ހުޅުލެއިން ފުރައިގެން ދިޔަ ލޯންޗެއްގައި ރޯވި މައްސަލަ ބަލަން ފަށައިފި

"ސުވެނިއަ 18" ލޯންޗުގައި އަލިފާން ރޯވެ އަނދަނީ: އެ ލޯންޗުގައި ބަޔަކު ރޯކޮށްލީތޯ ނުވަތަ އެކްސިޑެންޓެއް މެދުވެރިވެގެން ރޯވީތޯ ތަހުގީގު ކުރަމުން އަންނަ ކަމަށް އިންކުއަރީ ކޮމިޝަނުން މިއަދު ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

ހުޅުލެއިން ފުރައިގެން 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެ އެއިން ދަތުރުކުރި އެންމެން ފިހުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ފަތުރުވެރިންތަކެއް އަރުވައިގެން ހުޅުލެއިން ދަތުރުކުރި ލޯންޗުގައި ރޯވީ އެކްސިޑެންޓަކުންތޯ ނުވަތަ އެ ލޯންޗުގައި ބަޔަކު އެއްޗެއް ގޮއްވާލިތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް އުމަރު ހާމައެއް ނުކުރައްވަ އެވެ.

އިންކުއަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ހުރިހާ މައްސަލައެއް ބަލާނެ ކަމަށް އުމަރު މިއަދު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސެޕްޓެމްބަރު 26ވަނަ ދުވަހު ހުޅުލެއިން ނުކުމެގެން ދަތުރު ކުރަނިކޮށް އެ ދުވަހުގެ 1:15 އެހާކަށްހާއިރުގައި ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ، ހިނގާ ޓޫރިސްޓުންތަކެއް ފިހުނު. އެއީ ގޮއްވާލި ގޮއްވާލުމެއްތޯ ނުވަތަ އެއީ އެކްސިޑެންޓަކުން ދިމާވި ކަމެއްތޯ ވެސް އަޅުގަނޑުމެން މި ގެންދަނީ ބަލަމުން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅުންހުރި ހުރިހާ ކަމެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު ހިނގި އެ ހާދިސާގައި ލޯންޗުން ދަތުރުކުރި ގިނަ ފަތުރުވެރިންތަކެއް ފިހި، ގެއްލުންތަކެއް ވެފައިވާއިރު އެމީހުންނަށް އައިޖީއެމްއެޗާއި އޭޑީކޭގައި ވަނީ ފަރުވާ ދީފަ އެވެ. ފިހުނު މީހުންގެ ތެރޭގައި ޗައިނާ، ބަންގްލަދޭޝް އިންޑީއާ އަދި ޖަޕާން މީހުންވެސް ހިމެނެ އެވެ.

comment ކޮމެންޓް