ނޭނގި ޔާރު ވަކިވިޔަސް ޖުމާއަށް ގިނަ ބައެއްގެ ތައުރީފު!

" ނޭންގި ޔާރު ވަކިވީ" ގެ ޕޯސްޓަރެއް -- ފޮޓޯ އެފްބީ

ރޭ އޮލިޕަހުގައި އެޅުވި ފިލްމް " ނޭނގި ޔާރުވަކިވީ"ގެ ފުރަތަމަ ޝޯގެ ހުރިހާ ސީޓެއް ހުރީ ފުލްވެފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ފިލްމެއް އެޅުވުމުން ބަލާލަން ދިޔައީ ކަމަށް ވެދާނެ އެވެ. ފިލްމެއް ބަލާލުމުގެ ނިޔަތުގައި ދިޔަ ނަމަވެސް އެފިލްމު ބަލާފައި މީހުން މާޔޫހެއް ނުވި އެވެ. ފިލްމު ބަލާފައި ނުކުތް ގިނަ މީހުން ބުނީ " މި ފިލްމު ހަމަ ވަރަށް ސަޅި" ކަމަށެވެ.

ސްރީލަންކާގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވާ، އެފިލްމަކީ ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެފިލްމުގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ފިލްމީތަރި ފާތުމަތު ރިޝްފާ (ރިޝްފާ)، އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ)، އަހުމަދު ނިމާލް (ނިމާލް) އަދި އަލަށް ތައާރަފްވާތަރިއެއް ކަމަށްވާ މަލީހާ ވަހީދު (މަލް) އެވެ.

ފިލްމުގައި ރިޝްފާއަކީ ނިމާލްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. މަންމަ ނިޔާވުމުން ދަރިފުޅު ބަލާބޮޑުކުރީ ނިމާލް އެކަންޏެވެ. އަޒޭއަކީ ސްރީލަންކާގައި އެމީހުން ދިރިއުޅުނު ގެއަށް ކިޔަވަން އައި ކުއްޖެކެވެ. ރިޝްފާއާ އަޒޭގެ ދެމެދުގައި ހިނގި ލޯބީގެ ކަންތައްތަކަށްފަހު ރިޝްފާ ބަނޑުބޮޑުވެ އެވެ. އެކަމަކު އޭގެ ކުރިން މާލެ ދާން ޖެހިގެން އަޒްމީލް ފުރައިގެން ދެއެވެ. ދުނިޔޭގެ ލަދުން ސަލާމަތްކޮށްދިނުމަށް ރިޝްފާއާ ކައިވެނިކުރީ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ޖުމާ އެވެ. ނަމަވެސް ފިލްމު ނިމިގެން ދިޔައީ ތަފާތު ގޮތަކަށެވެ. ފިލްމް ބަލާލުމުން ނިމުން އެނގިގެން ދާނެ އެވެ.

ރޭ އޮލިމްޕަހުގައި ނޭނގި ޔާރުވަކިވީ ރަސްމީކޮށް ފައްޓަވައިދެއްވީ ފިލްމީ ދާއިރާގެ މަންމައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަދި ފިލްމީ ތަރު އަދި ޑައިރެކްޓަރު އާރިފާ އިބްރާހިމް އެވެ. ފިލްމު ނިންމާލުމަށްފަހު އާރިފާ ބުނީ އަލަށް ތައާރަފުވި ގިނަ ތަރިންތަކެއް ހިމެނޭ ފިލްމަކާ ބަލާއިރު މިފިލްމަކީ މޮޅު ރީތި ފިލްމެއް ކަމަށެވެ. އަދި ތަރިންގެ ހުނަރުވެރިކަން އާރިފާ ފާހަގަކުރި އެވެ.

ފިލްމަށް ގިނަ ބައެއްގެ ތައުރީފު އޮހުނުއިރު އޭގެތެރެއިންވެސް ޖުމާގެ އެކްޓިންނަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ގިނަ މީހުން ބުނިގޮތުން " އަލަށް ޖުމާ ކުޅުނު ފިލްމެކޭ ހީވެސް ނުވޭ" އެވެ.

" ވަރަށް ރީތި ފިލްމު. ހުރިހާ އެންމެންވެސް ވަރަށް މޮޅު. ހާއްސަކޮށް ޖުމާ ހަމަ ވަރަށް މޮޅު. ހީވަނީ ހަމަ ވަރަށް ދުވަހު ފިލްމު ކުޅެފަ ހުރި ތަޖުރިބާކާރު މީހެއްހެން،" ފިލްމް ބަލަން ދިޔަ މެދުއުމުރުގެ އަންހެނަކު ބުންޏެވެ.

ޖުމާގެ ކުރީގެ އަންހެނުން އަދި ދަރިފުޅުގެ މަންމަ އައްޒަ ބުނީ ފިލްމުގައި ހުރިހާ އެންމެންގެ އެކްޓިންވެސް ވަރަށް މޮޅު ކަމަށެވެ. އޭގެތެރެއިންވެސް " ޖުމާގެ އެކްޓިންގް ސަޕްރައިސިންގްލީ މޮޅު" ކަމަށް އައްޒަ ބުންޏެވެ. އަދި ބުނީ ހީކުރިވަރަށް ވުރެ ފިލްމް ކޮލިޓީވެފައި ރަގަޅު ކަމަށެވެ.

އެހެންކަމުން މިފިލްމު މިވީ އާންމުންގެ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށެވެ. އެކަމަކު މިއައްވުރެވެސް ތަފާތު އާ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ. މިއަހަރަކީ ފިލްމީ ދާއިރާ ވިދާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އަހަރެކެވެ. އެހެންކަމުން މިއަށްވުރެވެސް ރީތި ފިލްމުތަކެއް ފެނުމަކީ ނުވާނެ ކަމެއްވެސް ނޫނެވެ.

comment ކޮމެންޓް