ދައުލަތުގެ މުއައްސަސާތައް މިއަދު ވަނީ "ކުނިވެ، ފުޅަ އަޅާފައި" ކަމަށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒު ވިދާޅުވީ ދައުލަތް "ކުނިވެ، ފުޅައަޅާފައި" ވަނީ ކޮރަޕްޝަނާއި ފަސާދައާ ގުޅިގެން ކަމަށެވެ. މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިޝާރާތްކޮށް ޝިފާޒު މިރޭ ވާހަކަފުޅު ދެއްކެވި އެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ޝިފާޒު ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރުގެ ވާހަކަ ދައްކަން ފަށައިފި މީހަކު މިހާރަކު ހުއްޓައެއް ނުލާނެ. ވީ ވައުދު ނުފުއްދި ވާހަކަ. ދޮގު ހަދާ ވާހަކަ. މަކަރު ހަދާ ވާހަކަ. ހިޔާނާތްތެރިވާ ވާހަކަ. ދައުލަތުގެ މާލިއްޔާއަށް ވާނުވާ ނޭނގޭ ވާހަކަ. މިއީ އެންމެން ދައްކާ ވާހަކަ. އެހެން ކަމުން ސަރުކާރު ވަނީ ކުނިވެފަ. އެކި މުއައްސަސާތައް ވަނީ ފުޅައަޅާފައި،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ކުރަން ޖެހިފައިވާ އެންމެ މުހިއްމު ކަމަކީ "ކުނިވެފައި"ވާ ދައުލަތް ސާފު ކުރުން ކަމަށް ޝިފާޒު ވިދާޅުވި އެވެ. އެ މަސައްކަތް ކުުރުމުގައި އިދިކޮޅު ފަރާތްތައް ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތް ކުނިވެފައިވާ ކަމަށް ވިދާޅުވެ ޝިފާޒު ވާހަކަފުޅު ދައްކަވަން ފެއްޓެވީ ރަށްތަކާއި މާލެތެރޭގައި ކުނީގެ މައްސަލަ ބޮޑު ވެފައިވާ ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ހަރުގޭގައި ވާހަކަފުޅު ދެއްކެވުމުންނެވެ.
ޝިފާ ވިދާޅުވީ މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ވެފައިވާއިރު އެކަމަށް އެކަށިގެންވާ ބަޖެޓެއް ނުލިބޭ ކަމަށެވެ.
ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކަށިގެންވާ ބަޖެޓެއް ލިބެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.