‏ބޭރަށްހިންގުން: ސަބަބުތަކާއި އަލާމާތްތަކާއި ފަރުވާ

ބޭރަށް ހިންގުމަކީ ބޮޑުކަމުދާތަކެތި އާންމުކޮށް ހުންނަވަރަށް ވުރެން ދިޔާކޮށް ނުވަތަ ފެންކޮށް ހުރުމާއެކު ސައުވީސް ގަޑިއިރުގެތެރޭގައި ތިން ފަހަރަށް ވުރެން ގިނައިން ބޮޑުކަމު ދެވުމެވެ. ބޭރަށްހިންގަން މެދުވެރިވަނީ ގޮހޮރުގެ އެތެރެފަށަލަޔަށް އަންނަ ބަދަލުތަކަކެއްގެ ސަބަބުން ދިޔާތަކެތި ހަށިގަނޑަށް ނަގައި ނުދިނުމުގެ ސަބަބުން ނުވަތަ، ގޮހޮރުގެ ފަށަލަތަކުން ފެން އުފައްދައި ގޮހޮރު ތެރެއަށް ފޮނުވުމުގެ ސަބަބުން، ބޮޑުކަމުދާ ތަކެތީގައި ފެނުގެ ނިސްބަތް އިތުރުވުމުވުންނެވެ. ބޭރަށްހިންގުމުގެ ސަބަބުން ކުޑަކުދިން ގިނައިން މަރުވަނީ މިގޮތަށް ހަށިގަނޑުން ގެއްލިގެންދާ ފެނާއި ލޮނާއި އެހެނިހެން މައުދަނުތައް ހަށިގަނޑަށް އަނބުރާ އިޔާދަ ނުކުރެވުމުގެ ސަބަބުން ހަށިގަނޑުގެ ހިނގުމަށް ބުރޫ އެރުމުންނެވެ.

ރާއްޖޭގައި ކުޑަކުދިން ހޮސްޕިޓަލަށް ގެންދެވޭ އެންމެ އާންމު އެއް ސަބަބަކީ ބޭރަށްހިންގުމެވެ. މިބަލި އާންމުކޮށް ގިނަވާ ކަމަށް ފާހަގަކުރެވިފައިވަނީ ވިއްސާރަ އަލިކުރަމުން އަންނަ ދުވަސްވަރެވެ.

ބޭރަށް ހިންގަންދިމާވާ ސަބަބުތައް:
ބޭރަށްހިންގުން ޖެހިދާނެ ސަބަބުތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. ޖުމުލަކޮށް ބޭރަށްހިންގުމުގެ ސަބަބުތައް ބަހާލެވިފައި ވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ޖަރާސީމުގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމާއި އެހެނިހެން ސަބަބުތަކުގެ ނަތީޖާއެއްގެ ގޮތުން ޖެހޭ ބޭރަށްހިންގުމެވެ. ޖަރާސީމުގެ ޒަރީއާއިން ގޮހޮރަށް ޖެހޭ އިންފެކްޝަން ތަކަކީ އެންމެ ފާހަގަކޮށްލެވޭ އެއްސަބަބެވެ. ބެކްޓީރިއާ އާއި ވައިރަހާއި ޕެރަސައިޓް ތަކަކީ ބޭރަށްހިންގުން ޖައްސުވާ ޖަރާސީމުތަކެވެ. އެތަކެތި ހަށިގަނޑަށް ވަންނަ އެންމެ އާންމު އެއްމަގަކީ ކާބޯތަކެއްޗެވެ. ކާނާވިހަވަނީ މިފަދަ ޖަރާސީމެއްގެ އަސަރުކޮށްފައި ހުންނަ ކާބޯތަކެތި ކެވުމުންނެވެ. އެފަދަ ޖަރާސީމެއްގެ އަސަރު ހުރި މީހެއްގެ ފަރާތުން ގައިންގަޔަށް ވެސް މިބަލި އަރައިފާނެއެވެ. ނަޖިހުގެ އަސަރުކޮށްފައިވާ ބޯފެނާއި ރައްކާތެރިނޫން ގޮތުގައި ނެގިފައިހުންނަ ފެން ބޭނުންކުރެވުމަކީ ވެސް ބޭރަށްހިންގުމުގެ ފުރުޞަތު ބޮޑުވާކަމެކެވެ. ހަށިގަނޑުގެތެރެޔަށް ބެކްޓީރިޔާތައް ވަނުމަށްފަހު އުފައްދާ ވިހައަކީ ވެސް ބޭރަށްހިންގުން ޖައްސުވާ މާއްދާތަކެކެވެ.

ކަމުންދާ ބޭހެއްގެ ސަބަބުންވެސް ބަނޑުދިޔާވެދާނެ އެވެ. ބަނޑުހަރުވުމުން ދޭ ބޭހާއި ބައެއް އެންޓިބަޔޯޓިކަކީ މިފަދަ ބޭސްތަކުގެ މިސާލެވެ. އެންޓިބަޔޯޓިކް ބޭނުންކުރުމުން ގޮހޮރުގައި އާންމުކޮށް ހުންނަ ބައެއް ބެކްޓީރިޔާތައް މަރުވެ ނުރަނގަޅު ބެކްޓީރިޔާ އާލާވުމަށް މަގުފަހިކުރުވައެވެ. ކާބޯތަކެތީގެ ބާވަތްތަކުގެތެރެއިން ނުގުޅޭ ބާވަތެއްގެ ކާނާއެއް ބޭނުންކުރެވުމުން ވެސް މިމައްސަލަ ކުރިމަތިވުން އެކަށީގެންވެއެވެ. ގިނަފަހަރަށް މިގޮތަށް ދިމާވަނީ ބައެއް ބާވަތުގެ ކާނާ ހަޖަމުކުރުމުގެ މައްސަލަ ދިމާވުމުންނެވެ. މައިދާ އާއި ކުޑަގޮހޮރާއި ބޮޑުގޮހޮރުގެ ބައެއް ބަލިތަކަކީ ވެސް މަދުން ނަމަވެސް ބޭރަށްހިންގުން އަލާމާތެއްގެ ގޮތުގައި ފެނިދާނެ ބަލިތަކެވެ. ބޭރަށްހިންގާ ވަކި ސަބަބެއް ނުހޯދުމަކީ ވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ. މި ލިޔުމުގައި ބަލާލާނީ ކުއްލިޔަކަށް ފެށި، ކުރު މުއްދަތެއްގެ ތެރޭގައި ފަސޭހަވާ ބޭރަށްހިންގުން ނުވަތަ އެކިއުޓް ޑައިރިޔާއަށެވެ.

