ރިލްވާން ގެއްލުނު މައްސަލާގެ ހަގީގަތް ހޯދައިދޭނަން: އުމަރު ނަސީރު

އަހްމަދު ރިޟްވާން އަބްދުﷲ

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

ރިލްވާނުގެ މަންމައާއި އާއިލާގެ މެމްބަރުންނާއި މިއަދު ހަވަނަ ފަހަރަށް ބައްދަލުކުރެއްވުމަށް ފަހު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމައްސަލާގެ ހަގީގަތް ހޯދައިދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުގެ ފަރާތުން ރިލްވާންގެ އާއިލާއަށްދީފައިވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ރިލްވާން ގެއްލުމުގެ ހަގީގަތް ހޯދުމަށް ނުފޮރުޅާނެ އެންމެ ގަލެއްވެސް ނުބާއްވާނެ ކަމަށެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައި ވަނީ ތަކުރާރުކޮށް ފުލުހުން ކުރި މަސައްކަތުން ރިލްވާން ގެއްލުނީ ކީއްވެގެންކަމެއް ނޭނގުނު ކަމަށެވެ.

ނޫސްވެރިޔާ ރިލްވާނު ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 128 އަށް ވުރެ ގިނަ މީހުންގެ ތަހުގީގީ ބަޔާން ނަގާފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ.

އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް