"ތަރައްގީ ލިބޭނީ އިދިކޮޅު ވިސްނުން ދޫކޮށް ސަރުކާރާއެކު ކުރިއަށް ގޮސްގެން"

ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ): ސަރުކާރަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައިވޭ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ގައުމަށާއި ރައްޔިތުންނަށް ތަރައްގީ ލިބޭނީ އެއިރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދީގެން، ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ގޮސްގެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އިބްރާހިމް ޙަސަން (އެވިލާ) ވިދާޅުވެއްޖެ އެވެ.

މިއީ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވިފަހުން ސަރުކާރަށް ތައުރީފުކޮށް އިބްރާހިމް ހަސަން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ސަރުކާރަށް ތައުރީފުކޮށް އޭނާ ވާހަކަފުޅު ދެއްކެވީ ތޮއްޑޫގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ، ރައްޔިތުން އަތުކުރި އޮޅާލައިގެން ސަރުކާރުން ގެންނަ އިސްލާހީ މަސައްކަތްތަކާއި ތަރައްގީގެ މަޝްރޫތަކުގައި ހީވާގިކަމާއެކު އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެމެންނަށް ލިބޭ ނިއުމަތްތަކާ މެދު އަޅުގަނޑުމެން ޝުކުރުއަދާ ކުރަން ޖެހޭ. ޝުކުރު އަދާކުރުމަކީ ކަމާބެހޭ ފަރާތްތަކުން ކުރާ ކަންކަމުގައި އަދި އަންގާ އެންގުންތަކުގައި އެކަންކަން ބަލައިގަނެގެން އިހުލާސްތެރިކަމާ އެކު ކުރިއަށް ދިޔުން. އަޅުގަނޑުގެ އިލްތިމާސަކީ އެންމެހާ ރައްޔިތުން އަތުކުރި އޮޅާލައިގެން ސަރުކާރުން ގެންނަ އިސްލާހީ މަސައްކަތްތަކާއި އަދި ތަރައްގީގެ މަޝްރޫތަކުގައި ހީވާގިކަމާ އެކު އެއްބާރުލުން ދެއްވުން،" ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ތޮއްޑުގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ހުރިހާ އެންމެން ވެސް އަަމާޒު ހިފަންވީ މާޒީ ހަންދާން ނައްތާލައި، ރާއްޖެ ތަރައްގީކޮށް، ސިޔާސީ ވެރިންގެ ހަސަދަ އާއި ވާދަވެރިކަމުގައި ދިވެހި ރައްޔިތުން ފަނާކޮށް ނުލުމަށް ކަމަށެވެ. އަދި އެ ގޮތަށް އޭނާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"މާޒީއަށް ބަލާލާއިރު ރައީސް ޔާމީން ވިދާޅުވާހެން ސިޔާސީ ބޮޑާ ބަލައިގެން ތަރައްގީގެ މަޝްރޫތައް ކުރިއަށްގެންދެވޭކަށް ނެތް. އަޅުގަނޑުމެން އަމާޒު ހިފަންވީ މާޒީ ހަނދާން ނައްތާލައި އަލުން ރާއްޖެ ތަރައްގީ ކުރުމަށް. ސިޔާސީ ވެރިންގެ ހަސަދަ އާއި ވާދަވެރިކަމުގައި ރައްޔިތުން ފަނާކޮށް ނުލުމަށް. އެގޮތުގައި އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.

އިއްޔެއަކީ ތޮއްޑޫގެ ތާރީހުގައި ވެސް ރަން އަކުރުން ފަވާކެވޭ ދުވަހެއް ކަމަށާއި މީގ ެކުރިން އެހާބޮޑު އިންވެސްޓެއް ދުވަހަކުވެސް ތޮއްޑުގެ ފަސްގަނޑުގައި ކުރިއަށް ގެންދެވިފައި ނުވާކަން އިބްރާޙިމް ހަސަން ފާހަގަކުރެއްވި އެވެ. އެކަމަށްޓަަކައި "ސިޔާސީގޮތުން ޖެހޭ ގަދަ ތޫފާނާއި ވައިގެތެރޭގައިި ރައީސް ޔާމީން ކުރައްވާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް