ހިިމަބިއްސާއި ރުބެއްލާ އިންފެކްޝަން: މުހިންމު ބައެއް މައުލޫމާތު

ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށްޓަކައި މިހާރު ރާއްޖޭގައި ވެކްސިންދިނުމުގެ މައިހަރަކާތެއް ހިނގަމުން އެބަދެއެވެ. ހިމަބިއްސާއި ރުބެއްލާއަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ (އެންމެ ފަހުން ހިމަބިހިޖެހިފައިވާ މީހަކު ފެނިފައިވަނީ 2010 ގައި) ބަލިތަކެއް ކަމުގައިވާތީ މިބަލިތަކުގެ ނުރައްކާތެރިކަން ވަނީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިފައެވެ. މިހާރު މިހިނގަމުންދާ ފޯވައްސަކީ ހިމަބިހި ރާއްޖެއިންނައްތާލުމަށާއި ރުބެއްލާގެ ސަބަބުން ދިމާވާ އެފެދުމުގައި ހުންނަ ތަފާތުތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. މިލިޔުމުގައި މިދެބައްޔަށް އަލިއަޅުވާލުމާއެކު، ވެކްސިންގެ ސައިޑް އިފެކްތައަށް (ނޭދެވޭ އަސަރުތައްކަށް) ވެސް އަލި އަޅުވާލާފައިވާނެއެވެ. ބަލިޖެހުމަށްވުރެ، ހާސްބައި ރައްކާތެރީ ބަލިޖެހުމުގެ ކުރިން ވެކްސިންޖަހައިގެން މިބަލިތަކުން ދިފާއުވުމެވެ. އެހެންކަމުން ކުރިޔަށްއޮތް ޖީލުތަކަށްޓަކައި، މިބިމުން މިބަލިތައް ނައްތާލުމަށް އަޅުގަނޑުމެން ކޮންމެ މީހަކުމެ، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާކުރުމަތޯ؟

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ޢާންމު ޞިއްޙަތުގެ ދާއިރާއިން ޚާއްޞަގޮތެއްގައި ގައިންގައިން އަރާ ބަލިތައްކޮންޓްރޯލުކުރުމުގައި ކާމިޔާބީތަކެއްވަނީ ހޯދިފައެވެ. ދިވެހި ރާއްޖެ ވަނީ މިސަރަހައްދުން އެންމެ ފުރަތަމަ މެލޭރިއާއާއި ފައިލޭރިއާ އާއި ޕޯލިއޯނައްތާލި ގައުމުގެ ފަޚުރުވެރި ލަގަބުވެސް ހޯދާފައެވެ. މިކަންކަން ހާސިލްކުރެވިފައިވަނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސެއްކަތުންނެވެ. ޖުމްލަކޮށް މިކަމުގައި ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާއެބައޮތެވެ.

ހިމަބިހި:

ހިމަބިއްސަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. ވަރަށް ފަސޭހިން ގައިންގަޔަށް އަރާ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފެތުރެނީ ނޭވާލާ ނިޒާމުންނެވެ. ކެއްސައި، ކިނބިހިއަޅައި ހަދާއިރު ބޭރުވާ ތެތްކަން ނުވަތަ ތެތްތިކީގެ ޒަރީއާއިންނެވެ. ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން 10 ދަވަހާއި 12 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ގަދަޔަށް ހުންއައުމާއި، ނޭފަތުން ފެންއައިސް، ލޯރަތްވެ، އަނގައިގެ ތެރޭގައި ކުދިކުދި ހުދު ތިކިތަކެއް ޖެހުމަކީ މިބަލީގެ އަލާމާތްތަކެވެ. މިއަލާމާތްތަކާއިއެކު މޫނާއި ކަރުންފެށިގެން މުޅި ހަށިގަނޑަށް ފެތުރޭ ބިހިތަކެއް (ރޭޝް) ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނެއެވެ.

މިބައްޔަކީ ވަކި ޚާއްސަ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. މިބަލިޖެހޭ ކުޑަކުދިންނާއި ހަށިގަނޑުގެ ދިފާއީބާރު ދެރަ މީހުންނަށް މިބަލީގެ ނުރައްކާ އިތުރެވެ. މިވައިރަހުގެ އަސަރުގެ ސަބަބުން އެހެނިހެން އިންފެކްޝަންތަކަށް ހުށަހޮޅެއެވެ. ދިގުމުއްދަތަކަށް ބޭރަށް ހިންގުމާއި އަނގަޔާއި، ގޮހޮރާއި ފުރަމޭގެ އެހެނިހެން މައްސަލަތައްވެސް ދިމާވުންއެކަށީގެންވެއެވެ. ނިއުމޯނިޔާ އަކީ ހިމަބިހީގެ ސަބަބުން ޖެހޭ އާންމު ބައްޔެކެވެ. މީގެ ސަބަބުން ފުއްޕާމެއިން ބައެއް ހަލާކުވުން ވެސް އެކަށީގެންވެއެވެ. ސިކުނޑީގެ އިންފެކްޝަންޖެހުމުގެ ސަބަބުން، ވާގިނެތުމާއި، ހިނގާބިނގާވެއުޅުން ފަދަ އާންމު ހަރަކާތްތަކަށް ވެސް ދަތިވުން އެކަށީގެންވެއެވެ. ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުމުގައި އިޚްތިޔާރެއް ނެތުންވެސް އެކަށީގެންވެއެވެ. ލޯފަންވުންވެސް އެކަށީގެންވެއެވެ.

10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ނުޖަހާ %90 ކުދިންނަށް މިބަލިޖެހެއެވެ. މިބަލިޖެހޭ ކުދިންގެ %10 ކުދިން މިބަލީގައި މަރުވެއެވެ. މިގޮތުން، 2015 ވަނަ އަހަރު މުޅިދުނިޔެއިން 134،200 ކުޑަކުދިން މިބަލީގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.

މާބަނޑު މީހަކަށް ހިމަބިހި ޖެހިއްޖެ ނަމަ، ބައިގެން ދިޔުމާއި، ދަރިފުޅު ބަނޑުގައި މަރުވުންފަދަ ކަންކަން ދިމާވުން އެކަށީގެން ވެއެވެ. ދުވަސް ނުފުރާ ވިހެއުމަކީވެސް ދިމާވާ ކަމެކެވެ.

ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިން:

ހިމަބިހީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެކްސިންދޭން ފެށިތާ 50 އަހަރަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ. 2015 ވަނަ އަހަރު ނިމުނު އިރު ދުނިޔޭގެ %85 ކުދިންނަށް އުމުރުން 2 އަހަރު ވުމުގެ ކުރިން މީސްލްސް ވެކްސިންގެ ފުރުތަމަ ޑޯޒް ދެވިފައިވެއެވެ. އަދި މި މުއްދަތުގެތެރޭގައި 160 ގަމަކުން ނެޝަނަލް ވެކްސިނޭޝަން ޝެޑިއުލްގައި މީސްލްސްގެ ދެވެނަ ޑޯޒްވެސްވަނީ ހިމަނާފައެވެ. (ދުނިޔޭގެ ޞިއްޙަތު ޖަމުޢްޔާ)

ދިވެހި ރާއްޖޭގައި މިވެކްސިން ތަޢާރަފްކުރެވިފައިވަނީ 1983 ވަނަ އަހަރުއެވެ. 2005 ވަނަ އަހަރާއި 2006 އަހަރު އެމް.އާރ. (މީސްލްސް – ރުބެއްލާ) ވެކްސިން ކެމްޕޭނެއް ހިނގުމަށްފަހު، 2007 ވަނަ އަހަރުން ފެށިގެން ހިމަބިއްސައް ދެވޭ ވެކްސިންގެ ދެވަނަ ޑޯޒެއް ނެޝަނަލް އިމިއުނިޒޭޝަން ޝެޑިއުލަށް އިތުރުކުރެވުނެވެ. އެމް.އެމް.އާރު (މީސްލްސް-މަމްޕްސް-ރުބެއްލާ) ވެކްސިން ދޭން ފެށުމާ އެކުގައެވެ.

ނެޓްބޯޅަ ކުޅުންތެރިއާ އީމާ އަބްދުއް ސައްތާރު އެމްއާރް ވެކްސިން ޖަހަނީ-- ފޮޓޯ/ނެޓްބޯޅަ އެސޯސިއޭޝަން---

ހިމަބިހިން ދިފާއުވުމަށް ދެވޭ ވެކްސިން ޖެހުމުން ފެނިދާނެ ބައެއްކަންތައްތައް:

ވެކްސިން ޖަހާތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންޖެހިތަނަށް ތަދުވެ، ކޮންމެވެސް ވަރެއްގެ ރަތްކަމެއް ހުރުން ނުވަތަ ތަދުވުން އެކަށީގެންވެއެވެ. އެއްވެސް ފަރުވާއަކާ ނުލާ އާންމުގޮތެއްގައި ދެތިން ދުވަހުގެ ތެރޭގައި މިކަން ރަނގަޅުވެއެވެ.

