ރަޖަމްކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ޒިނޭކުރިކަމަށް އެއްބަސްވި އަންހެނަކު ރަޖަމްކުރުމަށް ގއ. ގެނަމަފުށީ މެޖިސްޓްރޭޓްކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ ކޯޓު އަމުރުގައި ވަނީ، ގއ. ގެމަނަފުށީ އަންހެނަކު ވަކި މީހަކަށް ނުލައްވާގޮތަށް ވިހެއުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި އެ ކޯޓުން ޝަރީއަތް ހިންގާފައި ވަނީ، މިބާވަތުގެ މައްސަލަތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

" ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 58P9C/2015 ޤަޟިއްޔާއިން އެ މައްސަލައިގެ ޝަރީޢަތް ހިންގައި ނިންމާފައި ވަނީ، ޝަރުޢީ މިބާވަތުގެ މައްސަލަތައް ބަލައި ޝަރީޢަތްކުރުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޝަރުޢީ އަދި ގާނޫނީ އިޖުރާއަތުތަކާއި އުޞޫލުތަކާ ޚިލާފަށްކަމަށް ވާތީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 58P9C/2015 ޤަޟިއްޔާ ބާޠިލުކޮށް، އެންމެހައި ލިޔުންތަކާއިއެކު އެ މައްސަލައިގެ ފައިލް 19 އޮކްޓޫބަރު 2015ގެ 12:00ގެ ކުރިން މި ކޯޓަށް ފޮނުވުމަށް ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގައި އަމުރު ކުރަމެވެ." ސުޕްރީމް ކޯޓުގެ ކޯޓު އަމުރުގައި ވެއެވެ.

ގެމަނަފުށީ ކޯޓުން އަންހެނަކު ރަޖަމްކުރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި މިވަނީ، ރަޖަމްކުރުމުގެ އަދަބުގެ ހުކުމް އިއްވުނު މީހާއަށް ހުކުމްކޮށްފައި ވަނީ ކުރެވުނު ދައުވާގައި ބަޔާންކޮށްފައިވާ ކުށާ ގުޅިގެން ނޫން ކަމަށް ވާތީ ލިޔެކިއުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނިކޮށެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުރެވޭ ދައުވާގައި ބުނާ ކުށް ފިޔަވައި އެހެން ކުށަކަށް ޝަރީއަތުގައި އިއުތިރާފްވެފައިވާ ހާލަތުގައި އާއްމު އުސޫލަކީ އެ ކުށަށް އިއުތިރާފްވި މައްސަލަ ތަހުގީގު ކުރެވިގެން އަލުން އެކުށާ މެދު ދައުވާކުރުން ކަމަށެވެ.

ގެމަނަމަފުށީ ކޯޓުން ބުނީ، އުމުރުން 30 އަހަރަށް ވުރެ ދޮށީ އެ އަންހެން މީހާ ރަޖަމް ކުރުމަށް އެ ކޯޓުން ހުކުމް ކުރީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ މާއްދާގައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.

comment ކޮމެންޓް