އިންޑިއާގެ އިންދޯރުން 2021 ވަނަ އަހަރު އާދައިގެ ގޮތަކަށް ފެށި ރާޖް ޝަމާނީގެ 'ފިގަރިންގް އައުޓް' ޕޮޑްކާސްޓް، ޔޫޓިއުބްގައި 22 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުން ހަމަކޮށް، ދުނިޔޭގެ އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ޕޮޑްކާސްޓުގެ ޝަރަފު ރަސްމީކޮށް ހޯދައިފިއެވެ.
މި ތާރީޚީ ކާމިޔާބީއާއެކު އޭނާ ވަނީ 21.2 މިލިއަން ސަބްސްކްރައިބަރުންނާއެކު ކުރިން މި މަޤާމުގައި އޮތް މަޝްހޫރު ޕޮޑްކާސްޓަރު ޖޯ ރޯގަން ފަހަތަށް ޖައްސާލާފައެވެ.
ރާޖް ޝަމާނީގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ ހިތްވަރާއި މިންނެތް މަސައްކަތުން ފުރިގެންވާ ދިގު ދަތުރެކެވެ. އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އިންދޯރަށް އުފަން ރާޖްގެ ދިރިއުޅުމުގައި ބޮޑު ބަދަލެއް އައީ އުމުރުން އެންމެ 16 އަހަރުގައި އޭނާގެ ބައްޕަގެ ޞިއްޙީ ހާލަތު ގޯސްވެ، އާއިލާ މާލީ ދަތިކަމަކާ ކުރިމަތިލާން ޖެހުނު ހިސާބުންނެވެ. އެ ހާލަތުގައި އާއިލާއަށް އެހީތެރިވުމުގެ ގޮތުން އޭނާ ވަނީ ގޭގައި ސައިބޯނި އުފައްދައިގެން ވިއްކުމުގެ ކުޑަ ވިޔަފާރިއެއް ފަށާފައެވެ.
ވިޔަފާރީގެ ދާއިރާއިން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ރާޖް ވަނީ އޭނާގެ ވިޔަފާރި ފުޅާކޮށް، ޒުވާން ވިޔަފާރިވެރިންނަށް ހިތްވަރުދޭ މޯޓިވޭޝަނަލް ސްޕީކަރެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯދާފައެވެ. އަދި އޭނާގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތް 'ބިލްޑް، ޑޯންޓް ޓޯކް' އަކީ ބެސްޓްސެލަ ފޮތެކެވެ. ސޯޝަލް މީޑިއާގައި ވިޔަފާރި އާއި މާލީ ކަންކަމާ ގުޅޭ ކުރު ވީޑިއޯތައް ހިއްސާކުރަމުން އައިސް، 2021 ވަނަ އަހަރު އޭނާ 'ފިގަރިންގް އައުޓް' ޕޮޑްކާސްޓް ފެށީ ދުނިޔޭގެ އެންމެ ކާމިޔާބު މީހުންގެ ތަޖުރިބާތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަޤުސަދުގައެވެ.
ރާޖް ޝަމާނީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަންއާ އެކު-- ފޮޓޯ/ ޓެލެގްރާފްއިންޑިއާރާޖް ޝަމާނީގެ ޕޮޑްކާސްޓް ދުނިޔޭގެ އެއްވަނައަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ދުނިޔޭގެ އެކި ދާއިރާތަކުގެ އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތުންނާއެކު އޭނާ ކުރިއަށްގެންދިޔަ ޝައުގުވެރި އިންޓަވިއުތަކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހަ އެޕިސޯޑަށް ބަލާއިރު، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ބައިވެރިވި އެޕިސޯޑުގައި ޗެޓްޖީޕީޓީ އެންމެ ގިނައިން ބޭނުންކުރާ ޤައުމަކަށް އިންޑިއާ ވެފައިވާކަން ހާމަކުރެއްވިއެވެ. ހަމައެއާއެކު، މައިކްރޯސޮފްޓްގެ ކޯ-ފައުންޑަ ބިލް ގޭޓްސްއާއެކު ކުރިއަށްގެންދިޔަ މަޝްވަރާގައި، އިންޑިއާގެ ޑިޖިޓަލް އޮނިގަނޑު ކަމަށްވާ ޔޫޕީއައި އަދި އާދާރްއަކީ ދުނިޔެއަށް ނަމޫނާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސިޔާސީ އަދި ބައިނަލްއަޤުވާމީ މައިދާނަށް ބަލާއިރު، ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޮން އިންޑިއާގެ ޕޮޑްކާސްޓެއްގައި ބައިވެރިވެވަޑައިގެން ބަދަލުވަމުންދާ ދުނިޔޭގެ ބާރުތަކާއި އޭއައިގެ ކުރިމަގާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ތާރީޚީ ވާހަކަތަކެކެވެ. އަދި އިންޑިއާގެ ވިޔަފާރިވެރިޔާ ވިޖޭ މާލްޔާގެ މައްސަލަތަކަށްފަހު އޭނާ ދިން އެންމެ ދިގު އިންޓަވިއުގައި، ކިންގްފިޝާ އެއާލައިންސްގެ ވެއްޓުމާއި ލޯނުތަކާ ގުޅޭގޮތުން އޭނާގެ ފަރާތުން ކަންކަން ހިނގާދިޔަ ގޮތް ހާމަކުރުމުން މުޅި އިންޓަނެޓުގައި ބޮޑެތި ބަހުސްތަކެއް އުފެދުނެވެ.
މުނިފޫހިފިލުވުމާއި އަސްކަރީ ދާއިރާއަށް ބަލާއިރު، ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ 'ދަ ޗެއިންސްމޯކާސް' އާއެކު ކުރިއަށްގެންދިޔަ މަޝްވަރާގައި މަޝްހޫރުކަމުގެ ޙަޤީޤަތާއި އިންޑިއާގެ ތަޖުރިބާތައް ހިއްސާކުރިއިރު، އިންޑިއާގެ ކުރީގެ ސްޕެޝަލް ފޯސަސް އޮފަރޭޓަރު މޭޖާ ރިޝަބް ސިންގް ސަމްބިޔާލް ވަނީ ރައީސްގެ ރަސްމީ ގެކޮޅު ރާޝްތުރަޕަތީ ބަވަންގެ ސަލާމަތީ ކަންކަމާއި އަސްކަރީ ދިރިއުޅުމުގެ ބުރަކަން ބެލުންތެރިންނަށް ތިލަކޮށްދީފައެވެ.
އާދައިގެ ކުޑަ ވިޔަފާރިއަކުން ފެށި ރާޖް ޝަމާނީގެ މި ދަތުރަކީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ދުނިޔޭގެ އެންމެ އުހަށް ވާސިލުވެވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ.