އަރްބާޒް އާއި މަލިކާގެ 17 އަހަރުވީ ކައިވެނި ރޫޅޭނީބާ؟

އަރްބާޒް އަދި މަލިކާ --- ފޮޓޯ: އިންޑިއަން އެކްސްޕްރެސް.ކޮމް

މި ދުވަސްވަރަކީ ބޮލީވުޑަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި އޮތް ދުވަސްވަރެކެވެ. ބޮލީވުޑްގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑުތަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑުތަކުގެ ކޮންމެ ހަރަކާތަކަށް ފޭނުންނާއި ބެލުންތެރިން އަންނަނީ ފާރަ ލަމުންނެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. މިދުވަސްވަރަކީ ބޮލީވުޑްގައި "ބްރޭކްއަޕް"ގެ ކުޅިވަރު ބޮޑު ދުވަސްވަރެކެވެ. ރަންބީރު އާއި ކެޓްރީނާގެ "ބްރޭއަޕް"ގެ ހަބަރުތަކުން މުޅި މީޑިއާ ކިލަނބުވެފައިވަނިކޮށް، އެ ކިލަނބުކަން އިތުރަށް ބޮޑު ކޮށްލީ ފަރްހާން އާއި އަދޫނާގެ 15 އަހަރުވީ ކައިވެނީގެ ގޮށް މޮހާލަން ނިންމި ހަބަރާ އެކުއެވެ.

މިފަހަރުވެސް މިއޮތީ އެފަދަ ހަބަރެކެވެ. ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ހާން އާއި މަލިކާ އަރޯރާ ހާންގެ 17 އަހަރުވީ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަ ހަބަރެވެ.

ހަބަރުތައް ބުނާ ގޮތުން، އެ ދެ ތަރިން މިހާރު ވަނީ ވަރިވާން ނިންމާފައެވެ. އަދި މަލިކާ ވަނީ އޭނާގެ 14 އަހަރުގެ ދަރިފުޅު އަރްހާން އާ އެކު އެހެން ގެއަކަށްވެސް ބަދަލު ވެފައެވެ.

ހަމައެހެންމެ މަލިކާ އާއި އަރްބާޒް އެކުގައި ހޯސްޓު ކުރާ ޝޯވް އިންވެސް އެދެތަރިން އެކުގައި ނުފެންނަ ކަމަށް ހަބަރުތައް ބުނެއެވެ.

އެ ޝޯވްގެ ސެޓުގައި މަސައްކަތް ކުރާ މީހަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެ ދެތަރިން އުޅެނީ ވަރަށް ދުރުދުރުންނެވެ. ޝޯވްގެ ބްރޭކު ގަޑީގައިވެސް އެދެތަރިން ތިބެނީ ވަކިވަކި ކޮޓަރިތަކުގައެވެ. އަދި އެއްވެސް ވަރަކަށް ވާހަކަ ދައްކައެއްވެސް ނަހަދައެވެ.

އެފަދަ ގޮތަކަށް ހަބަރުތައް ފެތުރުނު ނަމަވެސް، މަލިކާގެ މެނޭޖަރާ ހަވާލާދީ ބައެއް ނޫސްތަކުން ބުނަނީ، އެ ދެތަރިން އުޅެނީ ވަރަށް ލޯބިން ކަމަށެވެ. އަދި އެ ދެތަރިން ވަރިވާކަށްވެސް ނޫޅޭ ކަމަށެވެ.

ކޮންމެ އަކަސް މީޑިއާގައި ފެތުރެމުންދާ ހަބަރުތަކުގެ ތެދު ހަގީގަތެއް ނޭނގެއެވެ. މިހާރު ހުރިހާ އެންމެންވެސް އިންތިޒާރު ކުރަނީ އެ ހަބަރުތަކާމެދު އެ ދެތަރިންގެ ކޮމެންޓަކަށެވެ.

comment ކޮމެންޓް