ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި ކެންސަރުން ދިފާއުވުން

ކެންސަރު ސެލްސް: ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ ފަރުވާ ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ---

ކެންސަރަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެބައްޔެއްގައި މީހުންގެ ހާލަތު އެންމެ ބޮޑަށް ދެރަވެ، މަރުވާ އެއްބައްޔެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އިސްތިސްނާއެއް ނުވެއެވެ. ރާއްޖޭގައިވެސް އެންމެ ގިނައިން މީހުން ދުނިޔެދޫކުރުމަށް މެދުވެރިވާ ބަލިތަކުގެ ލިސްޓުގައި ކެންސަރުވަނީ ހިމެނިފައެވެ.

މުޅިދުނިޔޭގައިވެސް ކެންސަރުޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުއްޔާއިން ލަފާކުރާގޮތުގައި ކުރިޔަށް އޮތް ދެ ދަހަރުގެ (ޑިކޭޑްގެ) ތެރޭގައި އަލަށް ކެންސަރު ހުރިކަން ދަނެގަނެވޭ މީހުންގެ އަދަދު 70 އިންސައްތަ އިތުރުވާނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދުނިޔެއަށާއި ވަކިން ޚާއްސަކޮށް ޞިއްޙީ ދާއިރާއަށް އަންނަމުންދާ ތަރައްގީއާއެކު، ޢާންމު ޙާލަތު ރަނގަޅުވެ، ގައިންގަޔަށް އަރާބަލިތަކުން މީހުން މަރުވާ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ނަތީޖާއަކީ އިންސާނުންގެ އުމުރު ދިގުވުމެވެ. އުމުރުން ދުވަސްވީވަރަކަށް ކެންސަރަށް މަގުފަހިވާން ދިމާވާ ކަންކަމަށް މީހާ ހުރަހޮޅިފައިވާ މުއްދަތު އިތުރުވުމުގެ ސަބަބުން ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. ހަމަ އެއާއެކު، ހަށިގަނޑު އެކުލެވިފައިވާ ސެލްތަކުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ބޭރުވެ، ހިފެހެއްޓުމެއްނެތި ބައެއް ސެލްތައް އިތުރުވުމަށް މަގުފަހިވެއެވެ.

ކެންސަރު ބަލި ޖެހެން މެދުވެރިވާ ސަބަބުތައް:

ކެންސަރުޖެހުމަށް އޮންނަ ފުރުޞަތު އިތުރުކޮށްދޭ އެއްމެ ބޮޑު އެއް ކަމަކީ ވިރާސީގޮތުން ވާރުތަކުރާކުރުމެވެ. އެހެންނަމަވެސް، ހަމައެކަނި ވާރުތަކުރުމުން ގިނަފަހަރަށް ކެންސަރެއް ނުޖެހެއެވެ. ދިރިއުޅޭ މާހައުލުން ހުރަހޮޅޭ ނުރައްކާތަކާއި ދިރުއުޅުމުގެ ވައްޓަފާޅިވެސް މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިފަދަ ތިން ކަމެއް ފާހަގަކުރެއެވެ. އަލްޓްރާވައިލަޓް އަލި (އިރުގެ ދޯދީގެ ތެރޭގައި ހިމެނޭބައެއް) އަދި އެހެނިހެން ގެއްލުން ދެނިވި ރޭޑިއޭޝަންގެ ބާވަތްތައް (އައޮނައިޒިންގް ރޭޑިއޭޝަން) އާއި، ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލްތައް ކަމުގައިވާ ދުމާއި ދުންފަތުގައި ހިމެނޭ ބައެއް ބައިތަކާއި، ކާބޯތަކެއްޗާއި ފެން ތަޣައްޔަރުކުރާ ބައެއް މައުދަނުތަކާއި ވިހަތަކެވެ. މީގެ އިތުރުން، ކެންސަރަށް މަގުފަހިކުރުވާ ބައެއްމުހިންމު އިންފެކްޝަންތައް ފާހަގަކުރެއެވެ. އެޗް.އައި.ވީ އާއި ހެޕަޓައިޓިސް ބީ އާއި ސީ، ގެ އިތުރުން އެޗް.ޕީ.ވީ (ހިއުމަން ޕެޕިލޯމާ ވައިރަސް) އިންފެކްޝަން ފާހަގަކޮށްލެވެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެންސަރު ޖެހުމުގެ ނުރައްކާ:

ދުންފަތާއި، ބަނގުރާ ބޭނުންކުރުމާއި ހުންނަންވާ މިންވަރަށް ވުރެން ބަރުދަން އިތުރުވެފައިވާ ހުރުމާއި ލިބޭ ކަސްރަތުމަދުވުމަކީ މިކަމަށް މަގުފައިކޮށްދޭ އެންމެ މުހިންމު ސަބަބުތަކެވެ. މީގެއިތުރުން، ބަންދު ތަންތަނުގައި ދަރުއުނދުނުން ކެއްކުމުގެ ސަބަބުން އަރާ ދިލަދުމާއި، ކާރުޚާނާތަކުން ބޭރުވާ ވިހަދުމާއި އިންޖީނުލީ އުޅަނދުފަހަރުން ބޭރުވާ ދުމުންވެސް މިފުރުޞަތު އިތުރުކޮށްދެއެވެ.

