އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލިހެއްގައި، ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަރަށް ހިތްޕުޅު ހަމަނުޖެހި ހުންނަވައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ޝަރީޢަތަށް ޙާޟިރު ވެވަޑައިގެން ތިއްބެވި ވަކީލުންނާ ދިމާޔަށް އެއްޗެތިތަކެއް ވިދާޅުވި ވާހަކަ މިހާރު ވަނީ ބޮޑު މައުޟޫޢަކަށް ވެފައެވެ.
ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކީ ޖޭއެސްސީން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ދިހަ ބެއިފުޅަކު ވަޒީފާއިން ވަކި ކޮށްލުމާ ގުޅިގެން އެ މުއައްޒަފުން އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ޓްރައިބިޔުނަލަށް ހުށައެޅި މައްސަލަތައް އެތަނުން ނިންމައި، އެ ނިންމުންތައް ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާއިން ނިމި، ސުޕްރީމް ކޯޓާ ހަމަޔަށް އައިސްފައި އޮތް މައްސަލައެކެވެ. މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ޙާޟިރު ވެވަޑައިގެން ތިއްބެވި ވަކީލުންގެ ޤާނޫނީ ޙައިޘިއްޔަތަކީ އަދި މަސްއޫލިއްޔަތަކީ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމެވެ. އެ މައްސަލައިގައި ޖޭއެސްސީން ކަން ކޮށްފައި އޮތް ގޮތް ބަޔާން ކޮށް، އެ ގޮތް ދިފާޢު ކުރައްވާން ދައްކަވާ ޤާނޫނީ ވާހަކަތަކެއް ދެއްކެވުމެވެ. އެ ބެއިފުޅުންނަކީ ޖޭއެސްސީން ކުރާހައި ކަމަކަށް، ނުވަތަ ނުކޮށް ދޫކޮށްލާހައި ކަމަކަށް ޖަވާބުދާރީ ވެ، ކޮމިޝަނާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހިތްޕުޅުގައި ހުރި ހުރިހައި އުދާސްތަކެއް އަޑު އައްސަވައި ޖަވާބުދާރީ ވެވަޑައިގަތުމުގެ ޙައިޘިއްޔަތެއް ވެސް އަދި ބާރެއް ވެސް ލިބިވަޑައިގެންފައިވާ ބެއިފުޅުންނެއް ނޫނެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ޖޭއެސްސީގެ ސަބަބުން ހުއްޓިފައި އޮތަތީ، ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ޖޭއެސްސީގެ ސަބަބުން ހުރަސް އެޅި އުނދަގޫ ވާތީ، އެކަމާ މެދު ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ހިތްޕުޅުގައި ހުރި އުދާސްތަކެއް ނުވަތަ ހިތްޕުޅުގައި ވާ ޝުޢޫރުތަކެއް އިއްޔެގެ ޝަރީޢަތުގެ މަޖިލިހުގައި، ވަކި މައްސަލައެއްގައި ޖޭއެސްސީ ތަމްސީލު ކުރުމުގެ ދައުރު އަދާ ކުރުމަށް ކޯޓަށް ވަޑައިގެން ތިއްބެވި ޤާނޫނީ ވަކީލުންނާ ދިމާޔަށް ކޯފާ އާއި ރުހިވަޑައިނުގަތުމުގެ ބަސްފުޅުތަކުން ފައުޅު ކުރެއްވުމަކީ ފަނޑިޔާރެއްގެ ޕްރޮފެޝަނަލް އަދި އެތިކަލް މިންގަނޑާ ޚިލާފަށް ކުރެއްވި ކަމެއްކަމަށް ބެލެވިދާނެއެވެ.
މި ދެންނެވީ އިއްޔެގެ ހާދިސާއާ މެދު ދައްކާން އޮތް އެއް ވާހަކައެވެ.
ދެން ހުރި ވާހަކަތައް ވެސް ދައްކަމާ ހިންގަވާށެވެ!
