ކޮލަމް: ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް

ރައްޔިތުން މަޖިލިސް -- ސަން ފޮޓޯ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން، ދިވެހި ދައުލަތުގައި ޤާނޫނު ހެދުމުގެ ބާރު ރައްޔިތުން މަތި ކޮށްފައި އޮންނަނީ ރައްޔިތުންގެ މަޖިލިހަށެވެ. އެ މަޖިލިހަކީ ޖުމްހޫރީ، ދީމިޤްރާޠީ އަދި ދުސްތޫރީ އުޞޫލުތަކުގެ ދަށުން ޤާނޫނު ހެދުމުގެ ބާރާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ވެސް ވަރަށް މުހިއްމު ބައެއް ބާރުތައް ޙަވާލު ކުރެވޭ މަޖިލިހެވެ. ދައުލަތުގެ ޙުކޫމަތުގެ ތިން ބާރު ނުވަތަ ތިން ގުނަނުގެ ތެރެއިން އެއް ގުނަނެވެ.

މި ދެންނެވި ފަދަ މުހިއްމު ޤައުމީ މުއައްސަސާ މަސައްކަތް ކުރަނީ އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ އެކު ނޫންކަން އަދި ރައްޔިތުންނަށާއި ޤައުމަށް ތެދުވެރިކޮށް ނޫންކަމީ މިއަދު ރާއްޖޭގެ އެންމެންހެން އެއްބަސް ވާ ޙަޤީޤަތެކެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ވެފައި ވަނީ ރިވެތި އަޚްލާޤާއި ސުލޫކުގެ އަލިކަމުން މުޅީން މަޙުރޫމު ވެފައިވާ ތަނަކަށެވެ. ފަސާދަ އާއި ކޮރަޕްޝަނާއި ބޭއަޚްލާޤާއި ޚިޔާނާތުގެ ހާއްޔަކަށެވެ. ޤައުމުގެ އެންމެ އަސާސީ އެއް މަސްއޫލިއްޔަތު އަދާ ކުރުމަށް އެތަނަށް ޢައްޔަން ކުރެވޭ މީހުންގެ ތެރޭގައި ގިނައީ އެތަނާ އަރާއަރަފޯދިގެން ނުވާ މީހުންނެވެ. އެތަނަކުން ހެޔޮ ޤާނޫނެއް ނުހެދެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި މުޅީންހެން ކުރާ ކަމަކީ އެއިރަކު އޮންނަ ސަރުކާރަކަށް ޖެއްސުން ކުރުމާއި، ދައުލަތް ހިންގުމަށް ހުރަސް އެޅުން ފަދަ، ޤައުމު ފަނާކުރުމުގެ ޢަމަލުތަކެވެ. ޚާއްޞަކޮށް، މިހާރު މި އޮތް ނަވާރަވަނަ މަޖިލިހަކީ "ސުޕަރމެޖޯރިޓޭރިއަން ޓިރަނީ" އެއްގެ އަނިޔާވެރިކަމާއި ފާސިޤުކަމުގެ އަނދިރިކަން ދިވެހި ޤައުމަށް ގެނައި މަޖިލިހެކެވެ. ކީރިތި މާތް ރަސޫލާގެ އަބުރުފުޅުގެ ޙިމާޔަތުގައި ބަސް ބުނާން ޖެހުމުން، ވީ އެންމެ މުޑުދާރު ގޮތުގައި ޚިޔާނާތެވެ. އިންޑިއާގެ މުސްލިމުންގެ ލޭގެ ޙުރުމަތް ކަނޑައިލި މޯދީއަށް އެތަނުން ދިނީ ދެވޭން އޮތް އެންމެ ބޮޑު ޢިއްޒަތެވެ. މީގެ އިތުރުން ވެސް އެތައް ޖަރީމާތަކެއް ނަވާރަވަނަ މަޖިލިހުން ހިންގި އިރު، އޭގެ ތެރެއިން އެންމެ ފަނާކުރަނިވި އެއް ޖަރީމާ އަކީ ދުސްތޫރީ ގޮތުން މިނިވަންކޮށް ހިނގާން ޖެހޭ ފަނޑިޔާރުގޭގެ މިނިވަންކަން މުޅީން ނެއްތައިލައި، ފަނޑިޔާރުގެ ހަލާކު ކޮށްލުމެވެ. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސްތައް ކަމުގައި ވާ މާތް ވެގެން ވާ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތާއި ތާރީޚާއި ދިވެހިވަންތަކަމުގެ އެންމެހައި އުންޞުރުތަކަށް މި މަޖިލިހުން ކުރީ އަނިޔާއެވެ. ޖުމްހޫރިއްޔަތާއި ދީމިޤްރާޠިއްޔަތުގެ އެންމެހައި އުޞޫލުތަކުގައި ވެސް ޖެހީ ނުހަނު ހުތުރުކޮށް ކޮޅުފައިންނެވެ. މިހާރު މި އޮތް ސަރުކާރުން، ދިވެހި ޤައުމު މޯދީ-ބީޖޭޕީ އިންޑިއާގެ އަޅުވެތިކަމަށް ވައްޓައިލައި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ޤުރުބާންގާހަށް ގެންދިޔަ އިރު ވެސް މަޖިލިހުން ފެނުނީ ޤައުމަށް ޚިޔާނާތްތެރި ވުމާއި ޣަދަރުވެރިކަމެވެ.

މިހެން ވީ ކީއްވެގެން ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި އެކިއެކި ވާހަކަތައް ދެއްކިދާނެއެވެ. ނަމަވެސް، އެންމެ މުހިއްމު ސަބަބަކީ، ރައްޔިތުންގެ މަޖިލިހަށް، ޤާނޫނު ހަދާ މަޖިލިހަށް އިންތިޚާބު ކުރުން ޙައްޤު މީހުންގެ ބަދަލުގައި، ޢިލްމެއް، އަޚްލާޤެއް، އަދި ޤައުމީ ޚިދުމަތުގެ ތަޖުރިބާއެއް ނެތް މީހުން އެ މަޖިލިހަށް ހޮވުމެވެ. އެހެންކަމުން، މަޖިލިސް އިޞްލާޙު ކުރުމަށް ޓަކައި ކުރާން އޮތް އެންމެ މުހިއްމު ކަމަކީ، ޢިލްމާއި އަޚްލާޤާއި ޤައުމީ ޚިދުމަތުގެ ތަޖުރިބާ ހުރި، ހަރު އަދި ހަރުދަނާ މީހުން މަޖިލިހަށް އިންތިޚާބު ކުރުމެވެ. މިއީ، ޝައްކެއް ނެތް ގޮތުގައި، ރައްޔިތުންގެ އަތްމަތީގައި އޮތް ބާރެކެވެ. ﷲ ގެ ރަޙުމަތްޕުޅާ އެކު ދިވެހި ޤައުމުގެ ނަވުގެ މިޞްރާބު ހެޔޮކަމާއި އިޞްލާޙާއި ރަނގަޅުގެ މަގަށް އަނބުރައިލެވޭނީ، ކުރިޔަށް އޮތް އިންތިޚާބުގައި ރައްޔިތުން މި ދެންނެވި ބާރު ހެޔޮ ގޮތުގައި ބޭނުން ކޮށްގެންނެވެ. ޢިލްމެއް، އަޚްލާޤެއް، ޤައުމީ ޚިދުމަތުގެ ތަޖުރިބާއެއް ނެތް ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، މި ދެންނެވި ސިފަތައް ހުރި ހަރުދަނާ އަދި ބަނިޔާދަން މީހުން މަޖިލިހަށް ހޮވައިގެންނެވެ.

މި ދެންނެވި ޙަޤީޤަތް ދިވެހި ގިނަ ރައްޔިތުންނަށް ވިސްނޭކަން، ފަހަކަށް އައިސް މީސްމީޑިއާ ފަދަ މަންސަތަކުގައި ފައުޅު ކުރެވެމުންދާ ޝުޢޫރުތަކާއި ރައުޔުތަކަށް ބެލުމުން ވެސް އެނގެއެވެ. ރައްޔިތުންގެ ވިސްނުމަކީ، ކުރީން ހެދިފައި ހުރި ގޯސްތައް ރަނގަޅު ކޮށް، އަންނަ އަހަރު އިންތިޚާބު ކުރެވޭ ވިހިވަނަ ރައްޔިތުންގެ މަޖިލިހަކީ ޢިލްމާއި އަޚްލާޤާއި ޚިދުމަތުގެ ތަޖުރިބާ ހުރި، ހަރުދަނާ މީހުންގެ މަޖިލިހަކަށް ހެދުންކަން އެނގެއެވެ.

މި ފުރުޞަތުގައި، ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ކުރެވޭ މީހުންގައި ހުންނާން ޖެހޭ ޝަރުޠުތަކަކީ ކޮބައިހެއްޔޭ މި ސުވާލާ މެދު ވާހަކަ ދައްކައިލުމަކީ މުނާސިބު ކަމެއް ކަމުގައި ދެކެމެވެ. އަޅުގަނޑުގެ ނަޒަރުގައި، ބުއްދި ސަލާމަތުން ހުރުމާއި ޙައްދުގެ ކުށެއް ނުވަތަ އެއްވެސް ކަހަލަ ޚިޔާނާތެއްގެ ކުށެއް އެމީހެއްގެ މައްޗަށް ދުވަހަކު ވެސް ސާބިތު ވެފައި ނުވުން ފަދަ ޝަރުޠުތަކުގެ އިތުރުން، މެންބަރުންގެ ކިބައިގައި ހުރުން ކޮންމެހެން ވެސް ލާޒިމު ފަސް ޝަރުޠެއް ވެއެވެ. ތިރީގައި މި ބަލައިލަނީ އެ ކަންކަމަށެވެ.

ފުރަތަމަ ޝަރުޠު – ހަރު މީހަކަށް ވުން

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ކިބައިގައި ހުންނާން ޖެހޭ ފުރަތަމަ ޝަރުޠެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ޢުމުރުން ދުވަސް ވެ ދިރިއުޅުމާއި ދުނިޔޭގެ ކަންކަމުގެ ތަޖުރިބާ ލިބިފައި ވާ ހަރު މީހަކަށް ވުމެވެ. މަޖިލިހުގެ މެންބަރުންނަކީ މި ދެންނެވި ތަޖުރިބާ ލިބިފައި ނެތް ޒުވާނުން ކަމުގައި ވަންޏާ، މަޖިލިހަކީ ހަރުދަނާ އަދި ޙިކުމަތްތެރި މަޖިލިހަކަށް ވުމަކީ ގާތްގަނޑަކަށް މުސްތަޙީލު ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ. ހަތަރު ފަސް ސަބަބަކާ ހުރެއެވެ. ކިތަންމެ މަތީ ފާހެއް ނަގައިގެން ހުރި ކިތަންމެ ތަޢުލީމީ ޒުވާނަކަށް ވެސް، އެމީހަކު ހޯދި ތަޢުލީމެއްގެ ޙަޤީޤީ މާނަތައް ފުރިހަމަ ގޮތުގައި ދޭހަ ވާނީ، އެ ތަޢުލީމާ އެކު ޢަމަލީ ދިރިއުޅުމުގެ މައިދާނުގައި އެކަށޭނަ މުއްދަތެއްގައި މަސައްކަތް ކުރުމުންކަން ޔަޤީނެވެ.

ރައްޔިތުންގެ މަޖިލިސް ފަދަ މުއައްސަސާއެއްގެ މެންބަރުކަމަށް ޒުވާނުން ލުމަކީ ރަނގަޅު ގޮތެއް ނޫންކަން، ބައެއް ނުކުތާތަކުގެ އަލީގައި ވިސްނައިލުމުން އިތުރަށް ސާފު ވެއެވެ.

ފުރަތަމަ ކަމަކަށް، ޢުމުރުން ދުވަސް ވެފައި ވާ އަދި ދިރިއުޅުމުގެ އެކިއެކި މައިދާންތަކުގައި ތަޖުރިބާ ލިބި ދުނިޔޭގެ އާޖުފާޖު ދަންނަ ހަރު މީހުންނާ ޚިލާފަށް، ކަންކަމުގައި ގޮތް ނިންމުމުގައި ޒުވާނުންނަކީ ވިސްނުމުގެ ދާއިރާ ހަނި، ޖަޒުބާތާއި ޝުޢޫރަށް ތަންކޮޅެއް ބޮޑަށް ބުރަ ވާ ބައެއްކަމަށް އެއްބަސް ވެވިފައި ވެއެވެ. ބަސް ބުނުމުގައި ވެސް، އަދި ޢަމަލު ކުރުމުގައި ވެސް، ޒުވާނުންނަކީ ހަރު މުސްކުޅީންނާ ޚިލާފަށް ޖަޒުބާތީ އަދި ޝުޢޫރީ ބަހާތަކަށް ހެއްލޭ ބައެކެވެ. މިއީ އެމީހުންގެ ނިންމުންތަކުގެ ހަރުދަނާކަން ވަރަށް ބޮޑަށް ކުޑަ ކޮށްލާ ކަމެކެވެ.