ވެކްސިން ޖަހާކުދިންގެ %5-15 ކުދިން މަޑު ހުމެއް އައުން އެކަށީގެންއެވެ. އާންމުކޮށް ހުންއަންނަނީ ވެކްސިން ޖަހާތާ 7 ދުވަހާއި 12 ދުވަހާ ދެމެދުގައެވެ. މިހުން ދެދުވަހެއްގެ ތެރޭގައި ވިހެލައެވެ. ވެކްސިން ޖަހާ %2 ކުދިންގެ ގައިގައި ބިހިތަކެއް ނެގުން އެކަށީގެންވެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒާއެކު ނޭދެވޭ އަސަރު ފެންނަ ނިސްބަތް މިއަށްވުރެންވެސް މަދެވެ.

ރުބެއްލާ:

ރުބެއްލާއަކީ (ނުވަތަ ޖަރމަން މީސްލްސްއަކީ) ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިވެސް ޖެހެނީ ވައިރަހެއްގެ ޒަރީއާއިންނެވެ. މިބަލީގެ އަސަރުތައް އާންމުކޮށް ފެންނަން ފަށަނީ ޖަރާސީމުގެ އަސަރުކުރާތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާތެރޭގައެވެ. މިއީވެސް ނޭވާލާ ނިޒާމުން ބޭރުވާ ތެއްކަމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ހަށިގަނޑަށް ޖަރާސީމުގެ އަސަރުކުރުމަށް ފަހު، ބަލީގެ އަސަރު ފެނުމުގެ ކުރިންވެސް އެހެންމީހުންނަށް މިވައިރަހުގެ އަސަރުކުރުން އެކަށީގެންވެއެވެ. މިއިންފެކްޝަން ނުރައްކާތެރިކަމަކަށްވަނީ މިއިންފެކްޝަންގެ އަސަރު މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަކުރުމުންނެވެ.

ރުބެއްލާ އިންފެކްޝަނަކީ ވަރަށް ގިނަފަހަރަށް އެއްވެސް އަލާމާތެއް ނުފެންނަ ބައްޔެކެވެ. އެއްފަހަރު މިބަލިޖެހުމުން، ކޮންމެސް ވަރެއްގެ ދިފާއީ ބާރެއް ހަށިގަނޑުން އުފެއްދިކަމުގައިވިޔަސް، އެބާރު މުޅިން ފުރިހަމަ ނުވުމުގެ ސަބަބުން، އަނެއްކާވެސް މިއިންފެކްޝަން ޖެހުމުގެ ފުރުޞަތު އޮވެއެވެ.

މިބަލީގައި ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ބިހިނެގުން، މަޑު ހުމެއް އައުން، ލޮލު ރޯގާގެ އަސަރުތައް (ލޮލުގައި މަޑެއްނުލާނެ)، ތައިރޮއިޑްގެ ބައެއް މައްސަލަތައް ދިމާވުމާއި ހުޅުހުޅުގައި ރިއްސުމެއް ފެނިދާނެއެވެ. ބިހިނަގަންފަށަނީ މޫނުންނެވެ. 24 ގަޑިއިރުގެ ތެރޭގައި މުޅިހަށިގަނޑަށާއި ހަތަރެސްފަޔަށް ފެތުރެއެވެ. 1 ދުވަސް ނުވަތަ 2 ދުވަސް ތެރޭގައި މިބިހިތައް ފިލައެވެ. ބައެއްފަހަރަށް ބިހިތައް އޮބެން 8 ދުވަސްވެސް ހޭދަވުން އެކަށީގެންވެއެވެ. ހުޅުހުޅުގައި ރިހުން މަހެއްހާ ދުވަހުގެ ތެރޭގައި ފިލައެވެ. އާންމުކޮށް ރިހުންހުންނަނީ ކަކުލާއި ކުޑަހުޅާއި އިނގިލިތަކުގައެވެ.

