މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު، އެ ގާނޫނު 2014 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ހުރިހާ މިނިސްޓްރީއަކުން އާންމުކޮށްފިއެވެ.
އާރުޓީއައި ގާނޫނުގައި އޮންނަނީ ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް 13 ކަމަކާ ގުޅުންހުރި މައުލޫމާތު، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ އެއަށްވުރެ އަވަސް މުއްދަތެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތަށް އަމިއްލަ އިސްނެގުމުގެ މަތިން ޝާއިޢުކުރަމުން ގެންދަންވާނެ ކަމަށެވެ.
އެ މާއްދާގެ ދަށުން ހާމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ޚަރަދާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހިމެނެއެވެ. އަދި އެ އިދާރާގެ ހުރިހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތާއި އެ އިދާރާގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް ވެސް ހިމެނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މީގެ ކުރީން ވަނީ، ދައުލަތުގެ ވުޒާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަން ޖެހޭ މައުލޫމާތު ހާމަކުރާ މިންވަރު ދަށްކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ، އަމިއްލައަށް އިސްނަގައިގެން ހާމަކުރަން ޖެހޭ ހުރިހާ މައުލޫމާތެއް އެހާތަނަށް އެއްވެސް މިނިސްޓްރީއަކުން އެއްކޮށް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފާއިތުވި މަސް ތެރޭގައި އޭނާ ވަނީ އެކި މިނިސްޓްރީތަކުން އެ މައުލޫމާތު ހާމަކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ، މިނިސްޓްރީތަކުން އަމިއްލައަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން މީގެ ކުރިން ހާމަކޮށްފައިވަނީ 34 ޕަސެންޓް މައުލޫމާތު ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް ބަލާއިރު، ހުރިހާ މިނިސްޓްރީއަކުން ވަނީ އެ ހުރިހާ މައުލޫމާތެއް އާންމުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އާހިދު ވަނީ މިނިސްޓްރީތަކުގެ އިތުރުން ރައީސް އޮފީހުން ވެސް ވަނީ އަމިއްލައަށް ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކޮށްފައިކަން ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ ރައީސް އޮފީހާއި މިނިސްޓްރީތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވިދާޅުވެ، އަދިވެސް ކުރަން ޖެހޭ މަސައްކަތްތަކަށް އޮތް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓްރީތަކުގެ ދަށުން ހުރިހާ އިދާރާއަކުން ވެސް ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވާކަން ކަށަވަރުކޮށް، މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތު އަދާހަމަ ކުރަމުން ދިޔުމަށް އާހިދު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، އާރުޓީއައި ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ގަވައިދުން އާރުޓީއައިތަކަށް ޖަވާބު ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ދައުލަތުގެ އިދާރާތަކުން ހާމަކުރަން އެދި ހުށަހަޅާ މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.
އެ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ މަހު ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި އިހުސާނާއި އުޝާމަށް ވެސް ފާޑުކިޔުން އަމާޒުވިއެވެ. އަދި އުޝާމަށް ރައްދު ދެއްވައި އާހިދު މީގެ ކުރިން ވަނީ އާރްޓީއައި ގާނޫނުގެ ބޭނުން ނަހަަމަ ގޮތުގައި ހިފާކަން ފާހަގައެއް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.