އދ. އަރިޔަދޫ އަކީ ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކެބިނެޓުން ނިންމައިފިއެވެ.
މިކަން މިފަދައިން ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ.
އެގޮތުން ރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ"އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެރަށުގައި އުފެއްދުމަށް ނިންމާފައި ވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަދި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމަފައި ވާކަން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ބުނީ އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖްކުރުމުގެ ޚަރަދު ހޯދަން ވެސް ނިންމާފައި ވާކަމަށެެވެ.
ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.