މޭޑޭ ހަރަކާތުގެ އަޑީގައި ހުރީ ގާސިމް، ހަރަދު ކުރަނީ ވެސް އޭނާ: އަދީބު

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ސަންފޮޓޯ -- ފާތިމަތު ސައީދު

އިދިކޮޅު ފަރާތްތަކުން "އަނިޔާވެރިކަން ނިންމަން" އެ ނަމުގައި މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތަށް ހަރަދުކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަރަދު ކުރައްވައިގެން ކަމަށް ޕީީޕީއެމްގެ ނައިބު ރައީސް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ތުހުމަތު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕާއި ސަރުކާރުގެ ބައެއް އިސްވެރިން މިއަދު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ މާދަމާގެ ހަރަކާތަށް ގާސިމް ހަރަދުކުރައްވާ ކަން ވީޓީވީގެ ލައިވްތަކުންނާއި، ހަބަރުތަކުން އަދި ޖޭޕީ ނައިބު ލީޑަރުގެ ވާހަކަތަކުން ވެސް އެނގޭ ކަމަށެވެ.

"ގާސިމް އިބްރާހިމް އެ ހަރަކާތަށް ހަރަދު ކުރައްވާކަން ވީޓީވީގެ ލައިވްތަކުން ވެސް އެނގޭނެ، ވީޓީވީގެ ހަބަރުތަކުންވެސް އެނގޭނެ. ޖޭޕީ ނައިބު ލީޑަރުގެ ވާހަކަ ތަކުންވެސް އެނގޭނެ. އިމްރާނު ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަން ވެސް އެނގޭނެ. އިލިޔާސް ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަން ވެސް އެނގޭނެ. އަދި ހަމަ އެހެންމެ ޝެއިހު އިލިޔާސްއަށް ދެއްވި ކަންނެލި އޮޑިތަކާއި އެ ހުރިހާ އެއްޗެއްގެ ރެޖިސްޓްރީން ވެސް އެނގޭނެ ގާސިމް އިބްރާއިމް އަކީ ކިހާވަރަކަށް މިކަމަށް ހަރަދު ކުރައްވާ މީހެއްކަން އެނގޭ،" އަދީބު ވިދާޅުވި އެވެ.

ޕީޕީއެމް ޕީޖީ މެމްބަރުންނާއެކު ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަންފޮޓޯ: ފާތިމަތު ސައީދު

މާދަމާގެ މުޒާހަރާއަށް ގާސިމްގެ ރިސޯޓުތަކުން ވެސް މީހުން ގެނައުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދި ފިލާ ހުރެގެން ހަރަދުތަކެއް ނުކޮށް ފާޅުގައި ނިކުމެ ފިރިހެން ވަންތަކަށް ދެއްކުމަށް އަދީބި ވަނީ އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު މި ވިދާޅުވާ އެއްޗަކީ ގާސިމް އިބްރާހިމް ވެސް ކޮންމެހެން ފިއްލަވައިގެން ބެންކޮކްގަ ނުހުއްނަވާށޭ، ވަޑައިގެން މަގުމައްޗަށް ނިކުންނަވާ އިހުތިޖާޖު ކުރައްވާށޭ، ކޮންމެހެން އަޑީގައި ހުރުމުގެ މާނަ އެއް ނެތޭ، ނުކުމެ ކުރިމަތި ލާށޭ. އެއީތާއޭ ފިރިހެނުންގެ ގޮތަކީ،" އަދީބު ވިދާޅުވި އެވެ.

ގާސިމް ބޭނުން ވަނީ ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވެސް ވެރިކަމަށް ނިކުތުމަށް ކަމަށް އަދީބު ވިދާޅުވި އެވެ. ނަމަވެސް "ވެރިކަން ފުރޮޅާލާ ވެއްޓުމަކީ މިގައުމުގެ ސަގާފަތަކަށް ހަދާކަށް ބޭނުމެއް ނެތް،" ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދި މާދަމާގެ ހަރަކާތަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި، ގޭންގުތަށް ނެރިގެން މުޒާހަރާ ހުއްޓުވާކަށް ނުވަތަ ހަމަ ނުޖެހުން އުފައްދަން މަސައްކަތް ނުކުރާ ކަމަށެެވެ.

"އަޅުގަނޑެއް ގޭންގުތަކަށް ފައިސާ ދީގެނެއް މާދަމާއަކު ނުނިކުއްނާނަން، ނުވަތަ ތިބުނާ ކަހަލަ ބޯދިގު ކުދިން ގޮވައިގެނެއް ނުފެންނާނެ. އެއީ ޔަގީން ކަމެއް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި އެބޭފުޅުން އެބަ އުޅޭ، ހަމަނުޖެހުން އުފައްދާފައި އަޅުގަނޑުގެ ބޮލުގައި އަޅުވަން" އަދީބު ވިދާޅުވި އެވެ. އަދި އިމްރާން ގަބޫލުފުޅު ކުރައްވާ ގޮތުން "އެބޭފުޅާ އަކީ ކޯޓުތަކަށް ވުރެވެސް މަތީގައި ހުރި ބޭފުޅެއް" ކަމަށް އަދީބު ވިދާޅުވި އެވެ.

"ގޮސިޕް އަޑު އަހައިގެން އިމްރާނަށް މިއަދު އަދީބަކީ ފާސިގެއް، މާދަން އަދީބަކީ މުޖުރިމެއް. ހަމަ އެހެން ވި ނަޝީދުއަށް ވެސް. އޭރު ނަޝީދުވި ކާފަރަކަށް ވެސް. މިހާރު ނަޝީދަކީ ހީރޯއެއް ބަތަލެއް. އިލްމުވެރި އަކަށްވެސް ވެދާނެ،" އަދީބު ވިދާޅުވި އެވެ.

މާދަމާ ކުރިއަށް ގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޓުއަރިޒަމް ދާއިރާއަށް އެއްވެސް ގެއްލުމެއް ވެގެން ދިޔަ ނުދޭނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ "މިތާ ޓުއަރިޒަމް ފުނޑު ފުނޑުކޮށްލަން" ކަމަށް އަދީބު ވިދާޅުވި އެވެ.

ޕީޕީއެމް އަދި އެމްޑީއޭގެ ޕީޖީ ގުރޫޕުގެ މެންބަރުން ވިދާޅުވީ މާދަމާގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫން ކަމަށާއި، އެހެންކަމުން އެއްވެސް ރައްޔިތަކު އެއް އެއްވުމުގައި ބައިވެރި ނުވުމަށް ގޮވާލާ ކަމަށެވެ. އަދި މާދަމާގެ އެއްވުމުގައި ހައްޔަރުކޮށްގެން ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް