މާދަމާ ހަވީރު އިދިކޮޅު އެމްޑީޕީން ބާއްވާ ހިނގާލުމުގައި މަގުތަކަށް ނުކުތުމަށް ހުއްދަ ނުދިނީ މާޒީގައި އެޕާޓީން އަމަލުކޮށްފައިވާ ގޮތަށް ބެލުމަށްފަހު، އެހެން މީހުންގެ ހައްގުތައް ރާއްކާތެރިކޮށް ދިނުމަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، އެމްޑީޕީ މީހުންނަކީ މަގުތަކަށް ނުކުމެ ފުލުހުންނަށް ހަމަލާދީ ވެހިކަލުން ފުލުހުންގެ ގައިގައި ޖެއްސުންފަދަ އަމަލުތައް މީގެކުރިން ކޮށްފައިވާ ބައެއް ކަމަށެވެ.
އުމަރު ވިދާޅުވީ، އެމްޑީޕީން މީގެކުރިން ބޭއްވި މުޒާހަރާތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލުގައި ހުޅުޖަހާފައިވާ ކަމަށެވެ.
"ފުލުހުންގެ ވެހިކަލްތަކުގެ ބިއްލޫރި ތަޅައި، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ދައުލަތުގެ އިމާރާތްތަކުގައި އެމްޑީޕީ މީހުން ވަނީ ހުޅުޖަހާފައި. އެހެންވީމަ މިމީހުންގެ ތާރީޚަށް ބަލާއިރު މި މީހުންނަކީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ހުއްދަ ދެވޭ ވަރުގެ ބައެއް ނޫން،" އުމަރު ވިދާޅުވިއެވެ.
މަގުތަކަށް ނުކުމެ ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެމްޑީޕީއަށް އަންގާފައި ވަނީ މިއަދު އެޕާޓީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.