ސިޔާސީ ކަންކަމާއި ޤާނޫނާ ބެހޭގޮތުން ދިވެހި މީޑިއާއިން ދޭތެރެދޭތެރެއިން ވަރަށް ޝައުގުވެރި ކުރުވަނިވި ޚަބަރުތަކާއި ވާހަކަތައް ފެނެއެވެ. އެފަދަ އެއް ޚަބަރު ފެނުނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޚަބަރުގައި އޮތީ، އަޣްލަބިއްޔަތަށް ތަބަޢަ ވުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލިހުގެ މެންބަރު ޢަލީ ނިޔާޒަށް ޑިމޮކްރަސީގެ ތިޔަރީ ނޭނގޭ ކަމަށް، އެ މަޖިލިހުގެ ނާއިބުރައީސްކަމުގެ ގޮނޑީގައި ޤާނޫނުއަސާސީއާ ޚިލާފަށް އިންނަވާ އީވާ ޢަބްދުﷲ ވިދާޅުވި ވާހަކައެވެ. އީވާ ވިދާޅުވި ގޮތުގައި، ޑިމޮކްރަސީ އަކީ އަޣްލަބިއްޔަތަށް ހުރިހައި ފަހަރަކު ތަބަޢަ ވުމެއް ނޫނެވެ. މުޖުތަމަޢުގެ ބައިމަދު ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކައުތެރި ކޮށްދިނުމަކީ ވެސް ޑިމޮކްރަސީގެ ޟަރޫރީ ބައެކެވެ.
ވަރަށް އަޑު އަހައިލާން ރީތި ވާހަކައެކެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤަތް ބާވައެވެ! އީވާ ޢަބްދުﷲ އަށް ޔޫނާނީ ފަލްސަފާވެރީންނާއި، ޔޫރަޕުގެ "އަސުރު ތަންވީރު" ގެ މުފައްކިރުންނާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މުއައްސިސުންނަށް (Founding Fathers) ވުރެ ވެސް ބޮޑަށް ޑިމޮކްރަސީގެ ތިޔަރީ އެނގިވަޑައިގަންނަވަނީ ބާވައެވެ!
* * * *
މި ލިޔުން ވީހައި ވެސް ކުރު ކުރުމަށް ޓަކައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މުއައްސިސުންގެ ވާހަކަ އެކަނި ދައްކަމާ ހިންގަވާށެވެ!
އެމެރިކާގެ މުއައްސިސުންގެ އަޣްލަބިއްޔަތުގެ ދުސްތޫރީ ފިކުރު އެ މަޞްދަރަކުން ފެންނަ އެންމެ މުހިއްމު މަޞްދަރަކީ "ފެޑްރަލިސްޓް" މަޒުމޫނުތަކެވެ. އޭގެ 10 ވަނަ، 14 ވަނަ، އަދި 58 ވަނަ މަޒުމޫނު ކިޔައިލުމަށް ފަހު، ދެން އެމެރިކާގެ ޤާނޫނުއަސާސީ ވިސްނުންތެރިކަމާ އެކު ބަލައިލުމުން، އެމެރިކާގެ މުއައްސިސުންގެ ގިނަ ބެއިފުޅުން "ޑިމޮކްރަސީ" އަކީ ރަނގަޅު ނިޒާމެއް ކަމަށް ދެކެވަޑައިނުގަންނަވާކަން އެނގެއެވެ. ދުސްތޫރީ މުޢުތަމަރުގައި ޖޯރޖް މޭސަން "ޑިމޮކްރެސީ" ސިފަ ކުރެއްވީ އެ ނިޒާމެއްގެ ސަބަބުން ޒުލްމުވެރިކަމާއި ބޭއިންސާފު ތަޙައްމަލު ކުރާން ޖެހުނު ނިޒާމެއްގެ ގޮތުގައެވެ. މޭސަން އާއި ޖޭމްސް މެޑިސަން ފަދަ ބެއިފުޅުންގެ މި ވިސްނުންފުޅުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ޤާނޫނުއަސާސީގައި "ޑިމޮކްރަސީ" މި ލަފުޒު އެއްގޮތަކަށް ވެސް ހިމަނައިފައެއް ނުވެއެވެ. ޤާނޫނުއަސާސީއަށް ވުރެ ކުރިޔަށް ބަލައިލައި، އެމެރިކާގެ މިނިވަންކަމުގެ ޤަރާރު ކިޔައިލުމުން ފާހަގަ ކުރެވޭ އެއް ކަމަކީ، އޭގައި ވެސް "ޑިމޮކްރަސީ" މި ލަފުޒު ނެތް ކަމެވެ.
ކީއްވެގެން ބާވައެވެ!
މި ސުވާލަށް އޮތީ ވަރަށް ސީދާސާދާ ޖަވާބެކެވެ! އެމެރިކާގެ މުއައްސިސުންނަށް އެނގިވަޑައިގެންފައި އޮތް ގޮތުން "ޑިމޮކްރަސީ" އަކީ އޭގެ އަސާސުގައި އަދި އޭގެ ޖައުހަރުގައި، އަޣްލަބިއްޔަތާ އެއްގޮތަށް ޤައުމުގެ ހުރިހައި ކަމެއް އަބަދުވެސް ހިންގުމުގެ ނިޒާމެކެވެ. އެއް ގޮތެއްގައި، "ޑިމޮކްރަސީ" ގެ އެންމެ މުހިއްމު ތަޢުރީފީ ޚަޞާއިޞަކީ (defining feature) ސިފައަކީ، އަޣްލަބިއްޔަތުގެ ރައުޔަށް ހުރިހައި ނިންމުންތަކެއް ނިންމުމެވެ. "ޑިމޮކްރަސީ" ގައި އަޣްލަބިއްޔަތުގެ ނިންމުން އެއްފަރާތް ކުރެވި، ބައިމަދު މީހުންގެ ޙައްޤުތަކާއި މަޞްލަޙަތުތަކަށް ޓަކައި އަޣްލަބިއްޔަތު ނުރުހޭ ގޮތްގޮތަށް އަދި އަޣްލަބިއްޔަތު އިޢުތިރާޟު ކުރާ ގޮތްގޮތަށް ވެސް ކަންތައްތައް ކުރެވިދާނޭކަން އީވާ ޢަބްދުﷲ އަށް އެނގިވަޑައިގަތް ގޮތަކުން އެނގިވަޑައިގެންފައި އޮތަސް، އެމެރިކާގެ މުއައްސިސުންނަށް، އެ ބެއިފުޅުންގެ ނަޞީބު ހުރި ގޮތުން، އެކަން އެނގިވަޑައިގެންފައެއް ނެތެވެ. އެޔަށްވުރެ އިހަށް ގޮސް، ޔޫނާނީ ފަލްސަފާވެރިޔާ އަފްލާޠޫން (Plato) ގެ "ޖުމްހޫރިއްޔާ" (Republic) މި ފޮތް ބަލައިލުމުން، އީވާގެ ތަޢުރީފު އަފްލާޠޫނަށް ވެސް އެނގިވަޑައިގެންފައި ނުވާކަން އެނގެއެވެ.
"ޑިމޮކްރަސީ" ގައި ނިންމުންތަކުގެ އަސާސަކީ މުޖުތަމަޢުގެ އަޣްލަބިއްޔަތުގެ ރައުޔު ކަމުގައި ވާތީ، އަދި އެހެން ވެސް ބައެއް ސަބަބުތަކަށް ޓަކައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މުއައްސިސުން ޑިމޮކްރަސީއާ މެދު ބެއްލެވީ ނުރުހުމާއި އިންކާރުގެ ނަޒަރުންކަމުގެ ޙަޤީޤަތާ މެދު ބަޙުޘް ކުރެވިފައި ވާ އެތައް ޢިލްމީ ރިފަރެންސްގެ ތެރޭގައި، ގޯރޑަން އެސް. ވުޑް ލިޔުއްވި "ދަ ކްރިއޭޝަން އޮފް ދަ އެމެރިކަން ރިޕަބްލިކް 1776-1787" މި ފޮތާއި، ވޫޑީ ހޮލްޓަން ލިޔުއްވި "އަންރޫލީ އެމެރިކަންސް އެންޑް ދި އޮރިޖިންސް އޮފް ދަ ކޮންސްޓިޓިޔުޝަން" މި ފޮތާއި، ޕީޓަރ ލައިންބޯހ އާއި މާރކަސް ރެޑިކަރ ލިޔުއްވި "ދަ މެނީ-ހެޑެޑް ހައިޑްރާ: ސެއިލަރޒް، ސްލޭވްސް، ކޮމޮނަރސް، އެންޑް ދަ ހިޑްން ހިސްޓްރީ އޮފް ދަ ރިވޮލިޔުޝަނަރީ އެޓްލާންޓިކް" މި ފޮތް ހިމެނެއެވެ.