ރުބެއްލާ އިންފެކްޝަންގެ ސަބަބުންފުރާވަރު އުމުރުގެ ބައެއް ކުދިންގެ ކިބައިން ސިކުނޑީގެ އިންފެކްޝަން ވަރަށް މަދުންނަމަވެސް ފެނިފައިވެއެވެ.

ރުބެއްލާގެ ނުރައްކާތެރިކަން އެންމެބޮޑަށް ފެންނަނީ މާބަނޑު މީހުންނަށް މިއިންފެކްޝަން ޖެހުމުންމެވެ. މާބަނޑު މީހުންނަށް މިއިންފެކްޝަން ޖެހުމުން ބައިގެން ދިޔުމާއި ދަރިފުޅު ބަނޑުގައި މަރުވުން ފަދަ ނުރައްކާތަކަށް ހުށަހެޅެއެވެ. ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމަކީ މައިމީހާގެ ބަނޑުގައި އޮތްވައި މިވައިރަހުގެ އަސަރުކޮށްފައިވާ ކުދިންގެ ކިބައިން އުފަންވާ ފަހުން ފެންނަ ނިޝާންތަކަށް ކިޔާނަމެކެވެ. ލޮލުގެ ފެނުމުން މަހުރޫމުވުމާއި ވިސްނުން ކޮށިވުމާއި (އިންޓަލެކްޗުއަލީ ޖެލަންޖްޑް) ހިތް އުފެދުމުގައި ތަފާތުތަކާއި އުނިކަންހުރުމާއި ކަންފަތަށް އިވުމުން މަހުރޫމްވުމަކީ ވެސް މިކަމުގައި ހިމެނޭ ދެރަކަންކަމެވެ.

މިނުރައްކާތެރި އިންފެކްޝަން ވަނީ 2004 ވަނަ އަހަރު އެމެރިކާއިން ނައްތާލެވިފައެވެ. އަދި 2015 ވަނަ އަހަރު މިބަލިވަނީ އެމެރިކާ ބައްރުން ނައްތާލެވިފައެވެ. މިބަލިން ދިފާއުވުމަށް ވެކްސިން ދީގެންނެވެ.

2015 ވަނަ އަހަރު ނިމުނުއިރު 147 ގައުމަކުން ވަނީ ރުބެއްލާ ވެކްސިން ނެޝަނަލް ވެކްސިނޭޝަން ޝެޑިއުލްގައި ހިމަނާފައެވެ. (ދުނިޔޭގެ ޞިއްޙަތު ޖަމުޢްޔާ). ކުރިން ވެސް އިޝާރާތްކުރިފަދައިން ދިވެހި ރާއްޖޭގައި ވެސް މިވެކްސިން ވަނީ މިހާރު ނެޝަނަލް އިމިއުނައިޒޭޝަން ޝެޑިއުލްގައި ހިމެނިފައެވެ.

ރުބެއްލާ ދިފާއުވުމަށް ދެވޭ ވެކްސިން ޖެހުމުން ފެނިދާނެ ބައެއްކަންތައްތައް:

ރުބެއްލާ ވެކްސިން ޖެހުމަށްފަހު އެންމެ އާންމުކޮށް ފެންނަ އަސަރަކީ ހުޅުހުޅުގައި ރިއްސުމެވެ. އާންމުކޮށް އަލާމާތްތައްފެންނަން ފަށަނީ ވެކްސިންޖަހާތާ 1 ހަފްތާ ނުވަތަ 3 ހަފްތާ ފަހުންނެވެ. 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިހުން ފިލައެވެ. މިމައްސަލަ ދިމާވަނީ ވެކްސިން ޖަހާ މީހުންގެ ތެރެއިން %25 މީހުންނަށެވެ. މިކަން އާންމުކޮށް ފެންނަނީ އަންހެނުންގެ ކިބައިންނެވެ. މިވެކްސިން ޖަހާ ފިރިހެނުންނާއި ކުޑަކުދިންގެ ކިބައިން މިކަން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ (%3-0). މީގެ އިތުރުން މަޑު ހުމަކާއެކު ބިހިނެގުމާއި ގޮށްލުމާއި ގައިގައިރިއްސުން ވެސް ހުރެދާނެއެވެ. ޕްލޭޓްލަޓް ދަށްވުމަކީ މިވެކްސިންނާ ގުޅިގެން ވަރަށް މަދުން ފެންނަކަމެކެވެ.

ވެކްސިން ޖެހުމަށްފަހު އެލާރޖިކް ވުމަކީ ވަރަށް ވަރަށް ނާދިރުކަމެކެވެ. އެލާރޖިކްވަނީ ވެކްސިންގައި ބޭނުންކުރެވޭ އެންޓިބަޔޯޓިކް ކަމުގައިވާ ނިޔޯމައިސިން ނުވަތަ ވެކްސިން އުފެއްދުމުގައި ބޭނުންކުރެވޭ ޖެލާޓިންނަށެވެ.

ރާއްޖެއިން ވެސް ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ކުރިން ފެނެއެވެ. ނަމަވެސް، ވެކްސިން ތައާރަފްކޮށް 2005 އަހަރާއި 2006 ވަނައަހަރުގެ ތެރޭގައި ފުރާވަރުކުދިންނަށް މިވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ހިންގިފަހުން މިއިންފެކްޝަން ފެނުންވަނީ މަދުވެފައެވެ.

ހިމަބިއްސާއި ރުބެއްލާ ރާއްޖޭން މުޅިން ނައްތާލެވޭނީ އާބާދީގެ ބޮޑުބައަކަށް ވެކްސިންދެވިގެންނެވެ. މިގޮތުން މިހާރު ހިނގަމުން ދާ ގައުމީ ހަރަކާތުގެ މަގްސަދަކީ އާބާދީގެ %93 އާއި %95 މީހުންނަށް މިވެކްސިން ދެވިފައިވާކަން ކަށަވަރުކުރުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢްޔާގެ ދެކުނުއިރުމަތީ އޭޝިޔާ ސަރަހައްދުގެ ހުރިހާގައުމަކުން 2020 ވަނަ އަހަރު އަންނަންވާއިރަށް މިބަލި ނައްތާލުމަށްވަނީ އަމާޒުކޮށްފައެވެ. މިހާރު ކުރިޔަށްދާ ކެމްޕޭނު ކާމިޔާބު ކަމާއެކު ހިނގުމުން މިސަރަހައްދުން މިލަނޑުދަނޑި ހާސިލުކުރާ އެންމެ ފުރަތަ ގައުމުކަމުގައި ދިވެހި ރާއްޖެ ހިމެނިގެންދާނެއެވެ.

މިހާރު މިބަލިތައް ނުފެންނަނީ ކީއްވެ؟

ކުރިންވެސް އިޝާރާތްކުރިފަދައިން މިބަލިތައް ރާއްޖެއިން މިހާރު ނުފެންނަނީ މިބަލިތަކުން ދިފާއުވުމަށްޓަކައި ދެވޭ ވެކްސިން ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޝެޑިއުލްގެ ތެރޭގައި ހިމަނައި ވެކްސިންދެވެމުންދާތީއެވެ. މިހާރު މިހިންގޭ ހަރަކާތުގެ މަގްސަދަކީ "ހާރޑް އިމިއުނިޓީ" އިތުރުކުރުމެވެ. ގައިންންގަޔަށް އަރާ ބަލިތަކުން ދިފާއުވުމަށް ވެކްސިންދެވިފައިވާ މީހުންގެ ނިސްބަތް އިތުރުކޮށް ވެކްސިން ނުލިބިތިބި މަދުމީސްކޮޅަށްވެސް މީގެ ސަބަބުން ރައްކާތެރިކަން ހޯދައިދިނުމެވެ. މިކަން ހާސިލްކުރެވުމުން، މިފަދަ ބައްޔެއް ހުރިމީހަކު ރާއްޖެ އަޔަސް، ރާއްޖޭގައި މިބަލި ފެތުރިގެންނެއް ނުދާނެއެވެ. މީގެ ސަބަބުން މިފަދަ ބަލިބަލިން ދިމާވާ ނޭދެވޭ އަސަރުތަކުން އަންނަން އޮތްޖީލުތައް ރައްކާތެރިކުރެވޭނެއެވެ.

