މި އަހަރު ގިނަ ބަޔަކު ހައިރާންކޮށްލާފައިވާ ޗައިނާގެ އެނިމޭޓެޑް ފިލްމު "ނޭޖާ 2" ބޮކްސް އޮފީހަށް ގަދަކޮށް ބޮޑެތި ފްރެންޗައިޒްތައް ފަހަތަށް ޖައްސާލައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ލިސްޓުގެ ފަސްވަނައަށް އަރައިފިއެވެ.
ޗައިނާގެ ސިނަމާތަކުގައި މި ވަގުތު އެއްވަނައިގައި އޮތީ މަގުބޫލުވެފައިވާ އެނިމޭޓެޑް ފްރެންޗައިޒް ނޭޖާގެ ދެވަނަ ބައެވެ. މިއީ 2019 ވަނަ އަހަރުގެ ފިލްމުގެ ކާމިޔާބީއަށް ފަހު ޗައިނާގެ ޗެންގްޑޫ ކޮކޯ ކާޓޫނުން ނެރުނު ދެވަނަ ފިލްމެވެ.
މި ފިލްމު ވަނީ ފިލްމު އެޅުވިތާ 11 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައެވެ. ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރަމުން މި ފިލްމު ވަނީ މިހާރު ދެ ބިލިއަންގެ އާމްދަނީ ވެސް ފަހަނަ އަޅައި ގޮސްފައެވެ. މި އަދަދާ އެކު ނޭޖާ ވެފައިވަނީ ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ފުރަތަމަ އެނިމޭޓެޑް ފިލްމަށެވެ.
ނޭޖާގެ އާމްދަނީއާއެކު ފިލްމު މިހާރު ވަނީ ސްޓާ ވޯސް ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފިލްމުވެސް ފަހަތަށް ޖައްސާލާފައެވެ. އެގޮތުން، ސްޓާ ވޯސްގެ 2015 ވަނަ އަހަރުގެ ފިލްމު "ފޯސް އެވޭކެންސް" މިހާރު ވަނީ ފަސްވަނައިން ހަވަނައަށް ވެއްޓިފައެވެ. އެއާއެކު 2.1 ބިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ނޭޖާ ވަނީ މިހާރު ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ފަސްވަނައަށް އަރާފައެވެ.
އެމެރިކާގެ ފިލްމުތަކުގެ ލިސްޓުގައި ޗައިނާގެ ފިލްމެއް މިގޮތަށް ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. ބެލެވޭ ގޮތުގައި މި ފިލްމު ދައްކަން ނިމޭއިރު ލިސްޓަކަށް ދެން ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ފިލްމު ރީ-ރިލީޒްކޮށްފިނަމަ ލިސްޓުގެ ހަތަރުވަނައިގައި އިން "ޓައިޓޭނިކް" ވައްޓާލެވޭނެއެވެ.
ނޭޖާއަކީ ޖިއާއޮޒީ ޑައިރެކްޓުކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެކެވެ. މި ފިލްމުގައި ފެންނާނީ ނޭޖާ ކިޔާ ޗައިނާގެ ކުރީގެ ފުލޯކު ވާހަކަތަކުން އުފެދިގެން އައި ކެރެކްޓަރެއް ބާރުތައް ހޯދުމަށް އުޅޭ ގޮތެވެ. ހުރިހާ އުމުރުގެ މީހުންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން މި ފިލްމުގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.