މި ނުކުތާގައި އިތުރު ވާހަކަތަކެއް ދަންކަންޏާ، "ޑިމޮކްރަސީ" ގެ ތަޢުރީފީ ޚަޞާއިޞުތަކަކީ މައިގަނޑު ތިން ކަމެއް ކަމުގައި ބުނެވިދާނެއެވެ. އޭގެ ތެރެއިން ދެ ޚަޞާއިޞަކީ ނަޒަރިއްޔާތީ ދެ ޚަޞާއިޞެވެ. ފުރަތަމައީ، މުޖުތަމަޢުގެ އެންމެން ހަމަހަމަ ކަމުގެ މަފްހޫމެވެ. ދެވަނައީ، މުޖުތަމަޢުގެ ޙުކޫމަތަކީ ވަކި ފަރުދެއް ނުވަތަ ޢާއިލާއެއް ނުވަތަ ޤަބީލާއެއްގެ އަތްމަތީގައި އޮތުމުގެ ބަދަލުގައި މުޖުތަމަޢުގެ އެންމެންގެ އެއްޗަކަށް ނުވަތަ ޒިންމާއަކަށް ޙުކޫމަތު ވާން ޖެހޭނެކަމުގެ އުޞޫލެވެ. މި ދެ ޚަޞާއިޞާ އެކު، ދެން އޮންނަ، "ޑިމޮކްރަސީ" ގެ ތިންވަނަ ތަޢުރީފީ ޚަޞާއިޞަކީ "ޑިމޮކްރަސީ" ތަންފީޛު ކުރެވޭ ގޮތް ކަމުގައި ވެސް ސިފަ ކުރެވިދާނެއެވެ. އާދެ، އެ ގޮތަކީ ނުވަތަ އެ ޚަޞާއިޞަކީ، ޙުކޫމަތުގެ ކަންކަން ނިންމުމުގައި އަބަދު ވެސް އަޣްލަބިއްޔަތަށް ތަބަޢަ ވުމެވެ. ދުނިޔޭގެ ތާރީޚުގައި އެކި ޤައުމުތަކުގައި "ޑިމޮކްރަސީ" ހިންގިފައި ވާ ގޮތަށް ބަލާ އިރު، "މުޖުތަމަޢުގެ އެންމެން" މާނަ ކުރެވޭ ގޮތް އެކި ޒަމާންތަކުގައި އަދި އެކި މަކާންތަކުގައި ތަފާތެވެ. "ޑިމޮކްރަސީ" ގެ ވަޒަން ކަމުގައި ބެލެވޭ ޔޫނާނީ ޕޮލިޓީތަކުގައި، "މުޖުތަމަޢުގެ އެންމެން" ނޭ ބުނީމާ، އޭގައި ހިމެނެނީ އަޅުން އަދި އަންހެނުން ނުހިމެނޭ ގޮތުން، ތަނުގެ މުޅި އާބާދީގެ ދިހަ ވަރަކަށް އިންސައްތަ ކިރިޔާ ހަމަ ވާ ވަރުގެ ޖަމާޢަތެކެވެ. އެއީ ހަމައެކަނި މިނިވަން އަދި ތަޞައްރަފު ފުދޭ ފިރިހެނުންނެވެ. ނަމަވެސް، ފެށުނީއްސުރެ މިއަދާ ހަމަޔަށް ވެސް، "ޑިމޮކްރަސީ" ގެ ނިޒާމުގައި އަޣްލަބިއްޔަތަށް ތަބަޢަ ވުމުގެ ހަމަޔަކީ ޢާލަމީ ހަމައެކެވެ. އެޔަކީ "ޑިމޮކްރަސީ" އެކި ތަންތަނުގައި، އެކި ޒަމާންތަކުގައި ހިންގުމުގެ ތެރޭގައި ބަދަލު ވެފައިވާ ކަމެއް ނޫނެވެ. ޤަދީމީ އެތެންސުގައި ވެސް "ޑިމޮކްރަސީ" އަކީ އަޣްލަބިއްޔަތަށް ތަބަޢަ ވުމެވެ. "ގްލޯރިއަސް ރިވޮލިޔުޝަން" ގެ އިންގްލެންޑުގައި ވެސް ހަމަ އެހެނެވެ. 1787 ވަނަ އަހަރުގެ އެމެރިކާގައި ވެސް މެއެވެ.
އާދޭހެވެ! އަޞްލު ނުވަތަ ޙަޤީޤީ "ޑިމޮކްރަސީ" އަކީ އަބަދުވެސް އަޣްލަބިއްޔަތަށް ތަބަޢަ ވުމުގެ އުޞޫލުގެ މައްޗަށް ޤައުމު ހިންގުމުގެ ނިޒާމެކެވެ. "ޑިމޮކްރަސީގެ ތިޔަރީ" ގެ ޢާލަމީ އަސާސަކީ، އަޣްލަބިއްޔަތަށް އަބަދުވެސް ތަބަޢަ ވުމެވެ. އެއީ، ދަ ފެޑްރަލިސްޓް 10 ވަނަ މަޒުމޫނުގައި ޖޭމްސް މެޑިސަން ބޭނުން ކުރެއްވި އިޞްޠިލާޙުން ދަންނަވަންޏާ، "ޚާލިސް ޑިމޮކްރަސީ" (pure democracy) އެވެ. "ޑިމޮކްރަސީ" އާ މެދު ޢިލްމީ ފެންވަރުގައި ވާހަކަ ދައްކާން ފެށި ޔޫނާނީންގެ ތެރޭގައި "ޑިމޮކްރަސީ" ހިންގިފައި ވާ އަދި "ޑިމޮކްރަސީ" ތަފާހުމު ކުރެވުނު ގޮތެވެ.
މި ޒަމާނުގައި "ޑިމޮކްރަސީ" އަކީ ވަރަށް ގިނަ ބަޔަކު ސިޔާސީ ގޮތުން ޤަބޫލު ކުރާ ފިކުރިއްޔާއަކަށް ވެފައި ވާއިރު، އޭގެ ތެރެއިން ކޮންމެ ބަޔަކުހެން ވަނީ "ޑިމޮކްރަސީ" ރީތި ކުރުމަށް ޓަކައި ބުއްދީގެ އަދި އަޚްލާޤީ ހަމަތަކުގެ ވަރަށް ގިނަ ކަންކަން "ޑިމޮކްރަސީ" އާ ގުޅުވައިލައި، އެ ކަންކަމަކީ "ޑިމޮކްރަސީ" ގެ ބައެއް ކަމުގައި ހަދައިގެން ވާހަކަ ދެއްކުން އާދަ ކޮށްފައެވެ. މިސާލެއްގެ ގޮތުން، އޮސްޓްރޭލިޔާގެ އިދާރާއެއް ކަމުގައި ވާ "މިޔުޒިޔަމް އޮފް އޮސްޓްރޭލިއަން ޑިމޮކްރަސީ" ގެ ވެބްސައިޓުގައި ލިބަރަލް ޑިމޮކްރަސީގެ މިފްތާޙީ އުޞޫލުތަކުގެ ތެރޭގައި "ޢަޤުލް" (Reason) ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި ލިބަރަލް ޑިމޮކްރަސީ އެ މައްޗަށް ބިނާ ވާ އޮނިގަނޑުގެ އެއް ރުކުނަކީ "ޢަދުލުއިންޞާފު" (Justice) ކަމަށް ބުނެފައި ވެއެވެ. މިއީ ޢިލްމީ ގޮތުން އެއްވެސް އަސާސެއް ނެތް، ޕަރޯޕެގެންޑާއެވެ. ޑިމޮކްރަސީ ޤަބޫލު ކުރާ މީހުންގެ ބަޔާންބާޒީ ނުވަތަ (rhetoric) އެވެ. އެއްވެސް ޝައްކެއް ނެތެވެ! "ޑިމޮކްރަސީ" ޤަބޫލު ކުރާ ބަޔަކަށް، "ޑިމޮކްރަސީ" އެ ބަޔަކު ބޭނުން ގޮތަކަށް "މޮޑިފައި" ކޮށްގެން ހިންގިދާނެއެވެ. ތިމައުރެންގެ "ޑިމޮކްރަސީ" ގައި ބުއްދި އާއި ޟަމީރަށް މުހިއްމު ދައުރެއް އޮންނާނެޔޭ، ނިންމުންތައް ނިންމުމުގައި ބައިވެރި ވެވޭނީ ހަމައެކަނި ތަނުގައި ތިބި ޢިލްމުވެރީންނާއި، ތަޤުވާވެރި އަޅުވެރީންނަށޭ، ބުނެ އެހެން ވެސް ހެދިދާނެއެވެ. "ޑިމޮކްރަސީ" ގެ އެންމެ މުހިއްމު އެއް ބަޔަކީ މަބްދައުއް ދުސްތޫރިއްޔަތޭ (constitutionalism) ބުނެ، ދުސްތޫރިއްޔަތުގެ އުޞޫލުތަކާ "ޑިމޮކްރަސީ" ކޮންމެވެސް ފޯމިޔުލާއަކަށް އެއް ކޮށްލައިގެން ވެސް ހިންގިދާނެއެވެ. ނަމަވެސް، މި ގޮތަށް "ޑިމޮކްރަސީ" ތިމާމެން އެދޭ ގޮތަކަށް ބަދަލު ކޮށްގެން "މޮޑިފައި" ކުރުމަށް ފަހު، ތިމާމެން ހުށައަޅާ ގޮތަކީ "އަޞްލު ޑިމޮކްރަސީ" ކަމުގެ ދަޢުވާއެއް ނުކުރެވޭނެއެވެ. އަޞްލު "ޑިމޮކްރަސީ"، ނުވަތަ ޙަޤީޤީ "ޑިމޮކްރަސީ"، ނުވަތަ "ޕިޔޯރ ޑިމޮކްރަސީ" އަކީ، ޔުނައިޓެޑް ސްޓޭޓްސްގެ މުއައްސިސުން "ދަ ފެޑްރަލިސްޓް" މަޒުމޫނުތަކުގައި ބަޔާން ކޮށްދެއްވި ފަދައިން، އޭގެ އަސާސީ ޖައުހަރުގައި، މުޖުތަމަޢުގެ ސިޔާސީ އެންމެހައި ނިންމުންތައް ނިންމުމުގައި އަޣްލަބިއްޔަތަށް ތަބަޢަ ވުމެވެ. އެ ނިންމުމަކީ ޢަޤްލާ ޚިލާފު ނިންމުމަކަށް ވިޔަސް، ޢަދުލުއިންޞާފާ އަރައިރުން ވާ ނިންމުމަކަށް ވިޔަސް، ބައިމަދު ޖަމާޢަތްތަކުގެ މަޞްލަޙަތުތަކާއި ޙައްޤުތައް ގެއްލުވައިލާ ނިންމުމަކަށް ވިޔަސްވެހެވެ. ޙަޤީޤީ ނުވަތަ ޚާލިޞް "ޑިމޮކްރަސީ" އެއްގައި، ބައިމަދު ޖަމާޢަތްތަކުގެ ޙައްޤު ޙިމާޔަތް ކުރެވޭނޭ އޮންނާނީ އެންމެ ގޮތެކެވެ. އެއީ، އެ ޙައްޤު ޙިމާޔަތް ކުރާން ތަނުގެ އަޣްލަބިއްޔަތު އަމިއްލަ ރައުޔާއި އިޚްތިޔާރުގެ މައްޗަށް ރުހި ޤަބޫލު ވެ، އެކަން ކުރުމެވެ. އެ ޙައްޤު ދޭން އަޣްލަބިއްޔަތު ނުރުހި، އެ ޙައްޤެއް ހިފަހައްޓައިފިއްޔާ، އަޣްލަބިއްޔަތު ގޯހޭ ބުނެ ބުއްދީގެ މައްޗަށް ވާހަކަ ދެއްކިދާނެއެވެ. އަޚްލާޤިއްޔާތުގެ މައްޗަށް ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް، "ޑިމޮކްރަސީ" ގެ ތިޔަރީގެ މައްޗަށް ބުރަ ވެ، އެ ނިންމުން ގޯހޭ ބުނެވޭނޭ އެއްވެސް ގޮތެއް ނެތެވެ.
އީވާ ޢަބްދުﷲ ވެސް "ޑިމޮކްރަސީ" އޭނާ ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވާ "ރީތި އުޞޫލަކާ" ގުޅުވައިލެއްވީއެވެ. އެ "ރީތި އުޞޫލަކީ" މުޖުތަމަޢުގެ ބައިމަދު ޖަމާޢަތްތަކުގެ ޙައްޤުތައް ވެސް ޙިމާޔަތް ކޮށްދިނުމުގެ އުޞޫލެވެ. ބައިމަދު ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކައުތެރި ކޮށްދިނުމަކީ އަޚްލާޤީ (moral) އުޞޫލެކެވެ. ބުއްދީގެ އަލީގައި ޤަބޫލު ކުރާން ޖެހޭ ޢަޤްލީ (rational) އުޞޫލެކެވެ. އެހެންވީމާ، "ޑިމޮކްރަސީ" ޒީނަތްތެރި ކޮށް، އޭގައި ގަހަނާ އެޅުއްވެވުމުގެ ގޮތުން، އީވާ ވެސް މި އުޞޫލަކީ "ޑިމޮކްރަސީ" ގެ ތިޔަރީގައި ހިމެނޭ، "ޑިމޮކްރަސީ" ގެ ޟަރޫރީ ބައެއް ކަމުގައި ހެއްދެވީއެވެ. އީވާގެ މި ދަޢުވާ އިވިވަޑައިގެންފިއްޔާ، "ޑިމޮކްރަސީ" ގެ ޢިލްމީ ބާނީން ކަމުގައި ވާ ސުޤްރާޠާއި އަފްލާޠޫން ފަދަ ޔޫނާނީ ފަލްސަފާވެރީންނާއި، "ޑިމޮކްރަސީ" އަކީ ކޮން އެއްޗެއްކަން އެންމެ ރަނގަޅަށް ދެނެވަޑައިގެން ތިއްބެވި އެމެރިކާގެ މުއައްސިސުންގެ ބެއިފުޅުން ބަނޑުފުޅުތަކުގައި ގޮށް ލާވަރަށް ހިނިފުޅު ވަޑުވާނޭ ކަމަށް ފެނެއެވެ.
މި ދަނޑިވަޅުގައި، އީވާ އެ ވިދާޅުވާ "ބައިމަދު ޖަމާޢަތްތަކުގެ ޙައްޤުތައް" ނަގަހައްޓައި، "ޑިމޮކްރަސީ" ގެ ތެރެއިން އެ ކަންކަން ރައްކައުތެރި ކުރުމަކީ ޚުދު އޭނާ ހެޔޮ ހިތްޕުޅަކުން އަދި އިޚްލާޞްތެރިކަމާ އެކު ޤަބޫލު ކުރައްވާ ކަމެއްތޯ ސުވާލު ކުރާން ވެސް ޖެހެއެވެ. އީވާއަކީ 2010 ހައިތަނުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި އޮތް ޖަލްސާއެއްގައި، އިސްލާމް ދީނުގެ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުވަ އަހަރުގެ އަންހެން ކުއްޖަކާ ކައިވަނި ކުރެއްވި ކަމަށާއި، ޖާރިޔާއިން ގެންގުޅުއްވި ކަމަށާއި، އިތުރު އެކަލޭގެފާނުގެ އިރުޝާދާ އެއްގޮތަށް ޅަ އަންހެން ކުދީން ޚިތާނު ކުރެވުނު ކަމަށް ބުނެވޭ ހަރުދަނާ އަޞްލެއް ނެތް ބުނުންތަކަކާ ނުސީދާކޮށް ޙަވާލާ ދެއްވައި، މި ކަންކަމަކީ ތިމަންމެން ކުރާން ބޭނުން ކަންކަމެއް ނޫނޭ ވިދާޅުވުމުގެ ވަސީލަތުން، ވަރަށް ސާފުކޮށް އިތުރު އެކަލޭގެފާނުގެ އަބުރުފުޅަށް ކިލާ އުއްކެވި ބެއިފުޅެކެވެ. އެ ދުވަހު އީވާއަކަށް، ދިވެހި ޤައުމުގެ ސާފު އަޣްލަބިއްޔަތު ކަމުގައި ވާ، އިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އިންތިހާއަށް ލޯބި ވާ ދިވެހި ގިނަ ރައްޔިތުންނަށް އިޙްތިރާމެއް ނުކުރެއްވެވުނެވެ. މި ޤައުމުގެ އަޣްލަބިއްޔަތުގެ ޝުޢޫރުތަކަށް ޤަދަރެއް ނުކުރެއްވެވުނެވެ. އަޣްލަބިއްޔަތުގެ ޙައްޤުތަކަށް އިޙުތިރާމު ކުރާން ނޭނގުނު މީހަކު، މައިނޯރިޓީގެ ޙައްޤަށް އިޙުތިރާމު ކުރާނޭ ކަން ޤަބޫލު ކުރެވޭނޭ ގޮތަކީ ކޮބައިބާވައެވެ! "ބައިމަދު މައިނޯރިޓީގެ" ޙައްޤުތައް ޙިމާޔަތް ކުރުމަކީ "ޑިމޮކްރަސީ" ގެ ބައެކޭ ވިދާޅުވެ، ބައިމަދު މައިނޯރިޓީތަކުގެ ޙައްޤުތަކަށް އިޙްތިރާމު ކުރައްވާ ބެއިފުޅަކަށް ހެދިވަޑައިގެން އީވާ މި އުޅުއްވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް ނަފްރަތު ކުރާ، ދިވެހިރާއްޖެއިން އިސްލާމް ދީނުގެ ބާރު ކަނޑުވައިލައި، ހުޅަނގުގެ ލިބަރަލިޒަމާއި ހިޔުމަނިޒަމާއި ސެކިޔުލަރިޒަމުގެ މައްޗަށް ދިވެހި ޤައުމު ފަސާދަ ކުރާން އުޅޭ "ބައިމަދު މައިނޯރިޓީއަކާ" މެދު ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ހިތްޕުޅުގައި އޮތް ހަމްދަރުދީއެއްގެ ސަބަބުން، އެ ބައިގަނޑުގެ ޙައްޤުގައި، މި ވަގުތު މަޞްލަޙަތު ނިޔާކުރާ ގޮތުގެ މަތީން، އިންތިހާޒީ (opportunistic) ގޮތެއްގައި ވިދާޅުވާ އެއްޗަކީ ބާވައެވެ!
ކޮންމެއަކަސް، އޮޅުންތައް އެއްފަރާތް ކުރަމާ ހިންގަވާށެވެ!
އީވާ ޢަބްދުﷲ އަށްވުރެ ރަނގަޅަށް "ޑިމޮކްރަސީ" ދެނެވަޑައިގަންނަވަނީ އެމެރިކާގެ މުއައްސިސުންނެވެ. އެ ބެއިފުޅުންގެ މަފްހޫމުގައި، އަދި "ޑިމޮކްރަސީ" ގެ ޚާލިޞް މަފްހޫމުގައި، "ޑިމޮކްރަސީ" ގެ އަސާސީ އަދި ޖައުހަރީ އުޞޫލަކީ، މައިނޯރިޓީގެ ޙައްޤެއް، ޢަޤުލެއް، ޢަދުލެއް، އަޚްލާޤެއްގެ އެއްވެސް ޤައިދެއް ނެތި، އަޣްލަބިއްޔަތަށް އަބަދުވެސް ތަބަޢަ ވެގެން ޤައުމު ހިންގުމެވެ. ޔުނައިޓެޑް ސްޓޭޓްސްގެ މުއައްސިސުންގެ ގިނަ ބެއިފުޅުން "ޑިމޮކްރަސީ" އާ މެދު ރުހިވަޑައިނުގަތް މައިގަނޑު ސަބަބަކީ މިއީއެވެ. އާދެ، ބައިގިނަ މީހުން ނުވަތަ އަޣްލަބިއްޔަތަށް ތަބަޢަ ވުމުގެ ތެރެއިން، ބުއްދީގެ ހަމަތަކާއި އަޚްލާޤިއްޔާތާއި ޙިކުމަތްތެރިކަމާ ދުރު ނިންމުންތައް ނިންމި، އޭގެ ސަބަބުން މުޖުތަމަޢާއި ޤައުމަށް ބޮޑެތި ދެރަޔާއި ލޮޚުސާނުތައް ލިބޭ ތަން އައުމުގެ އިޙުތިމާލު ނުހަނު ބޮޑަށް އޮތުމެވެ. މި މައްސަލައަށް އިނގިރޭސި އިޞްޠިލާޙެއްގެ ގޮތުގައި (Problem of Majoritarianism) ކިޔުން އާދަ ވެފައި ވެއެވެ.
"ޕްރޮބްލަމް އޮފް މެޖޯރިޓޭރިއަނިޒަމް" އާ އެކު، "ޑިމޮކްރަސީ" ގެ ސަބަބުން ނުކުންނަ މައިގަނޑު ހަތަރު ނުބައި ނަތީޖާއެއް އެމެރިކާގެ މުއައްސިސުންގެ ސިޔާސީ އަދި ދުސްތޫރީ ފިކުރުގެ ތެރޭގައި ފާހަގަ ކުރެވިފައި ވެއެވެ. އިހު ނަންގަނެވުނު ރިފަރެންސްތަކުން އެ ކަންކަމުގެ ތަފްޞީލުތައް ފެނިވަޑައިގަންނަވާނެއެވެ. މެޑިސަން ފެޑްރަލިސްޓް މަޒުމޫނުތަކުގައި ބޭނުންފުޅު ކުރެއްވި އިޞްޠިލާޙުތަކުގެ އަލީގައި، ވަރަށް ކުރު ގޮތަކަށް އެ ހަތަރު ކަމަކީ ކޮބައިތޯ ބަލައިލާ އިރު، ފުރަތަމަ ކަމަކީ، "ޑިމޮކްރަސީ" ގެ ސީދާ ނަތީޖާއެއްގެ ގޮތުން، މުޖުތަމަޢު ސިޔާސީ ފިކުރުގެ ގޮތުން ވާދަވެރި އަދި ބައެއް ޙާލަތުތަކުގައި ޢަދާވާތްތެރި ބައިގަނޑުގަނޑަށް ބެހި ބައިބައިވެގެން ދިޔުން ނުވަތަ (factionalism) އެވެ. މީގެ ސަބަބުން ޤައުމުގެ ވަޙްދަތާއި، އެއްބައިވަންތަކަމާއި، ޤައުމީ އުޚުއްވަތާއި، އެއްބައެއްވަންތަކަމުގެ ލޯތްބާއި، އެއްބާރުލުމާ އެކު ޤައުމީ އަދި އިޖުތިމާޢީ މަސައްކަތްތައް ކުރުމުގެ ރޫޙު ނުހަނު ބޮޑަށް ބަލިކަށި ވެ، ވިޔަނުވާހައި ބޮޑެތި ގެއްލުން ޤައުމީ އަދި އިޖުތިމާޢީ ގޮތުން ތަނަށް ލިބިގެން ދެއެވެ. ދެވަނަ ކަމަކީ، ޢިލްމެއް އަދި އަޚްލާޤެއް ނެތި، މަކަރުޙީލަތާއި ދޮގުވެރިކަމާއި ޕަރޯޕެގެންޑާ، އަދި ތިމާމެން ވަރުގެ ރަނގަޅު ބަޔަކު ނެތް ކަމަށް ދެއްކުމަށް ޓަކައި ޙަޤީޤަތާ ޚިލާފަށް ތިމާމެންގެ އަމިއްލަ ނަފުސުތައް މަތިވެރި ކުރުމާއި، ވާދަވެރީންނަށް އެއްޗެތި ގޮވައި ނަފްރަތު ފެތުރުމާއި އެއުރެންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުން ފަދަ މުޑުދާރު ގޮތްގޮތުން ރައްޔިތުންގެ ހަވާނަފުސުތަކަށް އެޕީލް ކޮށް އެގޮތުން ރައްޔިތުންގެ ތާއީދު ހޯދައިގެން ޤައުމުގެ ވެރިކަމަށް އައުމަށް މަގުފަހި ކޮށްދޭ އަދި އެފަދަ ސަގާފަތެއް މުޖުތަމަޢުގައި އުފައްދާ ނިޒާމަކަށް "ޑިމޮކްރަސީ" ވުމެވެ. މި ނުކުތާގައި އިނގިރޭސި ބަހުން މިފްތާޙީ ލަފުޒަކީ (demagoguery) އެވެ. ތިންވަނަ ކަމަކީ، "ޑިމޮކްރަސީ" ގެ ނިޒާމާއި ސަގާފަތުގެ ތެރެއިން، ސިޔާސީ އަދި ޙުކޫމަތުގެ ކަންކަމުގައި ޙަޤީޤަތާއި ޙައްޤުގެ މަގަށް ވާހަކަ ދައްކައި ބަޙުޘްތައް ކުރުމުގެ ބަދަލުގައި ބަޔާންބާޒީ (rhetoric) ޢާއްމު ވުމުގެ ދޮރު ހުޅުވުމެވެ. ދުރު މުސްތަޤްބަލެއްގައި، މީގެ ސަބަބުން މުޅި ސިޔާސީ އަދި ދުސްތޫރީ ނިޒާމު، ބަޔާންބާޒީގެ ސިފައިގައި ހެދި އަދި ފެތުރޭ ދޮގުތަކުގެ މައްޗަށް ހިނގުން