ގަވައިދާ ޚިލާފަށް ކުނި އުކައިދޭ ދެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް

ގަވައިދާ ޚިލާފަށް ކުނި އުކާތީ ފުލުހުން ހިފެހެއްޓި ބިދޭސީންތައް --- ފޮޓޯ/ ފުލުހުން

ގަވައިދާ ޚިލާފަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި އުކައިދޭ ދެ ބިދޭސީން ހިފަހައްޓައި، އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެއީ، ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ 43 އަހަރުގެ އެމްޑީ ހަބީބު އުލާހުއާއި 39 އަހަރުގެ އެމްޑީ މޮރިންއެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، އިއްޔެ ހެނދުނު 08:45 ހާއިރެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހުންގެ ތެރެއިން އެމްޑީ މޮރިންއަކީ، "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެކެވެ. އަދި، އެމްޑީ ހަބީބަކީ "އޭޔޫ ފެހުން" ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މީހުންނަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ކުނި މެނޭޖުކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިގޮތުން، އެ މީހުން ފުލުހުން ހިފަހައްޓާފައި ވެސް ވަނީ ކުނި އުފުލުމަށް ބޭނުންކުރާ ޕިކަޕަކާ އެކީގައެވެ.

ފުލުހުން ބުނީ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގަވައިދާ ޚިލާފަށް ކުނި އުކާ ބިދޭސީންތަކެއް ހިފެހެއްޓިއިރު، ވިސާ އޮންނަ މަސައްކަތުގެ އިތުރަށް އެހެނިހެން މަސައްކަތް ބިދޭސީން ކުރުމަކީ ރާއްޖޭގައި މަނާކަމެކެވެ.

comment ކޮމެންޓް