ދެވަނަ ކަމަކަށް، ޒުވާނުންނަކީ ތަޢުލީމީ މަރުޙަލާ ފުރިހަމަ ކޮށް، އަމިއްލަ ދިރިއުޅުމަކަށް ފައިނަގާ ޢުމުރުގެ ބަޔަކު ކަމުގައި ވާތީ، ޒުވާނެއްގެ ކުރިމަތީގައި އޮންނާނޭ އެންމެ ބޮޑު މަޞްލަޙަތަކީ އަދި މަޤްޞަދަކީ، އަމިއްލަ މާލީ ކުރިމަގު ބިނާ ކުރުމެވެ. އަމިއްލަ ޢާއިލާއެއް ބިނާ ކޮށް އެ ޢާއިލާގެ އިޤްތިޞާދީ ރައްކައުތެރިކަން ކަށަވަރު ކުރުމެވެ. އާމުދަނީ ހޯދައި، ފައިސާ ފަހަށް ރައްކައު ކޮށް، ގެދޮރު ހޯދައި، މަސައްކަތްތެރިކަމުގެ ކެރިއަރެއް ބިނާ ކޮށް ނުވަތަ ވިޔަފާރިއެއް ފަށައި، ދަރީންނަށް ތަޢުލީމު ހޯދައިދިނުން ފަދަ ބޮޑެތި ޚަރަދުތައް ކުރެވޭނެ ޤާބިލިއްޔަތު ހޯދުމުގެ މަސައްކަތެވެ. އަމިއްލަ މާލީ އަދި ޢާއިލީ ބިނާ ބިންގަލުން ފެށިގެން ތަނބުތަކުން ފައުރުތަކުން ގޮސް ފުރާޅާ ހަމަޔަށް ބިނާ ކުރުމުގެ މަސައްކަތެވެ. މިކަން މިހެން އޮތުމުން، ދެ ނަތީޖާއެއް ނުކުމެއެވެ. ފުރަތަމަ ނަތީޖާ އަކީ، ޒުވާނުންގެ ވިސްނުން ޤައުމާއި މުޖުތަމަޢުގެ މަޞްލަޙަތުތަކަށް ވުރެ ބޮޑަށް، ޒާތީ އަދި ޝަޚްޞީ ލަނޑުދަނޑިތަކަށް ފޯކަސް ކުރެވިފައި ހުރުމެވެ. ދެވަނަ ނަތީޖާ އަކީ، މި ދެންނެވި ކަންކަން ފުރިހަމަ ކޮށްގެން ތިބޭ ދުވަސް ވީ މީހުންނަށް ވުރެ ބޮޑަށް، ފައިސާގެ ދަޅަތަކަށް ހެއްލުމާއި ކޮރަޕްޝަނުގެ ވަސްވާސްތެރި ގޮވައިލުންތަކަށް ހެއްލުންތެރި ވުން ޒުވާނުންގެ ކިބައިގައި ނިސްބަތުން ބޮޑު ވުމެވެ.

ތިންވަނަ ކަމަކަށް، އިންސާނާގެ ބުއްދި އާއި ވިސްނުމާއި ފިކުރަކީ ޢުމުރުން ދުވަސް ވާ ވަރަކަށް، އަދި ދިރިއުޅުމުގައި އެކިއެކި ތަޖުރިބާތައް ކުރެވޭ ވަރަކުން، ތަރައްޤީ ވާ ކަންކަމެވެ. މަދަރުސާ އަދި ކޮލެޖާއި ޔުނިވަރުސިޓީގައި އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ހޯދަމުން ގޮސް ތަޢުލީމު ފުރިހަމަ ކުރާ ޒުވާނެއްގެ ކިބައިގައި ވެސް، ދިރިއުޅުމުގެ ތަޖުރިބާތަކާއި ޢިބުރަތްތަކުގެ ތެރެއިން ހޯދޭ ޙިކުމަތްތެރިކަމާއި ބުއްދިވެރިކަމެއް ނުހުންނާނެއެވެ. ޝައްކެއް ނެތް ގޮތުގައި، މުޖުތަމަޢުގެ ޤިޔާދަތުގެ އެންމެ މަތީ މަޤާމުތަކަށް މީހަކު ކުފޫ ހަމަ ވާނީ، ލިބި ހުރި ތަޢުލީމެއްގެ މައްޗަށް މި ދެންނެވި ފަދަ ޙިކުމަތްތެރިކަމާއި ބުއްދިވެރިކަން ލިބިފައި ހުރެގެނެވެ. މިއީ ޢުމުރުން ދުވަސްތަކެއް ވެގެން ނޫނީ ޙާޞިލު ކުރެވޭނެ އެއްޗެއްސެއް ނޫނެވެ. ދިރިއުޅުމުގެ މައިދާނުގައި އެކިއެކި ޙާލަތުތަކާއި މަކާނުތަކުގައި ކުރާ ތަޖުރިބާތަކުގެ ތެރެއިން މެނުވީ ޙާޞިލު ކުރެވޭނެ ކަންކަމެއް ނޫނެވެ. އަޅުގަނޑު ވެސް އެއްބަހެވެ. ޢުމުރުން ދުވަސް ވީ ކޮންމެ މީހަކީ އަދި ބުއްދިވެރިކަމާއި ޙިކުމަތްތެރިކަން ހުރި މީހެއް ކަމުގައި ނުވެދާނެއެވެ. އަދި، ވަރަށް ނާދިރު ގޮތެއްގައި، ޒުވާނަކު ވެސް ބުއްދިވެރިކަމާއި ޙިކުމަތްތެރިކަމުގައި މުޖުތަމަޢުގެ އިސް ސަފުގައި އުޅެލެވޭ ފަދަ ޤާބިލު މީހަކު ކަމުގައި ވެދާނެއެވެ. ނަމަވެސް، މިފަދަ ކަންކަމުގައި އަޅުގަނޑުމެން ބަލާން ވާނީ ޢާއްމުކޮން ކަން ހިނގާ ގޮތަށެވެ. އެހެންކަމުން، މުޖުތަމަޢުގެ ޤިޔާދަތަކީ ބުއްދިވެރިކަމާއި ޙިކުމަތްތެރިކަން ހުރި ޤިޔާދަތެއް ކަމުގައި ހެދުމަށް އަޅުގަނޑުމެން ބޭނުމިއްޔާ، އެ ޤިޔާދަތަށް ގެންނާން ޖެހެނީ ޢިލްމުގެ މައްޗަށް ތަޖުރިބާ ހޯދައި، ބުއްދިވެރިކަމާއި ޙިކުމަތްތެރިކަން މުޖުތަމަޢަށް ސާބިތު ކޮށްދީފައި ތިބޭ މީހުންނެވެ.