ތާޒާ މޭވާ އާއި ތަރުކާރީއާއި މަހުގެ ބަދަލުގައި ތައްޔާރީކާނާ، ނުވަތަ ގިނަދުވަހަށް ބެހެއްޓޭގޮތަށް ތައްޔާރުކޮށް ޕެކެޓްކޮށްފައިވާ ކާނާއާއި ސޮސެޖް އާއި ލަންޗަން މީޓް ފަދަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތް ގިނައިން ބޭނުން ކުރުމަކީވެސް މިކަމަށް މަގުފަހިކޮށްދޭ ކަންމެކެވެ. އެއްގަމު މަހުގެ ތެރެއިން ރަތްކުލަގަދަކޮށް ހުންނަ މަސް ކެއުމުގައި ގިނައިން ބޭނުންކުރުމުން ވެސް، ކެންސަރަށް މަގުފަހިކޮށްދެއެވެ.

ކެންސަރު ބަލިން ދިފާއުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް:

ރަނގަޅު ޞިއްޙީ އާދަކާދައިގެ މައްޗަށް ދިރިއުޅުން ބިނާކުރުމަކީ ކެންސަރުން ދިފާއުވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ރަށުން ލިބެންހުންނަ ތާޒާ މޭވާ އާއި ތަރުކާރީ ދުވާލުގެ ކޮންމެ ވަގުތެއްގެ ކެއުމުގައި ވެސް ބޭނުންކުރުމެވެ. ކޮންމެ ދުވަހަކުމެ، މައިގަނޑު ތިން ކެއުމާއި، ލުއި ދެކެއުމުގައެވެ. ތަރުކާރީ އާއި މޭވާ އަކީ ރައްކާތެރިގޮތުގައި ކެމިކަލްތައް ބޭނުންނުކޮށް ހައްދާފައިވާ އޯގެނިކް ކާނާކަން ކަށަވަރުކުރުމަކީ ވެސް އެހާމެ މުހިންމުކަމެކެވެ. ހަމަ އެޔާއެކު، ތައްޔާރީ ކާނާ އާއި ހަކުރުގިނަ ތައްޔާރީ ބުއިންތަކާ ދުރުހެލި ވާންޖެހެއެވެ. އެންމެ ރަނގަޅު ބުއިމަކީ ސާފު ބޯފެންކަން ހަނދާންކުރަންޖެހެއެވެ.

ކެންސަރު ސެލްސް: ތަފާސް ހިސާބުތައް ދައްކާ ގޮތުން އަލަށް ކެންސަރު ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން ---

ދުވާލުގެ ކޮންމެސް އެއް ވަގުތަކީ ހެލިފެލިވެ އުޅެ، ކަސްރަތު ކުރާވަގުތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެގެން އުޅޭއުޅުމުގައި، ކަސްރަތަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުން ބުއްދިވެރިއެވެ. އޮފީހުން ގެޔަށް ހިނގާލާފައި ދިޔުން ނުވަތަ އެއް ފަންގިފިލާ މައްޗަށް ލިފްޓުން އަރާފޭބުމުގެ ބަދަލުގައި ހިނގާލާފައި އެރުން ފަދަކަންކަމަކީ އާދަ ހިފިއްޖެނަމަ، ޞިއްޙަތައް ވަރަށް ފައިދާހުރި ކަންކަމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި އެހެންމީހުން ދުފަތުގެ އިސްތިއުމާލުކުރާއިރު ކައިރީގައި ނުހުރުމަކީވެސް، ތިމާގެ އަދި އާއިލާ އާއި ރަހުމަތްތެރިންގެ ރައްކާތެރިމަށްޓަކައި ކުރަންޖެހޭކަންކެމެވެ. އެންމެން އެއްބާރުލައިގެން ގޭތެރެ އާއި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި، މަގުމައްޗަކީ ދުންފަތުގެ ވިހަދުމުން ބަރިއްޔަވެފައިވާ ތަންތަންކަމުގައި ހަދަމާތޯއެވެ.

ހަމުގެ ކެންސަރަކީ އެންމެ އާންމު އަދި ރައްކާތެރިވާން އެންމެ ފަސޭހަ ކެންސަރުތަކުގެތެރެއިން އެއް ކެންސަރެވެ. ހަމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ދުވާލުގެ އެންމެ އަވިގަދަ ވަގުތުގައި ބޭރަށް ނުނިކުތުން ބުއްދިވެރިއެވެ. އަދި ނުކުންނަން ޖެހޭ ހާލަތްތަކުގައި ހިޔަލުގައި އުޅެވޭތޯ ބެލުމަކީ ބުއްދިވެރިގޮތެވެ. ސަންސްކްރީން ލޯޝަން ބޭނުންކުރުމާއި އަތްވަށް ނިކުންނަ އިރު ކުޑަ ނެގުމަކީ އިރުގެ ނުރައްކާތެރި ދޯދިތަކުން ރައްކާތެރިކޮށްދޭ ކަންކަމެވެ.

ހެޕަޓައިޓިސް ބީ ވެކްސިނާއި އެޗް.ޕީ.ވީ ވެކްސިން ޖެހުމާއި ވަފާތެރި އެއްބައިވެރިޔަކާއެކު ދިރިއުޅުން ހޭދަކުރުމަކީ ކެންސަރުންވެސް ދިފާއުކޮށްދޭ ކަންކަމެވެ. ވަފާތެރިބައިވެރިއެއް ޚިޔާރުކުރުމުން އެކަންޏެއް ނުފުދެއެވެ. ތިމާޔަކީވެސް ވަފާތެރި މީހަކަށްވާންޖެއެވެ. އެޗް.އައި.ވީ އިންފެކްޝަނާއި ހެޕަޓައިޓިސް ބީ އާއި ސީ އަކީ ޖިންސީ ގުޅުމުގެ އިތުރުން އިންޖެކްޝަން ކަށިން އެކަކު އަނެކަކު ގަޔަށް އަރާ ބަލިބައްޔެވެ. މިގޮތުން އިންޖެކްޝަން ޖަހައިގެން މަސްތުވާތަކެތި ބޭނުން ކުރުން ފާހަގަކޮށްލެވެއެވެ. ދެމީހަކު ނުވަތަ އެއަށްވުރެން ގިނަބަޔަކު އެއްކައްޓެއް ބޭނުންކުރުމުންނެވެ.

މަސައްކަތުގެ މާހައުލަކީ ކެމިކަލް ފަދަ ތަކެތި ނުވަތަ ވިހަދުން ގެންގުޅޭ ނުވަތަ ބޭނުންކުރަން ޖެހޭ މާހައުލަކަށްވާނަމަ، އެޅެން ހުންނަ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅޭތޯބަލަން ވާނެއެވެ. ދަނޑުގޮވާންކޮށް އުޅުމުގަޔާއި އެކިއެކި ކާރުޚާނާފަދަ ތަންތަނުގައި މަސައްކަތްކޮށް އުޅުމުގައެވެ. އެކަމަކާ އެކަށޭނެ އަންގިޔާއި މާސްކާއި ގަންބޫޓު ފަދަ ތަކެތި ބޭނުންކުރުން މުހިންމެވެ. ޚާއްސަކޮށް ރޭޑިއޭޝަންގެ ނުރައްކާ ވާފަދަ ތަންތަނުގައި މަސައްކަތްކުރާނަމަ، ރޭޑިއޭޝަންގެ ނުރައްކާ ކުޑަކުރުމަށް ފިޔަވަޅުއަޅަންވާނެއެވެ.

ކެންސަރުގެ ބައެއް ވައްތަރުތަކަކީ ކޮންމެވެސް އާދަޔާޚިލާފު ބަދަލަކާއެކު ޑޮކްޓަރަކާ ހަމަޔަށް މާލަސްތަކެއް ނުވަނީސް މީހާ ގެންދާކަންކަމެވެ. ނަމަވެސް، ގާތީ ބަލީގެ ކުރީކޮޅުގައި މާފާހަގަ ކުރެވޭ ބަދަލެއް ހަށިގަނޑުން ނުފެނުމެވެ. އަދި އިހުސާސްވެސް ނުކުރެވުމެވެ. ވުމާއެކު، ތިމާގެ އަމިއްލަ ހަށިގަނޑު ތިމާދެނެގަންނަން ޖެހެއެވެ. އާންމު ޞިއްޙީ ހާލަތާ ތަފާތު އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ނުވަތަ ކުއްލިޔަކަށް އެއްވެސް ކަމަކާނުލައި ބަރުދަން ލުއިވެ، ވަރުބަލިވެފައިހުރުން ފަދަ ކަންކަމަކީ ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނޭ ކަންކަމެވެ. އަދި އެޔާއެކު، ޑޮކްޓަރެއްގެ ލަފާގެ މަތިން ކެންސަރަށް ސްކްރީންކޮށް އެކަންކަމާބެހޭ މަޢުލޫމާތު ހޯދުމަކީވެސް ރައްކާތެރިވުމަށްޓައި އެޅިދާނެ ނުހަނު މުހިންމު ފިޔަވަޅުތަކެކެވެ. ބައެއް ބާވަތުގެ ކެންސަރަކީ ބަލީގެ ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ފަރުވާ ކާމިޔާބުވުމުގެ ފުރުޞަތު ބޮޑު ބަލިތަކެވެ.

comment ކޮމެންޓް