ދިއްގަރު ދާއިރާގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އެކައްޗެއް!

ދިއްގަރު ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަހްމަދު ފާރިސް މައުމޫން-- ސަން ފައިލް ފޮޓޯ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ. ރަސްމީ ނަތީޖާ އިއުލާން ކުރީ މިއަދު އިލެކްޝަންސް ކޮމިޝަންގަ އެވެ.

މިއަދު އިއުލާން ކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން އެ އިންތިޚާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ފާރިސް މައުމޫނަށް 1238 ވޯޓު ވަނީ ލިބިފަ އެވެ. އެއީ ވޯޓުލީ މީހުންގެ 59.40 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އަށް ލިބިވަޑައިގަތީ 763 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.61 ޕަސެންޓެވެ.

އެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދަށް ލިބިވަޑައިގަތީ 31 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.49 ޕަސެންޓެވެ.

އަމިއްލަގޮތުން ވާދަކުރެއްވި މ. މަޑުއްވަރީ ހީރޯސް ޝަމީމް އަލީ އަށް 52 ވޯޓު ލިބިވަޑައިގަތްއިރު އެއީ ވޯޓުލީ މީހުންގެ 2.50 ޕަސެންޓެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި 2107 މީހަކު ވޯޓުލާފައިވާއިރު އޭގެތެރެއިން 23 ވޯޓަކީ ބާތިލް ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށްލުމުންނެވެ.

comment ކޮމެންޓް