ހުޅުމާލޭ ދުވާރުމަތީ ޕާކުކުރުން އާންމު އުނދަގުލަކަށް، އެކަން ނުކުރަން ފުލުހުން އެދިއްޖެ

ހުޅުމާލޭގައި ޕޭމެންޓު މަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކެއް --- ފޮޓޯ: ފުލުހުން

ހުޅުމާލޭގެ ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުމަތީގައި އުޅަނދުތައް ޕާކުކުރަމުންދާތީ އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މާލޭ ސަރަހައްދުގައި އުޅަނދުތައް ގިނަވެ، ޓްރެފިކު ތޮއްޖެހުމާއި އެ އުޅަނދުތައް ޕާކުކުރަން އެކަށީގެންވާ ވަރަށް ޖާގަ ނެތުމުގެ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން، ގަވައިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަ ވެސް ގިނަގިނައިން ފެންމަތިވެއެވެ.

ފުލުހުން ރޭ ވަނީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުމަތީގައި އުޅަނދުތައް ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި ޕާކުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެ މުއައްސަސާއިން ވަނީ، ފައިމަގުގައި ހިނގުމަށް ޚާއްސަކޮށްފައިވާ ދުވާރުމައްޗާއި އެފަދަ އެހެނިހެން ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ އަދި ޕާކުކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮދީފައެވެ.

ހުޅުމާލޭގައި ޕޭމެންޓު މަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކެއް --- ފޮޓޯ: ފުލުހުން

މާލެ ސަރަހައްދުގެ މަގުތަކުގައި ޓްރެފިކްގެ މައްސަލަ ބޮޑުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި ދިރާސާއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކުރިއެވެ.

އެ ދިރާސާގެ ނަތީޖާ މިދިޔަ އަހަރު އާންމުކުރިއިރު، ދިރާސާއިން ދެއްކި ގޮތުގައި، މާލޭ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުންދެއެވެ.

https://sun.mv/223579

މިދިޔަ މަހު ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ، ސަރުކާރުގެ އަމާޒަކީ 2028ގެ ކުރިން, މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް ހޯދައިދިނުން ކަމަށް ވިދާޅުވެފައެވެ.

އޭރު މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި ސަރަހައްދުގެ ދަތުރުފަތުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް