ތެރެޔަށް ފައްތައިލެވި، ހުޅަނގުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވިފައެވެ. މަދު ޤައުމުތަކަކުން، އެ ނިޒާމުގެ އަޅުވެތިކަމުގައި ނުޖެހި، އަމިއްލަ އަދި މުސްތަޤިއްލު ޤައުމީ ނިޒާމުތަކެއް ބިނާ ކޮށް، އަމިއްލަ ފިކުރާއި އަމިއްލަ ސިޔާސަތުތަކާއި އަމިއްލަ ޢިލްމީ ޤާބިލުކަމާ އެކު ކުރިޔަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ޗައިނާ، އުތުރު ކޮރެޔާ، ކިޔުބާ، ވިއެޓްނާމް ފަދަ ޤައުމުތަކެވެ. ފަހުން އީރާނާއި، ވެނެޒުއެލާ ވެސް އެ ލިސްޓުގައި ހިމެނުނެވެ. ނަމަވެސް އިސްތިޢުމާރުން މިނިވަން ވި ގިނަ ޤައުމުތަކަށް އެކަމެއް ނުކުރެވުނެވެ. ގިނަ ޤައުމުތައް އާ އިސްތިޢުމާރުގެ ލޮލަށް ނުފެންނަ ކަސްތޮޅުތަކުގައި ޖެހި ހަފުސް ވީއެވެ.
އާ އިސްތިޢުމާރާއި ބްރެޓްން ވުޑްސް މާލީ ނިޒާމުގެ ޒަމާނުގައި، ބައެއް ޤައުމުތަކަށް އަމިއްލަ ފައިމައްޗަށް ތެދު ވެ، ހަރުދަނާ އިޤްތިޞާދުތަކެއް ބިނާ ކުރުމުގެ ފުރުޞަތު ދެވިފައި ވެއެވެ. އެ ފުރުޞަތު ދެވުނީ، ހުޅަނގާ އެ ޤައުމުތަކާ އޮތް ގާތްކަމަށް ޓަކައެވެ. ޖިއޯ-ޕޮލިޓިކަލް ބައިބައިވުމުގެ ތެރޭގައި، އެ ޤައުމުތައް ހުޅަނގުގެ ޙަލީފުންގެ ގޮތުގައި ތިބި ކަމަށް ޓަކައެވެ. ހުޅަނގުގެ ޖިއޯ-ޕޮލިޓިކަލް އިސްތިރާޖުގެ ވިސްނުންތަކުގެ ތެރެއިން، އެ ޤައުމުތަކަކީ ޕާޓްނަރުން ކަމުގައި ބެލުމަށް ނިންމި ނިންމުންތަކުގެ ދަށުންނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ހުޅަނގު ޖަރުމަނާއި، ޖަޕާނާއި، ދެކުނު ކޮރެޔާއެވެ. ފަހުން ސިންގަޕޯރަކީ ވެސް އޭގެ މިސާލެކެވެ. އެކަމަކު، މި ޤައުމުތައް ވެސް ހުޅަނގުގެ ސިޔާސީ އަދި އިޤްތިޞާދީ ކޮންޓްރޯލާއި ނުފޫޒަކުން މުޅީން މިނިވަން ކޮށެއްނުދެއެވެ. ބްރެޓްން ވުޑްސް މާލީ ނިޒާމު ފަރުމާ ކުރެވިފައި ވަނީ، މި ޤައުމުތައް ވެސް "ސައިޒަށް ކުޑަ ކުރާން" ޖެހިއްޖެ ހިނދެއްގައި ހުޅަނގުގެ ބާރުތަކަށް މާ ބޮޑު އުނދަގުލަކާ ނުލައި އެކަން ކުރެވޭނޭ ގޮތަށް ވިސްނައިގެންނެވެ.
އާ އިސްތިޢުމާރުގެ މައިގަނޑު ދެ އިބްޒާރު
މުސްކުޅި އިސްތިޢުމާރުގެ މައިގަނޑު އިބްޒާރުތަކަކީ (tools) ސީދާ ޢަސްކަރީ ކޮންޓްރޯލެވެ. ސިފައިންނެވެ. ހަތިޔާރެވެ. ޢަސްކަރީ މަރުކަޒުތަކެވެ. ޢަސްކަރީ ގަވަރުނަރުންނެވެ. ޢަސްކަރީ ބާރުގެ ބޭނުން ކޮށްގެން ތަންފީޒު ކުރެވުނު ޤާނޫނުތަކެވެ. ނަމަވެސް އާ އިސްތިޢުމާރު (neocolonialism) ގެ އިބްޒާރުތަކުގެ ތެރޭގައި ހިމެނެނީ ޢަސްކަރީ ނޫން ކަންތައްތަކާއި ޒަރީޢާތަކެވެ. އޭގެ ތެރެއިން މައިގަނޑު ދެ ކަމެއްގެ ވާހަކަ މަތީގައި މި ދެންނެވުނީއެވެ.
ފުރަތަމަ ކަމަކީ އިސްތިޢުމާރީ ބާރުތަކުގެ ފިކުރާއި ވިސްނުމާއި އިރުޝާދުތަކުގެ ދަށުން، މިނިވަންކަން ދެވުނު ޤައުމުތަކުގައި ޤާއިމު ކުރެވިފައިވާ ދުސްތޫރީ ނިޒާމުތަކެވެ. އިސްތިޢުމާރީ ސާހިބުން އެދޭ ގޮތަށް ފަރުމާ ކުރެވި ޤާއިމު ކުރެވުނު ސިޔާސީ ނިޒާމުތަކާއި ޙުކޫމަތުތަކެވެ. މި ނިޒާމުތަކުގެ ނަތީޖާއެއްގެ ގޮތުން، މިނިވަންކަން ދެވުނު ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ޤާއިމު ކުރެވުނީ ބަލިކަށި އަދި އާރެއް ބާރެއް ނެތް (weak) ޙުކޫމަތުތަކެއް (Governments) ކަމުގައި ވެފައި ވެއެވެ. އެތެރޭގެ އަދި ބޭރުގެ ދެކޮޅުވެރި ޙަރަކާތްތަކާއި ނުފޫޒުތަކާ އެކު ފަސޭހައިން އިނދަޖެހި ފޭލި ވެގެންދާ (vulnerable) ޙުކޫމަތުތަކެއް ކަމުގައި ވެފައި ވެއެވެ. އެ ޙުކޫމަތުތަކުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރި ކުރުމުގެ އާރެއް ބާރެއް އަދި ހިތްވަރެއް ނުހުރެއެވެ. ޤައުމުގެ ޚާރިޖީ އަދި ދާޚިލީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމުގެ ބާރެއް ވިޔަސް، އެފަދަ ހިތްވަރާއި ކެރުމާއި ސާބިތުކަން ވިޔަސް ނުހުރެއެވެ. އެ ޙުކޫމަތުތަކުގައި ބޮޑެތި މަޤާމުތަކުގައި ތިބެނީ ހުޅަނގުގެ ސިޔާސީ ފިކުރުތަކަށް އަޅުވެތި ވެފައި ތިބޭ މީހުންނެވެ. ވަރަށް ގިނަ ފަހަރު، ހުޅަނގުން އެކިއެކި ނުފޫޒުތަކުގެ ބޭނުން ކޮށްގެން ބާރުގެ ގޮނޑިތަކަށް "ލައިދީފައި" ތިބޭ މީހުންނެވެ. އަމިއްލަ ޤައުމީ އަގުތަކާއި، ޤައުމިއްޔަތުގެ ރުކުންތަކާއި، އަމިއްލަ ދީނާއި ސަގާފަތް ފަދަ ޤައުމީ މުހިއްމު ބުންޔާދުތަކަށް ޚިޔާނާތްތެރި، ބޭރު މީހުންގެ ބަސް ޤައުމުގައި ހިންގައިދޭ "ލީޑަރުން" ނެވެ.
ދެވަނަ ކަމަކީ، ބްރެޓްން ވުޑްސް މާލީ ނިޒާމެވެ. މި ނިޒާމުގެ ބާރުގައި، މި ނިޒާމުގެ ތެރޭގައި ހިމެނޭ މާލީ މުއައްސަސާތަކާއި އިދާރާތަކުގެ ވަސީލަތުން، ހުޅަނގުން ކޮންޓްރޯލް ކުރާ ޢާލަމީ މާލީ ނިޒާމެއްގެ ފުރޭމްވޯކުގެ ތެރޭގައި ޤައުމުތައް ޤައިދު ކުރެވިގެން ދިޔައެވެ. އެ ނިޒާމުގެ އެންމެ މުހިއްމު އެއް އަމުރަކީ ނުވަތަ އުޞޫލަކީ، ކޮންމެ ޤައުމެއްގެ ވެސް މަރުކަޒީ ބޭންކު – އެ ޤައުމެއްގެ ފައިސާގެ ކަންކަން ބަލަހައްޓާ މަރުކަޒީ އިދާރާ -، ޤައުމުގެ ސަރުކާރުގެ ސީދާ ބާރެއް ނުހިނގާ ގޮތެއްގައި، "މިނިވަން" ގޮތެއްގައި، ބޭންކް އޮފް އިންޓަރނޭޝަނަލް ސެޓްލްމަންޓްސް (ބީއައިއެސް) އިން ކަނޑައަޅާ އުޞޫލުތަކަކާއި ހަމަތަކެއްގެ މަތީން ހިނގާ ތަނެއްގެ ގޮތުގައި ބެހެއްޓުމެވެ. ބީއައިއެސް އަކީ ބްރެޓްން ވުޑްސް މާލީ ނިޒާމުގެ ޕިރަމިޑުގެ އެންމެ ކުރީގައި ހުންނަ އަދި އެ ނިޒާމުގެ އެންމެ މުހިއްމު މުއައްސަސާއެވެ. އެ ނިޒާމުގެ ތެރެއިން، ޤައުމުތަކުގެ މާލިއްޔަތުގެ ކަންކަމުގެ ޙަޤީޤީ ބާރު އާޚިރުގައި ލިބިދެވެނީ ބްރެޓަން ވުޑްސް މާލީ ނިޒާމުގެ ބާރުވެރީންނަށެވެ. އެ ނިޒާމު ހިންގާ ބައިނަލްއަޤްވާމީ މުއައްސަސާތަކާއި އިދާރާތަކަށެވެ. އެ މުއައްސަސާތަކާއި އިދާރާތަކުގައި ނަގައިކިޔާ ހުޅަނގުގެ ބޮޑެތި ބާރުތަކަށެވެ.
އަޅުވެތިކަމާއި އަޅުވެތިކަމާ ދެކޮޅު މަސައްކަތް
މި ދެންނެވި ދެ އިބްޒާރު – އިސްތިޢުމާރީ ބާރުތަކުގެ ފިކުރާއި ފަލްސަފާތަކާ އެއްގޮތަށް ޤާއިމު ކުރެވުނު ދުސްތޫރީ އަދި ސިޔާސީ ނިޒާމުތަކާއި ޙުކޫމަތުތައް، އަދި ބްރެޓްން ވުޑްސް މާލީ ނިޒާމު – ގެ ބާރުގައި، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ޤާއިމު ކުރެވުނު ބަލިކަށި އަދި އަޅުވެތި ޙުކޫމަތުތަކުގައެއް، އެމީހުންގެ ޤައުމީ އަމިއްލަ މަޞްލަޙަތުތައް ޙިމާޔަތް ކުރުމުގެ ބާރެއް ނެތެވެ. އެ ޙުކޫމަތުތައް މަސައްކަތް ކުރަމުން ގެންދިޔައީ އަދި މިހާރު ވެސް މަސައްކަތް ކުރަމުން ގެންދަނީ އިސްތިޢުމާރީ އަދި ސާމުރާޖީ ބާރުތަކުގެ މަޞްލަޙަތުތަކާ އެއްގޮތަށެވެ. އަމިއްލަ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ އެންމެހައި ކަންކަން އެމީހުން ގެންދަނީ އިސްތިޢުމާރީ އަދި ސާމުރާޖީ ސާހިބުންގެ އޯޑަރުތަކާއި އެންގުންތަކުގައި އަންގާ ގޮތަކަށެވެ.