ސުޢޫދު ކޯފާ ވެގެން ނުވަތަ ހިތްޕުޅު ހަމަނުޖެހިވަޑައިގެން ދެއްކެވި ވާހަކަތަކުގައި، ޖުމުލަ ގޮތެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް މުއައްޒަފުން ނެގުމާއި ވަސީލަތްތައް ހޯދުމުގެ ބާރު އެ ކޯޓަށް ނެތި، އެއީ ޖޭއެސްސީން ކުރާ ކަންކަމުގެ ގޮތުގައި އޮތުމުގެ ސަބަބުން ކޯޓު ނުހިންގި ހުއްޓިފައި އޮންނަ ވާހަކައެވެ. އޭގެ ސަބަބުން ކޯޓުގެ މިނިވަންކަމަށް ހުރަސް އެޅިފައި ވާ ވާހަކައެވެ. އޭގެ ސަބަބުން ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއިން ކޯޓުތަކަށް ލިބިދޭ ބާރުގެ ބޭނުން ނުކުރެވި ކޯޓުތަކުގެ އަތްތައް ޤައިދު ކުރެވިފައި ވާ ވާހަކައެވެ. ފަނޑިޔާރު ސުޢޫދުގެ މި ވާހަކަފުޅުތައް މީޑިއާގައި ފަލަ ސުރުޚީތަކުގެ ދަށުން ގެނެސްދެވި، އެ ވާހަކަތައް މީސްމީޑިއާގައި ވެސް ފެތުރިގެން ދިޔަ ދަނޑިވަޅު، ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ފަދަ ބެއިފުޅުން ވެސް ޓުވީޓުތައް ކުރެއްވިއެވެ. ޢަލީ ޙުސައިންގެ އެއް ޓުވީޓުގައި، ޖޭއެސްސީގެ ދަށަށް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ އިދާރީ ނިޒާމު ގެންދިޔަގެންދިޔުމަށް އިޝާރާތް ކުރައްވަމުން، ވިދާޅުވެފައި ވަނީ "ޖުޑީޝަލް ރިފޯމް އޭ ކިޔާފަ އިތުރަށް ހެދީ ގޯސް ... ޖޭއެސްސީ ހެދީ ސިޔާސީ ހަރުގެއަކަށް" މިހެންނެވެ.
މި ބެއިބެއިފުޅުންގެ މި ވާހަކަތައް އިވުމުން، ދެރަ ވެސް ވެއެވެ. ހަމަ އެހައި ވަރަށް ހިނި ވެސް އާދެއެވެ. 2019 ވަނަ އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލިހުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް "ސުޕަރމެޖޯރިޓީއެއް" ލިބުމުން، އެ ބާރުގެ ބޭނުން ކޮށްގެން، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގައި ޣައިރުދުސްތޫރީކޮށް އިންނަވާ ކެނެރީގޭ މުޙައްމަދު ނަޝީދުގެ ހަވާނަފުސުގެ އެދިވަޑައިގަތުންތަކުގެ މައްޗަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ޢަލްމާނީ ކޮށް، ފަނޑިޔާރުގެ އެމްޑީޕީގެ ސިޔާސީ ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ގެންދިޔައެވެ. އެކަން ކުރީ، "އެޖެންޑާ 19" ގެ ދަށުން، ދިވެހިރާއްޖޭގެ ޖުޑީޝަރީ މިނިވަން ކޮށް، ޖުޑީޝަރީގެ ޤާބިލިއްޔަތު އިތުރު ކޮށް، ޢަދުލުއިންޞާފު ހަރުދަނާ ކުރުމުގެ ދޮގުވެރި ޕްރޮޕެގެންޑާ ވިއްކައި އެ ޕްރޮޕެގެންޑާގެ ނިވަލުގައި ފިލައި ތިބެގެންނެވެ. ޙަޤީޤީ އިޞްލާޙެއް ގެނައުމުގެ އެއްވެސް ނިޔަތެއް ނެތި، އަދި ޙަޤީޤީ އިޞްލާޙަކަށް މަސައްކަތް ކުރާ ބަޔަކު ކުރާނޭ އެއްވެސް ކަމެއް ނުކޮށް، އެކަން ކުރީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އެތައް މާއްދާއެއް މުގުރައިލައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލައިގެން، ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތުންނެވެ. ރައްޔިތުންގެ މަޖިލިހަށް ނެތް ބާރުތަކެއް އެ މަޖިލިހުން ގަދަބަދަވިކަމުން "އެޒިޔުމް" ކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނުއަސާސީން ދީފައިވާ ބާރުތަކަށް އަރައިގަނެގެނެވެ. އެ ކަން ކުރުމުގެ ތެރޭގައި، ނުޙައްޤުން އެތައް ދިވެހި ރައްޔިތުންނެއްގެ އަބުރު ކަތިލައި، އެތައް ބަޔަކަށް ނުޙައްޤުން ނުހަނު އިހާނެތިކޮށް ހިތައި، އަނިޔާތައް ދީގެންނެވެ.
މި ދެންނެވި "ރިފޯރމް" ގެ ތެރޭގައި ސުޕްރީމް ކޯޓާ ދިމާޔަށް ހަޅޭއްލަވަމުން އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ، ސުޕްރީމް ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެ ކޯޓުގެ ދަށަށް ގެންދިޔަ ގެންދިޔުން ކުށްވެރި ކޮށެވެ. އެޖެންޑާ 19 އިޞްލާޙޭ ކިޔައިގެން، ޢަލީ ޙުސައިން ވިދާޅުވާހެން ޖޭއެސްސީ އެމްޑީޕީގެ ހަރުގެއަކަށް ހަދައިގެން، ޖުޑީޝަރީގެ މިނިވަންކަން ނަގައިލައި މުޅި ފަނޑިޔާރުގެ އެމްޑީޕީގެ މުށުތެރެޔަށް ގެންދިޔުމުގައި އިސް ދައުރެއް އަދާ ކުރެއްވި އަލްއުސްތާޛާ ޙިސާން ޙުސައިނާއި އަލްއުސްތާޛު މޫސާ ސިރާޖު ފަދަ ބެއިބެއިފުޅުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކާއި އެނޫން ވެސް މަންސަތަކުގައި ދެއްކެވި ވާހަކަތައް ބައްލަވައިލެއްވީމާ، މި ދެންނެވި ނުކުތާ އިތުރަށް ސާފު ވެވަޑައިގަންނަވާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ރައީސް މައުމޫނުގެ ދައުރުގައި މިނިސްޓްރީ އޮފް ޖަސްޓިހުގެ ނަމުގައި ހިނގި އިދާރާއެވެ. އެއިރު ޖަސްޓިސް މިނިސްޓްރީ އަކީ ހައިކޯޓު ފިޔަވައި ދިވެހިރާއްޖޭގެ އެހެން ކޯޓުތަކުގެ ބެލެނިވެރި ފަރާތެވެ. ރާއްޖޭގެ ޖުޑީޝަރީގެ "ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ މަސްއޫލިއްޔަތުތައް އަދާ ކުރާ ފަރާތެވެ. އެގޮތަށް ނިޒާމު ހިނގަހިނގައި އޮއްވައި، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ރީތިކޮށް ވަކި ކޮށް، ފަނޑިޔާރުގެއަކީ ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު ގުނަނަކަށް ހަދައި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެންމެ މަތީ ފަރާތް އަދި ޢަދުލުއިންޞާފުގެ އެންމެ އިސް ބެލެނިވެރިޔާ ކަމަށް ކަނޑައަޅައި، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއިން ކޯޓުތަކަށް އެތަންތަނުން ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ކުރާ އެންމެހައި ކަންތައްތައް ރައްކައުތެރިކޮށް، އެ ތަންތަނުގެ އިދާރީ ހިންގުމާ ބެހޭ ޤަވާޢިދުތައް ހެދުމުގެ ބާރު ދިނުމުން، ފަނޑިޔާރުގެ ހިންގުމާއި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އިދާރީ ނިޒާމު ހިންގުމުގައި ތަންފީޛީ ބާރަށް އޮތް ދައުރު ނިމުމަކަށް އައިސް، ރައީސް މައުމޫން މިނިސްޓްރީ އޮފް ޖަސްޓިސް އުވައިލެއްވިއެވެ. އެޔާއެކު، މިނިސްޓްރީގެ މަސައްކަތާއި މަސްއޫލިއްޔަތުތަކާއި މުއައްޒަފުންނާއި ވަސީލަތްތައް ދިޔައީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދަށަށެވެ. އެއިރު އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުންނާއި މުއައްޒަފުން ޢައްޔަން ކުރެވި އެ ކޯޓުގެ މަސައްކަތް ހިނގާން ނުފަށާތީއެވެ. ޖަސްޓިހުން ކުރައްވަމުން ގެންދެވި ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތް، ޖަސްޓިހުގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުން ކޮށްގެން ކުރިޔަށް ގެންދެވުމަށް ޓަކައި ހައިކޯޓުން ކުރީއްސުރެ ހިނގަމުން އައި ނިޒާމު އައު އިދާރާއެއްގެ ގޮތުގައި ޤާއިމު ކުރެއްވިއެވެ. އެ އިދާރާއަށް ދެއްވި ނަމަކީ "ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް" އެވެ.
ދިވެހިރާއްޖޭގެ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތާއި އެކަން ކުރާ ނިޒާމުގެ އެންމެ އިސް ފަރާތް ކަމުގައި ވާ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ފެށުނީ 18 ސެޕްޓެންބަރު 2008 ގައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރީން، 04 ސެޕްޓެންބަރު 2008 ގައި، ރައްޔިތުންގެ މަޖިލިހުން ފާސް ކުރެއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ޢަމަލު ކުރެވޭން ފެށުނެވެ. އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި އޮންނަނީ، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ޢާއްމު އިދާރީ ނިޒާމު – ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން – ގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ބާރުތައް ޖުޑީޝަރީގެ އަތުން ފިރުކައިގަނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙަވާލު ކޮށްފައެވެ. އެކަން ކޮށްފައި ވަނީ ޤާނޫނުއަސާސީގެ މަދު ވެގެން ތިން މާއްދާއަކާ ޚިލާފަށެވެ. ފުރަތަމަ މާއްދާ އަކީ 141 ވަނަ މާއްދާއެވެ. ދެން 156 ވަނަ މާއްދާއެވެ. ދެން 159 ވަނަ މާއްދާއެވެ. އެކަން މި މާއްދާތަކާ ޚިލާފު ވާ ގޮތަކީ ވަރަށް ދިގުކޮށް ވާހަކަ ދައްކާން ޖެހޭ، ވަރަށް ފަންނީ ވާހަކަތަކެއް ކަމުގައި ވާތީ، އެ ވާހަކަތައް ދޫ ކޮށްލާނަމެވެ.
ކޮންމެއަކަސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އައުމުން، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ލިބިދިން ބާރުގެ ބޭނުން ކޮށްގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހައިކޯޓުގެ ދަށުން ހިނގަމުން ދިޔަ "ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް" އިދާރާ އުވައިލައި، އެ ތަނުގެ މަސައްކަތްތަކާއި މުއައްޒަފުންނާއި ވަސީލަތްތައް އެ ކޮމިޝަނުގެ ދަށަށް ގެންދިޔައެވެ. އިދާރާގެ އައު ނަމަކަށް ވީ "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" އެވެ. ދެން ފެނިގެން ދިޔައީ މިއަދު ފަނޑިޔާރު ޙުސްނުއްސުޢޫދު އެ ޝަކުވާ ކުރައްވާ ޙާލަތެވެ. ކޯޓުތަކަށް ބަޖެޓު ނުލިބުމުގެ މައްސަލައެވެ. މުއައްޒަފަކު ނެގުމުގެ އެއްވެސް އިޚްތިޔާރެއް ނެތި، ފޮތެއް ފަންސޫރެއް ވެސް ހޯދުމުގެ އަމިއްލަ ބާރެއް ނެތި، މި ކަންކަމަށް ޓަކައި ސުޢޫދު އެ ވިދާޅުވާ ފަދައިން ޖޭއެސްސީ ފަހަތުން ދުވެ އާދޭސް ކުރާން ޖެހުނު ޙާލަތެވެ. މި ކަންކަން މިހެން ހިނގައި، ސުޢޫދު އެ ވިދާޅުވި ފަދައިން "ކޯޓުތައް ހިންގޭނޭ އެއްވެސް ގޮތެއް ނެތުނީމާ" މާލޭގެ ކޯޓުތަކާއި ރަށްރަށުގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އެތައް ބެއިފުޅުންނެއް އެކަންކަމާ މެދު ޝަކުވާ ކުރެއްވުމަށް ޓަކައި ސުޕްރީމް ކޯޓަށް ވަޑައިގަތެވެ. އެއީ 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ފަނޑިޔާރުން އެ ދުވަހު ސުޕްރީމް ކޯޓުގައި ކުރެއްވީ، އިއްޔެ ޙުސްނުއް ސުޢޫދު ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވައިގެން ކުރެއްވި ޝަކުވާއެވެ. އެ ޝަކުވާ އަޑު އެއްސެވުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ކަމާބެހޭ އިތުރު ތަޙްޤީޤުތައް ކޮށް، ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނިޒާމު ފަނޑިޔާރުގެއިން ބޭރު ވެ ޖޭއެސްސީގެ ދަށަށް ދިޔުމުން ކޯޓުތަކަށް ދިމާވާ ދަތިތަކާ ބެހޭ ތަފްޞީލީ ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް، ޝަކުވާ ކުރައްވާން ވަޑައިގެންނެވި ފަނޑިޔާރުންގެ ތެރެއިން ނެގުނު ޓީމަކާ ޙަވާލު ކުރެއްވިއެވެ. އެ ޓީމުގެ މަސައްކަތުން ތައްޔާރު ކުރި ރިޕޯޓު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ހުށައަޅުއްވައި، ކަމާބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ އާޚިރު ނަތީޖާ އަކީ، ސުޕްރީމް ކޯޓުގެ މަޝްހޫރު ނަންބަރު SC-RU/01/2008 ރޫލިންގއެވެ. އާދެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވައިލައްވައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންނެވި ރޫލިންގއެވެ. ކޯޓުގެ ރޫލިންގއަކުން އެކަން ކުރައްވާން ޖެހިވަޑައިގަތް ގޮތުގެ ވާހަކަ، އަދި އެ ނިންމެވުމާ މެދު ތަންޤީދީ ނަޒަރަކުން ބަލައިލައި، އެ ނިންމެވުން ތަބްރީރު ކުރުމުގެ ވާހަކަތައް ވެސް މި ވަގުތު ބާއްވާނީއެވެ.
އެޖެންޑާ 19 ގެ ދަށުން "ފަނޑިޔާރުގެ އިޞްލާޙު ކުރަނީ" އޭ ކިޔައިގެން، ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތުގައި 2019 ވަނަ އަހަރު ކުރި ކަންތައްތަކުގެ ތެރޭގައި، "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" ގެ ނަމުގައި ޤާނޫނެއް ހަދައި، އެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފަނޑިޔާރުގޭގެ އަތުން އަނެއްކާވެސް ފިރުކައިގަނެ، ޢަލީ ޙުސައިން އެ ވިދާޅުވާ ފަދައިން އެމްޑީޕީ ހަރުގެއެއްގެ ގޮތުގައި ހިނގަމުން ދިޔަ ޖޭއެސްސީގެ ދަށަށް ގެންދެވުނެވެ. މިކަން ކުރި އިރު، އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރެވެ. އަދި، ޖުޑީޝަރީގެ ސްޕޯކްސްޕަރސަންގެ މަޤާމު ހުސް ވެފައި އޮތް ވަގުތަކަށް ވުމުން، އެ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ބައެއް ކަންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އަޅުގަނޑާ ޙަވާލު ކުރެއްވި ކުރެއްވުމުގެ މައްޗަށް، އެޖެންޑާ 19 އިން ހިންގި މި ޣައިރުދުސްތޫރީ ޢަމަލުތަކާ ގުޅިގެން މީޑިއާގައި ބައެއް ވާހަކަތައް ދައްކާން ޖެހުނީ ވެސް އަޅުގަނޑަށެވެ. އެ ވާހަކަތައް އަޅުގަނޑު ދެއްކީމެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުން ކޮށްފައިވާ ޙުކުމްތަކުގެ ޝަރުޢީ އަދި ޤާނޫނީ ޞައްޙަކަމާއި ރަނގަޅު ނުރަނގަޅުކަން ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުން ބެލުމަކީ ޤާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫން ވާހަކައެވެ. ފަނޑިޔާރުގޭގެ ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފަނޑިޔާރުގޭގެ އަތުން ނެގުމަކި ޤާނޫނުއަސާސީ ހުއްދަ ނުކުރާ، އަދި ނިޒާމު ހުއްޓުމަކަށް އައިސް ކޯޓުތައް ހިންގުމަށް ނުހަނު ބޮޑު ތަކުލީފު ޖެހި، ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭނޭ ކަމެއް ކަމުގެ ވާހަކައެވެ. މި ވާހަކަތައް ދެއްކީ، އަޅުގަނޑުގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ވާޖިބުތައް އަދާ ކުރުމުގެ ގޮތުންނެވެ. ނަމަވެސް، މި ވާހަކަތައް ދެއްކި ކަމަށް ޓަކައި، އެޖެންޑާ 19 ގެ ލީޑަރުންނާއި ފަހުލަވާނުންނާއި ސަޕޯޓަރުންގެ ކުރިމަތީގައި އޭގެ ސަބަބުން އަޅުގަނޑު ވެސް ވެގެން ދިޔައީ ބޮޑު މުޖުރިމަކަށެވެ. ކެނެރީގޭ ނާޒިމް ސައްތާރާއި އޭނާގެ ބައިވެރީން އިސް ވެތިބެ، އެ ދުވަހު އަޅުގަނޑުގެ އަބުރު ގެއްލުވައިލައި ޝަޚްޞިއްޔަތު ކަތިލުމުގެ ބޮޑު ކެންޕޭނެއް ހިންގިއެވެ. އެއްވެސް ޙަޤީޤަތެއް ނެތް ދޮގު އިލްޒާމުތަކުން އަޅުގަނޑަށް އެތައް އަނިޔާއެއް ދިނެވެ. އެގޮތުން، އަޅުގަނޑަކީ ސުޕްރީމް ކޯޓުން ކުރީން ކުރައްވައިފައި ހުރި އެތައް ޙުކުމެއް، އެ ޙުކުމްތައް ކުރައްވައިފައި ހުރި ގޮތަށް ކުރެއްވުމުގައި ބައިވެރި ވާ މީހެކޭ، ފަނޑިޔާރުގޭގައި ކޮރަޕްޝަން ހިންގާ މީހެކޭ، ޢަލީ ޙަމީދާ އެކު ޙަރާން ޙުކުމް ލިޔާން އިންނަ މީހެކޭ، މުޅި ޢުމުރު މަސްތުވާ ތަކެތި ވިއްކައިގެން ކައިބޮއި އުޅުނު މީހެކޭ، އަޅުގަނޑުގެ އުފަން ދަރިފުޅަކީ އަޅުގަނޑުގެ އަންހެނުންނަށް އެހެން މީހަކަށް ލިބިފައި ހުރި ދަރިއެކޭ، މިހެން ގޮސް އެތައް އެއްޗެކެވެ. މި ކަހަލަ ހުތުރު އެއްޗެތި ގޮވައި، ދޮގު އިލްޒާމުތަކުގެ ތެރެއިން ބަދުނާމު ކުރުމާއި ނިކަމެތި ކުރުމުގެ އެތައް އަނިޔާތަކެއް ދިނުމަށް ފަހު، އެންމެ ފަހުން އަޅުގަނޑު ހުރި ވަޒީފާއިން ވެސް ވަކި ކުރީއެވެ.
ކޮންމެއަކަސް، މި އުޅެނިއްޔަކީ އަޅުގަނޑާ މެދު ކަންތައް ކުރެވުނު ގޮތުގެ ޝަކުވާ ކުރާކަށް ނޫނެވެ. އެކަމާ މެދު ދިވެހި ރައްޔިތުންގެ ހަމްދަރުދީއެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑަށް ﷲ ފުދެއެވެ. އެ ވާހަކަތައް ކުޑައިކޮށް މި ދަންނަވައިލީ، އެއިރު ފަނޑިޔާރުގޭގެ އިދާރީ ނިޒާމު މިނިވަންކޮށް ބާއްވައި، ޤާނޫނުއަސާސީ އާއި ފަނޑިޔާރުގެއާ ގުޅޭ އުޞޫލުތަކުގެ ދަށުން ފަނޑިޔާރުންގެ މިނިވަންކަން ރައްކައުތެރި ކުރުމަށް ޓަކައި ކަނޑައަޅާ އުޞޫލުތައް މުގުރައިލި މުގުރައިލުމަށް ކުރި ޣައިރުދުސްތޫރީ އަދި ޣައިރު ޤާނޫނީ މަސައްކަތްތަކަށް ހުރަސް އެޅި މީހުންނަށް ވީ ގޮތުގެ މިސާލެއް ދެންނެވުމުގެ ނިޔަތުގައެވެ. އަދި، ޖުޑީޝަރީގެ ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފަނޑިޔާރުގެއިން ފިރުކައިގަނެ، ޖޭއެސްސީއަށް ނުވަތަ ތަންފީޛީ ބާރު ފަދަ އެއްވެސް ފަރާތަކަށް ދީފި ނަމަ، ކަންކަން ދާނީ މިއަދު ޙުސްނުއް ސުޢޫދުމެން އެ ޝަކުވާ ކުރައްވާ ފަދައިންނޭ ބުނެ ދުރާލައި އިންޒާރު ދިން ބަޔަކު ވެސް ތިބިކަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
ފަނޑިޔާރުގޭގެ އިދާރީ ނިޒާމު ޖޭއެސްސީގެ ދަށަށް ގެންދިޔަ ގެންދިޔުމާ، އެއިރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. އެކަމާ މެދު ޝަކުވާ ކުރައްވައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީފުޅެއް ވެސް ފޮނުއްވެވިއެވެ. އެ ސިޓީފުޅުގައި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ޢާއްމު އިދާރީ ކަންކަމާއި، އެ ކަންކަން ޙަވާލު ކުރެވިފައިވާ އިދާރާ، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ތެރެއިން ބޭރުކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ގެންދިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެ މަބްދައުތަކެއްގެ މައްޗަށް ބިނާ ކުރެވިގެންވާ އަސާސީ ދުސްތޫރީ މަބްދައުތަކުގެ ތެރެއިން، ބާރުތައް ވަކި ކުރުމުގެ މަބްދައާއި، ފަނޑިޔާރުގޭގެ މުސްތަޤިއްލުކަމާއި މިނިވަންކަން ކަށަވަރު ކުރުމުގެ މަބްދައާ ކަނޑައެޅިގެން ޚިލާފު، ޣައިރުދުސްތޫރީ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޝަރުޢީ ދާއިރާގެ ބައެއް ކަމުގައި ނުހިމެނޭ ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙަވާލު ކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ، އިދާރީ ކަންކަމުގައި ޝަރުޢީ ކޯޓުތަކުން އެ ކޮމިޝަނަށް ބަރޯސާ ވާން ޖެހި، ފަނޑިޔާރުގޭގެ އިދާރީ މަސްއޫލިއްޔަތުތައް އަދާ ކުރުމާއި އިދާރީ ނިޒާމު ހިންގުމުގައި ފަނޑިޔާރުގޭގެ ބާރު ނެތިގެން ގޮސް، ޢަދުލުއިންޞާފުގެ މުޅި ނިޒާމު ހިންގުމަށް ހުރަސް އެޅި، ކޯޓް އެޑްމިނިސްޓްރޭޝަނާއި ކޯޓުގެ ޖުޑީޝަލް ޕްރޮސެސްތައް ހިންގުމަށް ދަތިވެ، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސައްކަތް ހުއްޓުމަކަށް އައުންކަން ފާހަގަ ކުރެއްވިއެވެ. ޖުޑީޝަރީގެ އިދާރީ ނިޒާމު ޖުޑީޝަރީގެ ތެރެއިން ނެރެ، ޖޭއެސްސީގެ ދަށަށް ގެންދިޔުމަކީ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ ފަދަ މާއްދާތަކާ ޚިލާފު ކަމެއްކަން ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ ކޮންމެ ބާރެއްގެ ވެސް އިދާރީ ނިޒާމު އޮތުން އައުލާ ވެ ލާޒިމު ވެގެން ވަނީ އެ ބާރެއްގެ ދަށުގައި ކަމީ ހަމަބުއްދި ނިޔާ ކުރާ ގޮތްކަން ފާހަގަ ކުރައްވައި، ޤާނޫނު ހަދާ ބާރުގެ އިދާރީ ނިޒާމު އޮންނަނީ އެ ބާރުގެ ދަށުގައި ކަމާއި، ތަންފީޛީ ބާރުގެ އިދާރީ ނިޒާމު އޮންނަނީ އެ ބާރުގެ ދަށުގައިކަން ފާހަގަ ކުރެއްވިއެވެ. ޖުމުލަ 14 ޞަފުޙާގެ އެ ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމުގެ މަބްދައުގެ ޖުރިސްޕްރޫޑެންސާއި، ކަމާބެހޭ ބައިނަލްއަޤްވާމީ އެތައް މިންގަނޑުތަކަކާއި، ދުނިޔޭގެ ކުރި އަރައިފައިވާ ޤައުމުތަކުގެ މަތީ ކޯޓުތަކުން ކަމާބެހޭ ގޮތުން ކުރައްވައިފައިވާ ޙުކުމްތަކަށް ޙަވާލާ ދެއްވައި، ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖުޑީޝަރީގެ ތެރެއިން ބޭރު ކޮށް ފިރުކައިގަތުމުގެ ސަބަބުން ދިމާ ވާނޭ އުޞޫލީ އަދި ޢަމަލީ މައްސަލަތަކާއި ނުބައިނަތީޖާތައް ތަފްޞީލުކޮށް ވިދާޅުވެދެއްވިއެވެ.
ނަމަވެސް މި ދެންނެވި ސިޓީފުޅުގައި ހުރި ވާހަކަތަކަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުން ދިނީ ބީރު ކަންފަތެކެވެ. އެޖެންޑާ 19 ގެ ދަށުން، ފަނޑިޔާރުގޭގެ އިދާރީ ނިޒާމު ފިރުކައިގަނެ، "އެމްޑީޕީ ހަރުގެ ޖޭއެސްސީ" ގެ ދަށަށް ގެންދެވުނު އިރު، ޙުސްނުއްސުޢޫދު ވެސް، ޢަލީ ޙުސައިން ވެސް، އަދި ދެން ތިއްބެވި ބެއިފުޅުން ވެސް ތިއްބެވީ އެކަމަށް ތާއީދު ކުރައްވައި، ބައިވެރި ވެވަޑައިގެނެވެ. ހެޔޮ ނިޔަތުގައި އެކަމާ ދެކޮޅަށް ބަސް ބުނި މީހުންނަކީ "ޢަލީ ޙަމީދުގެ ބަތާ ކައިގެން" ތިބި، ފަނޑިޔާރުގޭގައި ކޮރަޕްޝަން ހިންގާ، ޚާއިނުން ކަމަށް ހައްދަވައިގެނެވެ. ﷲ ގެ ޤާނޫނުތަކުގެ މަތީން، އެ ދުވަސް މާޒީއާ އެކު ވެއްޖެއެވެ. މިއަދަކީ އައު ދުވަހެކެވެ. މިއަދު ތިޔަ ބެއިފުޅުން ތިޔަ ތިއްބެވީ އެ ދުވަހު އެހެން ބަޔަކު ތިބި ގޮނޑިތަކުގައެވެ. ނަމަވެސް، ޢިބުރަތް ޙާޞިލު ކުރައްވާށެވެ! މިއަދު ތިޔަ ފަރީއްކުޅުއްވަނީ ތިޔަ ބެއިފޅުން އެ ދުވަހު އިންދެވި މުޑުވަކުގެ މޭވައެވެ. އޭގެ ހިތިކަމާއި ރަހަ ނުބައިކަން މިހާރު ތަޖުރިބާ ކުރެއްވޭ ދެއްތޯއެވެ؟