ވާންއުޅޭ ފިރިމީހާއަށް ގުނަން ނޭނގުމުން އަންހެން މީހާ ކައިވެންޏަށް ދެކޮޅުހަދައިފި

އިންޑިއާގެ ހިންދޫ ސަގާފަތުގައި ކައިވެނި ކުރުމުގައި ގިނަ މަރުހަލާތަކެއް ފުރިހަމަކުރޭ: މިދިޔަ ހުކުރު ދުވަހު ބާލިއާގައި ވަނީ، ކައިވެނިވާން އުޅޭ ފިރިހެން މީހާއަށް ލިޔަންކިޔަން ނޭނގުމުގެ ސަބަބުން، ކައިވެނީގެ އެންމެ ފަހު ވަގުތު އަންހެން މީހާ، ކައިވެނި ކުރުމަށް ދެކޮޅުހަދާފައި -- ފޮޓޯ: އެންޑީޓީވީ

"ވާންއުޅޭ ފިރިމީހާ"އަށް ރަނގަޅަށް ގުނަން ނޭނގުމުގެ ސަބަބުން އޭނާއާ ކައިވެނިވުމަށް ގޮސް ހުރި އަންހެން މީހާ އެ ކައިވެންޏަށް ދެކޮޅުހަދައިފި އެވެ.

އިންޑިއާގެ އުއްތަރު ޕްރްދޭޝްގެ އަވަށެއް ކަމަށްވާ ބާލިއާގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ އެ ކައިވެނީގެ ހަފްލާގައި، އަންހެން މީހާ ކައިވެނިކުރުމަށް ދެކޮޅުހަދަން މެދުވެރިވީ، ކައިވެނީގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި، އެންމެ ފަހުވަގުތުގައި ފިރިހެން މީހާއަކީ ލިޔަންކިޔަން ނޭނގޭ މީހެއްކަން، ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްގެން ހުރި އެ އަންހެންމީހާ އަށް ޝައްކުކުރެވުނު ހިސާބުން ކަމަށް އަންހެން މީހާގެ އާއިލާއާ ހަވާލާދީ އެންޑީޓީވީން ބުންޏެވެ.

އަންހެން މީހާ އަށް އެ ފިރިހެން މީހާއަކީ އެއްވެސް ވަރަކަށް ނުކިޔަވައި ހުރި މީހެއްކަން ޝައްކު އުފެދުނު ހިސާބުން، ފިރިހެން މީހާ ގާތު، އޭނާ އަތުގައި ހުރި ފައިސާތަކެއް ގުނާލަދިނުމަށް އެދުނެވެ. އެހެން ނަމަވެސް، އެ ފިރިހެން މީހާ އަށް ގުނަން ނޭނގުމުން އަންހެން މީހާ ވަގުތުން ކައިވެނީގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ނުކޮށް ދިޔައީ ކަމަށް އާއިލާއާ ހަވާލާދީ އެންޑީޓީވީގެ ވެބްސައިޓްގައިވެ އެވެ.

comment ކޮމެންޓް