ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކަށަވަރުކޮށް ނިންމާ ހިސާބުން މަރުގެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި ހުކުމް ތަންފީޒުކުރަން ހަމަޖެހިފައިވަނީ މާފުށީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޗެނަލް ތޭރައިގެ "ނުއުސް ޓޯކް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރަން ހަމަޖެހިފައި ވަނީ މާފުށީޖަލުގައި ކަމަށާއި ނަމަވެސް އެޖަލުގެ ކޮން ހިސާބެއްކަން އަދި ކަނޑަ ނާޅާ ކަމަށް އުމަރު ވިދާޅުވި އެވެ. އެޖަލަކީ ބޮޑު ޖަލެއްކަމުން މަރުގެ ހުކުމް އެތާ ތަންފީޒު ކުރެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވި އެވެ.
"މިހާރުވެސް ސުޕްރީމް ކޯޓުން ނިންމައިގެން މަރުގެ އަދަބު ތަންފީޒުކުރަން އައިސްފިއްޔާ މަރުގެ އަދަބު ތަންފީޒުކުރަން ތައްޔާރަށް އަޅުގަނޑުމެން މިތިބީ،" އުމަރު ވިދާޅުވި އެވެ.
މާލަސްތަކެއް ނުވެ މާފުށީގެ މައިޖަލުގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ކަނޑައަޅައި ތަންފީޒުކުރަން ބޭނުންވާނެ ސެޓަޕް ތައްޔާރުކުރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތުގެ ގަވާއިދެއް ސަރުކާރުން މިހާރު އެކުލަވާލާފައިވާއިރު ގަވާއިދުގައި ބުނެފައިވާގޮތުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ ލީތަން އިންޖިކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްވެސް ވަނީ ވިދާޅުވެފަ އެވެ. އަނިލް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާއިދެއް މިހާރު އެކުލަވާލާފައި އޮތްނަމަވެސް، އެފަދަ ގާނޫނެއް ވުޖޫދަށް ގެންނަންޖެހޭ މުހިންމު ސަބަބަކީ އެ ގަވާއިދަށް ވުރެ ފުޅާކޮށް ކަމާ ބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެ ބިލަކީ ހަމައެކަނި "ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި އިއްވާ މަރުގެ ހުކުމް" ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައި ވަނީ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި، މީގެ 58 އަހަރު ކުރިން، 1952 ގަ އެވެ. އެ ފަހަރު މަރަން ހުކުމް އިއްވައި، ހުޅުލޭ ރުކެއްގައި އައްސައި މެޔަށް ބަޑި ޖަހައި މަރާލީ ގއ. ނިލަންދޫ ސިހުރުވެރިއެއް ކަމަށްވާ ހަކީމް ދީދީ އެވެ. އޭނާ އަށް މަރުގެ ހުކުމް އިއްވެވީ އަބްދުﷲ ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނެވެ.