ޓްރިވެންޑްރަމް، އިންޑިއާ (28 ޑިސެމްބަރު) - ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗުގައި މިއަދު އަފްޣާނިސްތާނަށް ދެކޮޅަށް ކުޅެން ނުކުންނައިރު، އެމެޗު ބެލުމަށް ދިވެހި ސަޕޯޓަރުންނަށް 2500 އަށްވުރެ ގިނަ ޓިކެޓް، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ހިލޭ ދޫކުރާނޭ ކަމަށް ކޮންސުލް އަލީ އާދަމް (އަލިބެ) ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، މިއަދު ހެނދުނު 9:30 އިން ފެށިގެން ކޮންސިއުލޭޓުން ޓިކެޓް ބަހަން ފަށާފައިވާ ކަމަށާއި، ވީހާވެސް ގިނަ ދިވެހީން ޓިކެޓް ބަލައި ކޮންސިއުލޭޓަށް އައުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
"ޓްރިވެންޑްރަމް ޑިސްޓްރިކްޓް ފުޓްބޯލް އެސޯސިއޭޝަން، ޑަބްލިއުއެސްޖީ، އެފްއޭއެމް އަދި އެނޫންވެސް އެސޯސިއޭޝަންތަކާ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް މިހާރު ވަނީ 2500އަށް ވުރެ ގިނަ ޓިކެޓް ލިބިފައި. މި ހުރިހާ ޓިކެޓެއް ދިވެހި ސަޕޯޓަރުންނަށް ހިލޭ ފޯރުކޮށްދޭން އަޅުގަނޑުމެން ބޭނުން،" އަލިބެ ވިދާޅުވިއެވެ.
"މިއަދު މިހާތަނަށް 862 ޓިކެޓް ގިނަ ޓިކެޓް ދޫކުރެވިއްޖެ. މިހާރުވެސް ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި ޓިކެޓް ހޯއްދެވުމަށް ވަޑައިގެން."
އަލިބެ ވިދާޅުވީ، ދަނޑުގެ އެއް ސަރަހައްދެއްގައި ތިބެގެން ގައުމީ ޓީމަށް ދިވެހި ސަޕޯޓަރުން ތަރުހީބު ދިނުމަކީ، ކޮންސިއުލޭޓުގެ އިތުރުން ދިވެހިންގެ ގިނަބައެއްގެ އެދުމަކަށް ވީހިނދު އެގޮތަށް ހަމަޖެހޭތޯ ކުރިމަސައްކަތް ކާމިޔާބު ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބިފަހުރި ކޮމްޕްލިމެންޓްރީ ޓިކެޓްތަކުގެ ތެރޭގައި އެއް ބްލޮކަކުން 1500 އެބަހުރި. ދެންހުރި ޓިކެޓްތައްވެސް ހުރީ ހަމަ އެ ބްލޮކާ ޖެހިގެން ހުރި ބްލޮކްތަކުން. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުންވެސް ކޮންސިއުލޭޓަށް ވަޑައިގެން ޓިކެޓް ގެންދެވުން،" އަލިބެ ވިދާޅުވިއެވެ.
އަލިބެ ވިދާޅުވީ، މިއަދުވެސް މެޗު ފެށުމުގެ ދޮޅުގަޑިއިރު ކުރިން ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގެ މެއިން ގޭޓް ސަރަހައްދުން ދިވެހީންނަށް ހިލޭ ޓިކެޓް ބެހުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
"ގޭޓް ނަމްބަރު 1 ހިމެނޭ ސަރަހައްދުގައި އަޅުގަނޑުމެން މިއަދު ހަވީރު 5:00 އިން ފެށިފެގެން ދިވެހީންނަށް ޓިކެޓް ބަހަމުން ގެންދާނަން،" ކޮންސުލް ވިދާޅުވި އެވެ.
ރާއްޖެއާއި އަފްޣާން މިއަދު ބައްދަލު ކުރާ މެޗު ފަށާނީ އިންޑިއާ ގަޑިން މިއަދު ހަވީރު 6:30ގައެވެ. މިމެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދަން ގައުމީ ޓީމު ކުރާ މަސައްކަތުގައި ސަޕޯޓަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށް ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ވަނީ ބުނެފައެވެ.