އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަން: ސަބަބުތަކާއި ދެނެގަނެވޭ މަރުހަލާތައް

ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާއިރު ހުންނަ ތަފާތުތަކުގެ ގެރޭގައި އުފެދުމުގައި ޖިސްމާނީގޮތުން ހުންނަ ތަފާތުތަކާއި އުނި ކަންކަމުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ސެލްތައް މަސައްކަތްކުރާ ކުރުމުގައި ހުންނަ ތަފާތުތައް ވެސް ހިމެނެއެވެ. އުފެދުމުގައި ނުކުޅެދުންތެރިކަން ހުރުމާއި ދުވަސް ނުފުރައި ވިހެއުމަކީ ޅަފަތުގައި ކުދިން މަރުވުމާއި އުމުރަށް ދެމިގެންދާ ނުކުޅެދުންތެރިކަން ހުރުމުގެ އެންމެ މައިގަނޑު ދެސަބަބެވެ.

2006 ވަނަ އަހަރު "މާރޗް އޮފް ޑައިންމްސް" އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭން އެންމެ އާންމުކޮށް ފެންނަނީ ހިތް އުފެދުމުގައި ހުންނަ ތަފާތުތަކާއި، ތެލަސީމިއާ އާއި އެހެނިހެން ލޭގެ ބަލިތަކާއި ނިއުރަލް ޓިއުބް ޑިފެކްޓްސާއި ޑައުންސް ސިންޑްރޮމް ކަމުގައެވެ.

އުފެދުމުގައި ނުކުޅެދުންތެރިކަން ދިމާވާން މެދުވެރިވާ ސަބަބު %50 ކުދިންގެ އެނގޭކަށް ނުހުރެއެވެ. ކަން މިހެން ހުރިކަމުގައި ވީނަމަވެސް، ބައެއް ސަބަބުތައް މިކަމާ ގުޅުން ހުރިކަން ވަނީ ކަށަވަރު ވެފައެވެ. ހޯދުންތަކުން ދައްކާގޮތުގައި، ވިރާސީ ގޮތުން އާއިލާ ތަކުގައި ވާރުތަކުރަމުން އަންނަ ކަންކަމުގެ އިތުރުން، ގަރުބަގަންނަ ދުވަސްވަރު ނުވަތަ ބަލިވެ އިނުމަށް ފަހު މައިމީހާއަށް ޖެހޭ އިންފެކްޝަނެއްގެ ސަބަބުން ނުވަތަ ދިރިއުޅޭ މާހައުލުން މައިމީހާ ހުށަހެޅޭ ނުރައްކާތެރި މާއްދާތަކެއްގެ ސަބަބުން ވެސް މިފަދަ ކަމެއް މެދުވެރި ވެދާނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަކީ ވެސް މިކަމުގައި ވަރަށް ބޮޑު ދައުރެއް ކުޅޭ އެއްޗެކެވެ.

އުފެދުމުގައި ނުކުޅެދުންތެރިކަން ހުރުމަށް މަގުފަހިކޮށް ދޭ ކަންތައްތައް:
ދިރިއުޅޭ މާހައުލާއި އިގްތިސާދީ އިޖްތިމާއީ ކަންކަން
ދަރިމައިވާ އުމުރުފުރައިގެ އަންހެނުންނަށް ލިބެންވާ މިންވަރަށް ޞިއްޙީ ފަރުވާ އާއި އިރުޝާދު ލިބުމުގައި ހުންނަ ގޮންޖެހުންތަކާއި، ދިރިއުޅޭ މާހައުލުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ އޭގެ އަހަންމިއްޔަތު ނޭނގުމުގެ ސަބަބުން ހަށިގަނޑަށް ލިބެންވާ ބައެއް މާއްދާތައް ނުލިބުމާއި، ބަލިވެ އިންނަ އިރު، ހަށިގަނޑު ހީނަރުވެފައި ހުރުމާއި، ތޮއްޖެހިފައިވާ ގެތަކުގައި ދިރިއުޅުމުގެ ނަތީޖާއެއްގެ ގޮތުން، ސާފުވައިން މަހުރޫމުވެ، ދުމާއި ދުންފަތުގެ ޝިކާރައަކަށް ވުމާއި، އަދި މިނޫންވެސް ހަށިގަނޑަށް ގެއްލުންހުރި މާއްދާ ތަކަށާއި ބަލިޖައްސާ ޖަރާސީމުތަކަށް ހުށަހެޅުމަކީ މީގެ ސަބަބުތަކެވެ. ކުނިކޮށި ތަކުގެ ކައިރީގައި ނުވަތަ ކާރުޚާނާތަކުން ބޭރުވާ ކެމިކަލްތަކާއި ދުމުގެ އަސަރު ކުރާ ހިސާބުގައި ދިރިއުޅުމަކީވެސް މިކަމަށް މަގުފަހިވާ ކަމެކެވެ.

