ހިލާލީގެ މަރާމާތުކުރަން ފަށައިފި

ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނަށް ހާއްސަ ގެކޮޅު، ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާނު މުހައްމަދު 'ސަން' އަށް ވިދާޅުވީ، ހިލާލީގެ މަރާމާތުކުރެވެމުން ދަނީ އާންމު އުސޫލުގެ ދަށުން ކަމަށެވެ.

" އާންމު ރޫޓިންގެ ދަށުން ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންދަނީ،" އަދުނާނު ވިދާޅުވި އެވެ.

ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން ހިލާލީގެއަށް ދިރިއުޅުން ބަދަލުކުރައްވަން އުޅުއްވާ ކަމުގެ ހަބަރުތަކެއް ބައެއް ފަރާތްތަކުން ދައްކަމުންދާތީ އެކަމާ ގުޅިގެން 'ސަން' އަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސުން އަދި ނައިބު ރައީސުންނާ ބެހޭ އެފަދަ ވާހަކައެއް އަދި ހިއްސާކުރައްވާފައި ނުވާ ކަމަށެވެ.

" އެފަދަ ވާހަކައެއް ( ގެކޮޅު ބަދަލުވުމާ ބެހޭ ވާހަކަ) އަޅުގަނޑާ ހިއްސާކުރައްވާފައި ނުވޭ. އެހެންވީމަ އެކަމާ ބެހޭ މައުލޫމާތެއް ދޭކަށް އަޅުގަނޑަކަށް ނޭނގޭ،" މުއާޒް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރުނެއް ކަމަށް ނިންމައި މަގާމުން ވަކި ކުރެއްވުމާ ގުޅިގެން ހިލާލީގެ މިހާރު ހުރީ ހުސްކޮށެވެ. މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައި ވަނީ އެމަނިކުފާނު އުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށެވެ.

ހިލާލީގެއަކީ ނައިބު ރައީސުންނަށް ހާއްސަ ގެއެއް ނަމަވެސް މީގެ ކުރިން އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ކަމުން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަން ލިބި، ދައުރު ނިމެންދެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެގޭގައި ދިރިއުޅުއްވާފަ އެވެ. ޑރ. ވަހީދަކީ ހިލާލީގޭގައި ދިރިއުޅުއްވި ފުރަތަމަ ރައީސެވެ.

comment ކޮމެންޓް