ދިފާއީ ހެކީން ބަލައިގަތުމުގައި ވަކި ހަމައެއް މަތީ ކޯޓުތަކުން ނުގެންގުޅޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ މިހެން ވިދާޅުވީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ސ. ހުޅުދޫ އިރުވައި އަހްމަދު އުނައިސް އާއި ހަމަ އެ ރަށު އޮސްޓްރޭލިއާ އިބްރާހީމް އިބާދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އެ ދެ މީހުން ދައުވާ އަށް އިންކާރުކޮށްފައި ވާތީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ވަނީ ދައުލަތަށް ދީފައެވެ.
ދިފާއީ ހެކި ހުށަހަޅަން ބޭނުންތޯ ގާޒީ ދެންނެވުމުން ދިފާއީ ވަކީލު އަހްމަދު ނާޒިމް ވިދާޅުވީ ހެކި ހުށަހަޅަން ބޭނުންވަނީ އެމީހުން އެކަން ނުކުރާތީ ކަމަށެވެ.
އެވާހަކައަށް ރައްދުދެއްވައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ކުށެއް ނުކުރާ ކަމަށް ބުނެ ހެކި ހުށަނޭޅޭނެ ކަމަށެވެ.
ައަބްދުﷲ ގާޒީ ވިދާޅުވީ އެ ކޯޓުން މިހާތަނަށް އަމަލުކުރަނީ ދިފާއުގައި ހުށަހަޅާ ހެކިތައް ބެލުމަށްފަހު ޝަރީއަތަށް ބަލައިގަނެވޭފަދަ ހެކިތަކެއް ހުރިނަމަ ބަލައިގަންނަނީ ކަމަށެވެ.
ނަމަވެސް މަތީ މަރުހަލާގެ ކޯޓުތަކުން، ކޮންމެ ގޮތަކަށް ހެކި ހުށަހެޅިއަސް ބަލައިގަންނަ ކަމަށާއި އެހެންކަމުން އެ މައްސަލާގައި ކޮންމެ ގޮތަކަށް ދިފާއީ ހެކި ހުށަހެޅިކަމުގައިވިޔަސް ބަލައިގަންނާނެ ކަމަށެވެ.
ޕީޖީ ވަނީ އަބްދުﷲ ގާޒީގެ އެވާހަކައަށް ރައްދުދެއްވާފަ އެވެ.
"އެހެންވެއްޖެއްޔާ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ހުރިހާ ނިންމުންތަކަށް ވެސް ކޯޓުން އަމަލު ކުރަންޖެހޭނެ،" ޕީޖީ ވިދާޅުވި އެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދު ވަކީލަކު ހަމަޖައްސާފައިނުވާތީ، ވަކީލަކު ހަމަޖެއްސުމަށް އަބްދުﷲ ގާޒީ މިއަދުވެސް ވަނީ އެނާއަށް އަންގާފައެވެ.
އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެމީހުންގެ ތެރެއިން އުނައިސްގެ މައްޗަށް ދައުވާ އުފުލީ ހެލްމެޓަކުން ފުލުސް މީހާއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ. އިބާދުގެ މައްޗަށް ދައުވާ އުފުލީ ފުލުސް މީހާގެ އަތުގައި އޮތް ހެލްމެޓު ގަދަކަމުން ނަގައި އެ ހެލްމެޓުން އޭނާއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އިބްރާހީމް ރަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ބިންމަތީގައި އޮތް ކޯނަކުން ޕޮލިސް މީހާއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.
އެ މައްސަލާގައި ހުށަހަޅާ ހުރިހާ ހެކީން ސިއްރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މިއަަދު ވަނީ އެދިވަޑައިގެންފައެވެ. އަދި ހެކީންގެ ބަޔާން އެއްވެސް ގޮތަކަށް ދޫކުރަން ބޭނުންނުވާ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. ސަބަބަކީ ހެކީންގެ މައުލޫމާތު އުނިކޮށްފައި ބަޔާންތައް ދޫކުރިޔަސް ހާދިސާ ހިނގިގޮތަށް ބަލާއިރު ބަޔާންތައް ކިޔާލުމުން ހެކީންނަކީ ކޮންބައެއްކަން އެނގޭނެތީ ކަމަށް ޕީޖީ ވިދާޅުވި އެވެ.