މި ދެންނެވި ނުކުތާތަކުގެ އަލީގައި، ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުގެ ޢުމުރުގެ ޝަރުޠާ މެދު އަޅުގަނޑަށް ފެންނަނީ، ޢުމުރުން އެންމެ މަދު ވެގެން ވެސް ސާޅީހަކަށް އަހަރު ނުވާ މީހަކު މަޖިލިހަށް ނުލުމެވެ. އެގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ވެސް ކުރުމެވެ. ކުރިޔަށް އޮތް މަޖިލިހަށް ވާދަ ކުރައްވާން ގަސްތު ކުރައްވައިގެން ތިއްބެވި ބެއިފުޅުންގެ ތެރެއިން، މި ޢުމުރު ހަމަ ނުވާ ބެއިފުޅުން ވެސް ޤައުމާ މެދު ވިސްނަވައި، ނިންމުން ބަދަލު ކުރައްވައި، ތަންކޮޅެއް ފަހަށް މަޑު ކޮށްލެއްވުމެވެ. ރައްޔިތުން ވޯޓު ދިނުމުގައި ވެސް މި ނުކުތާއާ މެދު ވިސްނައިވަޑައިގަތުމެވެ.

ދެވަނަ ޝަރުޠު – ޢިލްމީ އަދި ދިރާސީ ޤާބިލިއްޔަތު

ޢިލްމީ އަދި ދިރާސީ ޤާބިލުކަން ހުރުމަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ކިބައިގައި ކޮންމެހެން ވެސް ހުރުން ލާޒިމު ޝަރުޠެކެވެ. ރައްޔިތުންގެ މަޖިލިހުގައި މެންބަރުން ކުރާން ޖެހޭ މަސައްކަތަކީ ޤާނޫނު ހެދުމާއި، ތަޢުލީމާއި ޞިއްޙަތާއި އިޤްތިޞާދާއި ސަލާމަތީ ޚިދުމަތްތަކާއި ތިމާވެއްޓާއި ޤާނޫނު ތަންފީޛު ކުރުމާއި އަދިވެސް އެހެން އެތައް ދާއިރާތަކަކުން ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމުގައި ވާއިރު، ޢިލްމު ހުރެ އަދި ކަންކަން ޢިލްމީ މަންހަޖުގެ ތެރެއިން ދިރާސާ ކޮށް ހޯދައި ބެލުމާއި ތަޙްޤީޤު ކުރުމުގެ ޤާބިލުކަން ނެތް ބަޔަކު އެ މަޖިލިހުގެ މެންބަރުކަން ކުރުމަކީ ކޮންފަދަ ލަޢުނަތެއް ތޯއެވެ؟ ޤައުމަށް ލައިގަންނަ ކޮންފަދަ ބޮޑު ބަދުނަޞީބެއްތޯއެވެ؟

ޢިލްމީ އަދި ދިރާސީ ޤާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ މިނެކިރާނެ ނުވަތަ ބަލާނެ މިންގަނޑެއްގެ ވާހަކަ ދައްކާ އިރު، އެންމެންގެ ވެސް ވިސްނުން ފުރަތަމަ ހުއްޓޭނީ މީހާގެ އަތުގައި ޔުނިވަރުސިޓީ ޑިގުރީއެއް އޮތްތޯ ނުވަތަ ނޫންތޯ މި ސުވާލަށެވެ. މީގެ ޒަމާންތަކެއް ކުރީން، ޑިގުރީއެއް އޮތުމަކީ މީހެއްގެ ޢިލްމީ ޤާބިލިއްޔަތުގެ ވަރަށް ރަނގަޅު ގަރަންޓީއެކެވެ. ނަމަވެސް މިހާރު ކަން އޮތީ އެހެނެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި މަތީ ތަޢުލީމަކީ ވިޔަފާރިއަކަށް ވެ، ކޮލެޖުތަކޭ ކިޔައިފައި ހުރި ތަންތަނަކީ ސެޓުފިކެޓު މާރުކޭޓުތަކަކަށް ވަނީ ވެފައެވެ. ގިނަ ދަރިވަރުން ކޯސްތަކަށް ވައްދަނީ އެ ކޯސްތައް ފުރިހަމަ ކުރުމަށް ބޭނުންވާ ޢިލްމީ ޝަރުޠު ފުރިހަމަ ވޭތޯ ނުވަތަ ނޫންތޯ ވެސް ނުބަލައެވެ. އެތައް ދަރިވަރުންނެއް ކޯސް ފުރިހަމަ ކުރަނީ ފައިސާ ދީގެން އެހެން މީހުން ލައްވައި އެސައިންމެންޓު ހައްދައިގެނެވެ. ހަތަރު ފަސް އަހަރުން ނޫނީ ފުރިހަމަ ނުކުރެވޭނޭ ކޯސްތައް ދެ އަހަރުން ތިން އަހަރުން ނިންމައިލާތަން އެބަ ފެނެއެވެ. އުސްތާޒަކާ ބައްދަލު ނުވެ އޮންލޭނުކޮށް ހުރިހާ ގަޑިތަކެއް ނަގައިގެން ވެސް ޑިގުރީ ނަގާ ކަމަށް ޚަބަރު ލިބެއެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން، ކޮލެޖަކުން ޑިގުރީއެއް ހިފައިގެން ގައުނެއް ލައިގެން ނުކުތުމަކީ މީހެއްގެ ޢިލްމީ ޤާބިލިއްޔަތު އަންގައިދޭ ކަމެއް ކަމުގައެއް މިހާރަކު ނުވެއެވެ.

