މާލޭގެ މަގުތައް ފުރާލައި، އެމްޑީޕީގެ ''ފުދިއްޖެ، ފުނޑިއްޖެ'' ހިނގާލުން ބާއްވައިފި

އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން ---- ސަންފޮޓޯ/ މޫސާ ނަދީމް

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެއްކޮށް، މާލޭގެ މަގުތައް ފުރާލައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުން މިރޭ ބާއްވައިފިއެވެ.

މިރޭ އަށްގަޑި ބައި ހާއިރު ފެށި، މި ހިނގާލުމުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި އެ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

މިރޭ އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން ---- ސަންފޮޓޯ/ މޫސާ ނަދީމް

މި އެއްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެ ކަމަށާއި ސަރުކާރުގެ ވައުދުތަކެއް ނުފުއްދުނު ކަމަށެވެ. އަދި، ރައްޔިތުން "ފުނޑިއްޖެ" ކަމަށާއި ސަރުކާރުން ރައްޔިތުން "ބިކަކޮށްލައިފި" ކަމަށް ޝާހިދު ވިދާޅުވިއެވެ.

ތިން ގަޑިއިރެއް ހާއިރު ދިގުމިނަށް ކުރިއަށް ގެންދިޔަ މި ބޮޑު ހިނގައިލުން ނިންމައިލުމުގެ ކުރިން، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މި ސަރުކާރުގެ 'ތަންދޮރު ނުދަންނަ ދޯހަޅި ސިޔާސަތު'ގެ ސަބަބުން ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހުން ކަމަށެވެ.

އެމްޑީޕީގެ ހިނގާލުމުގައި އެމްޑީޕީގެ އިސްވެރިން ---- ސަން ފޮޓޯ/ މޫސާ ނަދީމް

"އަނެއްކާވެސް އަޅުގަނޑުމެނަށް ނިކުންނަން މިޖެހެނީ މި ސަރުކާރު، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ހައްގުތައް ނިގުޅައިގަންނަން މިކުރާ މަސައްކަތް އަޅުގަނޑުމެންގެ ލޭ އޮހުރުވައިގެން ވެސް މިކަން ހައްލުކޮށް ހުއްޓުވަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

އަނިޔާވެރިކަމުން ސަލާމަތްވުމަށް ޕީއެންސީގެ ފިކުރާ އަބަދުވެސް 'ތަޅަން ޖެހޭ' ކަމަށާއި އެ ޕާޓީން ދެން މަސައްކަތް ކުރާނީ ގާނޫނު އަސާސީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ހިނގާލުމުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ހިނގާލުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުން ކެތްތެރިކަމާ އެއްކޮށް ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ގާނޫނު އަސާސީ "އެފުށް މިފުށަށް" ޖަހަންދެން ރައްޔިތުން ނުތިބޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ހައްގުތައް ހޯދާދީފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށާއި ގޭގައި ތިބެގެނެއް ހައްގުތައް ކަށަވަރެއް ނުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުމީ. ބިރުން ނުތިއްބަވާށޭ ނިކުންނަވާށޭ. މިގައުމުގަ ހައްގުތައް ހޯދާފައި ހުރީ މަގު މައްޗަށް ނިކުމެެގެނޭ. އެމްޑީޕީއަށް ވެރިކަން ލިބުނީމަ ހުރިހާ އެންމެނަށް ހައްގުތައް ލިބޭ. އަޅުގަނޑުމެން މިތިބީ ތިބޭފުޅުން ބުނެގެން ނިކުމެ. ތިބޭފުޅުން ގަޔަށް ވަޒަން އަރާނީ އަޅުގަނޑުމެން ގަޔަށް ވަޒަން އަރާފައި،" މޭޔަރު ވިދާޅުވިއެވެ.

މި ހިނގާލުމުގައި މޭޔަރާއި ފައްޔާޒާއި ޝާހިދުގެ އިތުރުން އެމްޑީޕީ މަޖިލީސް މެންބަރުންނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ. މި ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

މިރޭ އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން ފުލުހުން ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ---- ސަންފޮޓޯ/ މޫސާ ނަދީމް

މިރޭގެ ހިނގާލުން ފެށިގެން ނިމެންދެން ފުލުހުން ވަނީ ހިނގާލުމުގެ ސެކިއުރިޓީއާއި، މަގުތައް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. ފުލުހުންނާއި ހިނގާލުމުގެ ބައިވެރިންނާ ދެމެދު ވެސް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައެއް ނުވެއެވެ.

އެއާއެކު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިރޭގެ އެއްވުމަށް ފުރުސަތު ދިނުމުން ހާމަވަނީ މި ސަރުކާރުން އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްގު ނަގަހައްޓަން އިސްކަންދޭ މިންވަރު ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް