ސަރުކާރު މުއައްސަސާތަކުގެ ތެރެއިން މިނިވަންކަމެއް އޮތް ހަމައެކަނި ތަނެެއްގެ ގޮތުގައި ގަބޫލުކުރެވެނީ ސުޕްރީމް ކޯޓު ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރަން ފަސްނުޖެހުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ބަލަން އަންނަ މަހުގެ 17 އަށް އެކޯޓުގައި ވަނީ ތަވާލުކޮށްފައެވެ.
މިރޭ އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ފަސްޖެހުމެެއް ނެތި މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓަށް ގޮވާލައްވާފައެވެ.
"ދިވެހި ރައްޔިތުން މިތިބީ ބަލަން. ދިވެހި ތާރީޚުގައި ލިޔެވިގެން ދާނެ މި ވޭތުވެދިޔަ 25 ހަކަށް އަހަރު ދިވެހި ރައްޔިތުން ކުރި މަސައްކަތް ހިފަހައްޓައި، ނަގަހައްޓައި، އެ ހައްގުތައް ސަލާމަތްކުރަނީ ކޮން ބައެއްތޯ،" ފައްޔާޒް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިރޭ ހާމަވެގެން ދިޔައީ ރައްޔިތުން ތިބީ ސަރުކާރު ބަދަލު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން 'ފޫގަޅާފައި' ތިބި ކަން ކަމަށެވެ.
މިއަދު އެމްޑީޕީން ނިކުންނަން ޖެހެނީ ރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަންނަން މި ސަރުކާރުން މަސައްކަތް ކުރާތީ ކަމަށާއި އެކަން އެ ޕާޓީން ލޭއޮހޮރުވައިގެން ވިޔަސް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިޔާވެރިކަމުން ސަލާމަތްކުރަން ޕީއެންސީގެ ފިކުރާ އަބަދު ތަޅަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ގާނޫނު އަސާސީން އަޅުގަނޑުމެން މި ނޫން ގޮތެއް އެބަ ކަށަވަރުކުރަން ޖެހޭ. އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކުރިއަށް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރަންށާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެހެން އެކަންކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވިއެވެ.
ތިން ގަޑިއިރެއް ހާއިރުގެ ދިގުމިނަށް ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަައެވެ. ބެނާތަކުގައި ޝުއޫރުތައް ލިޔެ ބޭނުންކޮށްގެން މި ސަރުކާރަށް ވަރަށް ބޮޑަށް އެ ހިނގާލުމުގައި ވަނީ ފާޑުކިޔާފައެވެ.
އެމްޑީޕީގެ އިސްވެރިން ބައިވެރިވި މި ހިނގާލުމުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.