މާދަމާގެ ރެލީއަށް ފަންޑެއް ނުކުރަން، އަދީބު ހައްދަވަނީ ދޮގު: ގާސިމް

ގާސިމް މަޖިލީހުގެ ކޮމެޓީއެއްގައި: އަދީބު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފައިވޭ-- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން "އަނިޔާވެރިކަން ނިންމުމަށް" އެ ނަމުގައި މާދަމާ ބާއްވާ މުޒާހަރާއަށް ހަރަދު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅުތައް ގާސިމް ދޮގު ކުރައްވައިފި އެވެ.

"މޭޑޭ" ހަރަކާތުގެ އަޑީގައި ހުންނެވީ ގާސިމް ކަމަށް ވިދާޅުވެ، އަދީބު ދެއްކެވި ވާހަކަފުޅުތައް ގާސިމް ދޮގު ކުރެއްވީ މިރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. ގާސިމް ވިދާޅުވީ ޕީޕީއެމުންނާއި ޓޫރިޒަމް މިނިސްޓަރު އަދީބު ހައްދަވަނީ ބޮޑު ގޮގުތަކެއް ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއެކު މުލިއާގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ މާދަމާގެ ހަރަކާތަށް ގާސިމް ހަރަދުކުރައްވާ ކަން ވީޓީވީގެ ލައިވްތަކުންނާއި ހަބަރުތަކުން އަދި ޖޭޕީ ނައިބު ލީޑަރުގެ ވާހަކަތަކުން ވެސް އެނގޭ ކަމަށެވެ.

"ގާސިމް އިބްރާހިމް އެ ހަރަކާތަށް ހަރަދު ކުރައްވާކަން ވީޓީވީގެ ލައިވްތަކުން ވެސް އެނގޭނެ، ވީޓީވީގެ ހަބަރުތަކުން ވެސް އެނގޭނެ. ޖޭޕީ ނައިބު ލީޑަރުގެ ވާހަކަ ތަކުން ވެސް އެނގޭނެ. އިމްރާނު ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަން ވެސް އެނގޭނެ. އިލިޔާސް ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަން ވެސް އެނގޭނެ. އަދި ހަމަ އެހެންމެ ޝެއިހު އިލިޔާސަށް ދެއްވި ކަންނެލި އޮޑިތަކާއި އެ ހުރިހާ އެއްޗެއްގެ ރެޖިސްޓްރީން ވެސް އެނގޭނެ ގާސިމް އިބްރާއިމަކީ ކިހާވަރަކަށް މި ކަމަށް ހަރަދު ކުރައްވާ މީހެއްކަން އެނގޭ،" އަދީބު ވިދާޅުވި އެވެ.

comment ކޮމެންޓް