ސަރވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު

ޑރ. ނުސައިބާ ފާރޫޤް ޙަސަން
ސާއްދަޑރ. ނުސައިބާ ފާރޫޤް ޙަސަން

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ ސަރވިކަލް ކެންސަރަކީ ރަހިމުގެ ދޮރުގެ ސެލްތަކަށް (ހަތާތަކަށް) އަންނަ ބަދަލެއްގެ ސަބަބުން، ހަތާތައް އުފެދުން ކޮންޓްރޯލުންނެއްޓުމެވެ. ރަހިމުގެ ދޮރަކީ ތުއްތު ދަރިފުޅު އެފެދިބޮޑުވާތަން ކަމުގައިވާ ރަހިމުގެ ތިރީގައި ކުޑަކޮށް ދިގުކޮށް ހުންނަ ޖާގައެކެވެ. ވިހަންހުޅުވެނީ މިޖާގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުއްޔާއިން ބުނާގޮތުގައި މިބާވަތުގެ ކެންސަރަކީ އަންހެނުންގެ ގައިން ފެންނަ ކެންސަރުތަކުގެ ތެރެއިން 4 ވަނަޔަށް އެންމެ އާންމު ބާވަތުގެ ކެންސަރެވެ. 2015 ވަނަ އަހަރުގެ ތެރޭގައި ރަހިމުގެ ދޮރުގެ ކެންސަރު ޖެހިގެން ދުނިޔެ ދޫކުރި 270000 މީހުންގެ ތެރެއިން %90 މީހުން ނިސްބަތްވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. މިކެންސަރަކީ ވެކެސިނެއްގެ އެހީގައި ދިފާއުވެވިދާނެ ކެންސަރެކެވެ. މިގޮތުން، ތަރައްގީވެފައިވާ ގައުމުތަކުގައި މިވެކްސިން ތަޢާރަފުކުރިފަހުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށްކުރެވިފައެވެ.

ދިވެހި ރާއްޖޭގެ ހާލަތު:

އަންހެނުންނަށް ޖެހޭކެންސަރުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ އާންމު ދެކެންސަރުގެ ތެރެއިން އެއްކެންސަރަކީ ރަހިމުގެ ދޮރަށް ޖެހޭކެންސަރެވެ. 2012 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން 2013 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދިވެހި އަންހެނުންގެ ތެރޭގައި މިކެންސަރުގެ މައުލޫމާތު ހުރިމިންވަރެއް ދެނެގަތުމަށާއި، މިކަމާއިގުޅިގެން އެމީހުންގެ އަމަލުތައް ހުރިނެތްގޮތް ހޯދުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވިއަން ނަރސިންގް އެސޯސިއޭޝަނައި ޔޫ.އެން.އެފް.ޕީ.އޭއާއި ގުޅިގެން ވަނީ ދިރާސާއެއް ކޮށްފައެވެ. މިދިރާސާގައި ބައިވެރިވެފައިވަނީ 20 އަހަރާއި 50 އަހަރާ ދެމެދުގެ 2845 މީހުންނެވެ. މިދިރާސާގައި ބައިވެރިވެފަވިވާ މީހުންގެ ތެރެއިން %57.7 މީހުންނަށް އުރަމަތީގެ ކެންސަރަކީ ކޮބައިކަން އެނގޭއިރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ކޮބައިކަން އެނގެނީ %38 މީހުންނަށެވެ. ރަހަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ އެއްއަލާމާތް ރަނގަޅަށް ފާހަގަކުރަން އެނގިފައިވަނީ އެންމެ 548 މީހުންނަށެވެ. އާދަޔާ ޚިލާފަށް ކުރިމަތިފަރާތުން ލޭއައުމަކީ (މައްސަރުކަންތައް ޖެހިފައިވާ ދުވަސްވަރު ނޫންދުވަސްވަރެއްގައި) ރަހިމުގެ ދޮރުގެ ކެންސަރުގެ ފާހަގަކޮށްލެވޭ އަލާމާތަކަށްވާއިރު، މިކަން އެނގެނީ މީގެތެރެއިން %17.6 މީހުންނަށެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ކޮބައިކަން އެންގޭ މީހުންގެ ތެރެއިން ޕެޕްސްމިއަރަކީ ކޮބައިކަން އެންގެނީ 524 މީހުންނަށެވެ. އޭގެތެރެއިން އެންމެ ފަހަރަކު ނަމަވެސް މިޓެސްޓު ހަދާފައިވަނީ އެންމެ %33 މީހުންނެވެ. މިކެންސަރުން ދިފާއުވުމަށްދެވޭ ވެކްސިނެއް ހުނަނަކަން އެނގެނީ ދާދި މަދު މީސްކޮޅަކަށެވެ. %5.5 މީހުންނަށެވެ.