އިސްތިޢުމާރުން މިނިވަން ވި ބައެއް ޤައުމުތަކުން، އަމިއްލަ ޤައުމުގެ ކަންކަން އަމިއްލަ އުޞޫލުތަކާއި ފަލްސަފާތަކުގެ މައްޗަށް އަނބުރައިލައި، ޤައުމީ މިނިވަންކަމާއި ސިޔާދަތާއި ޢިއްޒަތުއްނަފުސު އަނބުރައި ހޯދައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް މަސައްކަތް ކުރާ ޙުކޫމަތުތަކެއް ޤާއިމު ކުރެވޭތޯ ކުރެވުނު މަސައްކަތްތައް ވެސް ފެނިގެން ދިޔައެވެ. އެ މަސައްކަތްތަކުގައި އަދި އެ މަސައްކަތްތައް ކުރި ލީޑަރުންގެ ކިބައިގައި އުނިކަންތަކެއް ހުރުމާ އެކުގައި މެއެވެ. މިސާލަކީ، ޓޯގޯގެ ސިލްވެއިނުސް އޮލިމްޕިއޯ، މިޞްރުގެ ޖަމާލް ޢަބްދުއްނާޞިރު، އިންޑޮނީޝިޔާގެ ސުކާނޯ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ލުމުމްބާ، އީރާނުގެ މުސައްދިޣް، އިކުއެޑޯރގެ ޖެއިމީ ރޯލްޑޯ، ޕެނަމާގެ އޯމަރް ޓޮރީޖޯސް ފަދަ ލީޑަރުންނާއި އެ ބެއިފުޅުންގެ ސަރުކާރުތަކެވެ. ނަމަވެސް މިއިން ކޮންމެ ލީޑަރެއްގެ މެ ނިމުން ގެނެވުނީ ހުޅަނގުން އޯކެސްޓްރޭޓް ކުރި ހަނގުރާމަތަކާއި ބަޣާވާތްތަކުންނެވެ. ގިނަ ބެއިފުޅުން، ހުޅަނގުގެ ޖާސޫސީ އިދާރާތަކާއި ޢަސްކަރީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި އަވަހާރަ ކޮށްލެވުނީއެވެ. ޑޭވިޑް ޑެކޯ، ތޯމަސް ސަންކަރާ، މޮރީސް ޔަމެއޯގޯ، ހިޔުބަރޓް މާގާ، އަދި ޕެޓްރިސް ލުމުމްބާ އަކީ އެގޮތުން އަވަހާރަ ކޮށްލެވުނު ލީޑަރުންނެވެ. މި ބެއިބެއިފުޅުންގެ ތެރެއިން، ލުމުމްބާ އަވަހާރަ ކޮށްލެވުނު ހާދިސާއަށް މިސާލެއްގެ ގޮތުގައި ބަލައިލަމާތޯއެވެ!
ޕެޓްރިސް ލުމުމްބާ އަކީ ޕޭން-އެފްރިކަން މުޙައްރިކެކެވެ. އޭނާގެ ޤައުމު ހުޅަނގުގެ މަނަހުގެ ދަށުން މިނިވަން ކުރައްވައި، ޤުދުރަތީ ވަސީލަތްތަކުގެ ގޮތުން އިންތިހާއަށް މުއްސަނދި ކޮންގޯއަށް ޙަޤީޤީ މާނައިގައި ޤައުމީ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަމާއި ފާގަތިކަން ގެންނެވުމަށް މަސައްކަތް ކުރެއްވި ލީޑަރެކެވެ. ނަތީޖާ އަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ބާރުވެރީންގެ މަޖިލިސްތަކުން އޭނާގެ ނިތްކުރިފުޅުގައި ހަރުކަށި ޑިކްޓޭޓަރެއްގެ ތައްގަނޑު ޖެހުމެވެ. ދޮންމީހުންނާ ދެކޮޅު ބޭފުޅެއްގެ ލޭބަލް ޖެހުމެވެ. ކޮމިޔުނިސްޓެއްގެ ގޮތުގައި ސިފަ ކުރެވުމެވެ. "ޑިމޮކްރަސީ" އާއި "އިންސާނީ ޙައްޤުތަކާ" ދެކޮޅު އަނިޔާވެރިއެއްގެ ލޭބަލް ޖެހުމެވެ. އެޔަށްފަހު، މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްގައި – ޑިމޮކްރެޓިކް އުޞޫލުން – ކޮންގޯގެ ފުރަތަމަ ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރެވިފައި އެއިރު ހުންނެވި ލުމުމްބާ، އެމެރިކާ އާއި ބެލްޖިޔަމާއި އިނގިރޭސީންގެ އިރުޝާދުގެ ދަށުން ގެނެވުނު ބަޣާވާތެއްގައި ވެރިކަމުން ދުރު ކުރެވުނެވެ. އޭނާގެ ބަދަލުގައި މި ޤައުމުތަކުން ކޮންގޯގެ ވެރިކަމުގެ ގޮނޑީގައި ބެއިންދީ އެމީހުންގެ ޕަޕެޓެއް ކަމުގައިވާ ޖޯސެފް މޮބޫޓޯއެވެ. އެމެރިކާ އާއި ބެލްޖިއަމާއި އިނގިރޭސީންގެ ޖާސޫސީ އިދާރާތަކާއި ޢަސްކަރިއްޔާތަކުން ދެން ރޭވީ، ލުމުމްބާ އަވަހާރަ ކޮށްލުމުގެ ރޭވުންތަކެވެ. މި ރޭވުންތައް ތަންފީޛު ކުރެވުނީ ފުރަތަމަ ލުމުމްބާ ގޭބަންދުގައި ބަހައްޓައި، ދެން މަތިންދާބޯޓެއްގައި އޭނާ ކޮންގޯގެ ކަޓަންގާއަށް ގެންގޮސް، ހަށިކޮޅަށް ބަޑި ޖަހައި އަވަހާރަ ކޮށްލައިގެނެވެ. އަވަހާރަ ކޮށްލުމުގެ ކުރީން، ބެލްޖިއަމް ސިފައިންނާއި، ހުޅަނގުގެ އޯޑަރަށް މަސައްކަތް ކުރަމުން ދިޔަ ކޮންގޯގެ ހަނގުރާމަވެރީން އޭނާއަށް ވަރަށް ބޮޑަށް ވޭންދެނިވި ހާނީއްކައިގެ އަނިޔާ (torture) ކުރިއެވެ. އަވަހާރަ ކޮށްލުމަށް ފަހު، ބެލްޖިއަމް ސިފައިން އެންމެ ފުރަތަމަ ލުމުމްބާގެ ހަށިކޮޅު ވަޅު ލިއެވެ. ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި ހަށިކޮޅު ކޮނެގެން ނެގުމަށް ފަހު، ކުދިކުދިކޮށް ކޮށައިފައި، ސަލްފިޔުރިކް އެސިޑަށް އަޅައި ވިރުވައިލީއެވެ. އެސިޑުގައި ހަލާކު ނުވި ބައިތައް އަލިފާނުން އަންދައިލީއެވެ. ޢާއިލާއާ ހަމަޔަށް ލުމުމްބާގެ ހަށިކޮޅުން ލިބުނު ހަމައެކަނި އެއްޗަކީ ދަތްޕުޅެކެވެ. އެ ދަތްޕުޅު އެތައް ދުވަހަކަށް ފަހު ޢާއިލާއަށް ލިބި، މި ދިޔަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު "ވަޅު" ލެވިފައެވެ.
ކޮންގޯގެ ވަޠަނީ ލީޑަރު ލުމުމްބާއާ ދެކޮޅަށް ހުޅަނގުން އޯކެސްޓްރޭޓް ކުރި އަނިޔާވެރި އަދި ލެއި އޮހޮރުވުން ބޮޑު ބަޣާވާތަށް ފަހު، 1960 އިން މިއަދާ ހަމަޔަށް ހަމައެކަނި އެފްރިކާގެ ޤައުމުތަކުގައި ހުޅަނގުން ވަނީ 68 ބަޣާވާތް ހިންގުވައިފައެވެ. މިއިން ކޮންމެ ބަޣާވާތަކީ އެތައް މިލިއަން ރައްޔިތުންނެއްގެ ހުވަފެންތަކާއި ދިރިއުޅުން ބަރުބާދު ކޮށްލި ފަނާގެ އަލިފާނެކެވެ. އެތައް ހާސް، ބައެއް ފަހަރު އެތައް ލައްކަ، އިންސާނުންނެއްގެ ފުރާނަ ގެއްލި، ގުނައި ޢަދަދު ނުކުރެވޭހައި އަންހެނުންނާއި ކުޑަކުދީން ކަތިލެވި، އެތައް ހާސް އަންހެނުން ރޭޕް ކުރެވި، ޢާއިލާތައް ހަލާކު ވެ، މީސްތަކުންގެ ގެދޮރާއި މުދާ އަންދައިލެވި، ހިތެއް އޮތް ކޮންމެ މީހެއްގެ ލޮލުން ލޭކަރުނަ އަޅާން ޖެހޭ ވަރުގެ ޙާލަތުތަކަކަށް އެތައް މިލިއަން އިންސާނުން ވައްޓައިލި މުޞީބާތެކެވެ. އެފްރިކާގެ 27 ޤައުމެއް، ހުޅަނގުގެ ސިޔާސީ އަދި އިޤްތިޞާދީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް ޓަކައި ގެނެވުނު މި ބަޣާވާތްތަކުގެ ހިތިކަން ދެކެފައި ވެއެވެ. މިއިން އެއްވެސް ޤައުމަކަށް، އަދިއަދާ ޖެހޭންދެން ވެސް، އެ ބަޣާވާތްތަކުގެ ގެއްލުމުން އަރައެއްނުގަނެވެއެވެ. އެތައް ޤައުމެއް އަދިވެސް ވަނީ އެ ބަޣާވާތްތަކުގެ އަލިފާނުން އަނދައި ހަނާ ވޭވެއެވެ.