ޢާއްމު ވެދެއެވެ. އެހެންކަމުން، "ޑިމޮކްރަސީ" އަކީ ދޮގުތަކާއި އޮޅުވައިލުންތަކާއި މަކަރުތައް، އާދެ، ދޮގު ވަޢުދުތަކާއި ދޮގު ކެންޕޭނު މެނިފެސްޓޯތައް، ޢާއްމު ކޮށް، ތެދާއި ޙައްޤުގެ އަގު މުޅީން ވައްޓައިލާ ސިޔާސީ ނިޒާމެކެވެ. ހަތަރުވަނަ ކަމަކަށް، "ޑިމޮކްރަސީ" ގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ ތެރެއިން ތަޞައްރަފު ފުދޭ އެންމެނަށް އެއް މިންވަރެއްގައި ދެވޭ އިރު، އިންސާނީ ޠަބީޢަތާއި އިންސާނީ ފިޠުރަތާ މެދު އެނގި ކަށަވަރު ވެފައިވާ ގޮތަކީ، ގިނަ މީހުން ގިނަ ފަހަރު ނިންމުންތައް ނިންމުމުގައި ހަމަބުއްދި އާއި އަޚްލާޤާއި ޙައްޤުގެ ބަދަލުގައި ބުރަ ވަނީ ތިމާމެންގެ ޖަޒުބާތުތަކާއި ޝުޢޫރުތަކަށް ކަމެވެ. ނަތީޖާއެއްގެ ގޮތުން، "ޑިމޮކްރަސީ" އަކީ އަޣްލަބިއްޔަތުގެ ވިސްނުމަށް މުޖުތަމަޢު ހިންގާ ނިޒާމަކަށް ވާއިރު، އެ ނިޒާމުގައި މުޖުތަމަޢު ހިނގަމުން ދަނީ މީސްތަކުންގެ ތެރޭގައި އެ ވަގުތަކު އެންމެ ހޫނުކޮށް އަދި އެންމެ ތާޒާކޮށް ކެކިއަރައަރައި ހުންނަ ޖަޒުބާތުތަކާއި ޝުޢޫރުތަކުގެ (passion) މައްޗަށެވެ. "ޑިމޮކްރަސީ" ގައި ޙައްޤާއި ހަމަބުއްދި އާއި ހެޔޮ އަޚްލާޤުގެ މައްޗަށް ބިނާ ކުރެވޭ، ޤައުމާއި މުޖުތަމަޢުގެ ޙަޤީޤީ މަޞްލަޙަތުތައް ނިޔާ ކުރާ މަގަށް ނިންމޭ ހަރުދަނާ ނިޔާ (sound judgment) އަކީ، އެހެންކަމުން، ވަރަށް ވެސް ތަދުމަދު އެއްޗެކެވެ.
މި ދެންނެވި ސަބަބުތަކަށް ޓަކައި، ޔުނައިޓެޑް ސްޓޭޓްސްގެ މުއައްސިސުން ޑިމޮކްރަސީއާ މެދު ގެންގުޅުއްވި ނުރުހުންތެރިކަމާއި ގަޔާނުވުމުގެ ފިކުރު ސިފަ ކުރުމަށް ޓަކައި، ޔޫނާނީ އަޞްލުން އިނގިރޭސި ޚާއްޞަ ލަފުޒެއް ވެސް ބޭނުން ކުރެވެއެވެ. އެ ލަފުޒަކީ (misodemia) އެވެ.
މިއަދު، އެމެރިކާގެ ވެރީންނާއި ޢިލްމުވެރީންނާއި ރައްޔިތުން ފަޚުރުވެރިކަމާ އެކު އެ ޤައުމަކީ "ޑިމޮކްރަސީއެއް" ކަމަށް ބުނެއެވެ. ޢާއްމު ފުރަވަސާނައިގައި، އެ ޤައުމަކީ ދުނިޔޭގެ އެންމެ ފުރިހަމަ "ޑިމޮކްރަސީ" ކަމުގައި ބުނެވެއެވެ. ނަމަވެސް އެ ޤައުމުގެ މުއައްސިސުން އެ ޤައުމު ސިފަ ކުރެއްވީ "ތަމްސީލީ ޖުމްހޫރިއްޔާ" (representative republic) އެއްގެ ގޮތުގައެވެ. މިއަދު އެމެރިކާގެ އެތެރޭގައްޔާއި، އެމެރިކާގެ ސިފައިންނާއި ބޮމާއި މިސައިލުގެ ބާރުގައި މުޅި ދުނިޔޭގައި "ޑިމޮކްރަސީ" ގެ ޝިޢާރުތައް ގޮވައި ޤައުމުތަކުގެ ކަރަށް ގަދަބަދަވިކަމުން "ޑިމޮކްރަސީ" އަޅާން އުޅެނީ ކީއްވެގެންތޯ، މިއީ ވިސްނައި ފިކުރު ކުރާ މީހުންނަށް ޓަކައި އޮތް ވަރަށް މުހިއްމު ސުވާލެކެވެ. އެޔާއެކުއެކީ، ދަންނަވާން ޖެހެއެވެ. ބައެއް މީހުންނަށް ޙަޤީޤަތުގައި ވެސް "ޑިމޮކްރަސީ" ވެސް، ދުނިޔޭގައި އުޅޭން ވީ ގޮތް ވެސް، ރަނގަޅާއި ނުބައި ކަނޑައެޅުމުގެ މިންގަނޑުތަކަކީ ކޮބައިކަން ވެސް، ބުއްދި އަކީ އަދި ޟަމީރަކީ ކޮބައިކަން ވެސް، ތަބަޢަ ވާން ޖެހެނީ ކާކަށް ކޮން ފޮތަކަށް ކަން ވެސް އެނގެނީ ލަންކާގެ ކުލަބުތަކާއި ޑިސްކޯތަކާއި، ދިވެހިރާއްޖޭގެ ރިސޯޓު ޕާޓީތަކާއި، ރަށުތެރޭގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން ކަންފަތާ ހަމަޔަށް އައިސްފައި ހުރި މިންވަރަކުންކަމީ ހިތާމަވެރި ޙަޤީޤަތެކެވެ.
* * * *
ލަންކާގެ ކުލަބުތަކާއި ޑިސްކޯތަކާއި، ދިވެހިރާއްޖޭގެ ރިސޯޓު ޕާޓީތަކާއި، ރަށުތެރޭގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން ނުލިބޭ ވަރަށް މުހިއްމު އެހެން ފިލާވަޅެއްގެ ވާހަކަ ވެސް ދައްކަމާ ހިންގަވާށެވެ! އެ ފިލާވަޅަކީ، ރުވައިބިޟާއިންނާ ބެހޭގޮތުން ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަންގަވައިދެއްވި ފިލާވަޅެވެ.