މީސްލްސް – ރުބެއްލާ ވެކްސިން ނުޖެހޭނެ މީހުން:

  1. ވެކްސިންގައިވާ ނިޔޯމައިސިން ނުވަތަ ޖެލަޓިނަށް އެލާރޖިކްވާ މީހުން
  2. މާބަނޑު މީހުން
  3. ދިފާއީ ނިޒާމުބަލިކަށިވާފަދަ ބޭހެއް ބޭނުންކުރާ މީހުން، މިސާލަކަށް ކެންސަރަށް ދެވޭ ބޭސް، މަތީ ޑޯޒްތަކުގައި ސްޓެރޮއިޑް ބޭނުންކުރަން ޖެހިފައިވުން، އެއްވެސް ބައްޔަކާ ގުޅިގެން އިމިއުނޯގްލޮބިއުލިން ދީފައިވުން. އިމިއުނޯގްލޮބިން ދީފައިވާނަމަ، މިވެކްސިން ޖެހޭނީ ބޭސް ދީނިމުނުތާ 6 މަސް ފަހުންނެވެ.
  4. އެޗް. އައި.ވީ އިންފެކްޝަންގެ ޝިކާރަޔަކަށްވެފައިވާ މީހުން

މެމް.އެމް.އާރ ވެކްސިންނާއި އެމް.އާރ ވެކްސިންނާއި އޯޓިޒަމް:

އެމް.އާރ ވެކްސިން ނުވަތަ އެމް.އެމް.އާރ ވެކްސިންނާ އޯޓިޒަމާ އެއްވެސް ގުޅުމެއް ނެއްކަން އިތުބާރުހުރި ތަފާތުއެތައް ދިރާސާތަކަކުން ވަނީ ކަށަވަރުކުރެވިފައެވެ. އޯޓިޒަމާއި އެމް.އެމް.އާރު ވެކްސިނާ ގުޅުން ހުރިކަމަށް ލިޔުނު އިނގިރޭސިވިލާތުގެ ޑޮކްޓަރެއްކަމުގައިވާ ޑރ. ވޭކްފީލްގެ ތަހުލީލުވަނީ އެތައް ސްޓަޑީއަކުން އިތުބާރުހުރި ގޮތުގައި ދޮގުކޮށްފައެވެ. މިކަމާގުޅިގެން ޑރ. ވޭކްފީލްޑް ގެ މެޑިކަލް ޕްރެކްޓިސިންގް ލައިސަންސްވެސް އިނގިރޭސިވިލާތުގެ މެޑިކަލް ކައުންސިލުން ވަނީ ބާތިލުކޮށްފައެވެ.

މިފަދަ ކަންކަމާބެހޭގޮތުން މައުލޫމާތު ހޯދަންވާނީ ވަކިފަރާތަކަށް ނުޖެހޭ އިތުބާރުހުރި ބައިނަލް އަގުވާމީ މަރުކަޒުތަކާއި ޖަމިއްޔާތަކުންނެވެ.

ތިރީގައި މިވަނީ މިކަމާބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް ވިދާޅުވެވިދާނެ އިތުބާރު ހުރި ލިންކްތަކެކެވެ.

  1. ދުނިޔޭގެ ޞިއްޙަތު ޖަމުޢްލާ؛ http://www.who.int/vaccine_safety/committee/topics/mmr/Dec_2002/en/
  2. ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯ – އެމެރިކާ؛ https://www.cdc.gov/vaccinesafety/concerns/autism.html
  3. އޯޓިޒަމް. އޯރޖީ.ޔޫ.ކޭ؛ http://www.autism.org.uk/get-involved/media-centre/position-statements/mmr-vaccine.aspx
  4. އެމެރިކަން އެކެޑަމީ އޮފް ޕީޑިއޭޓްރިކްސް؛
    1. https://www.aap.org/en-us/about-the-aap/aap-press-room/pages/American-Academy-of-Pediatrics-Reiterates-Safety-and-Importance-of-Vaccines.aspx
    2. http://pediatrics.aappublications.org/content/107/5/e84
  5. ޕަބްލިކް ހެލްތް. އޯރޖީ؛ http://www.publichealth.org/public-awareness/understanding-vaccines/vaccine-myths-debunked/
  6. ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން؛ http://www.lshtm.ac.uk/pressoffice/press_releases/2004/mmr_autismstudy.html

ނިންމާލަމުން ދަންނަވާނީ "ރައްކާވެތިބިއްޔާ ދަތުރޭ، ހެޔޮބަހެކޭމީ" ދިވެހި ޝާއިރަކު ވިދާޅުވެފައިވާ ވުމަކީ ވަރަށް ބޮޑު ހަގީގަތެއްކަމުގައެވެ. މިފަނޑިތަބަސް ދޮގުނުކުރައްވާށެވެ.

comment ކޮމެންޓް