ސަރވޭކުރެވުނު މުއްދަތުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ބުނެފައިވަނީ އެންމެ %5.1 މީހުންނަށްވީ އިރު، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އެހެންމީހުން ބޯދުމުގެ އަސަރު %59.7 މީހުންނަށް ކޮށްފައިވެއެވެ. މީގެ ތެރެއިން %33 މީހުންގެ ފިރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާމީހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ބުނި މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް މަގުފަހިކޮށްދޭ ކަންމެއްކަން އެންގެނީ ވަރަށް މަދު ބަޔަކަށެވެ. މިއީ ހައްތާވެސް، ކަނބޮޑުވާންޖެހޭ ކަންކަމެވެ.

ހިއުމަން ޕެޕިލޯމާ ވައިރަސް:

ސަރވިކަލް ކެންސަރު ޖެހެން މެދުވެރިވާ އެންމެ އާންމު ސަބަބަކީ ހިއުމަން ޕެޕިލޯމާ ވައިރަހުން (އެޗް.ޕީ.ވީ އިން) ޖައްސުވާ އިންފެކްޝަނެކެވެ. މިއީ އާންމުކޮށް ޖިންސީގުޅުމުން ފެތުރޭ ވައިރަހެކެވެ. ލަފާކުރެވޭގޮތުގައި ޖިންސީގޮތުން ހަރަކާތްތެރިވާ ހުރިހާ އެންމެންނަށްވެސް، ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި މިއިންފެކްޝަންޖެހެއެވެ. އާންމުގޮތެއްގައި އެޗް.ޕީ.ވީގެ އަސަރު ކުރަނީ ޖިންސީގޮތުން ހަރަކާތްތެރިވާން ފަށާއިރުއެވެ. އެޗް.ޕީ.ވީގެ އެތައް ސަތޭކަ ވައްތަރެއް ހުރިކަމުގައި ވިޔަސް، މިކެންސަރުގެ %70 ގުޅިފައިވަނީ އެޗް.ޕީ.ވީގެ 2 ވައްތަރަކާއެވެ. އެއީ ހިއުމަން ޕެޕިލޯމާ ވައިރަސް 16 އާއި 18 އެވެ.

އިންސާނާގެ ދިފާއީ ނިޒާމުން އާންމުގޮތެއްގައި މިއިންފެކްޝަން ނައްތާލައެވެ. ނަމަވެސް، ބައެއް އަންހެނުންނަށް މިވައިރަހުގެ ސަބަބުން ކެންސަރު ޖެހެނީ ކޮންމެސް ސަބަބަކާހުރެ، އާންމު އުސޫލުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް މިއިންފެކްޝަން ނައްތާނުލެވި ގިނަދުވަސްތަކެއްވެ، ރަހިމުގެ ދޮރުގައި ހުންނަ ހަތާތަކަށް ބަދަލުއައިސްގެންނެވެ. މިގޮތުން ކެންސަރަށް ބަދަލުވާން 10 އާއި 15 އަހަރާ ދެމެދުމުގެ މުއްދަތެއް ނެގުން އެކަށީގެންވެއެވެ. ގަވާއިދިން ސްކްރީން ކުރާނަމަށް ކެންސަރަށް ބަދަލުވުމުގެ ކުރިން ބަލިދެނެގަނެވި، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބެނީ މިސަބަބަށްޓަކައެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ހިއުމަން ޕެޕިލޯމާ ވައިރަހުގެ ސަބަބުން އެހެނިހެން ގުނަވަންތަކަށްވެސް ކެންސަރުޖެހެއެވެ. ދެޖިންސުގެ މީހުންގެވެސް ކުރިމަތިފަރާތާއި ފުރަގަސްފަރާތާއި ކަރު ހިމެނެއެވެ. ޖިންސީ ގުޅުން ހިންގުމުގައި ހުރަސް ބޭނުންކުރި ނަމަވެސް، ހަމާ ހަމާ ޖެހޭ ހިސާބަށް މިވައިރަހުގެ އަސަރުކޮށް، އިންފެކްޝަން ނުފިލާ ގިނަދުވަސްތަކެއް ވެއްޖެނަމަ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތުއޮވެއެވެ.

ސަރވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަންތައްތައް:

ދިރާސާތަކުން ދައްކާ ގޮތުގައި ރަހިމުގެ ދޮރަށް ކެންސަރުޖެހުމަށް މަގު ފަހިވާ ބައެއް ކަންކަންހުރެއެވެ. މިކަންކަމަކީ ކުރިން ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅިއްޖެނަމަ، މިކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރެވިދާނެވެސް ކަންކަމެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ޅައުމުރުގައި (އުމުރުން 18 އަހަރުން ދަށް) ޖިންސީގުޅުން ހިނގަން ފެށުމާއި ފުރަތަމަ ދަރިފުޅު އުމުރުން 17 އަހަރުވުމުގެ ކުރިން ލިބުން ހިމެނެއެވެ. ގިނަކުންދިން (3 ކުދިންނަށް ވުރެން ގިނަކުދިން) ވިހެއުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބެކެވެ.

ހަމައެހެންމެ، ގިނަމީހުންނާއެކު ރައްކާތެރިނޫންގޮތުގައި ޖިންސީގުޅުން ހިނގުމާއި، ގިނަބަޔަކާއެކު ރައްކާތެރިނޫން ގޮތުގައި ޖިންސީގުޅުން ހިންގާމީހަކު ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރުމަކީވެސް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ކަންމެކެވެ. ހިއުމަން ޕެޕިލޯމާ ވައިރަސް ނޫނަސް އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށްޖެހޭ އެހެނިހެން ތަފާތު އިންފެކްޝަންތައް އަވަސްއަވަހަށް ޖެހުމަކީވެސް މިކަމަށްއޮތްނުރައްކާ އިތުރުވާ ކަމެކެވެ. ކުރިމަތީފަރާތުގައި ޖެނިޓަލް ވޯރޓްސް ނުވަތަ އުންނަގާފައި ހުރުމަކީ މިކަމުގެ ފުރުޞަތު އިތުރުވާކަމެކެވެ. ކުރިމަތި ފަރާތުގައި ނަގާ އުމުގެ %90 ޖެހެނީ އެޗް.ޕީ.ވީ 6 އާއި 11 ގެ ސަބަބުންނެވެ. މިއީވެސް ޖިންސީގުޅުމުން އަރާ ބައްޔެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މާހައުލެއްގައި އުޅުމުންވެސް މިކެންސަރުޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. ދޭތެރެ ދުރުކުރާ ބޭސް 10 އަހަރަށް ވުރެން ގިނަ މުއްދަތަކަށް ބޭނުންކުރުމަކީވެސް މިކެންސަރަށް މަގުފަހިވާކަމެކެވެ.

ކުރިން އިޝާރާތްކުރި ދިރާސާގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް މަގުފަހިވާ ކަންކަމުގެ ތެރެއިން ދިވެހި ރާއްޖޭގައި އާންމު ކަންތައްތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއްކަންކަމަކީ ޅައުމުރުގައި ކައިވެނިކުރުމާއި ޅަދަރިމައިވުމުގެ އިތުރުން، ދިރާސާގައި ބައިވެރިވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ފިރިންނަކީ އެއްކައިވެންޏަށްވުރެ ގިނަ ކައިވެނިކޮށްފައިވާ މީހުންނެވެ.

ބަލީގެ އަލާމާތްތައް:

ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އެތަކެއް އަހަރުތަކެއް ވެދާނެއެވެ. އެހެނަސް، ފެނިދާނެ އަލާމާތްތަކުގެތެރޭގައި ކުރިމަތީފަރާތުން އާދަޔާޚިލާފަށް ލޭއައުން؛ މިސާލަކަށް، މައްސަރުކަންތައް ޖެހިފައިވާ ދުވަސްވަރު ނޫން ދުވަސްވަރެއްގައި ނުވަތަ އިއްދައިން ކެންޑުމަށްފަހު ލޭފެނުން ހިމެނެއެވެ. ހަމައެހެންމެ، ކުރިމަތިފަރާތުން އާދަޔާޚިލާފަށް ގިނައިން އެއްޗެހިއައުމާއެކު، ނުބައިވަސް ދުވުން، ލޭކުލަ ނުވަތަ އެހެނިހެން ކުލައެއްގެ އެއްޗެތިއައުން ހިމެނެއެވެ. މީގެއިތުރުން ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ނުވަތަ ހިންގުމަށްފަހު ލޭއައިސް ތަދުވުމާއި އުނދަގޫވުންވެސް މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ދައްބަނޑުގައި ރިއްސުމާއި، އުނަގަނޑުގައި ރިއްސުމާއި، ފައިގައިރިހުމެއްވެސް ހުރުން އެކަށީގެންވެއެވެ. އެއްފައި ދުޅަވެފައި ހުރުމަކީ މިކެންސަރުގެ އަލާމާތަކަށް ވެދާނެކަމެކެވެ.

މީގެ އިތުރުން ފެނިދާނެ އަލާމަތްތަކަކުގެތެރޭގައި ކާހިތްނުވުމާއި، ބަރުދަން އާދަޔާޚިލާފަށް ލުއިވުމާއި ވަރުބަލިވުން ހިމެނެއެވެ. ފައި ފޮއްސިވުމަކީ ބަލި ފެތުރުމުން ފެންނަ އަލާމާތަކަށް ވެދާނެއެވެ. މިގޮތުން، ކެންސަރުގެ އަސަރު ރަހިމުގެ ދޮރުން ބޭރުވެ، ކުރިމަތީފަރާތުގެ ހަތާތަކަށް ބަދަލުއައިސް ކުރިމަތިފަރާތުން ބޮޑުކަމުދާ ތަކެތީގެ އަސަރު ފެނުމާއި އިޚްތިޔާރެއްނެތި ކުޑަކަމުދެވޭގޮތްވެއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ބަލިތައް އިތުރުވެއެވެ.

ރަހިމުގެ ދޮރުގެ ކެންސަރު ދެނެގަތުން:

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށްޓަކައި ސްކްރީންކުރުމަކީ މިކެންސަރުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. ގަވާއިދުން ސްކްރީން ކުރާނަމަ، ކެންސަރަށް ބަދުލުވުމުގެ ކުރިން ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވި، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ، ގިނަ ބައެއް މިބަލިން ސަލާމަތްކުރެވެއެވެ. ކުރިންވެސް ފާހަގަކުރިފަދައިން، ރަހިމުގެ ދޮރުގެ ހަތާތަކަށް ބަދަލުއައިސް، ކެންސަރަށް ވުމަށް ދިގުމުއްދަތެއްނަގައެވެ. މިކެންސަރަށް ސްކްރީންކުރުމަށްޓަކައި ހަދަނީ މައިގަނޑު ދެޓެސްޓެކެވެ. އެއީ ޕެޕް ސްމިއަރ އާއި ވިޝުއަލް އިންސްޕެކްޝަން ވިތް އެސަޓިކް އެސިޑް އެޕްލިކޭޝަނެވެ(ވީ.އައި.އޭ.އެވެ).

ޕެޕްސްމިރ ހެދުން:

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް އެންމެއާންމުކޮށް ހަދާ ޓެސްޓަކީ ޕެޕްސްމިއަރ ޓެސްޓެވެ. މިޓެސްޓަކީ ޖިންސީގޮތުން ހަރަކާތްތެރިވާ 18 އަހަރާއި 60 އަހަރާދެމެދުގެ ހުރިހާ އަންހެނުން ކޮންމެ 3 އަހަރަކުން އެއްފަހަރު ހަދަން މުހިންމު ޓެސްޓެކެވެ. ޓެސްޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ޑޮކްޓަރު ދެއްވާ އިރުޝާދުގެ މަތިން މިޓެސްޓު މިއައްވުރެން އަވަހަށްވެސް ހަދަން ޖެހިދާނެއެވެ.

ޕެޕްސްމިއަރ ހަދަން ނަގަނީ ވަރަށް ކުޑައިރުކޮޅެކެވެ. ކުޑަ ބުރުހެއްގެ (ވަރަށް މަޑު) އެހީގައި ރަހިމުގެ ދޮރުގެ އެތެރެ ފަށަލައާއި ބޭރުގައި ގައިވާ ސެލްތައް ނަގައި މައިކްރޯސްކޯޕުން ބެލުމަށްޓަކައި ސްލައިޑްއެއްގައި (ބިއްލޫރިކޮޅެއްގައި) ކާއްތާލަނީއެވެ. އެއަށްފަހު ލެބޯޓްރީއަށް އެ ސްލައިޑް ގެންދަނީ ޕެތޮލޮޖިސްޓެއް ބެއްލެވުމަށްޓަކައެވެ. މައިކްރޯސްކޯޕްގެ އެހީގައި ބަލަނީ ކެންސަރު ސެލް ނުވަތަ ކެންސަރަށްބަދަލުވެދާނެ ފަދަ ސެލްއެއް ފެނޭތޯއެވެ.

ވިޝުއަލް އިންސްޕެކްޝަން ވިތް އެސަޓިކް އެސިޑް އެޕްލިކޭޝަން (ވީ.އައި.އޭ):

މިޓެސްޓުހެދުމަށް އެސެޓިކް އެސިޑް ރަހިމުގެ ދޮރުގައި ހާކާލަނީއެވެ. މިހެން ކަންތައްކުރުމުން، ރަހިމުގެ ދޮރުގައި އެއްވެސް ތަފާތު ސެލެއް ހުރިނަމަ، އެސެލްތައް ހުރިހިސާބެއްގެ ކުލަބަދަލުވެއެވެ. ހަމަ ލޮލަށް ސާފުކޮށް ފެންނަން ހުރެއެވެ. މިގޮތަށް ފާހަގަކުރެވޭ ހިސާބުން މަސްކޮޅެއް ނަގައި އެހިސާބުގެ ސެލްތަކުގައިވަނީ ކޮންކަހަލަ ބަދަލެއްތޯ ބަލަންޖެހޭނެއެވެ. ވީ.އައި.އޭއަކީ އުމުރުން 30 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނުން ކޮންމެ ފަސްއަހަރަކުން، ނުވަތަ ނަތީޖާ ފެންނަގޮތުން އެއަށްވުރެން އަވަހަށްވެސް ހަދަންޖެހިދާނެ ޓެސްޓެކެވެ.

މީގެއިތުރުން އެޗް.ޕީ.ވީ އިންފެކްޝަންގެ އަސަރު ހުރިތޯ ބަލަން ތަހުލީލުކުރެވެއެވެ. އޭގެ ކޮން ވައްތަރެއްތޯވެސް ބެލެއެވެ. މިތަހުލީލުން، ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ހުރި މިންވަރު ކޮންމެވެސް ވަރަކަށް އަންދާޒާކުރެވެއެވެ.

ޕެޕްސްމިއަރ އިން ނުވަތަ ވީ.އައި.އޭ އިން ރަހިމުގެ ދޮރުގެ ސެލްތައް އާންމުކޮށް ހުންގޮތްނޫން ތަފާތުގޮތަކަށް ހުރިކަމަށް ނަތީޖާ ފެނިއްޖެމަ، އެތަނުން މަސްކޮޅެއްނަގައި (ބައިއޮޕްސީ) ޓެސްޓުކުރަންޖެހެއެވެ. ޓެސްޓުކުރުމަށްޓަކައި މަސްކޮޅެއް ނަގަނީ ކޮލްޕޯސްކޯޕްގެ (ރަހިމުގެ ދޮރާއި ވަށައިގެންވާ ހިސާބު ސާފުކޮށް ބެލުމައްޓަކައި ބޭނުންކުރެވޭ 'ދުރުމީއެއް' ފަދަ އާލާތެއްގެ) އެހީގައެވެ. ބަލީގެ ފަރުވާ ބިނާކުރާނީ ބައޮޕްސީގެ ނަތީޖާއަށް ވެސް ރިޔާއަތްކޮށްގެންނެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރުހުރިކަން ބައިއޮޕްސީގެ އެހީގައި ސާބިތުވެއްޖެނަމަ، އެހެނިހެން ގުނަވަންތަކަށް އަސަރުކޮށްފައިވޭތޯ ބެލުމަށްޓަކައި އިތުރު ތަހުލީލްތައްކުރަންޖެހެއެވެ. ބަލިހުރި މަރުހަލާ ނުވަތަ 'ސްޓޭޖް' ހޯދުމަށެވެ. މިގޮތުން، ފުއްޕާމޭގެ އެކްސް ރޭ ނެގުމާއި، މަސާނާއާއި ފުރަގަސްފަރާތުގެ އެތެރެ ސްކޯޕެއްގެ (ކެމެރާއެއްގެ) އެހީގައި ބެލުން ހިމެނެއެވެ. މިއީ ބަލިފެތުރިފައިވާ މިންވަރު ދެނެގަނެ، ބަލީގެ ފަރުވާ ގެންދާނެ ގޮތް ރޭވުމަށްޓަކައެވެ.

ރަހިމު ނަގާފައިވާ މީހަކަށް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހިދާނެތަ؟

ރަހިމު ނަގަން ކުރެވޭ އޮޕަރޭޝަން ކުރެވެނީ ދެގޮތަކަށެވެ. އެއްގޮތަކީ ރަހިމާއި އެކު ރަހިމުގެ ދޮރު ނުވަތަ ސަރވިކްސް ވެސް ނެގުނެމެވެ. އަނެއްގޮތަކީ ރަހިމުގެ ދޮރާއި ނުލާ ރަހިމު ނެގުމެވެ. ރަހިމު ނަގާފައިވަނީ ރަހިމުގެ ދޮރާއި ނުލާކަމުގައި ވަނީނަމަ، އެހެންމީހުންނެކޭވެސް އެއްފަދައިން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ. ވީމާ ޑޮކްޓަރުންގެ ލަފާގެ މަތިން މިކަމަށް ސްކްރީންކޮށް ރައްކާތެރި ވުމުގެ ގޮތުން އެޅޭނެ އެހެނިހެން ފިޔަވަޅުތައްވެސް އަޅަންޖެހޭނެއެވެ.

ރަހިމާއި ރަހިމުގެ ދޮރު ނަގާފައިވަނީ ރަހުމުގެ ދޮރުން އާދަޔާ ޚިލާފު ހަތާތަކެއް ފެނިފައިވާތީ ކަމުގައި ވަނީ ނަމަ، ކުރިމަތީ ފަރާތުގެ އެހެނިހެން ހިސާބުތަކުގެ ހަތާތަކަށް ބަދަލުއައިސްފައިވޭތޯ ބަލަން ސްކްރީންކުރަންޖެހޭނެއެވެ. މިކަންވެސް، ޑޮކްޓަރެއްގެ ލަފާގެމަތިން ކުރިޔަށް ގެންދިޔުން ވަރަށް މުހިންމެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ދެވޭ ފަރުވާއަކީ ކޮބާ؟

މިބައްޔަށްދެވޭ ފަރުވާ ބިނާވެގެންވަނީ ބަލީގެ ސްޓޭޖް ނުވަތަ މަރުހަލާއަށެވެ. މިކެންސަރުގެ 4 މަރުހަލާއެއްވެއެވެ. މިބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ފެށެނީ ދެވަނަ މަރުހަލާއިންނެވެ. އެއީ ރަހިމުގެ ދޮރުން ބޭރަށް ކެންސަރުގެ އަސަރުކުރަން ފަށާ ހިސާބެވެ. ތިންވަނަ މަރުހަލާގައި އެހެނިހެން ގުނަވަންތަކަށް މިބަލީގެ އަސަރުކޮށް ދާދި ކުރުމުއްދަތެއްގައި ބަލިމީހާގެ ހާލަތު ނާޒުކުވެޔެވެ.

ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ބަލީގެ ކުރީކޮޅުގައި ދެވޭ ފަރުވާއަކީ ކްރަޔޯތެރަޕީ އާއި ލޫޕް އިލެކްޓްރިކް އެކްސިޝަން ޕްރޮސީޖާރ ނުވަތަ ލީޕްއެވެ. މިދެގޮތުންވެސް، ކޮލްޕޯސްކޯޕެއްގެ އެހީގައި ރަހިމުގެ ދޮރުން ބަދަލުއައިސްފައިވާ ހިސާބު ނަގައެވެ. އޮޕަރޭޝަންކޮށްގެން ރަހިމުގެ ދޮރު (ސަރވިކްސް) ނެގުން ނުވަތަ ރަހިމާއެކު ރަހިމުގެ ދޮރުނެގުމާއި، ކެންސަރުގެ އަސަރުކޮށްފައިވާ ހިސާބުނަގަންވެސް ޖެހިދާނެއެވެ. މީގެ އިތުރުން، އެހެނިހެން ކެންސަރުތަކެކޭއެއް ފަދައިން ރޭޑިއޭޝަނާއި ކީމޯތެރަޕީވެސް ދެވެއެވެ.

ބަލީގެ އެންމެ ފަހު މަރުހަލާގައި ދެވޭނެ މާބޮޑު ފަރުވާއެއް ނޯވެއެވެ. ރިހުންކުޑަކުރުމާއި އެހެނިހެން އުނދަގޫތައް ކުޑަކުރުމުގެ ނިޔަތުގައި ދެވޭ ބޭސް ފަޔަވައެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ދިފާއުވުމަށް އެޅޭނެ ފިޔަވަޅުތައް:

އެޗް.ޕީ.ވީ ވެކްސިން ޖެހުމަކީ މިކަމުން ދިފާވުމަށްޓަކާ އެޅޭނެ އެންމެ މުހިންމު އެއްފިޔަވަޅެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢްޔާއިން އިރުޝާދުދެނީ އުމުރުން 9 އަހަރާއި 13 އަހަރާ ދެމެދުގެ އަންހެންކުދިންނަށް މިވެކްސިންޖެހުމަށެވެ. މިވަތު ދިވެހި ރާއްޖެއިން ލިބެން ހުރީ ސަރވިރެކްސެވެ. މިއީ އަންހެންކުދިންނާއި އަންހެހުންނަށް ޚާއްސަ އެކްސިނެކެވެ. ސަރވިރެކްސުން ދިފާއުކޮށްދެނީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ %70 ޖައްސުވާ ހިއުމަން ޕެޕިލޯމާވައިރަހުގެ 16 އާއި 18 އިންނެވެ.

ގާޑަސިލް ވެކްސިނަކީ ދެޖިންސުގެ މީހުންނަށްވެސް ޖެހޭ ވެކްސިނެކެވެ. އެޗް.ޕީ.ވީ 16 އާއި 18 އިތުރުން 6 ކާއި 11 އިންވެސް މިވެކްސިން ދިފާއުކޮށްދެއެވެ. ކުރިންވެސް އިޝާރާތްކުރިފަދައިން މިދެވައްތަރަކީ (6 އަކާއި 11) ކުރަމަތިފަރާތުގައި ނަގާ އުން ނެގުމުށް ދިމާވާ އެންމެ ބޮޑު ސަބަބެވެ. ދާދި ފަހުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ގާޑަސިލް 9 ކަށް ހުއްދަދީފައެވެ. މިވެކްސިން އަމާޒުކުރެވިފައިވަނީ ކުރިން ފާހަގަކުރެވުނު 4 ބާވަތާއި އެކު އެޗް.ޕީ.ވީގެ އިތުރު 5 ބާވަތަކަށެވެ. ވެކްސިން ޖެހުމަށްޓަކައި ޑޮކްޓަރަކާ މަޝްވަރާކުރައްވައިގެން ކުރިޔަށް ގެންދަވާށެވެ.

މީގެ އިތުރުން ކެންސަރަށް މަގުފަހިވާ ކަންކަމާއި ދުރުހެލިވުމާއި ގަވާއިދުން ސްކްރީން ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކައި، ހެލިފެލިވެއުޅުން ފަދަ ސިއްޙީ ރަނގަޅު އާދަތަކުގެ މައްޗަށް ދިރިއުޅުން ބައްޓަންކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. އެއާއި އެކުއެކީގައި ދުމާއި ދުންފަތާ ދުރުހެލިވާންޖެހެއެވެ. ޑޮކްޓަރެއްގެ މަޝްވަރާގެ މަތިން މިކަންކަން ކުރުން އެހާމެ މުހިންމެވެ.

References:

  1. “Knowledge, Attitude and Practices of Women in Maldives Related to the Risk Factors, Prevention and Early Detection of Cervical Cancer”; Asia Pacific Journal of Cancer Prevention; https://www.google.com/url?hl=en&q=http://koreascience.or.kr/article/ArticleFullRecord.jsp?cn%3DPOCPA9_2014_v15n16_6691&source=gmail&ust=1491373839133000&usg=AFQjCNHkKiuw8KI0Y9qr4wutHUBkvRAcdQ
  2. uptodate.com/medical professionals
  3. cdc.org
  4. who.int
DB released.