ބޭރަށްހިންގުމުގެ ބާވަތްތައް:
ކުއްލިޔަކަށް ފެށި، ކުރުމުއްދަތެއްގެތެރޭގައި ފަސޭހަވާ ބޭރަށްހިންގުން ނުވަތަ އެކިއުޓް ޑައިރިޔާ ދެބަޔަކަށް ބަހާލެވެއެވެ. މިދެބާވަތް ވަކިކުރެވެނީ ބޮޑުކަމުދާތަކެތި ހުންނަ ގޮތުންނެވެ. އެއް ވައްތަރެއްގެ ބޭރަށްހިންގުމުގައި ބޮޑުކަމުދެވޭ ތަކެތި ހުންނަނީ ވަރަށް ފެންކޮށެވެ. އަނެއް ބާވަތަކީ ޑިސެންޓްރީ ނުވަތަ ބޭރަށްހިންގާއިރު ބޮޑުކަމުދާ ތަކެތީގައި ލޭ އެކުލެވިފައި ހުންނަ ބޭރަށްހިންގުމެވެ. ދިގު މުއްދަތައް ދެމިގެންދާ ބޭރަށްހިންގުން ކަމުގައި ބެލެވެނީ 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔުމުންނެވެ. މިއީ ޕާރސިސްޓަންޓް ޑައިރިއާއެވެ.

އަލާމާތްތައް:
ހަމައެކަނި ގާތުން ކިރުދޭ ތުއްތުކުދިން، ގާތުންދޭ ކޮންމެ ފަހަރަކު ބޮޑުކަމުދިޔުމަކީ އާންމުކަމެކެވެ. ބައެއްކުދިން 24 ގަޑިއިރު ތެރޭގައި ހަފަހަރު ނުވަތަ އަށްފަހަރު ވެސް ބޮޑުކަމުދެއެވެ. ކުއްލިޔަކަށް ބޮޑުކަމުދާ މިންވަރު އިތުރުވެ ގާތުންދޭ ކޮންމެ ފަހަރަކު އެއްފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުމާއި އާންމުކޮށް ހުންނަ މިންވަރަށްވުރެން ފެންކޮށް ހުރުމަކީ ތުއްތުކުދިން ބޭރަށްހިންގުމުގެ ބައެއް އަލާމާތެވެ. ތުއްތުކުދިން ބޭރަށްހިންގަން ދިމާވާ ބައެއް ސަބަބުތައް ތަފާތެވެ. މަންމަ އެންޓިބަޔޯޓިކެއް ބޭނުންކުރުމާއި މަންމަގެ ކާނާއަށް އަންނަ ބަދަލަކާ ގުޅިގެންވެސް ހަމައެކަނި ގާތުންދޭ ކުއްޖެއްގެ ބޮޑުކަމުދިއުމަށް މިފަދަ ބަދަލު އާދެއެވެ. ތުއްތުކުދިން ބޭރަށްހިންގުމަކީ އެހެން ބައްޔެއްގެ އަލާމާތަކަށް ވުމަކީ މަދުން ނަމަވެސް އެކަށީގެންވާ ކަމެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ހަމައެކަނި ގާތުން ކިރުދޭ ކުދިންނަށް ނިސްބަތުން ބޭރަށް ހިންގުން ޖެހޭލެއް އެހެނިހެން ކިރުދޭ ކުދިންނަށްވުރެން މަދެވެ.

ދުވާލެއްގެ މައްޗަށް ތިން ފަހަރަށް ވުރެން ގިނައިން ދިޔާކޮށް ބޮޑުކަމުދެވުމުގެ އިތުރުން ފެނިދާނެ އިތުރު އުނދަގޫތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ބަނޑުގައި ވައިހެދި، ބަނޑު ފުއްޕުމާއި މޭނުބައިކުރުން ހިމެނެއެވެ. ބޮޑުކަމުދާން ޖެހުމުން ކޮންޓްރޯލްކުރަން އުނދަގޫވުމާއި ރިހުންގަނޑަކާ އެކު ބޮޑުކަމުދެވުމުން ނުވަތަ ވައިބޭރުވުމުން ބަނޑުގެ ރިހުން ކެނޑުމާއި، ބޮޑުކަމުދާ ތަކެތީގައި ލޮނދި ނުވަތަ ލޭގެ އަސަރު ހުރުމަކީ ވެސް ފާހަގަކުރެވޭ ބައެއް ކަންކަމެވެ.

