އައްޑޫ ސިޓީގެ ބައެއް ރަށްތަކުން ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލު ކުރަން ރާއްޖެ ގެނައި ދެ ޖަނެރޭޓަރު އައްޑޫ ސިޓީއަށް ފޮނުވާލައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން އަށް މިރޭ ވިދާޅުވީ ރޭ އައްޑޫ ސިޓީއަށް ފޮނުވާފައި ވަނީ ދެ މެގަވޯލްޓުގެ ދެ ޖަނެރޭޓަރު ކަމަށެވެ. އެ ޖަނެރޭޓަރުތައް ގަނެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށް ނިމާލް ވިދާޅުވި އެވެ.
މީގެ ދެ މަސް ކުރިން އެއް މެގަވޯޓުގެ ތިން ޖަނެރޭޓަރު އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައިވާ ކަމަށާއި އެ ޖަނެރޭޓަރުތައް ގަނެފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ނިމާލު ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ރޭ ފޮނުވި ޖަނެރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަލަށް ގެނެސްފައިވާ ޖަނެރޭޓަރުތައް އިންސްޓޯލްކުރުމުން އައްޑޫގައި ގުޅިފައިވާ ހަތަރު ރަށަށް 13 މެގަވޯޓުގެ ކެޕޭސިޓީގެ ކަރަންޓު ލިބޭނެ ކަމަށް ނިމާލު ވިދާޅުވި އެވެ.
"މިހާރު އަލަށް މިގެނެވުނު އެއް މެގަވޯޓުގެ ތިން ޖަނެރޭޓަރު ސެޓާއި ދެ މެގަވޯޓުގެ ދެ ޖަނެރޭޓަރު ސެޓާއެކު ޖުމްލަ ހަތް މެގަވޯޓު އިތުރުވެގެންދާނެ. އެހެންވީމަ މިހާރު އިންސްޓޯލްކުރެވިފައިވާ ހަ މެގަވޯޓާ އެކު އަލަށް އިންސްޓޯލްކުރެވޭ ހަތް މެގަވޯޓާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ޖުމްލަ 13 މެގަވޯޓު ކަރަންޓު އުފައްދާނެ ކެޕޭސިޓީ އިތުރުވެގެން ދިޔައީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ މައްސަލަ ޖެހެންފެށީ ހަ މެގަ ވޯޓުގެ ކަރަންޓު ކެޕޭސިޓީ ހުއްޓައި ކަރަންޓު ބޭނުންކުރާ މިންވަރު 5.2 މެގަވޯޓަށް މަތިވުމުން ކަމަށެވެ.
"އެހެންވީމަ އެންމެ ޖަނެރޭޓަރަކަށް މައްސަލަ ޖެހުނަސް ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިގެންދޭ. ނަމަވެސް މާތްﷲގެ އިރާދަފުޅާއެކު މިހާރު މި ވަނީ މި މައްސަލަ ހައްލުކުރެވިފައި،" ނިމާލް ވިދާޅުވި އެވެ.
ކަސްޓަމްސް ސަރަހައްދުން އެ ޖަނެރޭޓަރުތައް ބޯޓަށް ބަރުކުރި ވަގުތު އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.