އިޚްތިމާމް – އުއްމީދުގެ އަލިކަން
ކޮންމެއަކަސް، މި ދެންނެވި ފަދަ ބިރުވެރި، ލާއިންސާނީ، އަނިޔާވެރި، އަދި ލާޤާނޫނީ ގޮތެއްގައި ހުޅަނގުގެ އާ އިސްތިޢުމާރީ (neocolonial) ނުފޫޒު ދުނިޔޭގެ މައްޗަށް ހިންގާތާ އަށްޑިހަ އަހަރު ވެގެން ދިޔުމަށް ފަހު، މިއަދު ދުނިޔޭގެ އޮޔާއި ވައި ވަނީ ބަދަލު ވާން ފަށައިފައެވެ. ފަރަންސޭސީން ކޮންމެ އަހަރަކު އެފްރިކާ ފޭރިގަނެގެން 500 ބިލިއަން ޔޫއެސް ޑޮލަރު އެމީހުންގެ އިޤްތިޞާދަށް ވައްދަމުން ދާދިޔުން ނިމުމަކަށް އައުމުގެ ކޮޅުމަތި މިހާރު ނައިޖަރުގެ މަސްރަޙުން މި ފެންނަނީއެވެ. މީގެ 60 އަހަރު ކުރީން، ފަރަންސޭސީން ޓޯގޯގައި ޤާއިމު ކޮށްފައި އޮތް މާލީ ނިޒާމުގެ ފައިސާ ކަމަށް ވާ ސީއެފްއޭ އުވައިލުމަށް އެ ޤައުމުގެ ރައީސް ސިލްވެއިނުސް އޮލިމްޕިއޯ ނިންމެވުމުން، ތިން ދުވަސް ތެރޭގައި ފަރަންސޭސީންގެ ރޭވުމުގެ ދަށުން ސިލްވެއިނުސް އަވަހާރަ ކޮށްލެވުނެވެ. ނަމަވެސް، މިއަދު ނައިޖަރުން ފެންނަނީ އެމީހުން ހިތުހުރި ގޮތެއް ދުނިޔޭގެ ޤައުމުތަކަށް، އިންސާނުންނަށް، ހެދި ދުވަސް މާޒީއާ އެކުވެގެން ދާކަމުގެ ކުލަތަކެވެ.
މިއަދު މި ފެންނަނީ ރޫސީ ވިލާތާ އެކު، ދުނިޔޭގެ ދެކުނުގެ ބިންތަކުގެ ޤައުމުތައް (Global South) ސިޔާސީ ގޮތުން މިނިވަންކަން ހަރުދަނާ ކޮށް، އިޤްތިޞާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވަމުން ގެންދާ މަންޒަރެވެ. ސިޔާސީ އަދި އިޤްތިޞާދީ އަޅުވެތިކަމުގެ އާ އިސްތިޢުމާރީ ކަސްތޮޅުތައް މުގުރަމުން ގެންދާ މަންޒަރެވެ. ހުޅަނގުގެ ލާޤާނޫނީ، ބޭއިންޞާފު، އިސްތިޣްލާލީ (exploitative)، ޒުލްމުވެރި (oppressive)، ދޮން މީހުންގެ މަތިވެރިކަމުގެ ފަލްސަފާގެ މައްޗަށް ބިނާ ކުރެވިފައިވާ (white-supremacist)، ނިޒާމު ނިމިދަނީކަމުގެ ކުލަވަރެވެ. ދުނިޔޭގެ ބާރުގެ ތިލަފަތަށް އަނެއްކާވެސް ވަޒަން ހަމަކަން އައިސް، އެމެރިކާ އާއި ޔޫރަޕު އެދޭހައި ގޮތަކަށް ދުނިޔޭގެ ޤައުމުތަކުގެ "ލަފުގައި ހިފައި، ބިމަށް ޖަހައި، ތަޅައި މަރައި ހެދި" ދުވަސް މާޒީ ވެދިޔުމުގެ ކުލަވަރެވެ.