ޑީހައިޑްރޭޓްވުން:
ޑީހައިޑްރޭޓްވުމަކީ ބޭރަށްހިންގުމާ ގުޅިފައިވާ އެންމެ ނުރައްކާތެރި މައްސަލައެވެ. ޑީހައިޑްރޭޓްވުމަކީ ހަށިގަނޑުން ގެއްލެމުންދާ ފެނާއި ލޮނުގެ ބައިތައް އަނބުރާ އިޔާދަނުކުރެވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ރަނގަޅަށް މަސައްކަތްކުރުމަށް ބުރޫއެރުމެވެ. ނޭވާލުމުގެ ތެރެއިންނާއި ދާހިއްލުމުން ވެސް ހަށިގަނޑުން ފެނާއި ލޮނު ބޭރުވެއެވެ. ހަށިގަނޑުގެ ބޭނުންތަކަށް ނަގާފައި ބާކީވާ ލޮނާއި ފެނާއި ކާނާގެ އެހީގައި ގުނަވަންތަކުގެ ބޭނުމަށް ހަކަތަ އުފެއްދުމަށް ފަހު ބާކީވާ ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރެވެނީ ބޮޑުކަމު ދިޔުމުންނާއި ކުޑަކަމުދިޔުމުންނެވެ. ހޮޑުލެވުމުން ވެސް ހަށިގަނޑުން ލޮނާއި ފެނާއި ހަކަތަ އުފެއްދުމަށް ބޭނުންވާ ބައިތައް ގެއްލިގެން ދެއެވެ. އާންމުކޮށް ހަށިގަނޑުން ބޭރުވާ މިފަދަ ބާވަތްތައް ތަބީޢީގޮތުން ހަށިގަނޑަށް އިޔާދަވަމުން ދެއެވެ. ޑީހައިޑްރޭޓުވަނީ ހަށިގަނޑުގައި ހުންނަ ފެނާއި ލޮނު އަނބުރާ އިޔާދަނުކުރެވޭހާ ހަލުވި މިނެއްގައި ބޭރުވަމުންދި ޔުމުންނެވެ.

ގެއްލޭ ލޮނުގެ ބައިތައް ނުވަތަ އިލެކްޓްރޮލައިޓްސް ގެ ތެރޭގައި ސޯޑިއަމާއި ކްލޯރައިޑާއި ޕޮޓާސިއަމާއި ބައިކާބަނޭޓް ހިމެނެއެވެ. ލޮނުގެ މިބައިތަކަކީ ގޮހޮރުގައި ހުންނަ ފަށަލަތަކުގެ ތެރެއިން ފެނާއި އެހެނިހެން ބައިތައް ހަށިގަނޑުގެތެރެއަށް ނަގައިދިނުގައި މަސައްކަތްކުރާ ބައިތަކެކެވެ. ބޭރަށްހިންގުމުގެ އެންމެ ބޮޑު ނުރައްކަލަކީ ގޮހޮރުގެ އެތެރެ ފަށަލައަށް ބަދަލުތަކެއް އައިސް ހަށިގަނޑުން ބޭރުވަމުންދާ ފެނާއި ލޮނުގެ ބައިތައް އަނބުރާ ހަށިގަނޑަށް އިޔާދަކުރުމުގައި ހުރަސްތަކެއް ދިމާވުމެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތައް ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާތެރިވާ ހާލަތަކަށް ދިޔުމެވެ.

ޑީހައިޑްރޭޓުވުން ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ ތިން މަރުހަލާއެއް ވެއެވެ. އެކި މަރުހަލާގެ އަލާމާތްތައް ތަފާތެވެ. ފުރަތަމަ މަރުހަލާ ނުވަތަ މައިލްޑް ޑީހައިޑްރޭޝަންގެ ނިޝާންތަކެއް ފެންނާކަށް ނުހުރެއެވެ. މެދުމިނަކަށް (މޮޑަރޭޓް ޑީހައިޑްރޭޝަން) ހަށިގަނޑުން ފެނާއި ލޮނުގެ ބައިތައް ގެއްލުމުން ފެންނަ އަލާމާތް ތަކުގެ ތެރޭގައި ކަރުހިއްކުމާއި ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާތީ އުޅުމާއި ވަރުދެރަވުމާއި ލޯވަޅު ވަދެފައި ހުރުމާއި ހަންގަނޑު ދަމާލުމުން އަނބުރައި ހުރި ގޮތަށް ރުޖޫއަ ވުމުގެ ބާރު ނުވަތަ އިލާސްޓިސިޓީ ދަށްވުން ހިމެނެއެވެ. ކުޑަކަމުދެވޭ މިންވަރު މަދުވެ ރޯއިރު ކަރުނަ އަންނަ މިންވަރު މަދުވެއެވެ.

ސިވިއަރ ޑީހައިޑްރޭޝަން ނުވަތަ ފުރާނަޔަށް ނުރައްކާވާ ހިސާބަށް ދިއުމުން މަތީގައި ދެންނެވި ނިޝާންތައް އިތުރަށް ފާޅުވެއެވެ. ބަނޑުގެ ނުވަތަ ފަލަމަސްގަނޑުން ތަންކޮޅެއްގައި ދެއިނގިލިކުރިން (ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ބޭނުންކޮށްގެން) ހިފާލާފައި ދޫކޮށްލުމުން ކުރީން ހުރިގޮތަށް އިއާދަވުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އިތުރުވެއެވެ. ވަރުދެރަވެ، ޚަބަރު ހުސްވާގޮތް ވުން އެކަށީގެންވެއެވެ. އަތްފައި ފިނިވެ، ހުދުވެއެވެ. ލޭގެ ޕްރެޝަރ ދަށްވެ ޝޮކަށްދިޔުމާ އެކު ފުރާނަޔަށް ނުރައްކާ ވެއެވެ. މިފަދަ ހާލަތަކަށް ދިއުމުން ވަރަށް އަވަސް ހަލުވި ފަރުވާތަކެއް ނުދެވިއްޖެނަމަ ބަލިކުއްޖާ ނިޔާވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން، ހޮޑުލެވި، ބޭރަށްހިންގުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނު މަދުވާ ނަމަ، ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ޑީހައިޑްރޭޝަން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވުމުގައި މާގިނަ ވަގުތެއް ހޭދަ ނުވެވެސް ހިނގައިދާނެއެވެ. އެހެންކަމުން، ބޭރަށްހިންގާ ނަމަ ފެންމަދުވިޔަ ނުދިނުމަށް ޓަކައި ވީހާވެސް އަވަހަކަށް ދިޔާތަކެތި ބޭނުންކުރައްވަން ފައްޓަވަން ވާނެއެވެ. ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ޞިއްޙީ ޚިދުމަތް ހޯއްދަވަންވަޑައިގަންނަވާ މަގުމަތީގައި ވެސް ދިޔާތަކެތި ދެއްވަމުން ގެންދަވަން ވާނެއެވެ.

ޑީހައިޑްރޭޓުވުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާވެދާނެ ފުރުޞަތު ބޮޑީ ކޮންބައެއްގެ؟
ޑީހައިޑްރޭޓުވުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިންނަށެވެ. ޚާއްޞަކޮށް އުމުރުން އެއް އަހަރުން ދަށުގެ ކުދިންނަށެވެ. މީގެތެރެއިން ވެސް އުމުރުން ހަމަސް ނުފުރޭ ކުދިންނަށް ނުރައްކާ ވަކިންބޮޑެވެ. ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިނުރައްކާ ބޮޑުވަނީ ކިތަންމެ މަދުން ހަށިގަނޑުން ފެން ބޭރުވިކަމުގައި ވިޔަސް، އެކުދިންގެ ބަރުދަނާ އަޅައި ބަލާއިރު ނިސްބަތުން ބޮޑު އެއްޗެއް ގެއްލިގެންދާކަމެވެ. އުމުރުން އެއް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވިހޭއިރު ހުރި ބަރުދަން 2500 ގްރާމަށް ވުރެން މަދު ކުދިންނާއި އުމުރާ އެއްގޮތަށް ބޮޑުވަމުން ނާންނަ ކުދިންގެ މިފުރުޞަތު ބޮޑެވެ. ހަމައެކަނި ގާތުން ދޭކުދިން ބޭރަށް ހިންގުމުގެ ސަބަބުން ގާތުން ނުބޯނަމަ، މިފުރުޞަތު އިތުރު ވެއެވެ. ހޮޑުލެވޭ ވަރު ގިނަވުމުގެ ސަބަބުން ނުވަތަ މޭނުބައިކުރުމުގެ ސަބަބުން ދިޔާއެއްޗެހި ނުބޮވޭ ކުދިންވެސް މީގެތެރޭގައި ހިމެނެއެވެ.

ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯއްދަވަންޖެހޭ ހާލަތްތައް:
ބޭރަށްހިންގުމުގެ ސަބަބުން ޑީހައިޑްރޭޓްވުމުގެ ފުރުޞަތު ބޮޑު ފަރާތްތަކާއި، ޑީހައިޑްރޭޓް ވުމުގެ އަލާމާތްތައް ފެންނަން ކޮންމެ ފަރާތަކުން ވެސް ލަސްނުކުރައްވައި ޞިއްޙީ ފަރުވާ ހޯއްދަވަން ވާނެއެވެ. މާގިނައިން ހޮޑުލެވި ބޯ ކޮންމެ އެއްޗެއް ހޮޑަށް ލެވޭނަމަ، ފުރާނަޔަށް ނުރައްކާވާ ވަރަށް ޑީހައިޑްރޭޓްވުމުގެ ފުރުޞަތު ބޮޑެވެ.

ކުޑަކުއްޖަކު ނުވަތަ ތުއްތު ކުއްޖަކު ބޭރަށްހިންގާނަމަ، އެންމެ މަދުވެގެން ކޮންމެ ހަގަޑި އިރަކުން އެއްފަހަރު ކުޑަކަމުދޭތޯ ބައްލަވަން ވާނެއެވެ. ނެޕީ ޖައްސަވާފައި ހުރި ނަމަ، ނެޕީ އަވަސް އަވަހަށް ބަދަލުކުރައްވައި ނެޕީގައި ހުންނަ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި ވަކިން ފާހަގަ ކުރެއްވޭތޯ ބައްލަވަން ވާނެއެވެ. މިއީ ބޮޑުކަމުދާ ތަކެތި ފެންކޮށް ހުންނަ އިރު ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް، ބޮޑުކަމުދާ އެއްޗެހީގައި ހުންނަ ކުލަޔާއި ނެޕީގައި ފުރަގަސްފަރާތާ ދިމާގައި ތެމިފައި ހުންނަ ހުރުމާއި ކުޑަކަމުދާ ތަކެތި ހުންނަ ހިސާބު ފާހަގަ ކުރައްވަން ވާނެއެވެ. މިކަން ފާހަގަކުރައްވަން ދަތިފުޅު ވާނަމަ، ނެޕީ ޖައްސަވާއިރު ކުރިމަތިފަރާތާ ދިމާވާގޮތަށް ކަފަކޮޅެއް ބޭއްވެވިދާނެއެވެ. ނެޕީ ބަދަލުކުރައްވާއިރު އެކަފަކޮޅު ތެމިފައި ހުރޭތޯ ބައްލަވަން ވާނެއެވެ. ޑޮކްޓަރާ ހަމަޔަށް ވަޑައިގަންނަވާ އިރު ކުއްޖާ އެންމެ ފަހުން ކުޑަކަމުދިޔަ އިރެއް ޔަގީންކަމާ އެކު ވިދާޅުވާން އެނގިވަޑައިގަތުން މުހިންމެވެ. ބޮޑުކަމުދާ ތަކެތީގައި ލޮނދި ނުވަތަ ލޭ ހުރުމާއި ހުން އައުމަކީ ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އަލާމާތްތަކެވެ.

