މެމްބަރު ސުޖާއުގެ ދަބަސް ފުލުހުން ފާސްކޮށްފި

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއުގެ ދަބަސް ފުލުހުން ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ސުޖާއު މިރޭ ސަން އަށް ވިދާޅުވީ އޭނާގެ ދަބަސް ފުލުހުން ފާސްކޮށްފައި ވަނީ އައްޑޫ ސިޓީ އަށް ކުރި ދަތުރަށް ފަހު އެނބުރި މިއަދު ހަވީރު ހުޅުމާލެ އަށް އައި ވަގުތު ކަމަށެވެ.

ދަބަސް ބަލައި ފާސްކުރި އިރު އެ ދަބަހުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށާއި ދަބަހުގައި ހުންނާނީ އަންނައުނާއި އެހެނިހެން ސާމާނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެރީން ފައިބައިގެން ކާރަށް އަރައިގެން ދަނިކޮށް، ފަހަތުން ވެހިކަލެއް ބަރުގޮނުއަޅަމުން އައިސް މަޑުކުރާށޭ ބުނީމާ މަޑުކުރީ. ދެން އެބޭފުޅުން ވިދާޅުވީ ތިމަންނަމެން ބޭނުމޭ ބަލަން. ބުނީމާ ވަގުތުން ފޮށި ތިރީގައި ބަހައްޓާފައި އަޅުގަނޑު ބުނިން ބަލާށޭ. ދެން އެބޭފުޅުން އަތަށް އަންގިއާ އެއްޗިހިއަޅައި މަގުމަތީގައި މުޅި ދަބަސް ބަލާފައި އިތުރު ސުވާލެއް ނުކުރޭ،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސްކޮދިނުމަށް ވެސް ފުލުހުންގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ފުލުހުން ޖަވާބެއް ނުދޭ ކަމަށެވެ.

އެ މައްސަލަ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދަށް ފޯނުން ގުޅައި ސުވާލު ކުރުމުން އެއީ ކީއްވެގެން ފުލުހުން ކުރި ކަމެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ސުޖާގެ ދަބަސް ބަލައި ފާސްކުރީ ވަކި ޚާއްސަ ކަމަކާ ގުޅިގެން ނޫން ކަމަށެވެ. ހުޅުމާލެއަށް އަރައި ފައިބާ މީހުން ދޭތެރެދޭތެރެއިން ޗެކް ކުރާ ކަމަށާއި ސުޖާގެ ދަބަސް ފާސްކުރީ ވެސް އެ އުސޫލުން ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

comment ކޮމެންޓް