އަދީބު ޕީޕީއެމް އިން ވަކިކުރުމަކީ ޕާޓީ އަށް ލިބޭނެ ކުރިއެރުމެއް: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ސަން އަށް އިންޓަވިއު ދެއްވަނީ: އަދީބަކީ ޕީޕީއެމަށް މާފަހުން "ވައިކުޑައިގެ" ފުންމާލި ބޭފުޅެއް ކަމަށް އުމަރު މިއަދު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްކަމުން ދާދިފަހުން ވަކި ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބަކީ އެ ޕާޓީ އަށް މާފަހުން "ވައިކުޑައިގައި" ފުންމާލި ބޭފުޅެއް ކަމަށާއި އޭނާ ޕާޓީ އިން ވަކިކުރުމަކީ އެ ޕާޓީ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ޕީޕީއެމް އަށް ކޮންމެ ފަދަ ގޮތެއްވި ކަމުގައި ވިޔަސް އަދީބު ކަންބޮޑުވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޕީޕީއެމް އުފެއްދުމުގައި އަދީބުގެ ރޯލެއް ނޯންނާނެ ކަމަށެވެ. އުމަރު ވިދާޅުވީ ޕީޕީއެމަކީ އޭރު އޮތް ޑީއާރްޕީގެ ތެރެއަށް ގެނެސްފައިވާ ބޮޑު އިންގިލާބެއް ކަމަށާއި އެ އިންގިލާބު ގެންނަން އަދީބު މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އެޕާޓީއަށް އަދީބު ވަޑައިގެންނެވި ހިސާބުން ފެށިގެން އެޕާޓީ މަގު އޮޅިގެން މަގު ގެއްލިގެން ދާކަން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވުނު. ރިޔާސީ އިންތިހާބުގައި އަޅުގަނޑު ގާސިމަށް ތާއީދުކުރަން ފެށުމުން ޕާޓީގެ [ޕީޕީއެމް] ލީޑާޝިޕާއި އަޅުގަނޑާ ހިޔާލު ތަފާތުވުމުން އަޅުގަނޑު ހުރީ ދުރުގައި. ޕީޕީއެމަށް ވާނުވާ ބަލަމުން ދިޔައީ. ސަބަބަކީ ޕީޕީއެމަކީ އަޅުގަނޑުމެންގެ އަތަށް އުފަން އަޅުގަނޑުމެންގެ ދަރިއެއް. މި ދަރި އުފަން ކުރެއްވީ ވެސް އަޅުގަނޑުމެން. އަޅުގަނޑާއި ރައީސް ޔާމީނާއި ރައީސް މައުމޫނާ ތިން މީހުންނޭ މިކަން ކުރީ ބުންޏަސް ދޮގަކަށް ނުވާނެ. އަދީބުމެން ނުވެސް ތިއްބަވާނެ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ނައިބު ރައީސް އަދީބު ބައިވެރިވެވަޑައިގަންނަވަނީ -- ސަންފޮޓޯ/ އަލީ ނަސީރު

އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސް ރައީސް ވަހީދުގެ ވެރިކަމުގައި އަދީބު ގެނައީ ޓުވަރިޒަމް މިނިސްޓަރަކަށް ކަމަށާއި އޭގެ ކުރިން އޭނާ އަކީ މީހުން މާބޮޑަށް ދަންނަ މީހެއް ވެސް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި އަދީބު ހުންނަވައިގެން އެ ޕާޓީ ދިޔައީ ޕާޓީ އުފެއްދި މަގުސަދާ ވެސް މުޅިން ހިލާފަށް ކަމަށެވެ.

"އެހެންވީމާ އޭނަ އެޕާޓީން ވަކިކުރި ކުރެއްވުމަކީ އެޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އަޅުގަނޑު ވަރަށް އުފާކުރަން، ސަބަބަކީ އަޅުގަނޑުމެން އެޕާޓީ އުފެއްދި މަގުސަދާ ދިމާލަށް ޕީޕީއެމް އަލުން މިސްރާބު ޖެހުމުގެ ފުރުސަތު އެޕާޓީއަށް ލިބުނީތީވެ،" ދާދިފަހުން ޕީޕީއެމަށް ސޮއިކުރެއްވި އުމަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި އަދީބު ޕީޕީއެމް އިން ވަކި ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އަދީބު އަދުގެ ސަރުކާރުގައި ނެތުމުން ރަނގަޅު ވެރިކަމެއް ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ކަމެއް ގޯސްކޮށް ކުރެވިފައިވާ ނަމަ އެކަމެއް ކުރެވިފައި ވަނީ ނައިބު ރައީސް އަދީބުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް