ސަރުކާރާ އިދިކޮޅު އެމްޑީޕީއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ފަރާތްތަކަށް ލުޔެއް ދިނުމަށް އެމްޑީޕީން ހުށަހަޅާފައިވާ ލިސްޓްގައި ބޮޑެތި ކުށްތަކުގެ ރިކޯޑު ހުރި ބައެއް ފަރާތްތައް އެބަ ތިބި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ އެކު ރޭ ބޭއްވި، ދެވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްވަރާ ބައްދަލުވުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ފަރާތްތަކަށް ލުޔެއްދިނުމަށް އެމްޑީޕީން 1400 ވަރަކަށް ބޭފުޅުންގެ ނަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ސަރުކާރުން ދަނީ އެ ނަންތައް "ވެރިފައި" ކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ސާފުކޮށްލެވުނު ބައެއް ރިކޯޑުތަކަށް ބަލާއިރު އާދައިގެ ކްރިމިނަލްސް އެބަހުރި އެމްޑީޕީގެ ބައެއް ހަރަކާތްތަކުގެ ތެރެއަށް ވަދެ ކަންކަން ހިންގާފައި. ދެން އެ މީހުންގެ އެބަހުރި ބައެއް ކްރިމިނަލް ބޮޑެތި ރިކޯޑުތައް ވެސް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރޭގައި "ހަމައެކަނި ކުދި ކުދި" ކުށްޖެހިފައި ތިބި މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އުމަރު ނަސީރަށް އެކަމުގައި ހާއްސަ ލަފާފުޅެއް ދެއްވާފައިވާ ކަމަށް އޭނާ ވަނީ ރޭގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
"އެކަމަކު ބޮޑެތި ކުށްތައް ކޮށްފައި ހުންނަ މީހަކު އެ މީހާއަކީ ސިޔާސީ ކުށްވެރިއަކަށް ހެދިގެން އައިސް މީގެތެރެއިން ލުޔެއް ލިބޭނެ ގޮތެއް ނުވުމަށް ޓަކައި އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް ބަލަމުން. އެކަމަކު އެމީހެއްގެ ކުށަކީ ހަމައެކަނި ސިޔާސީ ކުށެއް ކަމަށްވާ ނަމަ ދޫ ދެވެން އޮތް ތަނެއްގައި ދޫ ދޭ ގޮތަށް ސަރުކާރުގެ ވިސްނުން ހުރީ،" އުމަރު ވިދާޅުވި އެވެ.
މަޝްވަރާގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހިމު މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައި ވާނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އުޅެމުން ދަނިކޮށް ހިނގާފައިވާ ކަންތައްތަކުގެ ވާހަކަ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އެމްޑީޕީ އިން ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ތިން ކަމެއް ތަންފީޒުވާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.