މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ހިދުމަތް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ. އެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެ ހިދުމަތުގެ ސަބަބުން ދިރާގު ފޯން ނަމްބަރެއް ބޭނުން ކުރާ މީހަކު ދިރާގު ދޫކޮށް، އުރީދޫގެ ނެޓްވޯކަށް ބަދަލުވެވޭނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ގެންގުޅޭ މީހަކަށް އުރީދޫ ދޫކޮށް، ދިރާގުގެ ނެޓްވޯކަށް ބަދަލުވެވޭނެ އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ދިރާގާއި އުރީދޫއިން ހޮޓެލް ޖެންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ބުނެފައި ވަނީ "ނަމްބަ ޕޯޓެބިލިޓީ"ގެ ހިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށާއި އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ ކަމަށް ވެސް ކޭމްއިން މައުލޫމާތުދެ އެވެ.
ނަމްބަރު އެގޮތަށް ބަދަލު ކުރެވެނީ އެކްޓިވް ނަމްބަރެއްނަމަ އެވެ. އަދި އެ ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާންޖެހެ އެވެ. އެ ހިދުމަތް ހޯދުމަށް "ޕޯޓް" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ އެސްއެމްއެސް އާއެކު އެހިދުމަތް ހޯދުމަށް އަންނަ ބުރާސްފަތި ދުވަހު ހުށައެޅޭނެއެވެ. އެހިދުމަތް ހޯދުމަށް ހުށައަޅަންޖެހެނީ އެކަމަށް ހާއްސަ ފޯމެކެވެ.
އެ ހިދުމަތް ބަދަލު ކުރުމަށް އެދުމުން އެއޮަޕަރޭޓަރަކުން ހާއްސަ ސިމެއް ދޭނެ ކަމަށާއި އެއާއެކު ރޭގަނޑު 12 އާއި 2:00 އާއި ދޭތެރޭގައި ހިދުމަތް އެއް ނެޓްވޯކުން އަނެއް ނެޓްވޯކަށް ބަދަލުވެގެންދާނެ ކަމަށް ކޭމްއިން މައުލޫމާތުދެއެވެ.
"ނަމްބަ ޕޯޓެބިލިޓީ"ގެ ހިދުމަތް ތައާރަފް ކުރި ރަސްމިއްޔާތުގައި ވާހާހަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، އެ ހިދުމަތް ތައާރަފް ކުރީ ދިރާގާއި އުރީދޫއިން ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކަމަށެވެ.
ނަމްބަރު ޕޯޓެބިލިޓީ ހިދުމަތަކީ މިސަރަހައްދުގެ މަދުގެ މަދު ގައުމަކުން ދޭ ހިދުމަތަކަށްވާއިރު އެކަންކަމުން ދަށްކުވައިދެނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތް ކުރިއަރާފައިވާ މިންވަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިހިދުމަތަކީ މިސަރަހައްދުގެ މަދު ގައުމެއްގައި ލިބޭ ހިދުމަތެއް، ދުނިޔޭގެ 70 ވަރަކަށް ގައުމުގައި މިހިދުމަތް ލިބޭއިރު އޭޝިއާގެ ހަތް ވަރަކަށް ގައުމުގައި މިހިދުމަތް ލިބެނީ." މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ މިހިދުމަތާއެކު ފޯނު ބޭނުން ކުރުމަށް އިތުރު މިނިވަން ކަމެއް ލިބިގެންދާ ކަމަށެވެ. މޯބައިލް ނަމްބަރަކީ މީހާގެ އައިޑެންޓިޓީއަކަށް ވާއިރު ނަމްބަރު ބަދަލުނުކޮށް އޮަޕަރޭޓާ ބަދަލު ކުރުމަކީ ލިބޭ ފަސޭހައެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ އުރީދޫގެ ކަސްޓަމަރުން ދިރާގަށް ގުޅުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.
ދިރާގަކީ ރާއްޖޭގައި ހިދުމަތް ދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ރަށަކަށް ފޯނާއި މޯބައިލްގެ ހިދުމަތް ދޭން ފެށި ކުންފުއްޏަށްވާއިރު އެންމެ ފުރަތަމަ ހުރިހާ ރަށަކަށް މޯބައިލް ބްރޮޑްބޭންގެ ހިދުމަތް ދޭން ފެށި ކުންފުނި ކަމަށެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ނަމްބަ ޕޯޓެބިލިޓީ ހިދުމަތް ތައާރަފްކުރެވިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އުރީދޫއިން ބޮޑު ހޭދައެއް ކުރަނީ ކަސްޓަމަރުންނަށް ޓަކައި ކަމަށްވެސް ވިކްރަމް ވިދާޅުވިއެވެ.