ޙަޤީޤީ ޢިލްމަކީ މީހާގެ އަތުގައި އޮންނަ ކަރުދާސްގަނޑެއް ނޫނެވެ. ޔުނިވަރުސިޓީއަކަށް ނުދިޔަޔަސް، ﷲ ދެއްވެވި ޠަބީޢީ ޢިލްމީ ޤާބިލިއްޔަތުގެ ބިންގަލުގެ މަތީގައި، ފޮތްތައް ކިޔައި ދިރާސާ ކޮށްގެން އަދި ދަރުސްތައް އަޑު އަހައިގެން ޢިލްމީ ކެރިފޯރުންތެރިކަން ވަރަށް މަތީ ދަރަޖައެއްގައި ހޯދައިފައިވާ މީހުން ޚުދު އަޅުގަނޑުމެންގެ ތެރޭގައި ވެސް މަދެއް ނޫނެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލިހަށް ކުރިމަތި ލާ މީހެއްގެ ޢިލްމީ ޝަރުޠު ކަނޑައެޅުމުގައި، އަޅުގަނޑު ދެކޭ ގޮތުގައި، ދެ މިންގަނޑަކުން މީހާ ފާސް ވާ ގޮތަށް ބޭއްވިދާނެއެވެ. ފުރަތަމަ މިންގަނޑަކީ ޔުނިވަރުސިޓީއަކުން ފުރަތަމަ ޑިގުރީ ހޯދުމަށް ފަހު، ހަމަ އެ ދާއިރާއިން މާސްޓަރޒް ޑިގުރީ ވެސް ހޯދައި، ހަމަ އެ ދާއިރާގައި ދިހަ ވަރަކަށް އަހަރު މަސައްކަތް ކޮށްފައި ވުމެވެ. މި މިންގަނޑުން ޝަރުޠު ފުރިހަމަ ނުވާ ނަމަ، ވަކި ދާއިރާއެއްގައި ވިއްސަކަށް އަހަރު މަސައްކަތް ކޮށްފައި ހުރުމާ އެކު، އެ ދާއިރާއިން އެ މީހަކު ލިޔެ ޝާއިޢު ކޮށްފައި ވާ ޢިލްމީ މަޒުމޫނުތަކާއި ފޮތްތަކާއި ދީފައި ވާ ޢިލްމީ ތަޤްރީރުތަކުގެ ވަސީލަތުން ތިމާ އަކީ ޢިލްމީ ޤާބިލުކަން ހުރި މީހެއްކަން ސާބިތު ކޮށްދީފައި އޮތިއްޔާ ވެސް، ޢިލްމީ ޤާބިލުކަން ހުރި ކަމަށް ބަލާނީއެވެ.

މިހާރަކަށް އައިސް، މީސްމީޑިއާގައި ވަރަށް ގިނަ ދިވެހީން ފައުޅު ކުރަމުން ގެންދާ ޝުޢޫރުތަކާއި ޚިޔާލުތަކުން ފެންނަ ގޮތުގައި، ރައްޔިތުންގެ މަޖިލިހަށް ޢިލްމީ ގޮތުން ޤާބިލު މީހުން ގެނައުމަކީ ރައްޔިތުންގެ ގިނަ ބަޔަކު ވަރަށް ބޮޑަށް އެދޭ ކަމެކެވެ. މީގެ ސަބަބަކީ ދިވެހީންނަކީ ޢިލްމަށް ލޯބި ކުރާ ބަޔަކަށް ވުމެވެ. ﷲ އަށް ޙަމްދު ހުއްޓެވެ! އަޅުގަނޑުމެންގެ ރައީސް މުންތަޚަބް ވެސް ވަނީ ދައުލަތުގެ މަޤާމުތަކަށް ލައްވަވާނީ ޢިލްމީ ބެއިފުޅުން ކަމުގައި ވިދާޅުވެފައެވެ. އެ މަގަށް ސިޔާސަތު ގެންދެވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަނިކުފާނަށް ތައުފީޤު ދެއްވާށިއެވެ! ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ވެސް އެ ކަމުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަކީ ރައްޔިތުން އެދޭ ގޮތްކަން ކަށަވަރެވެ. އެޔާއެކު، އަޅުގަނޑުމެން ޢަޒުމު ކަނޑައަޅާން ވީ، ވިހިވަނަ ރައްޔިތުންގެ މަޖިލިހަކީ ރާއްޖޭގެ ތާރީޚު ދެކޭ އެންމެ ޢިލްމީ މަޖިލިސް ކަމުގައި ހެދުމަށެވެ.

ތިންވަނަ ޝަރުޠު – ޤައުމީ ޚިދުމަތުގެ ތަޖުރިބާ

ރައްޔިތުންގެ މަޖިލިހަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި މަސައްކަތް ކުރާ އެންމެ މުހިއްމު އެއް މުއައްސަސާއެވެ. އެތަނުގައި ތިބޭން ވާނީ ޤައުމު ދެކެ ލޯބި ވާ، އެ ލޯބި ޢަމަލީ ގޮތުން ސާބިތު ކޮށްދީފައި ވާ މީހުންނެވެ. ތިމާމެންނަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ލިބިހުރި ހުނަރުތަކެއް ނުވަތަ ޤާބިލިއްޔަތެއް، ޤައުމީ ޚިދުމަތަށް ތަޚްޞީޞް ކޮށްދީފައިވާ މީހުންނެވެ. ޤައުމު ބިނާ ކުރުމުގައި ހެޔޮ ގޮތުގައި ބައިވެރި ވެފައިވާ މީހުންނެވެ. މި ނުކުތާއަށް ވިސްނުމުން، އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުގެ އަސާސީ އެއް ޝަރުޠަކަށް ވާން ޖެހޭނީ އެ މީހެއްގެ ދާއިރާއިން ޤައުމަށް ފާހަގަ ކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރުމުގެ ރަނގަޅު ރިކޯޑެއް އޮތުމެވެ. ދައުލަތުގެ ވަޒީރުކަން، ފަނޑިޔާރުކަން، ސިފައިންގެ ޚިދުމަތް، ފުލުހުންގެ ޚިދުމަތް، ޔުނިވަރުސިޓީތަކާއި ކޮލެޖުތަކާއި މަދަރުސާތަކުގައި އެދުރުކަން، އިޤްތިޞާދާއި މާލިއްޔަތާއި ޞިއްޙީ ދާއިރާ ފަދަ ދާއިރާތަކުގެ އިސް މަޤާމުތައް ފަދަ މަސްއޫލިއްޔަތުތަކުގައި ހެޔޮ ގޮތުގައި ޤައުމަށް ޚިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާ ބެއިފުޅުންނަކީ، މިސާލުތަކެއް ދަންނަވަންޏާ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އެންމެ ކުފޫހަމަ ވާނޭ ބެއިފުޅުންނެވެ.

މި ޝަރުޠުގެ ވާހަކަ ދައްކާ އިރު، ޤައުމަށް ޚިދުމަތް ކުރުން ކަމުގައި ބެލެވޭނީ ކޮން ކަހަލަ ގޮތަކަށް ކޮން ވަޒީފާއެއްގައި މަސައްކަތް ކޮށްފައި ހުރިއްޔާހޭ، އަދި ޚިދުމަތުގެ ވަކި ދާއިރާތަކެއް ހިމެނޭ ގޮތުން މި ޝަރުޠުގެ ޙުދޫދުތަކެއް ކަނޑައެޅިދާނެހޭ، މިއީ މުހިއްމު ސުވާލުތަކެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ގޮތް ނިންމާން ޖެހޭ ސުވާލުތަކެވެ.