"ރުވައިބިޟާ" އަކީ ދަށު ދަރަޖައެއްގައި ވުމެވެ. މި ތަނުގައި ދަރަޖައޭ މި ބުނެވެނީ ހެޔޮނުބައިގެ ތިލަފަތުން ކިރައިގެން ދަރަޖަ ކުރާކުރުމުގެ ސިޔާގުގައެވެ. އެހެންކަމުން، ރުވައިބިޟާއިންނަކީ ފާފަވެރިކަމާއި ބޭއަޚްލާޤުގެ ދަށު ދަރަޖަތަކަށް ވެއްޓިފައި ތިބޭ މީހުންނެވެ. ހެޔޮ ހިދާޔަތަށް ފުރަގަސް ދީގެން ތިބޭ މީހުންނެވެ. ރޫޙާނީ އަދި އަޚްލާޤީ ނަޒާހަތްތެރިކަން ނެތް މީހުންނެވެ. އެފަދަ މީހުން ތަބަޢަ ވާނީ އިބްލީސް އަދި އިބްލީސީ ކުޅިގަނޑުތަކުގައި ދުނިޔޭގައި ނަގައިކިޔާ މީހުންގެ މަގަށެވެ. އެމީހުންގެ ސިކުނޑިތައް މަސައްކަތް ކުރާނީ "އިބްލީސީ ނަމޫޒާޖު" (Iblisian Paradigm) ގެ މަތީގައެވެ. އެމީހުންނަށް ކަންކަން ދޭހަ ވާނީ އަދި ކަންކަން ވަޒަން ކުރެވޭނީ، ޑރ. ޢުމަރު ފާރޫޤު ޢަބްދުﷲ ވިދާޅުވާ ފަދައިން "ދައްޖާލީ ތަފާހުމީ ފުރޭމު" (Dajjaly Cognitive Frame) ގެ ތެރެއިންނެވެ. ރުވައިބިޟާއިންގެ ކިބައިން ފެންނާނީ ދޫނުބައިކަމާއި، ދޮގުވެރިކަމާއި، ޙީލަތްތެރިކަމާއި، މުނާފިޤުކަމާއި، ފާފަތަކަށް ލޯބި ކުރުން ފަދަ ބޭއަޚްލާޤުގެ ސިފަތަކެވެ. އެމީހުންގެ ދޫތަކުން ނުކުންނަ އެއްޗަކުން ވެސް، އެއުރެންގެ އަތްފައިގެ ޢަމަލުތަކަކުން ވެސް ހެވެއް އަދި މަންފާއެއް ފައިދާއެއް ނުވާނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައި، ފަހު ޒަމާނުގައި ޤައުމުތަކުގެ ޤިޔާދަތުގެ ގޮނޑިތަކަށް މަޤާމުތަކަށް "ރުވައިބިޟާއިން" އިސް ވާނޭ ވާހަކަ އެބައޮތެވެ. ދީނީ ޢިލްމުވެރީންނާ ސުވާލު ކުރެއްވުމުން، އެ ބަސްފުޅު ހިމެނޭ ޙަދީޘްފުޅާއި އޭގެ ޙަވާލާތައް ދާދި ފަސޭހައިން ލިބިވަޑައިގެންފާނެއެވެ. މިތަނުގައި އެ ބަސްފުޅުގެ ޢިބާރާތްތަކުގެ ސީދާސާދާ ތަރުޖަމާއެއް ދަންނަވައިލާނަމެވެ. "ހަމަ ކަށަވަރުން، މީސްތަކުންނާ ހަމަޔަށް ޚިޔާނާތުގެ އަހަރުތަކެއް އަންނާނެއެވެ. އެއިރުން ދޮގުވެރިޔާ އަކީ ތެދުވެރި އަމާނާތްތެރިއެއް ކަމުގައި ބެލެވޭނެއެވެ. ޣަދަރުވެރިޔާއީ ވަފާތެރިޔަކު ކަމުގައި އަދި ވަފާތެރިޔާއީ ޣަދަރުވެރިޔަކު ކަމުގައި ބެލެވޭނެއެވެ. އަދި މީސްތަކުންގެ ތެރޭގައި ބަސްބުނެ އުޅެނީ ރުވައިބިޟާއިން ކަމުގައި ވާނެއެވެ." މި ބަސްފުޅާ ވިދިގެން، ރުވައިބިޟާއިންނަކީ ކޮން ބައެއްތޯ އިތުރު އެކަލޭގެފާނުގެ އަރިޔަހުގައި ސުވާލު ދެންނެވުމުން، ޖަވާބުގައި ވިދާޅުވި ކަމަށް ފޮތްތަކުގައި އޮންނަ ބަސްފުޅުގެ މާނައަކީ މިއެވެ. "ރުވައިބިޟާއިންނަކީ މީސްތަކުންގެ ކަންކަމުގައި ގޮތް ކިޔައި ވާހަކަ ދައްކާ ނުބައި އަދި ޖާހިލު މީހާއެވެ."
ޤައުމުތަކުގެ ވެރިކަމަށް އަންނަ ރުވައިބިޟާއިންނާ ދާދި އެއް ކަހަލަ މަފްހޫމެއް، ހުޅަނގުގެ ސިޔާސީ ފަލްސަފާގެ ތެރެއިން ވެސް ފެނެއެވެ. އެއީ "ޑިމެގޯގުން" ގެ މަފްހޫމެވެ. ކުރީގެ ކޮލަމެއްގައި ދެންނެވިފައި ވާނޭ ފަދައިން، "ޑިމެގޯގުންނަކީ" ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ހުންނަ ތަޢައްޞުބުތައް ހެއި ލައްވާ ބައެކެވެ. ރައްޔިތުންގެ ޖަޒުބާތުތަކާއި ޝުޢޫރުތައް ކައްކުވައި، ހެޔޮ ވިސްނުމާއި ޟަމީރާއި ޢިލްމުގެ އަސާސްތަކުގެ ބަދަލުގައި އެ ޖަޒުބާތުތަކާއި ޝުޢޫރުތަކުގެ ޖޯޝުގައި އެމީހުން ބޭނުންވާ މިޞްރާބަކަށް ރައްޔިތުން ހިންގުވާ ބައެކެވެ. މީސްތަކުން ނޭނގުމެއް ނުވަތަ ޖާހިލުކަމެއްގެ ތެރޭގައި ތިބި ނަމަ އެ ނޭނގުމުގެ ތެރެއިން މީސްތަކުން ރަނގަޅު މަޢުލޫމާތާއި ޢިލްމީ ހެއިލުންތެރިކަމުގެ ތެރެޔަށް ގެނައުމުގެ ބަދަލުގައި، ރައްޔިތުންގެ ނޭނގުމާއި ޖަހާލަތަކީ ތިމާމެންނަށް ލިބިފައި އޮންނަ ފުރުޞަތެއް ކަމަށް ބަލައިގެން، އިންތިހާޒީ ގޮތެއްގައި ރައްޔިތުންގެ ޖާހިލުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ހެޔޮ މަގުގެ ބަދަލުގައި ތިމާމެން ބޭނުންވާ އެކިއެކި ނުބައި މަގުތަކުން ރައްޔިތުން ހިންގުވާ ބައެކެވެ. ކުރުކޮށް ދަންނަވަންޏާ، "ޑިމެގޯގުން" ނަކީ ވެސް އަޚްލާޤީ ގޮތުންނާއި ރޫޙާނީ ގޮތުން އެއްވެސް ޙައްޤެއް ޤަބޫލު ނުކޮށް، ތިމާމެންގެ ހަވާނަފުސަށް އަޅުކަން ކުރާ ޙާލު، ޖެހުނު ގޮތަކަށް އަދި ލިބުނު ގޮތަކުން ވެރިކަމާއި ބާރު ހޯދުމަށް ތެޅިފޮޅޭ ރުވައިބިޟާއިންތަކެކެވެ.
ރުވައިބިޟާއިންގެ އެއް ސިފައަކީ، އެމީހުންގެ ދޫތަކުން އެހެން މީހުންނަށް ގޮވާ ހުތުރު އެއްޗެއްސެވެ. ދަރީންގެ ޙުރުމަތަށް ނުބަލައި ބަފަޔަށް، ބަފައިގެ ޙުރުމަތަށް ނުބަލައި ދަރިއަށް، އަނބިމީހާގެ ޙުރުމަތަށް ނުވިސްނައި ފިރިމީހާއަށް، ފިރިމީހާގެ ޙުރުމަތަށް ނުބަލައި އަނބިމީހާއަށް، އަޚުން އުޚްތުންގެ ޝުޢޫރުތަކަށް ބެލުމެއް ނެތި ބޭބެއަށް ދައްތައަށް ކޮއްކޮއަށް މީސްތަކުންގެ ތެރޭގައި ހުތުރު އެއްޗެތި ގޮވުމެވެ. އޭގެ މިސާލުތައް ހޯދާކަށް ވެސް މާކަ ދުރަކަށް ދާކަށް ނުޖެހެއެވެ. އީވާ ޢަބްދުﷲ ވަރަށް ފަޚުރުވެރިކަމާ އެކު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި، ރާއްޖޭގައި އެކަން ކުރި ގޮތުގެ ރީތި މިސާލެއް ވެސް ވަނީ ވިދާޅުވެދެއްވައިފައެވެ. ދިވެހިރާއްޖެ އަޚްލާޤީ "ބްލެކް ހޯލަކަށް" ވެއްޓުނު ގޮތުގެ ތާރީޚު ލިޔެވޭ ކޮންމެ ފޮތެއްގައި ފަލަ އަކުރުން ޒިކުރު ކުރެވޭނޭ އީވާގެ ބަސްތައް މިތަނުގައި ލިޔެލާނަމެވެ. "މިތިބަ އެންމެންނަކީ ތިރީސް އަހަރުގެ ވެރިކަމެއް، ބޮޑުސިންގާ ޝެހެންޝާހެއްގެ ވެރިކަމެއް، ގޮޅާބޯ ގޮޅާބޯ ގޮޅާބޯ ކީކީނުން ގޮސް އޮފު ކަނޑުވައިލައިގެން، ސައިޒަށް ތިރި ކޮށްލައިގެން، ވެރިކަން ބަދަލުކުރި ބައެކެވެ. ... ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ނަޝީދާ ދިމާލަށް ގޮވިހައި އެއްޗެހި، އަދި ރައީސް ޔާމީނާ ދިމާލަށް އަޅުގަނޑުމެން އެކި ތަންތަނުގައި ގޮވިހައި އެއްޗިހި އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެކެވެ. އެ ހުރިހާ ވާހަކައަކީ އަޅުގަނޑުމެން އެއްބަސްވާ ވާހަކައަކަށް ވާކަށް ނުޖެހެއެވެ."
މިއީ ތިމާ ފަދައިން ޙުރުމަތާއި ކަރާމާތާއި ޝަރަފު ލިބިގެންވާ އަނެއް އިންސާނާއާ މެދު ރަޙުމެއް ހަމްދަރުދީއެއް ނެތި ދުލަށް އައިހައި ހުތުރު އެއްޗެއް ގޮވި މީހުން އެކަމާ މެދު ފަޚުރުވެރި ވެފައި ދެއްކި ވާހަކައެވެ. މާތް ނަބިއްޔާގެ މާތް ދޫފުޅުން، އަނެއް މުސްލިމާ އަދި އަނެއް އިންސާނާއާ މެދު ވާހަކަ ދެއްކުމުގައި ހުތުރު ބަހުރުވަ އާއި ހުތުރު ބަސްތައް ބޭނުން ނުކުރުމަށް އަންގަވައި ދެއްވައިފައި ވާ އެތައް އިރުޝާދުތަކެއް އެހެރީއެވެ. އެފަދަ ބައެއް ބަސްފުޅުތަކުގައި، މީހުންނަށް ހުތުރު ނަންތަކާއި ހުތުރު ބަސްތަކުން މުޚާޠަބު ކޮށް، ހުތުރު ބަހުރުވައިންނާއި، މުޑުދާރު އަވަގުރާނަތަކުން ވާހަކަ ދައްކާ މީހުންނަކީ ޤިޔާމަތް ދުވަހު ކީރިތި ﷲ ގެ ޙަޟުރަތުގައި ނުބައިކަން އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން، މި ބަހުރުވައިން ތިމާމެންގެ ދެކޮޅުވެރީންނާ މުޚާޠަބު ކުރަމުން އުޅޭނީ ރުވައިބިޟާއިންނެވެ. ޑިމެގޯގުންނެވެ. އެމީހުންނަކީ ރަސޫލު ބެއިކަލެއްގެ ތަޢުލީމާތުގެ މައްޗަށް ސިޔާސީ ކަންކަން ނުކުރާ ތަނުގައި، އެ ބުނާ ޑިމޮކްރަސީއަކަށް ވެސް ތަބަޢަ ވާ ބައެއް ނޫނެވެ. ޖުމްހޫރިއްޔަތަކަށް ވެސް ތަބަޢަ ވާ ބައެއް ނޫނެވެ. އަމިއްލަ ނިތްކުރިތަކުގައި ކިތަންމެ ފަލަ އަދި ކިތަންމެ ބޮޑު އަކުރަކުން "ޑިމޮކްރެޓްސް" ޖަހައިގެން އުޅުނު ކަމުގައި ވިޔަސްވެހެވެ.
* * * *
ރުވައިބިޟާއިންނާއި ޑިމެގޯގުންގެ މައިގަނޑު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ، މަންޠިޤީ (logical) އަދި ޢަޤުލީ (rational) ހަމަތަކުގެ ތެރެއިން، ހަރުދަނާ ނަމޫޒާޖެއްގެ (paradigm) މަތީގައި، ހެޔޮ ވިސްނުމެއް (right thinking) ވިސްނާން ނޭނގުމެވެ. ނުވަތަ އެފަދަ ވިސްނުން ނުގެންގުޅުމެވެ. މި މައްސަލައިގެ ވެސް ރީތި މިސާލެއް އިހަކަށް ދުވަހު ފެނިގެން ދިޔައެވެ. އަނެއްކާވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްގެ މަޤާމުގައި ޤާނޫނުއަސާސީއާ ޚިލާފަށް އިންނެވި އީވާ ޢަބްދުﷲ އާ ގުޅޭ ޙާދިސާއަކުންނެވެ.
އީވާ ޢަބްދުﷲ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައިސްގެ މަޤާމުން ވަކި ކުރުމަށް ޓަކައި، އޭނާއާ ދެކޮޅަށް ހުށައެޅުނު އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، އޭނާ ނިސްބަތް ވެވަޑައިގަންނަވާ ސިޔާސީ ޙަރަކާތުގެ ފަރާތުން 24 މެއި 2023 ގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، އެ ޙަރަކާތުގެ ތަރުޖަމާނު އަފްޝަން ލަޠީފު ބުނެފައި ވަނީ އީވާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަކީ ހުރިހައި ދިވެހި އަންހެނުންނަށް ލިބޭ ނާކާމިޔާބީއެއް ކަމުގައެވެ. މިއީ ޑިމެގޯގުންނާއި ރުވައިބިޟާއިންގެ ބުއްދި ކުރުމާއި، އެމީހުން ކަންކަމުގައި ނެރޭ ޒުވާބުތައް (arguments) ވަރަށް ގިނަ ފަހަރު ހުންނަ ގޮތެވެ. އާދެ، އެޔަކު މަންޠިޤީ ޞައްޙަކަމެއް (logical validity)، ޢަޤުލީ ބިންގަލެއް (rational basis)، އަދި ޙަޤީޤަތާއި ވާޤިޢާތަކާއި ތެދުގެ މައްޗަށް ބުރަވުމެއް (truth) ނުއޮންނާނެއެވެ. އޭގެ މުޅި އަސާސް ބިނާ ވެފައި އޮންނާނީ، ޔޫނާނުގެ ފަލްސަފާވެރިޔާ އަރަސްޠޫ (Aristotle) ގެ އިޞްޠިލާޙެއްގެ ބޭނުން ކޮށްގެން ދަންނަވަންޏާ، "ޕެތޯސް" (pathos) ގެ މައްޗަށެވެ. އާދެ، އަޑު އަހާ މީހުންގެ ޝުޢޫރުތަކާއި ޖަޒުބާތުތައް ކައްކުވައިލުމުގެ ބޭނުމުގައި، އެކަން ކުރެވޭނޭ ގޮތުގެ މައްޗަށެވެ. ޙައްޤަކަށް އަދި ތެދަކަށް، ޞައްޙަވުން ނުވަތަ ޞައްޙަ ނުވުމަކަށް ވިސްނުން ބަހައްޓައިގެނެއް ނޫނެވެ. އަފްޝަން ލަޠީފުގެ ޒުވާބުގައި އީވާ ޢަބްދުﷲ އާ ދެކޮޅު ވޯޓަކީ ދިވެހި އަންހެނުންނަށް ދެވޭ ޙަމަލާއެއް، އަދި އެ ވޯޓު ނެގިގެން އީވާ މަޤާމުން ވަކި ވެވަޑައިގަތުމަކީ ދިވެހި އަންހެނުންނަށް ލިބޭނޭ ނާކާމިޔާބެއް ކަމަށް ސިފަ ކޮށްފައި ވަނީ، ކޮންމެހެން އެއީ ކަމުގެ ޙަޤީޤަތް ކަމަށް ވެގެނެއް ނޫނެވެ. އެފަދައިން ވާހަކަ ދެއްކުމުން، އަންހެނުންގެ ތެރެއިން ވީހައި ގިނަ ބަޔަކުގެ އަދި އަންހެނުން ބާރުވެރި ކުރުވުމުގެ ފަލްސަފާ ޤަބޫލު ކުރާ މީހުންގެ ތެރެއިން ވީހައި ބޮޑު ބައިގަނޑެއްގެ ޖަޒުބާތުތައް ކައްކުވައިލެވޭނޭތީއެވެ. އީވާ މަޤާމުން ވަކި ކުރުމާ ދެކޮޅަށް އެ ޖަޒުބާތުގެ ބާރުގައި އެމީހުން ތެދު ކުރުވުމުގެ އުއްމީދުގައެވެ.
އެހެންޏާ، އީވާ ޢަބްދުﷲ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް ކުރަނީ އެއްވެސް ޙާލެއްގައި އޭނާ އަންހެނަކަށް ވާތީ ނޫންކަން، އެކަން ކުރާން އުޅެނީ އޭނާއަކީ މުޙައްމަދު ނަޝީދުގެ އަރިސް ބެއިފުޅަކަށް ވާތީކަން މުޅި ދިވެހި ޤައުމު ދަނެއެވެ. ވީމާ، މި ޙާލަތުގައި، އޭނާ ވަކި ކުރާން ކުރެވޭ މަސައްކަތަކީ "އަންހެނުންނާ ދެކޮޅު" ކަމެކޭ އަދި އޭނާ މަޤާމުން ވަކި ވުމަކީ "އަންހެނުންނަށް ލިބޭ ނާކާމިޔާބެކޭ" ބުނުމަކީ، އީވާ މަޤާމުން ވަކި ކުރާން އުޅުން އަދި މަޤާމުން ވަކި ކުރުމަކީ އޭނާ މާލެޔަށް ނިސްބަތް ވެވަޑައިގަންނަވާތީ މާލޭ އެންމެންނަށް ލިބޭ ދެރައެކޭ ބުނުމާ ހަމަ އެއްފަދަ ބުނުމެކެވެ. ނުވަތަ، އީވާގެ އިސްކޮޅަކީ ފަސް ފޫޓު ދެ އިންޗި ކަމުގައި ވަންޏާ، އޭނާ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްކަމުން ވަކި ކުރުމަކީ ފަސް ފޫޓު ދެ އިންޗީގެ އިސްކޮޅު ހުރި އެންމެނަށް ދެވޭ ޙަމަލާއެކޭ ބުނުން ފަދަ ބުނުމެކެވެ. ނުވަތަ، އޭނާ އަމީނިއްޔާ ސްކޫލުން ކިޔަވައިވިދާޅުވީތީ، އޭނާއާ ދެކޮޅު ވޯޓަކީ އަމީނިއްޔާ ސްކޫލަށާއި އެ ސްކޫލުން ކިޔެވި ހުރިހައި ދަރިވަރުންނަށް ދެވޭ ޙަމަލާއެއް އަދި ލިބޭ ދެރައެކޭ ބުނުން ފަދަ ބުނުމެކެވެ.
އާދެ، ރުވައިބިޟާއިންނާއި ޑިމެގޯގުންގެ ވާހަކަ ބަހުރުވަ އާއި ޒުވާބުތައް އަބަދުވެސް ހުންނަ ގޮތެވެ.
* * * *
ފަށަމުން ދެންނެވި ފަދައިން، ރައްޔިތުންގެ މަޖިލިހުގެ މެންބަރު ޢަލީ ނިޔާޒަށް ޑިމޮކްރަސީގެ ތިޔަރީ ނޭނގޭ ކަމަށް އީވާ ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މިހާރު އީވާ އާއި، އޭނާގެ "މިލޯޑް" އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމާއި އެ މަޖިލިހުގެ ރައީސްކަން ޑީ ފެކްޓޯކޮށް ކުރައްވަމުން ގެންދަވާ މުޙައްމަދު ނަޝީދާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތަކުގައި އިށީންނަ "މެންބަރުން" ގެ ގިނަ މީހުންގެ ތާއީދާ އެކު އިތުބާރު ނެތްކަމުގެ ދެ މައްސަލަ ވަނީ ހުށައެޅިފައެވެ. ކޮންމެވެސް ބެއިފުޅަކު އީވާގެ އަރިޔަހުން، މި ކަމުގައި ޑިމޮކްރަސީގެ ތިޔަރީ ބުނަނީ ކީކޭތޯ ސުވާލު ކޮށްލުން މުހިއްމު ކަމަށް ފެނެއެވެ. "ޑިމޮކްރަސީ" ގެ ހަމަތަކުގެ މަތީން ހިނގާ ޤާނޫނު ހަދާ މަޖިލިހެއްގައި، އެ މަޖިލިހުގެ ރައީސްކަމާއި ނާއިބު ރައީސްކަމުގައި ދެ ބެއިފުޅަކު ތިއްބަވަނިކޮށް، އެ މަޖިލިހުގެ ގިނަ މެންބަރުން ލިޔުމެއްގައި ސޮއި ކޮށް ރައީސާއި ނާއިބު ރައީސަށް އިތުބާރެއް ނެތޭ އެ ދެ ބެއިފުޅުން މަޤާމުތަކުން ވަކި ކުރާން ބޭނުމޭ ބުނެ މަޖިލިހަށް މައްސަލަ ހުށައެޅީމާ، ދެން ޑިމޮކްރަސީގެ ތިޔަރީގެ ދަށުން ޢަމަލު ކުރުން އައުލާ ގޮތަކީ "މެކިޔެވޭލިއަން" މަކަރާއި ގަދަބަދަވިކަމާއި ގޮތް ދޫނުކުރުމުގެ މަގުން، ތިމާމެން ތިބި ގޮނޑިތަކުގައި ކަރަށްމަރަށް ކޮލުދަތުން ހިފައިގެން ދޫނުކުރާން ތިބުން ހެއްޔޭ، ނުވަތަ، އަޣްލަބިއްޔަތުގެ އިތުބާރު ތިމާމެންނަށް ނެތުމަކީ އަމިއްލަޔަށް ވެސް އިސްތިޢުފާ ދޭން ޖެހޭ ވަރުގެ ސަބަބެއް ކަމަށް ޤަބޫލު ކޮށް، ރީތިކޮށް އިސްތިޢުފާ ދީފައި ދިޔުން ހެއްޔޭ، މި ސުވާލު ކުރާން ޖެހެއެވެ. މީގައި ވެސް، އެމެރިކާގެ މުއައްސިސުން ނުވަތަ ޔޫނާނީ ފަލްސަފާވެރީން ފަދަ ބެއިފުޅުންނަށް ޑިމޮކްރަސީ އެނގިވަޑައިގަތް ގޮތާ، އީވާ ޢަބްދުﷲ އަށް ޑިމޮކްރަސީ އެނގިވަޑައިގަންނަވާ ގޮތް ތަފާތު ވެ، އީވާގެ ތަޢުރީފުގެ ދަށުން، މަޖލިހުގެ އެންމެން އިތުބާރު ނެތޭ ބުންޏަސް ގޮނޑީގައި ބައްދައިގަނެގެން ދުރަށް ނުގޮސް ތިބުމަކީ "ޑިމޮކްރަސީގެ ތިޔަރީ" ކަމުގައި ވެދާނޭ ކަމަށް ފެނެއެވެ.
އަޅުގަނޑުގެ އަމިއްލަ ރައުޔުގައި، ނަޝީދު ވެސް އަދި އީވާ ވެސް މަޤާމުން ވަކި ކުރާކަށް ނުވެސް ޖެހެއެވެ. ދެ ބެއިފުޅުންނަކީ ވެސް ޤާނޫނުއަސާސީގެ އަސާސްތަކާއި، އޭގައި ބުނާ ޝަރުޠުތަކާއި، އޭގެ އެތައް މާއްދާއެއްގެ ރޫޙާއި، ކުރައްވައިގެން ތިއްބެވި ހުވަޔާ ފައުޅުގައި އަދި ތަކުރާރުކޮށް ޚިލާފު ވެވަޑައިގަތުމުގެ ސަބަބުން، ތިއްބެވި ކަމަށް އެ ބުނާ މަޤާމުތަކުގައި ޝަރުޢީ، ދުސްތޫރީ، އަދި އަޚްލާޤީ ހަމަތަކުގެ މަތީން ނުވެސް ނެތް ބެއިފުޅުންނެވެ. އެ މަޤާމުތަކުގައި ތިއްބެވުމުގެ ދުސްތޫރީ ޝަރްޢިއްޔަތު (constitutional legitimacy) ވެސް އަދި އަޚްލާޤީ ޝަރްޢިއްޔަތު (moral legitimacy) ވެސް ނެތް ބެއިފުޅުންނެވެ. އެހެން ނަމަވެސް، އިބްލީސީ ނަމޫޒާޖާއި ދައްޖާލީ ތަފާހުމީ ފުރޭމުގެ ދަށުން އަޅުގަނޑުމެންގެ މުޖުތަމަޢު ހިނގާތީ، އެފަދަ ބެއިފުޅުން ޤައުމުގެ ބޮޑެތި މަޤާމުތަކުގައި އުޞޫލުތަކާއި ހަމަތައް މުގުރައި ސުންނާފަތި ކުރައްވައިފައި ތިއްބަވަނީއެވެ. އާދެ، ފަހު ޒަމާނުގައި ރުވައިބިޟާއިން ޤައުމުތަކުގެ ބޮޑެތި މަޤާމުތަކުގައި ތިބޭނޭކަމަށް އޮންނަ ނަބަވީ ބަސްފުޅުގެ ތެދުކަމާއެވެ! އީވާ އާއި ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމާއި ނާއިބު ރައީސްކަމުން ވަކި ކުރުމަކީ، އަޅުގަނޑުގެ ނަޒަރަށް ފެންނަ ގޮތުގައި، ކައިވަންޏެއްގެ މަތީގައި ނެތް "ދެމަފިރިޔަކު" ވަރި ކުރުވުން ފަދަ ކަމެކެވެ.
އެކާވީސްވަނަ ޤަރުނުގެ ދިވެހިރާއްޖެއަށް މަރުޙަބާއެވެ! މިއޮތީ ހަމަ ރަނގަޅަށް ވެސް "އެނީތިންގ ގޯޒް" މުޖުތަމަޢެއް ބިނާ ކޮށްފައެވެ!