ދީނީ އަދި ރޫހީ ފަރުވާގެ ނަމުގައި ބިދޭސީން ދިވެހިރާއްޖެއަށް އައިސް ފަތުރަމުންދާ ނުރައްކާތެރި ވިޔަފާރިތަކާ މެދު ދިވެހި މުޖުތަމައު ހޭލުންތެރިވެ ސަމާލުވާން ނުޖެހޭ ހެއްޔެވެ؟ އިންޑިއާއާއި ޕާކިސްތާނު ފަދަ ގައުމުތަކުގައި އާންމުން އޮޅުވާލައިގެން ފައިސާ ހޯދާ ފޭކު ބާބާއިންގެ ނުފޫޒު ދިވެހިރާއްޖެއަށް ވެސް މިހާރު ވަނީ ފޯރަން ފަށާފައެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސެޕްޓެންބަރު 20، 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ގައުމުގައި ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާނެކަން އިއުލާންކުރައްވާފައެވެ. ހަމައެއާއެކު، ރުގުޔާ ކުރުމާއި ސިހުރު ބާތިލުކުރުމުގެ ނަމުގައި ގަބުރުސްތާނުތަކަށް ވަދެ މަހާނަތައް ކޮނުމަކީ އިސްލާމްދީނުގައި މުޅިން ހަރާމް ކަމެއް ކަމަށާއި، ޝަރީއަތުގައި ހުއްދަ ނޫން މިފަދަ އަމަލުތަކާ މެދު ރައްޔިތުން ސަމާލުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައެވެ.
މި މައްސަލައިގެ ނުރައްކާތެރިކަން ބޮޑުވަނީ، ވިޔަފާރީގެ ބޭނުމުގައި ދިވެހިރާއްޖެއަށް އަންނަ އިންޑިއާއާއި ޕާކިސްތާނުގެ މީހުން އެކި ރަށްރަށަށް ދަތުރުކޮށް، ފެން ކިޔަވައިދިނުމާއި އޮންލައިންކޮށް ރުގުޔާ ކުރުމުގެ ނަމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާތީއެވެ. ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކުން ތަހައްމަލުކުރާ ނަފްސާނީ އަދި ޖިސްމާނީ ވޭނުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ މިފަދަ ވިޔަފާރިތަކަކީ ދީނީ ހަމަތަކާ މުޅިން ބީރައްޓެހި ކަންކަމެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، ޝަރުއީ ރުގުޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދި ކީރިތި ގުރުއާން ކިޔަވައި ފުމުން ނުވަތަ ފެނަށް ކިޔަވައި ބޯންދިނުން އަދި ސައްހަ ސުންނަތުން ސާބިތުވާ ދުއާތައް ކިޔުމެވެ. މަހާނަ ކޮނުން ފަދަ ކަންކަމަކީ ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމެއް ނޫނެވެ.
މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް އާންމުން ވެގެންދާ ގޮތް އަވަށްޓެރި ގައުމުތަކުގެ ހާދިސާތަކުން ވަރަށް ސާފުކޮށް ފެނެއެވެ. ޕާކިސްތާނުގެ ނޭޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ރޫހީ ފަރުވާއާއި އޮންލައިން އިސްތިހާރާއާއި ތަވީދު ހަދައިދިނުމުގެ ނަމުގައި އަންހެނުންނާއި ފިރިހެނުންނަށް އަމާޒުކޮށްގެން ބޮޑެތި ޖަރީމާތައް ހިންގައެވެ. ޚާއްސަކޮށް އަންހެނުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވައުދުވެ، އެ މީހުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ މިފަދަ މީހުން ނަގައެވެ.
އިންޑިއާއާއި ޕާކިސްތާނުގައި މިފަދަ ފޭކު ބާބާއިންނާއި ދޮގުވެރި ރޫހީ ފަރުވާދޭ މީހުންގެ ވަބާ ބޮޑުވެ، އެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ އެކަން ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އިންޑިއާގައި މުއުޖިޒާތުން ބަލި ފަސޭހަކޮށްދޭ ކަމަށާއި މީހުންގެ ހިތުގައިވާ އެއްޗެހި އެނގޭ ކަމަށް ދައުވާކުރި ބާގޭޝްވަރު ބާބާއަށް، ހުރާފާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ޝިޔާމް މާނަވް ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ގޮންޖަހައި، އޭނާ ހޮވާ 10 މީހެއްގެ ހިތުގައިވާ އެއްޗެއް ރަނގަޅަށް ބުނެދީފި ނަމަ 3 މިލިއަން ރުޕީސް ދޭނެ ކަމަށް ބުނެފައެވެ. މި ވާހަކަތައް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ދީނުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ ފޭކު ބާބާއިން ހުއްޓުވުމަށް އިންޑިއާގެ އުއްތަރަކަންދުގައި ހިންގި އޮޕަރޭޝަން ކާލްނޭމީގައި 200 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކާއި، ހަނޑޫ ފުކެއް އުކައިގެން މީހާ ދުނިޔޭގައި ހުންނާނެ އުމުރު ބުނެދެވޭނެ ކަމަށް ދައުވާކޮށްގެން މަގުމަތީގައި އިން މީހަކު ވެސް ހިމެނެއެވެ.
ޕާކިސްތާނުގައި ވެސް "އާމިލުން" ނުވަތަ "ޕީރުން" ގެ ނަމުގައި އުޅޭ މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާ ވަކިން ކުޑައެއް ނޫނެވެ. ޕާކިސްތާނު ސައިންސް އެންޑް ޓެކްނޮލޮޖީ އިންފޮމޭޝަން ސެންޓަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ރޫހީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނާ މިފަދަ ގިނަ މީހުންނަކީ އާންމުންގެ ހިތާމަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ފައިސާ ފޭރޭ މަކަރުވެރިންނެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމާއި މީހުން މެރުމުގެ ތުހުމަތުތަކުގައި ވެސް މިފަދަ އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އެންސީސީއައިއޭއިން ޖޫން 16، 2026 ގައި ލާހޯރުގައި ހިންގި ރެއިޑެއްގައި ވެސް، ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލްކުރި ހާފިޒް އަލީ އަހުމަދު ނަމަކަށް ކިޔާ ފޭކު ރޫހީ ފަރުވާދޭ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނަކީ މި ކަންކަމަށް އަރާ ތިބި ބަޔަކު އުޅޭ ދެ ގައުމެވެ. މި ގައުމުތަކުން ފަސޭހަކަމާއެކު ރާއްޖެއަށް އެތެރެވެވޭ ގޮތަށް ވިސާ ލިބެއެވެ. ކަނޑައެޅިގެން ވަކި ގައުމެއް ނުދެންނެވިއަސް ރާއްޖެއަށް ވެސް މިކަމުގެ އޮއިވަރު އެ ގައުމުތަކުން ފޯރާފައިވާކަން ކަށަވަރެވެ. ރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކޮށް މި ކަމަށް ފަރުވޭ ދޭ މީހުން ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ނުރައްކާތެރިކަމަކީ، ހަމައެކަނި ފައިސާ މިކަމަށް ހޭދަވުމެއް ނޫނެވެ. ނިމުމެއް ނެތް ނުވަތަ މިންޖުވުމެއް ނެތް ފަރުވާއަކަށް އެކަން ބަދަލުވުމެވެ. މަހަކު ދެ ފަހަރު ނުވަތަ ދެ މަހުން އެއް މަހު ރުގުޔާކުރުމުގެ ނަމުގައި އެ މީހަކު ގެނެސް ކިޔަވާން ޖެހުމެވެ. އެ މީހަކަށް ފައިސާ ދޭން ޖެހުމެވެ. މަހެއްގެ މައްޗަށް ދިހަވަރަކަށް ހާސް ރުފިޔާ މި ކިޔެވެލި ކިޔަވައިދޭ މީހުންނަށް ދޭން ޖެހެއެވެ. ތިނަ ހަތަރު މަސްކޮށްލައިފައި އަނެއްކާ ވެސް ޖިންނި އައިސްގެން ނުވަތަ ސިހުރު ހަދާފައި ހުރެގެން އޮންނަނީ ކިޔަވަން ޖެހިފައެވެ. އެއީ ކޮންތާކުން އައި ކާކުކަމެއް ވެސް ނޭނގެއެވެ. އެއީ މާޒީގައި އެ ފަދަ ކަމެއް ކުރި މީހެއްކަމެއް ވެސް ނޭނގެއެވެ. އެއްޗެއް ކިޔަވައިގެން ހުރި މީހެއްތީ ނުވަތަ ނޫންތޯ ވެސް ބަލައެއް ނުލައެވެ. މި ދަރަޖައަށް ރާއްޖޭގައި މިހާރު ރޫހާނީ ބަލިބައްޔަށް ކިޔަވައިދޭ ބިދޭސީން އެބަ އުޅެއެވެ.
ދިވެހިރާއްޖޭގައި ވެސް ފަރުވާ ދިނުމުގެ ނަމުގައި ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވުމާ ގުޅިގެން، ރުގުޔާ ކުރުމުގެ ކަންކަން ގަވާއިދެއްގެ ދަށަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށްފައެވެ. އަދި ހުއްދަ ނަގައި ރަޖިސްޓަރީ ނުކޮށް ސިއްހީ އަދި ބަދަލު ފަރުވާގެ ޚިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ވެސް ވަނީ ދީފައެވެ. އެހެންކަމުން، އަމިއްލަ ގައުމުތަކުން ފައްސާލުމުން ދިވެހިރާއްޖެއަށް ވަދެ، ދީނީ ފަރުވާގެ ނަމުގައި ބިދޭސީން ހިންގާ މި ވިޔަފާރިތައް އިތުރަށް ފުޅާވެ، އިއާދަނުކުރެވޭ ފަދަ އިޖުތިމާއީ މުސީބާތަކަށް ބަދަލުވުމުގެ ކުރިން، ކަމާބެހޭ އިދާރާތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ހަރުކަށި ފިޔަވަޅުތަކެއް ވަގުތުން އަޅަން ޖެހެއެވެ.