ބަލިދެނެގަތުމަށް ކުރެވޭ ތަހުލީލުތައް:
ބޭރަށްހިންގުމާއި، ހަށިގަނޑުގައި ފެން މަދުވުމަކީ ޞިއްޙީ ޚިދުމަތްތެރިންނަށް ބަލާ ބެލުމުންނާއި ބެލެނިވެރިންނާއި އެކުއްޖައްކާ ދެކެވޭ ވާހަކައިން ވެސް އަންދާޒާ ކުރެވޭ ކަންކަމެވެ. ނަމަވެސް، ބޭރަށްހިންގާ ސަބަބު ދެނެގަތުމަށާއި ބޭރަށްހިންގަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ވާނަމަ، އެއީ ކޮންކަލަހަ އިންފެކްޝަނެއް ކަމާއި، ހަށިގަނޑަށް އެއިންފެކްޝަނެއްގެ އަސަރުކޮށްފައިވާ މިންވަރު ބެލޭނީ ލޭގެ ތަހުލީލު ތަކުންނެވެ. ހަށިގަނޑުގައިވާ ލޮނުގެ ބާވަތްތައް ހުރި މިންވަރު ވެސް ލޭގެ ތަލުލީލުގެ އަލީގައި ދެނެގަނެވެއެވެ. ހަށިގަނޑުގައި ފެންމަދުވުމުގެ ސަބަބުން ނިސްބަތުން ސޯޑިއަމް ހުންނަ މިންވަރު މަތިވެއްޖެނަމަ ފިޓްޖެހުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. ޕޮޓައިސިއަމް މަދުނަމަ ބަނޑު ފުއްޕައި ގޮހޮރުގެ މަސައްކަތަށް ބުރޫއަރައެވެ. އަދި މިނޫންވެސް މައްސަލަތަކަށް ހުށަހެޅެއެވެ. ވުމާއެކު، ލޮނުގެ ބާވަތްތައް ހުރި މިންވަރު ވަޒަންކޮށް މިކަންކަމަށް ހައްލު ހޯދަން ޖެހެއެވެ.

ބޭރަށްހިންގުމަށް އެންމެ އާންމުކޮށް ކުރެވޭ އެއް ތަހުލީލަކީ ބޮޑުކަމުދާ ތަކެތީގެ ތަހުލީލެވެ. ބޮޑުކަމުދާތަކެތީގައިވާ ޖަރާސީމު ދެނެގަތުމުގެ (ކަލްޗަރ) އިތުރުން ސްޓޫލް ރޫޓީނުން ނަޖިހުގައި ހަމަލޮލަށް ނުފެންނަ މިންވަރަކަށް ލޭ ނުވަތަ ދޮސް އެކުލެވިފައި ހުރިކަން ނުވަތަ ނެތްކަން ދެނެގަނެވެއެވެ. ހަޖަމުވުމުގައި ހުންނަ ބައެއް މައްސަލަތައް ވެސް ފާހަގަކުރެވެއެވެ. ބޮޑުކަމުދާ ތަކެތި ނެގުމުގައި ލެބޯރަޓަރީއިން ދޭ އިރުޝާދާ އެއްގޮތަށް ނެގިއްޖެނަމަ، އިތުރު ޖަރާސީމަށް ސާމްޕަލް ނަގާ ދަޅަށް ވަނުމުގެ ފުރުޞަތުކުޑަވެ، އިންފެކްޝަން ޖެހުމުގެ ސަބަބަކަށްވި ޖަރާސީމު ހޯދުމަށް މަގުފަހިވެއެވެ.

ފަރުވާ:
އާދައިގެ ބޭރަށް ހިންގުމަކީ ޚާއްޞަ ފަރުވާއަކާ ނުލައި ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލަޔަށް ފަސޭހަވާ ކަމެކެވެ. ކުރީން ވެސް ދެންނެވި ފަދައިން ބޭރަށްހިންގާ އިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަން ޖެހޭނީ ގިނައިން ދިޔާ ތަކެތި ބޭނުންކުރެއްވުމަށާއި ރަނގަޅަށް ފަރީއްކުޅުއްވުމަށެވެ. ކުރިން ވެސް ދެންނެވި ފަދައިން ބޭރަށްހިންގަން ދިމާވަނީ ގޮހޮރުގެ އެތެރެ ފަށަލަޔަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. މިކަން ރަނގަޅުކޮށް އާންމު ހާލަތަށް ގެނައުމުގައި ހަކަތަ ލިބޭ ކާނާ ވަރަށް މުހިންމު ދައުރެއް ކުޅެއެވެ. ކާބޯހައިޑްރޭޓްސްގެ ބައިތައް ހަޖަމުވުމަށް ފަހު ގޮހޮރުގެ ފަށަލަތަކުގެ ޒަރީއާއިން އެތެރެވާން ފެށުމުން، އެފަށަލައިގެ ސެލްތަކަށް އާ ދިރުމެއް ލިބެއެވެ. މިމާއްދާތައް އެތެރެވާ އެތެރެވުމާ އެކު، ފެނާއި ލޮނުގެ ތަފާތު ބައިތައް ހަށިގަނޑުގެ އެތެރެއަށް ވަދެ، ގޮހޮރުގެ ފަށަލަ އާންމު ހާލަތަށް ގެނެސް، ބޭރަށްހިންގުން ރަނގަޅުވުމަށް އެހީތެރިވެދެއެވެ.

