2015ގައި ވެސް އެންމެ ގިނަ މީހުން ބޭނުންކުރި ޕާސްވޯޑަކީ އަދި ވެސް 123456!

ޕާސްވޯޑް މެނޭޖެމެންޓް ކޮމްޕެނީ އެއް ކަމަށްވާ ސްޕްލޭޝްޑޭޓާ އިން ކޮންމެ އަހަރަކު ނެރޭ 'އެންމެ ގިނައިން ބޭނުންކުރާ ޕާސްވޯޑު'ތަކުގެ ލިސްޓުގައި 2014 އެކޭ އެއްފަދަ އިން 2015 އަހަރު ވެސް އެއްވަނައިގައި އޮތީ 123456 އެވެ.

މިދިޔަ އަހަރު ލީކްވި ދެ މިލިއަން ޕާސްވޯޑްތަކަށް ބަލައިގެން ހަދާފައިވާ އެ ދިރާސާ އިން ދެއްކި ގޮތުގައި ވަރުގަދަ ޕާސްވޯޑުތައް ބޭނުން ކުރަން މާހިރުން ލަފާދެއްވި ނަމަވެސް ގިނަ ބަޔަކު އަދިވެސް ބޭނުން ކުރަމުން ދަނީ ފަސޭހައިން ދެނެގަންނަން އެނގޭ ފަދަ ޕާސްވޯޑުތަކެވެ. އެގޮތުން، ލިސްޓުގެ ދެވަނައިގައި އޮތީ ވެސް 2014 އިން ފެށިގެން އެމަގާމުގައި އޮތް 'password' އެވެ.

ކޮމްޕިއުޓަރު ހުޅުވުން ވީހާވެސް އަވަސްކުރުމަށް ޓަކައި، ކީބޯޑުގައި ހުންނަ ގޮތަށް އަކުރުތައް ލިޔުން ނުވަތަ ނަމްބަރުތައް ތަރުތީބުން ލިޔުމަކީ ވެސް ބައެއް މީހުންގެ އާދައެކެވެ. އެގޮތުން ލިސްޓުގެ ތިން ވަނައިގައި އޮތީ '12345678' އެވެ. ހަތަރު ވަނައިގައި އޮތީ 'qwerty' އެވެ. އަދި ފަސް ވަނައިގައި '12345' އެވެ.

ސްޕްލޭޝް ޑޭޓާއިން ލަފާ ދެނީ ޕާސްވޯޑެއް ހަދާއިރު މަދުވެގެން 12 އަކުރު ބޭނުން ކުރުމެވެ. އަދި އޭގެ ތެރޭގައި ނަމްބަރާއި އަކުރުތައް އެއްކޮށް ބޭނުންކުރުމެވެ. މީގެ އިތުރުން، ތަފާތު ވެބްސައިޓްތަކުގައި އެއްޕާސްވޯޑެއް ބޭނުން ނުކުރުމަށް ވެސް މާހިރުން ނަސޭހަތް ދެއްވަ އެވެ.

comment ކޮމެންޓް