އެމީހަކު ކުރި ކުށަކާ ގުޅޭ ގޮތަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކުރައްވައިފި އެވެ.
އަބްދުﷲ ގާޒީ މިގޮތަށް އިލްތިމާސް ކުރެއްވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 10 މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ދެ ޝަރީއަތުގެ މަޖިލީހުގައި ވެސް އަބްދުﷲ ގާޒީ ވަނީ އެކަމަށް އިލްތިމާސްކުރައްވައިފަ އެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ ފުލުސް މީހާގެ ގައިގައި އަތުންނާއި ފައިން ޖަހައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ "ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ" ކަމަށެވެ.
ދައުވާގެ ސީޣާގައިވާ ގޮތުން ބައެއް މީހުން ކުރި އަމަލަކީ އަތުންނާއި ފައިން ޖަހައި ފުލުސް މީހާއާ މެދު މާރާމާރީ ހިންގުން ކަމުގައިވާ އިރު، އެމީހުންނަކީ ކުށުގެ ބައިވެރިން ނޫން ކަމާއި އެމީހުންނަކީ އަމަލީގޮތުން ކުށެއް ކުރި މީހުންކަން ސާފުކޮށް އެނގޭ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
"ދައުވާގައި ސާފުކޮށް އެބަ ބުނޭ އެ ދެ މީހުން [ށ. ގޮއިދޫ މަލާޒު މުހައްމަދު ސިނާން އަދި ގދ. ގައްދޫ ލޮޓަސް ލައުޝަން އަހްމަދު ޒާހިރު] އަތުންނާއި ފައިން ތެޅީއޭ. އެމީހުންނަކީ އަމަލު ހިންގި މީހުން. ބައިވެރިވުމާއި އަމަލު ހިންގުމާ ތަފާތުވާނެ،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ބައެއް މީހުންގެ މައްޗަށް އުފުލާފައި ވަނީ، އެމީހުންނާ އެކު އުޅުނު މީހުން ހަތިޔާރުން ފުލުސް މީހާއަށް ހަމަލާދީފައިވާތީ ކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން އަބްދުﷲ ގާޒީ ވިދާޅުވީ މީހަކު ކުރި ކުށެއްގެ ޒިންމާ އެހެން މީހަކު އުފުލަން ނުޖެހޭނެ ކަމަށާއި، ދައުވާ ކުރަން ޖެހޭނީ އެމީހަކު ކުރި ކުށަކަށް ކަމަށެވެ.
ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ވެސް ވަނީ އަބްދުﷲ ގާޒީގެ ވާހަކަތަކަށް ތާއީދު ކުރައްވާފަ އެވެ.
އެމީހުން ސަލާމަތް ކުރުމަށް ޓަކައި ގަސްދުގައި ނުބައިކޮށް ދައުވާ އުފުލާފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލް ކުރުމަށް ފަހު އަބްދުﷲ ގާޒީ ވަނީ ޝަރީއަތުންނާއި ދިފާއީ ވަކީލުން ފާހަގަކުރި ކަންތައްތަކަށް އެ ދުުވަހު ޖަވާބުދާރީވުމަށް ދައުލަތަށް އަންގައިފަ އެވެ.