ފިސްތޯލަ ގެންގުޅުނު ރަޝިޔާ މީހާ ހައްޔަރެއް ނުކުރަން: ޕޮލިސް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު

ފިސްތޯލައަކާ އެކު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓައި ފިސްތޯލައެއް ފެނިގެން ކަސްޓަމްސް އިން ހިފެހެއްޓި ރަޝިޔާގެ ފަތުރުވެރިޔާ ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ އައި އެ ފަތުރުވެރިޔާގެ އަތުން ފިސްތޯލަ ފެނުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުރަންގޮސް ހުއްޓައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު މިއަދު ސަން އަށް ވިދާޅުވީ އެ ފަތުރުވެރިޔާގެ އަތުން ފެނުނީ މީހުންނަށް ހަމަލާދޭ ކަހަލަ ފިސްތޯލައެއް ނޫން ކަމަށާއި އެއީ ސްޕޯޓްސް ކަންތައްތަކުގައި ބޭނުންކުރާ ފިސްތޯލައެއް ކަމަށެވެ.

"އެއީ ސްޕޯޓްސް ކަންތައްތަކަށް މީހުން އަމިއްލައަށް ޝޫޓު ކުރަން ގެންގުޅޭ ކަހަލަ އެއްޗެއް. އޮރިޖިނަލް ފިސްތޯލައެއް ނޫން. އެމީހުންގެ ގައުމުތަކުގައި ހުއްދަވީމަ ކޮންމެވެސް ގޮތަކުން، ޔޮޓަކުން ވެސް ގެނެސްފާނެތާ. އެއީ މީހުންނަށް ހަމަލާދޭ ކަހަލަ ފިސްތޯލައެއް ނޫން،" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ އެ ފިސްތޯލަ ފެނުމާ އެކު އެމީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

comment ކޮމެންޓް