އެލާމް ނިއްވާލާފައި، އަނެއްކާ ވެސް ނިދީތަ؟

ގަޑި އެލާމް ކުރުމަށްފަހު ނިއްވާލާ ނިދުމުގެ އާދައަކީ މީހާ އިތުރަށް ކަންނެތް ކުރުވުމަށް މަގުފަހިކުރުވާ ކަމެއް -- ފޮޓޯ/ޕިންޓްރެސްޓް

ހެނދުނު ހޭލަން އެލާމްކުރި ގަޑީގެ ފުރަތަމަ އެލާމާ އެކީ ތެދުވަން އުނދަގޫވޭ ހެއްޔެވެ؟ ނޫނީ ގަޑީގެ ސްނޫޒް ބަޓަންއަށް ފިތާލުމަށްފަހު އަނެއްކާ ވެސް ނިދީގެ ހުވަފެނީ ދުނިޔެއަށް އެނބުރިދަނީ ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އާއްމުކޮށް އަމިއްލަ ނަފުސާ ދެކޮޅަށް ކުރާ ހަނގުރާމައެކޭ ބުނުން ދޮގަކަށް ނުވާނެއެވެ.

"ވަރަށް ރަނގަޅު ވާހަކައެއް، ތިއީ ހަމަ ކޮންމެ ދުވަހަކު ވެސް ކުރިމަތިވާ ކަމެއް. ބައެއް ދުވަސް ދުވަހު ފޯނުގެ އެލާމް ނިއްވާލުމަށްފަހު ފަސް ވަރަކަށް މިނެޓް ފަހުން ތެދުވަން އޮންނަން. އެކަމަކު ވަރަށް ގިނައިން ލަނޑު ލިބޭ ކަމެއް އެއީ،" މިއީ ކޮންމެ ދުވަހަކު ހެނދުނު ހޭލަން ބޭނުންނުވި ނަމަވެސް އެކަން ކުރަން މަޖުބޫރުވެފައިވާ ޒުވާނެއްގެ ތަޖުރިބާއެވެ.

ހެނދުނު ހޭލާ ވަގުތަށް ފޯނު ނުވަތަ ގަޑި އެލާމްވާ އަޑަކީ ގިނަ މީހުން އެހާ ގަޔާވާ އަޑެއް ނޫން -- ފޮޓޯ/ޕިންޓްރެސްޓް

ބައެއް މީހުންނަކީ ހެނދުނު ހޭލަން ލޯބިކުރާ އެކަމަށް އާދަވެފައިވާ ބަޔަކަށްވާއިރު އަނެއް ބަޔަކީ މާ ހެނދުނާ ހޭލުމުގެ ޝައުގުވެރިކަމެއް އެއްވެސްގޮތަކަށް ނެތް މީހުންނެވެ. އެފަދަ މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ނުވަތަ ވަޒީފާގެ ވަގުތު ހުންނަ ގޮތުން ހެނދުނު ހޭލުމަކީ ކޮންމެހެން ވެސް ކުރަން މަޖުބޫރު ކަމެކެވެ.

އާދަވެގެން ހެނދުނު ހޭލާ މީހުންނަށް ވެސް ފޯނު ނުވަތަ އެލާމްކޮށްފައިހުރި ގަޑި އޭގެ ސިގްނަލް ނުވަތަ ރަނގަބީލު އަޅަން ފެށުމުން އުނދަގޫވެއެވެ. އެއީ، ބައެއް މީހުންގެ ތަބީއަތުގައި ހުންނަ ގޮތުން ކިތަންމެ ގިނައިރު ނުވަތަ އަށް ގަޑިއިރުގެ ނިދި ލިބުނަސް އިތުރަށް ނިދާލަން ބޭނުންވާތީއެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނާގޮތުން މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ކަމަށް އޮތް ހަމައެކަނި ހައްލަކީ ނަފުސު އެކަމަށް ތައްޔާރުކޮށް ހެނދުނު އަޅާ އެލާމާ އެކު ތެދުވުމަށް އާދަކުރުމެވެ. ޖެހިގެން އަންނަ ދުވަހުގެ ތާވަލު ޝައުގުވެރިވާނެ ގޮތަކަށް ތައްޔާރުކުރުމަކީ ވެސް އެ ދުވަހު ހޭލުމަށް މީހާގެ ސިކުނޑި ތައްޔާރުކޮށް އަވަހަށް ހޭލުމަށް ނަފުސު ތައްޔާރުކޮށްލަދޭނެ ކަމެކެވެ.

މީގެ އިތުރުން ވެސް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، އެލާމް ކުރުމަށް ބޭނުންކުރާ މިއުޒިކަކީ އެހާ އަޑުގަދަ ނޫން ކަންފަތަށް އަހާލަން ފަސޭހަ ޓޯންއަކަށް ހެދިދާނެއެވެ. އަދި، ނިދާ ކޮޓަރިއަކީ އަނދިރި ތަނެއް ނަމަ އެލާމް ނިއްވާލުމަށް ފަހު ކޮޓަރި އަލިކުރުމަށް އިސްކަންދޭށެވެ.

ނަމަވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަށް ގަޑިއިރުގެ ނިދި ހަމަކުރަން އިސްކަންދޭށެވެ.

comment ކޮމެންޓް