ރާއްޖޭގައި ބޭރުގެ ހަތިޔާރު ގުދަނެއް ހަދާ ނަމަ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަމަށާއި އެހެންކަމުން އެފަދަ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިވާ ނަމަ އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޑީޕީން އެހެން ބުނެފައިވާ އިރު ސަރުކާރުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބޭރުގެ ހަތިޔާރު ގުދަނެއް ހެދުމަށް އެއްވެސް ފަރާތަކާ އެކު ސަރުކާރުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
އެމްޑީޕީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހއ. އުލިގަމުގައި ބަޑި ހަތިޔާރު ގުދަނެއް ގާއިމުކޮށް ޙަރަކާތްތެރިވުމަށް ބޭރުގެ ގޮތްނޭނގޭ ފަރާތަކަށް ދިވެހި ސަރުކާރުން ހުއްދަދީގެން އެކަން ކުރަމުންދާ ކަމުގެ މަޢުލޫމާތު މީޑީއާ މެދުވެރިކޮށް ލިބުމުން އެ ޕާޓީ އަށް އެކަމުން ކުއްލި ސިހުމެއް ލިބުނު ކަމަށެވެ.
"މިގޮތުން ރާއްޖޭގައި ބަޑި ހަތިޔާރު ގުދަނެއް ގާއިމުކޮށް ހަރަކާތްތެރިވުމަށް ސަރުކާރުން ހުއްދަދީފައި ވަނީ ބިދޭސީ ކުންފުންޏެއް ކަމުގައިވާ 'ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ލިމިޓެޑް' ނަމަކަށްކިއާ މޯލްޓާގައި ހިންގާ އަމިއްލަ ކުންފުންޏަކަށްކަން ހާމަވެފައިވެ އެވެ. އަދި އެކުންފުނިން މިހާރު ހއ. އުލިގަމުގައި ބަޑި ހަތިޔާރު ގުދަން ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގެ މަޢުލޫމާތު ހާމަވެފައިވެ އެވެ. މި ބަޑި ހަތިޔާރު ގުދަން އެ ރަށުގައި ގާއިމުކުރުމަށް ފަހު 200 ބިދޭސީ މީހުންގެ މައްޗަށް އެކުލެވޭ ހަތިޔާރު ގެންގުޅުމުގެ ޔުނިޓެއް ގާއިމުކުރާ ގޮތަށް ހަމަޖެހިފައިވާކަން ވެސް ހާމަވެފައިވެ އެވެ." އެމްޑީޕީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ބަޑި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިދީފައިވަނީ ހަމައެކަނި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާ އިރު، ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރުގެ ގޮތްނގޭ ކުންފުންޔަކުން ނުވަތަ އެފަދަ ފަރާތަކުން ބަޑި ހަތިޔާރު ގުދަނެއް ހަދައި، ހަތިޔާރާ އެކު ޙަރަކާތްތެރިވެ، ނުވަތަ ތަމްރީނުދޭ ވަސީލަތްތައް ގާއިމުކުރުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އަދި ނުރައްކާތެރި ކަމެއް ކަމަށެވެ.
މުއާޒު ރޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މޯލްޓާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ފޮނުއްވި ސިޓީފުޅުގައި ހަތިޔާރު ގުދަނެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީން މޯލްޓާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ އޯގަސްޓު މަހުގެ އަށްވަނަ ދުވަހު ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.