ސަރުކާރު ކުންފުނިތަކުގެ ހިންގުން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަނަސް މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލިބިގެންވާ ބާރުގެ ދަށުން އަނަސް އެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.
އަނަސްވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ.
އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިނޭންސްގެ ނައިބު މިނިސްޓަރުކަމުގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ވެސް އަނަސް މަސައްކަތް ކުރެއްވީ މި ސަރުކާރުގައެވެ.
ޕީސީބީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ މަހުގެ 13ގައި ވަކިކުރުމުންނެވެ.
މި ސަރުކާރުން ނޮވެމްބަރު 22، 2023ގައި ޕީސީބީގެ ރައީސަކަށް އައްޔަނުކުރި ހަމްދީ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ޒިންމާ އުފުލާ ބޯޑު ކަމަށްވާއިރު، އެ ކުންފުނިތަކަށް ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވުމާއި ޚަރަދުތައް ބޮޑުވުމުގެ ތުހުމަތުތައް އަމާޒުވެއެވެ. މި ސަރުކާރުން އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުމަށް ނިންމައިފައިވެއެވެ.
އެ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގައި ޚަރަދު ކުޑަކުރުމަށާއި މި ހިނގާ ރޯދަމަހުގެ އިނާޔަތް ފިޔަވައި އިތުރު އިނާޔާތްތައް ނުދިނުމަށް އަންގައި، އެ ބޯޑުން މިދިޔަ މަހުގެ 12ގައި ސާކިއުލާއެއް ނެރެފައިވެއެވެ.