ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރުއެވެ. އަލިފާން ރޯވި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ފަޅުވެރިޔާއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ލޯންޗުގެ ކައްޕިއަށް ލިބުނު އަނިޔާތަކަށް ހަނިމާދޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލޯންޗުގައި އަލިފާން ރޯވި ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުންނާއި ފުލުހުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާތައް ފަހަކަށްއައިސް އިތުރުވެފައިވާއިރު، ދާދި ފަހުން އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް އަލިފާނުގެ 12 ހާދިސާއެއް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިއެވެ.
މިފަހަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، މިފަދަ ހާދިސާތައް މަދުކުރުމަށް ހުރިހާ ފަރާތްތްކުން ވެސް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.