އޭގެތެރޭގައި ދުމާއި ދުންފަތާއި ސޫފާސޫފި މެރުމަށް ބޭނުންކުރެވޭ ކެމިކަލް (ޕެސްޓިސައިޑް) އާއި ގަސްކާނާގެ ގޮތުގައި ބޭނުންކުރެވޭ ބައެއް ތަކެއްޗާއި ބައެއް ބޭހާއި (މިސާލު: ފިޓްޖެހުން ހުއްޓުވުމަށް ދޭބޭހާއި ހަކުރު ބައްޔަށް ދެވޭ ބައެއް ބޭސް) ބަނގުރާ އާއި އެނޫންވެސް މަސްތުވާތަކެތި ހިމެނެއެވެ. ރޭޑިއޭޝަންގެ މަތީ ޑޯޒްތަކާއި ބައެއް މައުދަނުތަކަށް ހުށަހެޅުމަކީވެސް މިކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ.

ވާރުތަކުރާ ބަލިތައް:
ތެލަސީމިއާ އާއި ސިކްލް ސެލް އެނީމިއާ އާއި ޖީ.ސިކްސް.ޕީ.ޑީ އުނިވުން ފަދަ ބަލިބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބަލިބައްޔެވެ. މިފަދަ ބަޔެއް ހުރިކުއްޖަކު ލިބެނީ މިފަދަ ބައްޔެއްގެ ކެރިއަރެއް އަނެއްކެރިޔަރަކާ އެކު ކުދިން ހޯދުމުންނެވެ. ގާތްތިމާގެ މީހުންނާ ކައިވެނީގެ ގޮތުން ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، އާންމުކޮށް ނުފެންނަށް ބަލިތަކާއި ވިސްނުން ކޮށިވުމާއި ސިކުނޑީގެ ބަލިތައް ވެސް އެމުޖްތަމައުތަކުގައި ޢާންމުވެގެން ދެއެވެ. ދިވެހި ރާއްޖެފަދަ މަދު މީސްކޮޅެއްގެ މައްޗައް އެކުލެވޭ އާބާދީތައް ދިރިއުޅޭ ރަށްރަށުގައި އެއްރަށެއްގެ ދެމީހުން ކައިވެނީގެ ގޮތުން ގުޅުމުން މިކަމަށް މަގުފަހިވެއެވެ.

ޖަރާސީމުގެ ޒަރީއާއިން ޖެހޭބަލިތައް:
ބަލިވެއިނުމުގެ ކުރިން ނުވަތަ ބަލިވެއިނުމަށް ފަހުން ބައެއް ކަހަލަ ބަލިތަކަށް މައިމީހާ ހުށަހެޅުމަކީ ވެސް ބަނޑުގައިވާ ދަރިފުޅު ނުކުޅެދުން ތެރިކަމެއް ހުރިކުއްޖަކަށް ވުމުގެ ފުރުޞަތު ބޮޑުކޮށްދޭ ކަންމެކެވެ. މާބަނޑު ދުވަސްވަރު ގަދަޔަށް ހުންއައުމަކީ ވެސް މިކަމަށް މަގު ފަހިކޮށްދޭ ކަމެއްކަމަށް މިހާރުގެ ހޯދުންތަކުން އެނގެއެވެ. މިފަދަ ބައެއް ބަލިތަކުން ރައްކާތެރިކުރުމަށް ދަރިމައިވާ އުމުރުފުރައިގެ އަންހެނުންނަށް ބަލިވެއިނުމުގެ ކުރިން ދެވޭ ވެކްސިންވެސް ހުރެއެވެ. ބަލިވެއިނުމުގެ ކުރިން މިބަލިތަކަށް ސްކްރީން ކުރެވި، ފަރުވާ ލިބެމުންދަނީ ނަމަ، ތުއްތު ދަރިފުޅު ސަލާމަތް ކުރެވިދާނެއެވެ. މިގޮތުން ބަލިވެއިންނަ ދުވަސްވަރު އެއިންފެކްޝަންތައް ޖެހުމުން ނުރައްކާ އިތުރުވާ ބައެއް އިންފެކްޝަންތައް ތިރީގައި މިވަނީއެވެ.

ސިޕިލިސް އިންފެކްޝަން: ސިފިލިސްއަކީ ޖިންސީ ގުޅުމުން އަރާ ބައްޔެކެވެ. ރަނގަޅަށް ފަރުވާ ނުދެވިއްޖެ ނަމަ، ބައިގެން ދިޔުމާއި، ދަރިފުޅު ބަނޑަށް މަރުވުމާއި އުފެދުމުގައި ނުކުޅަދުންތެރިކަމެއް ހުރުމަކީ މިއިންފެކްޝަނުން ދިމާވާ އާންމު ކަންކަމެވެ.

ރުބެއްލާ އިންފެކްޝަން: ރުބެއްލާ ހުމަކީ ވަރަށް އާދައިގެ ހުމެއްކަމުގައި ވީނަމަވެސް، ބަލިވެއިންދައި މައިމީހާއަށް އެހުން ޖެހިއްޖެ ނަމަ، ބައިގެން ދިއުމާއި ލިބޭ ދަރިފުޅު އިވުމާއި، ފެނުމުން މަހުރޫމުވުމުގެ އިތުރުން ހަތަރެސްފައިގެ ހަރަކާތްތަކަށް އަމިއްލަ އިޚްތިޔާރު ނުފޯރުވުން ފަދަ ހިތާމަވެރި ހާލަތްތައް މެދުވެރިވެއެވެ. މިކަމަކީ ރާއްޖޭގައި ވެސް ކުރިން ފެންނަމުން ދިޔަ ކަމެއް ކަމުގައި ވިޔަސް، އެމް.އެމް.އާރ ވެކްސިން ތަޢާރަފްކުރިފަހުން މިހާރުވަނީ މުޅިންހެން މިބަލި (ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް) ފެނުން ވަނީ ހުއްޓިފައެވެ.

ޓޮކްސޯޕްލާސްމޯސިސް އިންފެކްޝަން: މި އިންފެކްޝަނަކީ ވަގު ބުޅާ ގިނަ މުޖްތަމައުތަކުގައި އާންމު އިންފެކްޝަނެކެވެ. ރަނގަޅަށް ސާފުނުކޮށް ވާރޭފެން ނެގުމާއި ރަނގަޅަށް ނުކައްކާ ބޯފެން ބޭނުންކުރުމުން ނުވަތަ މިޖަރާސީމުގެ އަސަރުކޮށްފައިވާ ބުޅަލެއްގެ ނަޖިހުގެ އަސަރުހުރި ރޯމަސް ރަނގަޅަށް ނުކައްކާ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ބުޅަލުގެ ނަޖިހުގެ ޒަރީއާއިން ޖެހޭ މިބަލި ރާއްޖޭން ފެންނަނީ މަދެއްކޮށެއްނޫނެވެ. މައިމީހާއަށް މިބަލިޖެހުމުގެ މާގިނަ އަލާމާތްތަކެއް ނުފެނެއެވެ. ހަމަ އެފަދައިން ލިބޭދަރިފުޅު ޅަފަތުގައި މިބަލީގެ އަސަރެއް ނުފެނި ހުރެފައި، ބޮޑުވަމުން އަންނައިރު، ވިސްނުމާއި ފެނުމާއި އިވުމުގެ ހީނަރުކަން ފެންނަނީކީ މަދެއްކޮށެއް ނޫނެވެ.

މައިމީހާގެ ހަށިގަނަޑުގައި އައިއޮޑިންމަދުވުން:
އައިއޮޑިން މަދުވުމުގެ ސަބަބުން ލިބޭ ދަރިފުޅުގެ ވިސްނުން ކޮށިވުމުގެ އިތުރަށް ބައެއް އެހެނިހެން ނުކުޅެދުންތެރިކަމަށް މަގު ފަހިކޮށްދެއެވެ.

މައިމީހާކާ ކާނާގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް:
ހަށިގަނޑަށް ލިބެންވާ ބައެއް މާއްދާތައް ކެއުމުގައި އުނިވުމުގެ ސަބަބުންވެސް ނުކުޅެދުން ތެރިކަމެއް ހުރިކުއްޖަކުލިބުމުގެ ފުރުޞަތު އިތުރުވެއެވެ. ފޯލިކް އެސިޑް މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ދިމާވާ މައްސަލަތަކުގެ ތެރެއިން ނިއުރަލް ޓިއުބް ޑިފެކްޓްސް ހުންނަ ކުދިންގެ މައްސަލަޔަށް އަޅުގަނޑު ކުރިންވެސް އަލިއަޅުވާލާފައި ވާނެއެވެ. އޭގެއިތުރުން މިހާރުގެ ހޯދުން ތަކުން ދައްކާ ގޮތުގައި މައިމީހާގެ ހަށިގަނޑުގައި ފޯލިކް އެސިޑު މަދުވުމާ އޯޓިޒަމާއި، ތުއްތު ދަރިފުޅުގެ ހިތުގައި ލޯވަޅު ހުރުމާއި ކުޑަކަމުދާ ނިޒާމު އުފެދުމުގައި ހުންނަ ބައެއް ތަފާތުތަކާ ވެސް ގުޅުން ހުރެއެވެ.

މައިމީހާ އާދަޔާ ޚިލާފަށް ފަލަވުމާއި ހަކުރު ބަލިހުރުމަކީ ވެސް ލިބޭ ދަރިފުޅުގެ އުފެދުމުގައި ހީނަރުކަމެއް ހުރުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. މިގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ލިބޭ ދަރިފުޅުގެ ހިތް އުފެދުމުގައި އުނިކަމެއް ހުރުންވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މައިންނަށް ލިބޭ ކުދިންގެ ވެސް ނުކުޅެދުންތެރިކަން ހުރުމުގެ ފުރުޞަތު އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަނޑުގައިވާ ދަރިފުޅުގެ އުފެދުމުގައި ތަފާތެއް ހުރިތޯ ދެނެގަންނާނީ ކިހިނެއް؟
ލިބޭދަރިފުޅުގެ އެއްވެސް ނުކުޅެދުންތެރިކަމެއް ހުރުމުގެ ފުރުޞަތު އޮތްތޯ ތިން މަރުހަލާއެއްގައި ބެލެއެވެ. މިގޮތުން ކުރެވޭ ކަންކަމުގެތެރޭގައި ދަރިމައިވުމުގެ ނިޒާމާ ގުޅޭ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމާއި، އިންފެކްޝަނެއްގެ އަސަރު ހުރިތޯ ބެލުމާއި ވާރުތަކުރާ ބައްޔެއް ހުރިތޯ ބެލުމަށް ސްކްރީންކުރުމާއި މިކަމާ ގުޅޭ ކައުންސެލިންގް ދިނުން ހިމެނެއެވެ.

ބަލިވެއިނުމުގެ ކުރިން:
ބަލިވެއިނުމުގެ ކުރިން ކުރެވޭ ކަންކަމުގެ ތެރޭގައި އާއިލާގައި އެއްވެސް ނުކުޅަދުންތެރިކަމެއް ހުރި މީހަކު ހުރިތޯ ބެލެއެވެ. އަދި ހުރީ ކޮންކަހަލަ ކަންކަމެއްތޯ ވެސް ބެލެއެވެ. އެއްވެސް ބައްޔެއް ވާރުތަކުރާގޮތް ހުރިތޯ ބެލުމަށް ކެރިއަރ ސްކްރީނިން ވެސް ހަދައެވެ. މިސާލަކަށް: ތެލަސީމިޔާ އާއި ސިކްލް ސެލް އެނީމިއާ އާއި އެކިއެކި އިންފެކްޝަންތަކަށް ސްކްރީންކުރެވި، ބައެއް ހާލަތްތަކުގައި ކަމާގުޅޭ ބޭސް ދޭން ފަށައެވެ. މިސާލަކަށް ދަންނަވަނީ ނަމަ، ޓޮކްސޯޕްލާސްމޯސިސް އިންފެކްޝަން ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، ސްޕައިރޯމައިސިން ނަމަކަށް ކިޔާ ބޭހެއްދެއެވެ.

ބަލިވެއިނުމަށް ފަހު ކުރެވޭ ތަހުލީލުތައް:
ބަލިވެއިނުމަށް ފަހު ބެލޭ ކަންކަމުގެ ތެރޭގައި، ބަލިވެ އިން މީހާއަކީ އުމުރުން ދުވަސް ވެފައިވާ މީހެއްތޯ ބެލުމާއި، ދެމަފިރިންގެ ލޭގެ ގްރޫޕްގެ ނުގުޅޭގޮތެއް ހުރިތޯ ބެލުން ހިމެނެއެވެ. ދެމަފިރިންނަކީ އެއްވެސް ކަހަލަ ބައްޔެއް ވާރުތަކުރާގޮތް ހުންނަ ބައެއްތޯވެސް ބެލެވެއެވެ. މާބަނޑު ދުވަސްވަރު ހެދޭ ސްކޭނުންވެސް ނުކުޅަދުންތެރިކަން ދެނެގަނެވެއެވެ.

ޑައުންސް ސިންޑްރޮމް ހުންނަކުދިން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެނގެއެވެ. ދެވަނަ ތިން މަސް ދުވަހުގެތެރޭގައި ނިއުރަލް ޓިއުބް ޑިފެކްޓްސް އާއި އުފެދުމުގައި ހުންނަ އެހެނިހެން ބޮޑެތި އުނިކަންކަން ދެނެގަނެވެއެވެ. ސްކޭންކުރުމުން އުފެދުމުގައި ހުންނަ ހިތުގެ ބައެއް ތަފާތުތައް ވެސް ހޯދެއެވެ. ލޭގެ ތަހުލީލުތަކުން ޑައުންސް ސިންޑްރޮމް އާއި ނިއުރަލް ޓިއުބް ޑިފެކްޓްސް ހުންނަ ކުދިން ދެނެގަނެވެއެވެ. ތެލެސީމިއާ އާއި ސިކްލް ސެލް އެނީމިއާ ދެނެގަތުމަށް ޓަކައި ކޯރިއޯން ވިއްލަސް ސާމްޕްލިންގް (ބަނޑުގައި ދަރިފުޅު އުފެދެމުންދާ ދުވަސްވަރު، އަލްޓްރާސައުންޑްގެ އެހީގައި ސިރިންޖަކުން މަސް ނުވަތަ ޕްލެސެންޓާއިން ލޭ ފޮދެއް ނަގައި، ތަހުލީލުކުރުން) ހަދައެވެ. މީގެއިތުރުން، އެއްވެސް ނުކުޅެދުންތެރިކަމެއް އުފެދިދާނެ ފުތުޞަތު ބޮޑުވާ ކަހަލަ ބޭހެއް ނުވަތަ މަސްތުވާ ފަދަ އެއްޗެއް ނުވަތަ އެނޫން ވެސް މާއްދާއަކަށް ހުށަހެޅިފައިވޭތޯ ބެލެއެވެ.

ވިހެއުމަށް ފަހު ތުއްތުދަރިފުޅު ޓެސްޓުކޮށްގެން ބެލެވޭ ކަންތައްތައް:
ވިހެއުމަށްފަހު، ތުއްތުދަރިފުޅު އުފެދުމުގައި ފެންނަފެނުމުގައި އެއްވެސްކަހަލަ ނުކުޅަދުންތެރިކަމެއް ހުރިތޯ ބެލެވެއެވެ. އަދި ބައެއް ހާލަތްތަކުގައި ހަށިގަނޑުގެ ސެލްތަކާއި ގުވަންތައް މަސައްކަތްކުރާ ކުރުމުގައި އެއްވެސް އުނިކަމެއް ހުރިތޯ ބެލެވެއެވެ. މިސާލަކަށް މެޓަބޮލިކް ބަލިތަކަށާއި، ހައިޕޯތައިރޮއިޑިޒަމާއި ތެލަސީމިއާ ފަދަ ލޭގެ ބަލިތައް ތަހުލީލުތައް ކުރެވެއެވެ. އިވުމާއި ފެނުން އަދި ހިތުގެ ބަލިތައް ދެނެގަނެވެއެވެ.

ފަރުވާ:
ކުރީކޮޅުގައި ސްކްރީންކުރެވިގެން މައްސަލަތައް ދެނެގަތުމުން، އަވަހަށް ފަރުވާދެވި، އޭގެ ސަބަބުން ތުއްތުދަރިފުޅު ބޮޑުވަމުން އައުމުގައި ނިކުމެދާނެ މައްސަލަތައް މަދުކުރެވެއެވެ. މިސާލަކަށް އިވުމުގައި ހީނަރުކަން ހުންނަކުދިންނަށް ކުރީކޮޅުގައި އެކަން ދެނެގަނެވުމުން، ހިއަރިންގް އެއިޑްގެ އެހީގައި ވާހަކަދެއްކުމާއި ސިކުނޑި ތަރައްގީވުމުގައި، ފަރުވާ ނުލިބޭ ކުދިންނަށް ދިމާވާފަދަ މައްސަލަތަކުން ސަލާމަތްކުރެވޭނެއެވެ. ހަމައެފަދައިން، އުފެދުމުގައި ހުންނަ ބޮޑެތި މައްސަލަތައް ފާހަގަކުރެވުމުން، އޮޕަރޭޝަންކޮށްގެން އެކަންކަން މުޅިން ރަނގަޅުކުރެވެއެވެ. ނުވަތަ އެމައްސަލައެއް ހުރިވަރަށް ވުރެން ރަނގަޅުކުރެވި، ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، އުފެދުމުގައި ހިތުގެ ލޯވަޅު ހުންނަކުދިންގެ ހިތުގެލޯވަޅު ބެއްދުމަށް އޮޕަރޭޝަން ކުރެވެއެވެ. އަދި ސިކުނޑީގައި ފެން އުފެދިފައިވާ ކުދިންގެ ޝަންޓް ލެއްވެއެވެ.

މީގެތެރެއިން ބައެއް ކަންތައްތަކަކީ ބަލިވެއިނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާއާއި އެކު ދުރާލާ ތައްޔާރުވެވިއްޖެ ނަމަ، މިފަދަ ހިތާމަވެރި ކަންކަމުން ތުއްތު ދަރިފުޅު ރައްކާތެރިކޮށްދެވޭ ކަންކަމެވެ. މިސާލަކަށް ދަންނަވަނީ ނަމަ، ވެކްސިންގެ ޒަރީއާއިންނާއި، ރަނގަޅު ޞިއްޙީ އާދަތައް ހިފެހެއްޓުމުންނާއި ރަނގަޅު ކާނާ ފަރީއްކުޅުއްވުމާއި ފޯލިކް އެސިޑް ފަދަ ސަޕްލިމެންޓް ބޭނުންކުރައްވައިގެން މިނުރައްކާތައް ކުޑަކުރެއްވިދާނެއެވެ.

ފާހަގަކުރެވޭ ކަންކަމަށާއި އިންފެކްޝަންތަކަށް ފަރުވާކުރެވެއެވެ. ގަވާއިދުން މާބަނޑު މީހުންގެ ކްލިނިކަށް ދައްކަވަމުންގެންދަވާ ނަމަ، ގަވައިދުން ހަދަންޖެހޭ މަރުހަލާތަކުގައި ޓެސްޓުތައް ހެދި، ވިހާނެތަން ކަނޑައަޅައި ހިނގާނެ ހަރަދުބަރަދު އަންދާޒާކުރެވި ވިހެއުމަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ރަށުން ނުވަތަ ރާއްޖޭން ފަރުވާ ލިބެންނެތް ކަމެއް ބަނޑުގައިވާ ދަރިފުޅުގެ ފާހަގަކުރެވިއްޖެނަމަ، ކުރީބައިގައި ދަތުރު ހަދައިގެން އެޚިދުމަތެއް ލިބޭ ތަނަކަށް ވަޑައިގެންނެވުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް