ވެމްޕަޔާ ޑައިރީސްގެ ލިޔުންތެރިޔާ މަރުވެއްޖެ

ގިނަ ބަޔަކު ބޮޑުވަމުން އައި އިރު ބަލަމުން އައި މަގުބޫލު ޝޯ ކަމަށްވާ "ވެމްޕަޔާ ޑައިރީސް"ގެ ވާހަކަ ލިޔުންތެރިޔާ އެލްޖޭ ސްމިތު މަރުވެއްޖެއެވެ.

ސީޑަބްލިއުއިން 2009 ވަނަ އަހަރު ދައްކަން ފެށި ވެމްޕަޔާ ޑައިރީސް ދައްކަން ފެށުމާއެކު ވެފައިވަނީ ބޮޑު ހިޓަކަށެވެ. ކުދިބޮޑު ހުރިހާ އުމުރެއްގެ މީހުން މި ޝޯ ބަލަމުން ދިޔައިރު މި ޝޯ ބިނާކޮށްފައިވާ ލިޔުންތެރިޔާއަށް ވެސް އެތައް ބައެއްގެ ތަރުހީބު ލިބެމުން ދިޔައެވެ.

ސްމިތު މަރުވެފައިވަނީ މި މަހުގެ ކުރީކޮޅުގައި ކަމަށް އޭނާގެ އާއިލާއިން ދާދި ފަހުން ހާމަކޮށްފައިވެއެވެ. އޭނާ މަރުވިއިރު އޭނާ ދިރިއުޅެމުންދިޔައީ ކެލިފޯނިއާގެ ވޯލްނަޓް ކްރީކްގައެވެ. އޭނާ މަރުވިއިރު އޭނާގެ އުމުރަކީ 66 އަހަރެވެ.

އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ފާއިތުވި 10 ވަރަކަށް އަހަރު ވަންދެއް ސްމިތު ވަނީ އާންމުކޮށް ނުފެންނަ ވައްތަރެއްގެ އޮޓޯ އިމިއޫން ބައްޔަކަށް ފަރުވާ ހޯދަމުންނެވެ.

ސްމިތުގެ ވެމްޕަޔާ ޑައިރީސް ވާހަކަ ސީރީޒްގެ އެންމެ ފުރަތަމަ ފޮތް ރިލީޒްކޮށްފައިވަނީ 1991 ވަނަ އަހަރެވެ. އެއާއެކު ފޮތްތަކަށް ލިބެމުން ދިޔަ މަގުބޫލުކަމާ އެކު ޖުމުލަ ހަތް ފޮތެއް ނެރެފައިވެއެވެ.

އެންމެ ފަހުން ފޮތްތަކުގެ މަގުބޫލުކަމާ އެކު ސީޑަބްލިއުއިން ޝޯއެއް އުފައްދަން ނިންމިއެވެ. އެއާއެކު ޝޯވެސް ވެފައިވަނީ ބޮޑު ހިޓަކަށެވެ. ޝޯގެ މަގުބޫލުކަމާ އެކު ޖުމްލަ އަށް ސީޒަނެއް ދައްކާފައިވާއިރު ޝޯ ނިންމާލާފައިވަނީ 2017 ވަނަ އަހަރެވެ.

ވެމްޕަޔާ ޑައިރީސްގައި ކިޔައިދެނީ ފުރާވަރު އަންހެން ކުއްޖެއް ކަމަށްވާ އެލީނާ ގިލްބާޓް އާ 20 ވަނަ ގަރުނުގެ ދެ ވެމްޕަޔާ ކަމަށްވާ ޑޭމަން ސަލްވަޓޯއާއި ސްޓެފެން ސަލްވަޓޯ ދިމާވެ ކަންތައްތައް ވާގޮތުގެ ވާހަކައެވެ. ޝޯގެ މައިގަނޑު ވެސް އަލިއަޅުވާލާފައިވަނީ މިގޮތަށެވެ. ނަމަވެސް، ޝޯގެ ތީމާއި ސެޓިންތައް ވަނީ 2000ގެ ކުރީކޮޅަށް ފަރުމާކޮށްފައެވެ. ކެރެކްޓަރުންގެ ވާހަކަތަކަށްވެސް ޝޯއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

comment ކޮމެންޓް