ޖޫން މަހު ސްކޭމްތައް މަދުވެއްޖެ؛ ގެއްލުނީ ނުވަ ލައްކަ ރުފިޔާ

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް އެމްއެންޔޫއެސްޔޫން ހިންގި ހަރަކާތެއް: ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މެއި މަހަށް ވުރެ ޖޫން މަހުގައި ހުށަހެޅި ސްކޭމްގެ މައްސަލަތައް މަދު -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

މިދިޔަ ޖޫން މަހު ފުލުހަށް ހުށަހެޅި ސްކޭމްގެ މައްސަލަތައް މެއި މަހަށް ވުރެ މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ސްކޭމްގެ 122 މައްސަލައެއް ހުށަހެޅިއެވެ. އެއީ މެއި މަހު ހުށަހެޅި ސްކޭމްގެ މައްސަލަތަކަށްވުރެ 35 މައްސަލަ މަދު އަދަދެކެވެ.

ހަމަ އެހެންމެ ސްކޭމްގެ މައްސަލަތަކުގައި ޖޫން މަހު ގެއްލުނު ފައިސާ ވެސް މެއި މަހަށް ވުރެ މަދެވެ. އެގޮތުން މެއި މަހު ސްކޭމްގެ އެކި މައްސަލަތަކުގައި 2.27 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓުކުރިއިރު ޖޫން މަހު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 914،698 ރުފިޔާއެވެ.

ސްކޭމްގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން ޖޫން މަހު 598،678 ރުފިޔާ ހޯދުނު ކަމަށްވެސް ފުލުހުންގެ އެ ތަފާސްހިސާބުތަކުގައިވެއެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެއްކޮށް ފައިސާ އަނބުރާ ހޯދުނީ 87 މައްސަލައެއްގެއެވެ. އަދި ފައިސާގެ ތެރެއިން ބައެއް ރިކަވާކުރެވުނީ 34 މައްސަލައެއްގައި ކަމަށްވެސް ވެއެވެ.

އާދައިގެ މަތިން، ސްކޭމްގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅީ އޮންލައިން ވިޔަފާރިތަކުގެ ނަމުގައި ކޮށްފައިވާ ސްކޭމްތަކުގެ މައްސަލަތަކެވެ.

އޭގެ ތެރޭ އޮންލައިން ވިޔަފާރިއާ ގުޅުންހުރި 74 މައްސަލައަކާއި ޝަޚްސު އޮޅުވައިލުމުގެ 13 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ތެރޭ މަކަރާއި ހީލަތް ހެދުމުގެ ހަތް މައްސަލައެއް ހިމެނެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި 2،700އަށް ވުރެ ގިނަ ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަނަށްވުރެ ރުފިޔާ ގެއްލިފައިވެއެވެ.

comment ކޮމެންޓް