ބޭރަށްހިންގަން ފެށުމުން ޑޮކްޓަރެއްގެ މަޝްވަރާ ހޯއްދެވުމެއް ނެތި އަމިއްލަފުޅަށް ފަރުވާކުރެއްވުމާއި އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ބޭރަށްހިންގުން ހުއްޓުވުމަށް ބޭސް ދެއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ. މިފަދަ ބޭސްތައް ދެއްވުމުން، ޖަރާސީމާއި އެ ޖަރާސީމުން އުފައްދާ ވިހަތައް ހަށިގަނޑުގައި ގިނަވަގުތު ހޭދަވުމަށް ފުރުޞަތު ދެވެއެވެ. ވުމާއެކެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވުން ވަރަށް ގާތެވެ. މީގެ ބަދަލުގައި ގޮހޮރުގައި ހުންނަ އާންމު "ރަނގަޅު" ބެކްޓީރިއާތަކަށް "ގޯސް" ޖަރާސީމުތަކުގެ މައްޗަށް ގަދަވުމަށް ފުރުޞަތު ދިނުމަށް ޓަކައި ޕްރޯބަޔޯޓިކެއް ދެވިދާނެއެވެ. އޮގްމެންޓިން (އެންޓިބަޔޯޓިކް) އާ އެކު ޕްރޯބަޔޯޓިކެއް ދެނީ މިސަބަބަށް ޓަކައެވެ. ސައިޑް އިފެކްޓެއްގެ ގޮތުގައި އަތުވެދާނެ ބޭރަށްހިންގުމަކުން ދިފާއުކުރުމަށް ޓަކައެވެ.

ބޭރަށްހިންގުމާ އެކު، ހުން އައިސް، ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ނުވަތަ ލޮނދީގެ އަސަރު ހުންނަނީ ގިނަފަހަރަށް ބެކްޓީރިޔާ އެއްގެ ސަބަބުންނެވެ. ލޭގެ ތަހުލީލު ތަކާއި ބޮޑުކަމުދާތަކެތީގެ ޓެސްޓު ހެދުމަށް ފަހު އެކަމާ ގުޅޭ އެންޓިބަޔޯޓިކެއް ދެވެއެވެ. އަދި ޕްރޮޓޮޒޯވާއެއް ކަމުގައި ވަނީނަމަ، އެންޓި ޕްރޮޓޮޒޯވަލްއެއް ދެވެއެވެ. މީގެ އިތުރުން، މޭނުބައިކޮށް ހޮޑުލެވޭ ނަމަ، އެކަމުން ދުރުހެލިކުރުވުމަށް އެކަމާ ގުޅޭ ބޭހެއް ދެވެއެވެ.

ބޮޑުކަމުދެވޭ ވަރާއި ކުޑަކަމުދާ މިންވަރާއި ހޮޑުލެވޭ މިންވަރާއި އަދަދު ނޯޓުކުރައްވަމުން ގެންދެވުން ވަރަށް މުހިންމެއެވެ. ހަމަ މިއާ އެކުއެކީގައި ދިޔާތަކެތި ދެއްވޭ އަދަދާއި ކާން ދެއްވޭ ވަރާއި ބާވަތް ނޯޓްކުރެއްވުން އެހާމެ މުހިންމެވެ.
ބޭރަށް ހިންގުމާ އެކު ހަށިގަނޑުން ފެން މާބޮޑަށް މަދުވެފައިވާ ކުދިންނަށް އައި.ވީގެ ޒަރީއާއިން ހަށިގަނޑުން މަދުވެފައިވާ ބައި އަނބުރައި ލިބި ފުރާނަޔަށް ނުރައްކާވާ ޙާލަތުން ސަލާމަތްވަންދެން އައި.ވީ ކުރިޔަށްގެންދަން ޖެހިދާނެއެވެ. ނުރައްކަލުން ބޭރުވުމަށް ފަހު ވެސް، އެކުއްޖަކަށް އަމިއްލަޔަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ދިޔާތަކެތި ބޮވެން ފަށަންދެން އައި.ވީ ދޭން ޖެހޭނެއެވެ. އައި.ވީ ގުޅާފައި ހުންނައިރު ވެސް މަދު އެތި ފޮދުފޮދުން ދިޔާތަކެތި ދެއްވޭތޯ މަސައްކަތްކުރައްވަން ވާނެއެވެ.

ދިޔާތަކެއްޗާއި އޯ.އާރ.އެސް ނުވަތަ ލޮނުޕެކެޓު:
ކުރިން ވެސް ފާހަގަކޮށްފައި ވާނޭ ފަދައިން ބޭރަށްހިންގުމަށް ފަރުވާ ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ހަށިގަނޑުން ފެނާއި ލޮނުގެ ބައިތައް މަދުވިޔަނުދީ ހިފެހެއްޓުމަށެވެ. ދިޔާތަކެތީގެ ތެރެއިން އެންމެ ރަނގަޅު ބުއިންތަކަކީ ކުރުނބާ ފެނާއި އޯ.އާރ.އެސް ނުވަތަ ލޮނު ޕެކެޓެވެ. ކުރުނބާ ފެނާއި ލޮނުޕެކެޓުގައި ގްލޫކޯޒާއި ލޮނުގެ ބައިތަކާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ހުރެއެވެ. ވުމާ އެކު، ކުރުނބާ ފެނާއި ލޮނުޕެކެޓު މަދު އެތި ފޮދުން އަވަސް އަވަހަށް ދެއްވުން ވަރަށް މުހިންމެވެ. ދޭތެރެއަކުން އާދައިގެ ފެންފޮދެއް ވެސް ދެއްވަން ވާނެއެވެ. ޖޫސް ދެއްވާ އިރު އެއަށް ހަކުރު އެޅުއްވުން ރަނގަޅެއް ނޫނެވެ. ޖޫސް ހައްދަވާ އިރު އާދަކޮށް ފެން އަޅުއްވާ ވަރަށްވުރެ ގިނައިން ފެން އަޅުއްވަން ވާނެއެވެ. ހަށިގަނޑުން ފެން ބޭރުވާ މިންވަރަށް ދިޔާތަކެތި އެތެރެކުރުން މުހިންމެވެ.

ލޮނު ޕެކެޓާއި ކުރުނބާ ފެނަށް އެއްވެސް އެއްޗެއް އެއްކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ލޮނު ނުވަތަ ގުލްކޯޒް އެއްކޮށްފި ނަމަ ޑީހައިޑްރޭޓުވުމުގެ ފުރުޞަތު ވަކީން ބޮޑުވެ ފުރާނަޔަށް ނުރައްކާ ވެއެވެ. ލޮނުޕެކެޓު ތައްޔާރުކުރައްވަން ވާނީ ޕެކެޓުގެ ބޭރުގައިވާ އިރުޝާދު ތަކާއި އެއްގޮތަށެވެ. އެކި ރަހަ ލާގޮތަށް ކުޑަކުދިންނަށް ކަމުދާހެން ތައްޔާރު ކުރެވިފައި ހުންނަ ޖެލީ ނުވަތަ ބުއިމުގެ ގޮތުގައި ވެސް މިހާރު "ލޮނުޕެކެޓު" ނުވަތަ "ހައިޑްރަލައިޓް" ހުރެއެވެ. އެއަށް ވެސް އެއްވެސް އިތުރު އެއްޗެއް އެއްކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ.

ހޮޑުލެވޭނަމަ، ހޮޑުލެވުމަށް ފަހު 15 ވަރަކަށް މިނެޓު އެއްޗެއް ނުދެއްވައި މަޑުކޮށްލެއްވުމަށް ފަހު އަނެއްކާ ވެސް ދިޔާތަކެތި އެތި ފޮދު ފޮދުން ދެއްވަން ފައްޓަވާށެވެ. ހޮޑުލެވުން މަދުވެލަންދެން އޮއްޓަރު ހުރި ކާނާ މަދުކޮށްލެއްވުން ރަނގަޅެވެ.

ކެއުން ބަހައްޓަވާނެގޮތް:
ބޭރަށްހިންގާ ދުވަސްވަރު ކާނާ މަދުކުރުމަކީ ރަނގަޅު ގޮތް ކަމުގައި ހީވެފައިވާ ހީވުމަކީ ރަނގަޅު ހީއެއް ނޫނެވެ. ކުރިން ވެސް ފާހަގަކޮށްލި ފަދައިން، ބޭރަށްހިންގުން އަވަހަށް ރަނގަޅު ވާނީ އާދައިގެ ގޮތެއްގައި ކެއުމުގެ ކަންތައް ވެސް ބެހެއްޓިގެންނެވެ. ކާނާގެ ތެރެއިން އެންމެ ރަނގަޅީ ފަސޭހައިން ހަޖަމުކުރެވޭ ފަދަ ކާނާއެވެ. ތެލާއި ހަވާދު އެކުލެވިފައި ހުންނަ ކާނާ ބޭރަށްހިންގާއިރު ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ހަމަ އެފަދައިން، ފޮނި އެއްޗެތި ދެއްވުން ވެސް ރަނގަޅެއް ނޫނެވެ. ފައިބަރ ގިނަ ތަރުކާރީ އާއި މޭވާ ވެސް އެހާ ރަނގަޅެއް ނޫނެވެ. ކިރުގެ ބާވަތްތަކުން ވެސް ބޭރަށްހިންގުން އިތުރަށް ގޯސްވުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް، އެކްޓިވް ކަލްޗަރ ޔޯގަޓަކީ ރަނގަޅު އެއްޗެކެވެ. ގޮހޮރުގައި ރަނގަޅު ބެކްޓީރިއާ އާލާކުރުމަށް އެހީތެރިވެދޭތީ އެވެ. އާންމުކޮށް ބޭނުންކުރާ ޑެޒާޓް ޔޯގަޓަކުން މިފައިދާއެއް ނުކުރާނެ އެވެ.

އޭގައި ހަކުރު ހުންނަ މިންވަރު ގިނަވުމުގެ ސަބަބުން ބޭރަށް ހިންގުން އިތުރަށް ގޯސްވުން ވެސް އެކަށީގެން ވެއެވެ. ބަތްޕެނާއި ފެނުކެއްކި އަލުއްވާއި ދޮންކޭލަކީ ކެއުމުގައި ހިމަނުއްވަން ރަނގަޅު ބާވަތްތަކެވެ. މިބާވަތްތަކަކީ ގޭތެރޭގެ އާންމު ދިރިއުޅުމުގައި ވެސް ބޭނުންކުރެވޭ ތަކެތި ކަމުގައި ވާނަމަ، ބަލިވެއުޅޭ ދުވަސްވަރު ވެސް މިފަދަ ތަކެތި ދެއްވަން ފަސޭހަފުޅު ވާނެއެވެ.