ހަތަރުވަނަ ޝަރުޠު – ޤައުމަށް ވަފާތެރިކަން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން، ދައުލަތުގެ ވަޒީރުން، ކޯޓުތަކުގެ ފަނޑިޔާރުން، ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކުގެ އިސް ވެރީން، އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ކިބައިގައި ހުންނާން ޖެހޭ އެންމެ މުހިއްމު އެއް ސިފައަކީ ދިވެހި ޤައުމާއި ޤައުމިއްޔަތަށް މުޠުލަޤު ގޮތެއްގައި ވަފާތެރި ވުމުގެ ސިފައެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު ކަންތައްތަކަކީ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސަގާފަތާއި، ދިވެހި ޤައުމުގެ ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަމާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާއި، ދިވެހި ދުސްތޫރެވެ. މިއިން ކަމެއް ގެއްލިދިޔުމަކީ، ދިވެހި ޤައުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމާއި ނިކަމެތިކަމާއި ހަލާކު މެދުވެރި ކުރާނޭ ސަބަބެކެވެ.

ކަން މިހެން އޮތުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޝަރުޠުތަކުގެ ތެރޭގައި ވެސް ހިމެނުން އެންމެ މުހިއްމު އެއް ޝަރުޠަކީ، މެންބަރުކަމަށް ކުރިމަތި ލައި އިންތިޚާބު ކުރެވޭ މީހަކީ އެ މީހެއްގެ ކިބައިން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މި ދެންނެވި އަސާސުތަކުގެ ތެރެއިން އެއްވެސް އަސާސަކާ މެދު ކުޑަ ނަމަވެސް އިހާނެތިކަމެއް ނުވަތަ ޚިޔާނާތްތެރިކަމެއް ފެނިފައި ވާ މީހަކަށް ނުވުމުގެ ޝަރުޠެވެ. އެއިން އަސާސަކާ މެދު ކުޑައިމީސް ކުރުމުގެ ބަސްތަކާއި ޢަމަލުތައް އެ މީހެއްގެ ކިބައިން ފެނިފައި ވާ މީހަކަށް ނުވުމުގެ ޝަރުޠެވެ. އެއިން ކަމަކަށް ޚިޔާނާތްތެރި ވެ ބޭވަފާތެރި ވެދާނޭކަމަށް އެކަށީގެންވާ ފަދަ ގޮތެއްގައި ޝައްކު ވެސް ކުރެވޭ ކަމެއް އެމީހަކާ މެދު ފެނިފައި ނުވުމުގެ ޝަރުޠެވެ. ބައެއް މިސާލުތައް ދަންނަވަންޏާ، މާތް ވެގެންވާ އިސްލާމް ދީނަށް ކުޑައިމީސްކޮށް ވާހަކަ ދައްކާ މީހުންނާއި، ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރެވޭ އަނިޔާތަކާ މެދު ރުހުމުގެ ބަސްތައް ބުނެފައި ވާ ނުވަތަ އެފަދަ އަނިޔާތައް ހިންގާ ޤައުމުތަކުގެ ދިފާޢުގައި ވާހަކަ ދައްކާ މީހުންނާއި، ދިވެހި ބަހަކީ އުވައިލާން ޖެހޭ އެއްޗެއް ކަމަށް ބުނާ މީހުންނާއި، ދިވެހިރާއްޖެ ފިޔަވައި އެހެން ޤައުމެއްގެ ރައްޔިތުކަން އެއްވެސް އިރަކު ހޯދައި ގެންގުޅެފައި ވާ މީހުންނަކީ އަޅުގަނޑުމެންގެ ދައުލަތުގެ އިސް މަޤާމުތަކަށް އަޔަދީގެން ވާނޭ ބައެއް ނޫންކަން ފާހަގަ ކުރަމެވެ.

ފަސްވަނަ ޝަރުޠު – އަޚްލާޤު

ޝައްކެއް ނެތް ގޮތުގައި، ޤައުމެއްގެ ދިރުމާއި ހެޔޮކަމުގެ މައިގަނޑު އެއް އުންސުރަކީ ރިވެތި އަޚްލާޤެވެ. އެ ޤައުމަކުން އަޚްލާޤު ނެތިއްޖެ ޤައުމެއް، ދެމިއެއް ނޯންނާނެއެވެ. އަޚްލާޤު ނެތިއްޖެ ޤައުމެއްގައި ހުތުރު ވެގެން ވީހައި ކަމަކާއި ނުބައި ވެގެން ވީހައި ކަމެއް ފެތުރި އިސާހިތަކު އެ ޤައުމެއް ފަނާ ވެދާނެއެވެ. މި ޙަޤީޤަތަކީ ރަސޫލު ބެއިކަލުންގެ ތަޢުލީމާތުގެ އިތުރުން، ދުނިޔޭގެ ފަލްސަފާވެރި މުފައްކިރުންނާއި ޢާލިމުންނާއި ހެޔޮ ވިސްނޭ އެންމެހައި މީސްތަކުން ޤަބޫލު ކުރާ ޙަޤީޤަތެކެވެ. ޚާއްޞަ ގޮތެއްގައި، ޤައުމެއްގެ އިސް މަޤާމުތަކުގައި ތިބޭ މީހުންނަކީ ހެޔޮ އަދި ރިވެތި އަޚްލާޤެއްގެ ވެރި ބަޔަކު ކަމުގައި ވާން ޖެހެއެވެ. ޚުލްޤު ހެޔޮ ބަޔަކު ޤައުމުގެ ޤިޔާދަތުގައި ތިބެގެން މެނުވީ، ޤައުމުގެ އެހެން މީހުންނަށް، ޚާއްޞަކޮށް ބޮޑެތި ވަމުން އަންނަ ޅަ ޖީލުތަކަށް، ރިވެތި އަޚްލާޤުގެ މަގެއް ނުދެއްކޭނެއެވެ.

ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަކީ އަޚްލާޤީ ގޮތުން ސިފަ ނުކުރެވޭހައި ދަށު ދަރަޖައަކަށް ވެއްޓިފައިވާ މަޖިލިހެކެވެ. މަދު ބެއިފުޅުންކޮޅެއް އިސްތިސްނާ ވިޔަސް، އެ މަޖިލިހުގައި ގިނައީ އިންސާނީ އަޚްލާޤާއި އިޙްސާންތެރިކަމުގެ ތަރާދުގައި ކުނަމެއްސެއްގެ ބުރަދަން ވެސް ނެތް މީހުންނެވެ. އެމީހުންގެ ގާތުގައި މީހުންނަށް އެއްޗެތި ގޮވުމާއި، ދޮގު ހެދުމާއި، މަކަރާއި ޙީލަތް ހެދުމާއި، ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، މީހުންގެ އަބުރު ކަތިލުމާއި، ޚިޔާނާތާއި ފަސާދައިގެ ޢަމަލުތައް ހިންގުމާއި، ހުވަޔަށް ޣަދަރުވެރި ވުމާއި، ވަޢުދު އުވައިލުމާއި، އެއް ފަހަރު ކީ އެއްޗަކާ މުޅީން އިދިކޮޅަށް އަނެއް ފަހަރު ވާހަކަ ދެއްކުމާއި، ހުތުރު ބަހުރުވަ ބޭނުން ކުރުމާއި، އެކަކު އަނެކެއްގެ ގަޔަށް ބޮލަށް އަރައިގަތުން ފަދަ އެންމެހައި ކަންކަމަކީ، އެއްވެސް ލަދުވެތިކަމެއް ޖެހިލުމެއް ނެތި ކުރެވޭނޭ ކަންތައްތަކެވެ. ދިވެހި އެތައް ރައްޔިތުން ހިތްދަތިކަމާ އެކު ބުނަމުން ގެންދާ ގޮތުގައި، ކުޑަ ކުއްޖަކު ގޮވައިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބަލާން ޓީވީދޮށުގައި އިނުމަކީ މިހާރު ކުރާން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ.

ކަން މިހެން ހުރުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުގެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކަށް ވާން ޖެހެނީ އެ މީހަކީ ވާހަކަ ދެއްކުމާއި ޢަމަލު ކުރުމުގައި، ޚުލްޤު ހެޔޮ އަދި ބަނިޔާދަން މީހަކު ކަމުގައި ވުމެވެ.

ޚާތިމާ

ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް ނާޤާބިލު އަދި ކުފޫހަމަ ނޫން މީހުން އައުމަށް މެދުވެރި ވަނީ އެތައް ސަބަބުތަކާ ހުރެއެވެ. މައިގަނޑު އެއް ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޕާޓީތަކުގެ ދޯދިޔާކަމެވެ. އެ ޕާޓީތަކުގެ ލީޑަރުންގެ ދޯދިޔާކަމެވެ. ޕާޓީތަކުން މަޖިލިހަށާއި ކައުންސިލުތަކަށް ކެންޑިޑޭޓުން ކަނޑައަޅާ އިރު، ނާޤާބިލު މީހުންނަށް ފުރުޞަތު ލިބޭ ގޮތަށް ޢަމަލު ކުރުމެވެ. ޤައުމުގެ ފައިދާއަށް ނުވިސްނައި، ޕާޓީ ލީޑަރުންނާއި އެމީހުންގެ އަޢުވާނުން އެކްޓިވިސްޓުންގެ އަމިއްލަ މަޞްލަޙަތުތަކާއި ޒާތީ ސިޔާސީ އެޖެންޑާތަކަށް އިސްކަން ދިނުމެވެ. ނަމަވެސް، މި މައްސަލައިގައި އެންމެ ބޮޑު ޒިންމާއެއް އަދާ ކުރާން ޖެހޭ ބަޔަކީ އަޅުގަނޑުމެން ރައްޔިތުންނެވެ. ރައްޔިތުން އިންތިޚާބުތަކުގައި ވޯޓު ލުމުގައި، ނާޤާބިލު އަދި ކުފޫހަމަ ނޫން މީހުންނަށް ނޫނެކޭ ބުނާން ވީއެވެ. ޕާޓީން ދެއްކި ކޮންމެ މީހަކަށް ވޯޓު ލުމުގެ ބަދަލުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ވިސްނައިގެން ތިމާމެންގެ ދީނީ، ޤައުމީ އަދި އަޚްލާޤީ ޒިންމާ ހެޔޮ ގޮތުގައި އަދާ ކުރާން ވީއެވެ. ޢިލްމެއް، އަޚްލާޤެއް، ތަޖުރިބާއެއް ނެތް، ޤައުމަށް ވަފާތެރި ނޫން މީހުން ޤައުމުގެ ޤިޔާދަތަށް ހޮވުމުގެ ސަބަބުން އެކިއެކި ގޮތްގޮތުން ޤައުމާއި ރައްޔިތުންނަށް ލިބޭ އަދި ކުރިޔަށް އޮތް ތަނުގައި ލިބޭނޭ ބޮޑެތި ދެރަތަކާއި ގެއްލުންތަކާ މެދު ފުންކޮށް ވިސްނާން ވީއެވެ. މި ގޮތުގެ މަތީން، މުޖުތަމަޢުގައި ތިބޭ އެންމެ ޤާބިލު އަދި އެންމެ ރަނގަޅު މީހުން ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ކުރުމަށް ރައްޔިތުން އިސް ނަގައި ޒިންމާ އަދާ ކޮށްގެން މެނުވީ ޤައުމަށް ހެޔޮ ކުރިމަގެއް ނެތެވެ.

ހަމަ އެޔާއެކު، ޤާނޫނުއަސާސީއަށް ވެސް ބައެއް އިޞްލާޙުތައް ގެނައުން މުހިއްމެވެ. ދުސްތޫރީ އަދި ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް އިޞްލާޙު ކުރުމަށް ޓަކައެވެ.

ފާހަގަ ކޮށްލާން ޖެހޭ މުހިއްމު އެއް ނުކުތާއަކީ، މެންބަރުންގެ ކިބައިގައި ހުންނާން ޖެހޭ ކަމަށް އަޅުގަނޑު ދެންނެވި ބައެއް ޝަރުޠުތަކަކީ ދުސްތޫރީ އަދި ޤާނޫނީ ޝަރުޠުތަކެއްގެ ގޮތުގައި ތަންފީޛު ކުރާން ދަތި ވާނޭ ކަންތައްތަކެއް ކަމެވެ. މިސާލަކަށް، މެންބަރެއްގެ ޢުމުރުން މަދު ވެގެން މީލާދީ ގޮތުން ސާޅީސް އަހަރު ވެފައި ވާން ޖެހޭނޭ ކަމަށް ޝަރުޠެއްގައި ލިޔެފައި، ނުހަނު ފަސޭހައިން އެކަން ތަންފީޛު ކުރެވިދާނެއެވެ. މީހާގެ އުފަން ދުވަހުގެ ސެޓުފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުން، މީހާގެ ޢުމުރު އޮޅުމެއް ނެތި އެނގޭން އޮންނާނެތާއެވެ! އެޔާ ޚިލާފަށް، މިސާލަކަށް، މީހެއްގެ ކިބައިގައި ޤައުމަށް ވަފާތެރިކަމުގެ ސިފަ ހުރިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ހުރިހައި ޙާލަތެއްގައި ފަސޭހަ، އަދި ޤާނޫނީ ތަރާދުގައި ކިރައިގެން ނިންމާކަށް ފަސޭހަ ނިންމުމެއް ކަމުގައި ނުވާނެއެވެ. މީހަކީ އަޚްލާޤު ރަނގަޅު، ވާހަކަ ދެއްކުމާއި ޢަމަލު ކުރުމާއި އުޅުމާއިގުޅުންތަކުގައި އިޙުސާންތެރި މީހެއްތޯ ދެނެގަތުން ވެސް ހަމަ އެފަދައިން، ބައެއް ޙާލަތުތަކުގައި ވަރަށް އުނދަގޫ ވެދާނެއެވެ. އެހެންކަމާ އެކުގައިމެ، ޤާނޫނުއަސާސީގައި މި ޝަރުޠުތައް ވެސް ހިމެނުން މުހިއްމެވެ. އެޔާއެކު، މެންބަރުންގެ ކިބައިގައި މި ދެންނެވި ދެ ޝަރުޠު ފުރިހަމަ ވާކަން ކަށަވަރު ކުރުމަށް ޓަކައި އެޅިދާނެ ބައެއް އެހެން ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެއް ފިޔަވަޅަކީ، މިއިން ޝަރުޠެއް މެންބަރެއްގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ރައްޔިތުންގެ ތެރެއިން އެކަށީގެންވާ ފަދަ ޢަދަދެއްގެ މީހުންނަށް ޤަބޫލު ކުރެވިގެން ޕެޓިޝަނެއް ފަދަ އެއްޗެއް ހުށައެޅުމުން، ރިކޯލް ވޯޓަކަށް ދިޔުމުގެ އުޞޫލު ތަޢާރަފު ކުރުމެވެ. ދެވަނަ ފިޔަވަޅަކީ، މިއިން ޝަރުޠެއް މެންބަރެއްގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް މަޖިލިހުގެ ކަނޑައެޅޭ ޢަދަދެއްގެ މެންބަރުންނަށް ޤަބޫލު ކުރެވޭ ޙާލަތުގައި، މަޖިލިހުގެ ކަރާމާތާއި ޙުރުމަތާއި އިތުބާރު ރައްކައުތެރި ކުރުމަށް ޓަކައި އެ މެންބަރަކު މަޖިލިހުން ބޭރު ކުރުމަށް މަޖިލިހަށް ދުސްތޫރީ ގޮތުން ބާރު ދިނުމެވެ. މިއީ ދުނިޔޭގެ ހަރުދަނާ ދުސްތޫރީ ނިޒާމުތަކުގައި ގެންގުޅޭ އުޞޫލުތަކެވެ.

މި ވާހަކަތަކާ އެކު، އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނޭ ކަމަކީ، ދިވެހި ޤައުމު ވެއްޓިފައިވާ ފިކުރީ، ޢިލްމީ، އަދި އަޚްލާޤީ އަނދަވަޅުން ޤައުމު ނަގައި، ޤައުމަށް ފަހި ކުރިމަގެއް ހޯދުމަށް ޓަކައި ކުރާން ޖެހޭ އެންމެ މުހިއްމު ކަމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ހެޔޮ ތަޢުލީމާއި ރިވެތި އަޚްލާޤުގެ މައްޗަށް އަޅުގަނޑުމެންގެ ރައްޔިތުން ހެއި އަރުވައި، ދަރީން ތަރުބިއްޔަތު ކުރުންކަމެވެ. ޤައުމާ މެދު ވިސްނައި، ޤައުމުގެ މަޞްލަޙަތުތަކަށް ރައްކައުތެރި ވެ، ދިވެހިވަންތަކަމާއި ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ރައްޔިތެއް ދިވެހި ޤައުމުގައި އުފެއްދުން ކަމެވެ.

ކުރިޔަށް މި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ހަރު، ޢިލްމީ ގޮތުން ޤާބިލު، ޤައުމީ ޚިދުމަތުގެ ތަޖުރިބާ ހުރި، ޤައުމަށް ވަފާތެރި، އަދި އަޚްލާޤު ރަނގަޅު މެންބަރުން ހޮވުމަށް ޓަކައި މި ވަގުތު އަޅުގަނޑުމެންނަށް ކުރެވޭން އޮތީ އެންމެ ކަމެކެވެ. އެއީ ކޮންމެ ރަށެއްގައި ވެސް ޤައުމު ދެކެ ލޯބިވާ މީހުން އިންތިޒާމު ވެގެން ތަޙްރީކުތަކެއް އުފައްދައި، އެ ރަށެއް ހިމެނޭ ދުސްތޫރީ ދާއިރާ ތަމްސީލު ކުރުމަށް ޓަކައި މި ދެންނެވި ޝަރުޠުތައް ފުރިހަމަ ވާ ކެންޑިޑޭޓުން މެނުވީ ނުނެރުމަށް އެ ތަޙްރީކުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ޕްރެޝަރު ކުރުމެވެ. މި ޝަރުޠުތައް ފުރިހަމަ ނުވާ ކެންޑިޑޭޓުން އިންތިޚާބަށް ކުރިމަތި ލާން މަސައްކަތް ކުރަންޏާ، އެމީހުންނަށް ނަސޭހަތްތެރި ވެ އެކަން ނުކުރުމަށް ބާރު އެޅުމެވެ. މި ޝަރުޠުތައް ފުރިހަމަ ވާ ކެންޑިޑޭޓުންނަކީ ކޮބައިކަން ހޯދައި ބަލައި، އެއީ ކޮން ބައެއްކަން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ބުނެދިނުމެވެ. ވިހިވަނަ މަޖިލިހަކީ ޢިލްމީ ގޮތުން ޤާބިލު، ހަރު އަދި ތަޖުރިބާކާރު އިސްވާރުންގެ މައްޗަށް އެކުލެވޭ، ޤައުމީ ޚިދުމަތުގައި ފާހަގަ ކޮށްލެވޭ ބެއިފުޅުން ތިއްބަވާ، ޤައުމަށް ވަފާތެރި، އަދި ދިވެހި އިސްލާމީ މުޖުތަމަޢު ޤަބޫލު ކުރާ ރިވެތި އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ މަޖިލިހަކަށް ހެދުމަށް މުޅި ޤައުމުގެ ހުރަހަށާއި ދިގަށް ވަރަށް ވަރުގަދަ ޤައުމީ ކެންޕޭނެއް ހިންގުމެވެ. ދިވެހިރާއްޖެ މި ވަގުތު މިއޮތީ ހަތަރު އަނގޮޅިއެއްގައި ކަމާއި، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ނާޤާބިލު، ޚުލްޤު ނުބައި، ޚިޔާނާތްތެރި ބަޔަކު މަޖިލިހަށް އަތުވެއްޖެ ޙާލަތެއްގައި ޤައުމު ސަލާމަތް ނުކުރެވޭނެކަން އެއްވެސް ދިވެހި ރައްޔިތަކު ހަނދާން ނައްތައިލައިގެން ނުވާނޭ ވާހަކަ ތަކުރާރު ކުރަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް