ފައިނަލްގައި ލ. ގަން ރިއަލް އައިލެންޑްސް ބަލިކޮށް އެސްޓީއޯ ހޯމް އޮމްޕުރޫމަންޓް ބަށި މުބާރާތް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން ކާމިޔާބު ކޮށްފި އެވެ.
މާފަންނު ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ފީއަލީ އިން ކާމިޔާބު ކުރީ 35 ލަނޑު ހަދައިގެންނެވެ. މުބާރުތުގެ ޗެމްޕިއަންކަން ފީއަލި ހޯދުމުން އެ ޓީމަށް ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފަ އެވެ.
މުބާރާތުގެ ރަނަރްޕް ޓީމު، ރިއަލް އައިލެންޑްސް އަށް 50،000 ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދި ހުޅުމާލެ ވިމަން ސްޕޯޓްސްއަށް ލިބުނީ 25،000 ރުފިޔާ އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނު ރުއްކުރި ޓީމަށް ލިބުނީ 10،000 ރުފިޔާ އެވެ.
ޖުމްލަ 21 ޓީމު ވާދަ ކުރި މުބާރާތުގެ ޗެމްޕިއަން ހޯދި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމަށް ތައްޓާއި މެޑްލާއި ހަނދާނީ ލިއުމާއެކު 100،000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ބަށި ރާނީ"އަކަށް ހޮވުނީ ހުޅުމާލޭ ވިމަން ސްޕޯޓްސްގެ ފާތުމަތު މިލްނާ އެވެ. އޭނާ ވަނީ އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. މުބާރާތުގެ އެ ދެ މަގާމު ވެސް އޭނާ ހޯދުމުން އެސްޓީއޯއިން ވަނީ އޭނާއަށް 6،000 ރުފިޔާގެ ފައިސާގެ އިނާމް ދީފަ އެވެ.
މުބާރާތުގައި އެންމެ ގިނަ ފޯލި ހިފީ ރިއަލް އައިލެންޑްސްގެ އައިޝަތް މިލްނާއެވެ. މުބާރާތުގައި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ރުއްކުރި ޓީމްގެ އިބްތިޝާމް އަބްދުލް ގާދިރުއެވެ.
މިފަހަރުގެ މުބާރާތުގައި ވަނީ މުޅިން އަލަށް ތިން މަގާމެއް ހޮވާފައެވެ. އެގޮތުން އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ވިދުވަރު ޓީމްގެ ރައްޔާނާ އިބްރާހިމަށްށެވެ. އެންމެ މޮޅު މެނޭޖަރުގެ މަގާމް ލިބުނީ ކުބުރުދޫ ބަށި ޓީމްގެ އައިމިނަތު ޒިޔާދާ އަށެވެ. އަދި އެންމެ ފާހަގަ ކޮށްލެވޭ ސަޕޯޓިން ޓީމަކަށް ހޮވުނީ ފީއަލީ ޓީމެވެ.