ނެޕީ ރޭޝް:
ނެޕީ ރޭޝަކީ ބޭރަށްހިންގާ ކުއްޖަކަށް ވަރަށް ފަސޭހައިން ދިމާވެދާނެ މައްސަލައެކެވެ. މިކަމުން ދިފާއުވުމަށް ޓަކައި އަވަސް އަވަހަށް ނެޕީ ބަދަލުކުރެއްވުން މުހިންމެވެ. ނެޕީ ތެމިފައިހުރުމުން ފާރުވާލެއް ފަސޭހަވާނެތީ އެވެ. އަވަހަށް ނެޕީ ބަދަލުކުރެއްވުމުން ލިބޭނެ އަނެއް ފައިދާއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ޖެހުމުގެ ފުރުޞަތު ކުޑަވުމެވެ.
ބޮޑުކަމުދެވުމަށް ފަހު ތާހިރުކުރައްވާ އިރު ސައިބޯންޏާއި އޮހޮރޭ ފެނުން ދޮންނެވުމުން ހަންގަނޑު ހަލާކުވުން ދުރުކޮށްދެއެވެ. ދޮންނެވުމާއި ފެން ހިއްކެވުމުގައި ބާރަށް އުނގުޅުއްވުމުން ދުރުހެލިވެވަޑައިގަންނަވަން ޖެހޭނެއެވެ.

ނެޕީއިން ފޮރުވިފައިވާ ހިސާބުގައި ފާރު އުފެދިއްޖެނަމަ ޒިންކް އޮކްސައިޑް އެކުލެވިފައިވާ ނެޕީކްރީމެއް ނެޕީ ބަދަލުކުރައްވާ ކޮންމެ ފަހަރަކު ބޭނުންކުރައްވާށެވެ. ރާއްޖޭގައި އާންމުކޮށް ގެންގުޅޭ ނެޕީ ކްރީމްތަކުގެ ތެރެއިން ޒިންކް އޮކްސައިޑް އެކުލެވިފައިވަނީ ކިއުރޭޝް ކްރީމާއި ސޫޑޯ ކްރީމުގައެވެ. ކްރީމް ހޭއްކެވުމުގައި ފާރުކޮޅު އެއްކޮށް ފޮރުވޭ ވަރަށް ބޯކޮށް ކްރީމް ހާއްކަވައިލައްވާށެވެ. ބާރަށް އުނގުޅުއްވުން ރަނގަޅެއް ނޫނެވެ. ފާރުކޮޅު އެއްކޮށް ފޮރުވިފައި ހުރުމުން، ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި ފާރުކޮޅުގައި ހޭކުމުން ދުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ފާރުކޮޅު ރަނގަޅު ވުމުގެ ފުރުޞަތު ލިބެއެވެ.

ސާފުތާހިރުކަން:
ބޭރަށްހިންގުމަކީ ވަރަށް ފަސޭހައިން ފެތުރިގެން ހިނގައިދާނެ ބައްޔެކެވެ. ވުމާއެކު ސާފުތާހިރުކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހެއެވެ. ކުޑަދަރިފުޅުގެ ނެޕީ ބަދަލުކުރެއްވުމަށް ފަހު ކުޑަދަރިފުޅާއި ބަލެނިވެރިޔާގެ އަތްޕުޅު ރަނގަޅަށް ސައިބޯނިލައްވައިގެން ދޮންނަވަން ވާނެއެވެ. ނެޕީ އެއްލައިލައްވަން ވާނީ ރައްކާތެރި ގޮތުގައެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ފާޚާނާގެ ދޮރުގެ އަތްގަނޑާއި ފްލަޝްޓޭންކުގެ އަތްގަނޑާއި ފާޚާނާތަށީގައި އިށީންނަތަން ރަނގަޅަށް ސާފުކޮށް ދޮވެލައްވަން ވާނެއެވެ.

ބޮޑުކަމުދާ ތަކެތި ހެދުމުގައި ނުވަތަ ބެޑްޝީޓުގައި ހޭކިފައިވާ ނަމަ ހޫނުފެނާއި ދޮންނަކުނޑި ބޭނުންކުރައްވައިގެން ރަނގަޅަށް ދޮންނަވަން ވާނެއެވެ. އެއަށް ފަހު ރަނގަޅަށް އަތް ސާފުކުރައްވަން ވާނެއެވެ. ކާބޯތަކެތި ތައްޔާރުކުރެއްވުމުގައި ވެސް ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވަން ވާނެއެވެ.

ބޭރަށްހިންގުން ރަނގަޅުވުމަށް ފަހު ވެސް ދެހަފުތާ ވަންދެން ފަތާފެންގަނޑާއި ބިލިގާ ފަދަ ތަންތަން ބޭނުންކުރެއްވުން ރަނގަޅެއް ނޫނެވެ. އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކައެވެ.

ރަނގަޅުވަމުން އަންނަ ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަން:
ބޭރަށްހިންގުން ފަދަ ބައްޔަކުން ރަނގަޅުވަމުން އަންނައިރު ހަށިގަނޑުގެ ދިފާޢީ ނިޒާމު ހުންނާނީ ބަލިކަށި ވެފައެވެ. ފަސޭހައިން އިތުރު އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. ވުމާއެކު، ފަރީއްކޮޅަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ވާނެއެވެ. ކުއްޖާގެ ބަރުދަން ބަލިވުމުގެ ކުރިން ހުރިވަރަށް އެނބުރި އައިސް އުމުރާ ގުޅޭ ގޮތަށް ބޮޑުވަމުން ދޭތޯ ބެއްލެވުން ވަރަށް މުހިންމެވެ. ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނަކަށް މަގުފަހިވިޔަނުއްދެއްވައި ސާފުތާހިރުކަން ހިފެހެއްޓެވުމާއި ގިނައިން ދިޔާތަކެތި ދެއްވުން މުހިންމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް